ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 09

4

ނުވަވަނަ ބައި

ވަގުތުން ސަބްރީންގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ހުޝާމްގެ ފަރާތުން ލިބުނީ އޭނާ އުންމީދުކުރި ޖަވާބު ނޫންކަހަލައެވެ.

މެންދުރުގެ ގަދަ އަވި މުޅި ރަށަށް ފެތުރިފައި އޮތެވެ. ބޮޑުމަގުން ދެތިން މީހުން ފެނުނަސް މަގުތައް އޮތީ ހުހަށެވެ. ގަދަ އަވީގައި އެއްވެސް މީހަކު މަގުތަކަށް ބޭނުންނުވާ ކަހަލައެވެ. ރުއްދަނޑުން ނިކުތް ގޮތަށް އަދްޔަންގެ ލޮލަށް އަވި އައިނު ހެޔޮވަރު ކޮށްލިއެވެ. އެއްފަރާތުގައި ހުރި ސައިކަލަށް އަރައިގެން އެހެންޏާ ދުއްވާވަރަށް ވުރެ ބާރަށް ދުއްވާފައި އައީ އަވަހަށް ގެއަށް ވަނުމަށެވެ. މަގު ކުރުކޮށްލުމަށް އަތިރީ މަގަށް ލަނބާލި ވަގުތު އަތިރިމަތީ ދިއްގާ ގަސްދޮށު އެލުވާފައި ހުރި އުނދޯލިތަކާއި ދިމާލު އުނދޯޔެއްގައި އިން އަންހެންކުއްޖަކަށް އޭނާގެ ނަޒަރު ހުއްޓިއެއްޖެއެވެ. އެހިސާބަށް މަޑުކޮށްލާފައި އައިނު ހިއްލާލައިފައި ބަލައިލިއެވެ. އޭނާއަށް ހީވީ ހަމަ ރަނގަޅަށެވެ. އެތަނުގައި އިނީ ޝެނަލްއެވެ. އުނދޯލީގައި އޮށޯވެގެން ފޯނަށް ބަލަހައްޓައިގެން އޮތްއިރު އެއްވަރަކަށް އުނދޯލި ހެއްލަމުން ދިޔައެވެ. އެދިމާލަށް އަދްޔަން ސައިކަލުގައި ދުއްވައިލިއިރު އޭނާގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. އުންމީދުނުކޮށް ހުރި ވަގުތެއްގައި ޝެނަލް ފެނުމުން އޭނާގެ ދުވަސް ފުރިހަމަވި ކަހަލައެވެ.

"އަދޫ…!!" ކައިރިން ސައިކަލެއްގެ އަޑު އިވުމުން ޝެނަލް އެދިމާލަށް ބަލައިލިއެވެ. އޭރު އަދްޔަން އައިސް ކައިރީގައި ޖައްސައިފިއެވެ.

"ޝާނީހެން ހީވެގެން މިއައީ. މި ހިސާބުގަ ކީއްކުރަނީ" ސައިކަލުގެ އިންޖީނު ނިއްވާލުމަށްފަހު އަދްޔަން އިށީނީ މަޑި މަތީގައެވެ. ލޮލުގައި އޮތް އަވިއައިނު ނަގާފައި ޝެނަލްއަށް ނަޒަރު ހުއްޓައިލިއެވެ.

"ކަންމަތީގައި އޭނީ ގެ. ދެން މިހިސާބުންތާ ފެންނާނީ" އުނދޯލީގައި އިށިންނަމުން ޝެނަލް ބުނެލިއެވެ.

"އެހެންތަ! ޝާނީ ގެ ގެވެސް މިފެނުނީތާ. ދެން ގިނަގިނައިން މިދިމާލުން މުގޯލި އެޅޭނެ" ހީލުމަކާއެކު އަދްޔަން ބުނެލިއެވެ.

"އަދޫ މިގަޑީގަ ކޮންތާކުން ތިދަނީ. ހޫނުވެސް ނުވޭތަ؟" ޝެނަލް އަހައިލިއެވެ.

"ރުއްދަނޑަށް ގޮސްލާފައި" އަދްޔަން ބުނެލިއެވެ.

"އަދޫއަށް ތިއާދެވުނީ ވަރަށް ރަނގަޅު ވަގުތެއްގަ. މިގަޑިތަކުގަ މި ހިސާބު ވަރަށް އަމާންވާނެ. އަހަރެން ބުނީމެއްނު ޝާމް އާ ބައްދަލުކުރަންވާނޭ. މިއޮށް އައީ ޝާމް" އަދްޔަންގެ ފަހަތުން އައިސް ހުއްޓުނު ހުޝާމަށް އަދްޔަން ނަޒަރެއްދިނެވެ. ހީލަމުން އަދްޔަން ހުޝާމްއާއި ސަލާންކޮށްލިއެވެ. އަނެއް އަތުގައި އޮތް ކިއްލިގޮށި ޝެނަލްއަށް ދިއްކޮށްލާފައި ހުޝާމް އުނދޯއްޔެއްގައި އިށީނެވެ.

"ޝާމް! މިއީ އޭ އަހަރެން ބުނި ފްރެންޑަކީ. އަދްޔަން" ޝެނަލް ބުނެލިއެވެ. އަނގައަށް ކިއްލިކޮޅެއް އަޅައިލުމަށްފަހު އަދްޔަންއަށް ދިއްކޮށްލިއެވެ.

"އެހެންތަ. ކިހިނެއްތަ؟" ހުޝާމް އަހައިލިއެވެ.

"ވަރަށް ރަނގަޅު. ޝާނީ ބުނާނެ ތިމަންނަގެ ހުރި ހަމައެކަނި ފިރިހެން އެކުވެރިއަކީ ޝާމް އޭ. މިއޮތީ ދިމާވެފަތާ" އަދްޔަން ވާހަކަދެއްކިއެވެ.

"ނަސީބެއްނު މިގަޑީގަ ރީންދައްތަ…" އެހިސާބަށް ބުނެވުނުތަނާ ޝެނަލް ޝާމްއަށް ބަލައިލާފައި އިޝާރާތުން ދެއަތަކަށް ބޯހޫރާލިއެވެ.

"ދެކުދިން މަޑުކޮށްލާ އިނގޭ ވާހަކަދައްކާލަން. މިއަންނަނީ" ޝެނަލް ތެދުވެގެން ހިނގައިގަތެވެ.

"އަހަރެންނަށް ހީވަނީ ޝާނީއަށް އަދްޔަން ވަރަށް ކަމުދާހެން. އަދްޔަންއަށް ކިހިނެއް ހީވަނީ…؟" ހުޝާމް ބުނެލިއެވެ.

ވަގުތުން އަދްޔަންގެ ހިތް އުދުއްސައިގަންނަން އުޅުނު ކަހަލައެވެ.

"ތިބުނީ…؟ އަދި ހަމަ އެކުވެރިކަމެއް އޮތީ" އަދްޔަން ބުނެލިއެވެ.

"ނޫން. އަހަރެން ޝާނީ ދަންނަން ވަރަށް ކުރިން ފެށިގެން. ތިނޫނީ ދުވަހަކުވެސް ޝާނީ އަހަރެން ކައިރީގައި ފިރިހެންކުއްޖެއްގެ ވާހަކަ ދައްކާފައެއްނެތް. އަހަރެންނަށް ހަމަ ޔަޤީން ޝާނީއަށް އަދްޔަން ވަރަށް ކަމުދާކަން" ހުޝާމް ވާހަކަދެއްކިއެވެ. ހިތަށް ލިބުނު ބަޔާންކުރަންދަތި ހިތްހަމަޖެހުމުގައި އަދްޔަންއަށް ހީލުން ނޫން އެހެންކަމެއް ނުކުރެވުނެވެ. ހިތަށް ވެރިވެގެންދިޔަ އާދަޔާޚިލާފު އިހުސާސްތައް ހިފަހައްޓާލަން އޭނާ ނުކުޅެދުނެވެ.

"އަހަރެންނަށް ހީވަނީ އަހަރެން…. ހީވަނީއެއްނޫން ޔަޤީން. އަހަރެން ޝާނީ ވަރަށް ބޭނުން. އެކަމަކު އަދި މިކަހަލަ ވާހަކައެއް އޭނާ އާ ނުއެއްދެކެވޭ" އަދްޔަން ވާހަކަދެއްކިއެވެ.

"އަހަރެން ބުނާނީ އަވަހަށް ޝާނީއަށް ޕްރޮޕޯސްކުރޭ. އަހަރެން ދީފާނަން ޚިޔާލެއް. ރައްޓެހިވެގެން ދުވަސްތަކެއް ބޭކާރުގޮތުގައި ހޭދަކުރުމަކީ މޮޔަކަމެއް. އެހެންވީމަ ކައިވެންޏަށް އެދެން ފެންނަނީ" ހުޝާމް ވާހަކަދެއްކިއެވެ.

ދުރުން ޝެނަލް އަންނަ މަންޒަރު ފެނުމުން ހިތުގައި އޮތް ވާހަކަ އަދްޔަންއަށް ޖެހުނީ ފޮރުވާލާށެވެ. ޝެނަލް އަންނަ ދިމާލަށް ބަލަހައްޓައިގެން ހުރެވުނުއިރު އޭނާ ހިތުން އެހިތްގައިމު ތަސްވީރަށް ތަޢުރީފް ކުރަމުން ދިޔައެވެ.

ބަންދު ދުވަހެއް ލިބުމާއެކު ޒަމްހާ އިރާނިޔާއާއި ބައްދަލުކުރުމަށް އެގެއަށް އައެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތެއްކަމުން އެވަގުތު ގޭތެރޭގައި ހުރިހާ މީހުން ހަމައަށް ތިއްބެވެ. ޒަމްހާ ބަހެއް ނުކިޔާ މަޑުމަޑުން އިރާނިޔާ ކައިރީގައި އިށީނީ އޭނާ ނުދެކޭ ފިރިހެނެއް ގޭތެރެއިން ފެނުމުންނެވެ. ޒަމްހާއަށް ނޭނގުނަސް އެއީ އިރާނިޔާގެ އެކުވެރިޔާކަން މާލިކަށް އިނގުނެވެ.

"އަހަރެން މިވަގުތު ގޮސްލާނަން. މާދަމާ އާޝިދު ރިސީވްކުރަން މާލިކްބެއާ އެއްކޮށް އުނޭޝް ދާންވާނެ އިނގޭ" މާލިކް ހިނގައިގަތީ އެއްފަރާތުގައި އިން އިރާނިޔާގެ ބޮލުގައި ފިރުމާލާފައެވެ. އެމަންޒަރު ފެނުމުން ތަމަންނީއަށް އުނދަގުވިއެވެ. ހުރިހާ މީހުން އިރާނިޔާދެކެ ލޯބިވާތީ އޭނާގެ ހިތުގައި ޝަކުވާ އުފެދުނެވެ.

"އެއީ ދޯ ރާނީ ކިޔާ މާލިކްބެއަކީ" ޒަމްހާ އަހައިލިއެވެ. އިރާނިޔާ ބޯޖަހައިލިއެވެ.

"ޒަމް ކައިގެންތަ ތިއައީ؟" އިރާނިޔާ އަހައިލިއެވެ. ޒަމްހާ ބޯޖަހައިލިއެވެ.

"ހިނގާ ކޮޓަރިއަށް" އުނޭޝްގެ އަތުގައި ހިފާ ދަމަމުން ތަމަންނީ ތެދުވަން އުޅުނެވެ. އުނޭޝްއަށް ލަދުވެތިކަމެއް އިހުސާސްވެ ފަހަރަކު މީހަކަށް ނަޒަރެއް ދިނެވެ.

"ތަމަން ދޭ. އަހަރެން އިރުކޮޅަކުން ދާނަން" ތަމަންނީގެ އަތް ނައްޓުވައިލަމުން އުނޭޝް ބުނެލިއެވެ.

"އިނދޭ. އަހަރެން މިދަނީ" ތަމަންނީ ހިތްހަމަނުޖެހުނެވެ.

"އަދޫ ދަރިފުޅު ހިނގާބަލަ މަންމަ އާ އެކު" ޙާއިޝާ ފަހަތުން އަދްޔަން ހިނގައިގަތެވެ.

"އަހަރެން ހިތަށް އަރާ ތަންތަނުގަ ހަޔާތްކުޑަ އަންހެނުންވެސް އުޅެއޭ. ލަދުން މަރުވާވަރުވޭ. ރާނީއަށް ކެތްވޭތަ؟" ޒަމްހާ ވާހަކަދެއްކިއެވެ. އިވޭ ހިސާބުގައި އުނޭޝް އިނަސް އޭނާގެ އެއްވެސް ފަރުވާލެއްނެތެވެ. އިރާނިޔާއަށް ޖަވާބެއް ނުދެވުނެވެ. ބަލައިލެވުނީ އުނޭޝްއަށެވެ. އެވަގުތު އުނޭޝް ވެސް އިނީ ބަލަހައްޓައިގެންނެވެ.

"ކީއްކުރާނީ. ބަނޑުގައި އޮތް ދަރިއަށްޓަކައި އެންމެފަހު ވަގުތާއި ހަމައަށްވެސް އަހަރެން ކެތްކުރާނަން. ކިހިނެއް އިނގޭނީ. ކޮންމެސް ދުވަހަކުން އަހަރެން އުފާކޮށްދެވޭވަރުގެ މީހަކު އަހަރެންގެ ހަޔާތަށް އައިސްދާނެއްނު" އިރާނިޔާ ބަލައިލިއިރު އުނޭޝްގެ ނަޒަރު ހުއްޓިފައި ވަނީ އޭނާއަށެވެ.

"ހިނގާބަލަ ވަރަށް ވާހަކަ އެބަހުރި" ޒަމްހާ އަތުގައި ހިފައިގެން އިރާނިޔާ ހިނގާފައި ދިޔަ މަންޒަރަށް ބަލަހައްޓައިގެން އިން އުނޭޝް ހިންދިރުވައިލިއެވެ. އޭނާއަށް ނުވެސް އިނގި ކޯތާފަތްމަތިން ކަރުނައިގެ އިހުސާސްވެއްޖެއެވެ. ޚައިރާންވެފައި އިނގިލި ކުރިން ކަރުނަތިކި ފޮހެލާފައި ބަލައިލިއެވެ.

ނިދާ ވަގުތު ޖެހުނުއިރުވެސް އުނޭޝް އިނީ ފިކުރެއްގައެވެ. ނިދަންލާން ބޭނުންކުރާ ކުރުތާއާއި ހަރުވާޅުގައި އެނދުގައި އިން އުނޭޝްއަށް ލޯގަނޑު ކައިރީގައި ދެފައިގައި ލޯޝަން ހާކަމުންދިޔަ ތަމަންނީ ބަލައިލިއެވެ. އުނޭޝްގެ އެ ހިމޭންކަން އޭނާއަށް ކަމުނުދިޔައެވެ. އުނޭޝްގެ ސިކުނޑީގެ އެއްވެސް ކަނެއްގައި އިރާނިޔާގެ ނަން ފެށޭ އަކުރު އިންނަންވެސް ތަމަންނީ ނޭދޭއެވެ.

"ކޮންވިސްނުމެއްގަ" އުނޭޝްގެ ކޮނޑުގައި ދެއަތް އަޅުވައިލަމުން ތަމަންނީ އަހައިލިއެވެ.

"އާދެބަލަ. މިތާ އިށީނދެބަލަ" ތަމަންނީ އަތުގައި ހިފައިގެން އައިސް ކައިރީގައި ބައިންދަމުން އުނޭޝް ބުނެލިއެވެ.

"އަހަރެން ބުނީ ތަމަންނީ ބުނި ބުނުމަކަށް އަހަރެން ހުރިހާ ވަގުތެއް މިހުސްކުރަނީ ތަމަންއަށް. ހީވޭތަ ރަނގަޅު ކަމެއްހެން" އުނޭޝް އަހައިލިއެވެ.

"އަހަރެން ބުނެގެނޭ. މާނައަކީ އުނޭ ބޭނުމެއްނުވެއޭތަ؟" ތަމަންނީ މޫނު ހަދައިލަމުން އަހައިލިއެވެ.

"އެހެނެއްނޫން. ތަމަންއަށް އިނގޭތަ؟ މަންމަ އަދިވެސް ހުރީ އަހަރެންދެކެ ނުރުހިފަ. ރަނގަޅަށް ވާހަކައެއްނުދައްކާ ތަނުގަ ބަލައިވެސްނުލާ" އުނޭޝް ބުނެލިއެވެ. އޭނާގެ އަޑުގައި ހިތްދަތިކަމެއްވިއެވެ. އެހެނަސް އަމިއްލަ އެދުމުން ފުރިފައިވާ ތަމަންނީއަށް އެހިތްދަތިކަން ފާހަގައެއް ނުވިއެވެ.

"އުނޭ ކީކޭ ކިޔަން ތިއުޅެނީ؟" ތަމަންނީ ބުނެލިއެވެ.

"ޙަޤީޤަތުގަ މަންމަ ތަމަންއާއިވެސް ގުޅުމެއް ބާއްވަން ބޭނުންނުވަނީ އަހަރެން ރާނީއަށް ކެއަރ ނުކުރާތީ. ދެއަނބިން ގޮވައިގެންވެސް ވަރަށް ހަމަޖެހޭ ދިރިއުޅުމެއް އަހަރެންނަށް އުޅެވިދާނެ. އަހަރެން އަތުގައި ތަނަވަސްކަން އެބަހުރި" އުނޭޝް ވާހަކަދެއްކިއެވެ.

"ހޫން… މިހާރު އިނގިއްޖެ ތިވާގޮތް. މާގިނައިރު މިގޭތެރެއިން އެ ރާނީ ފެންނަނީ ދޯ. އޭނަ ކައިރިއަށް ދާން ބޭނުންވަނީ ދޯ. އަހަރެންނަށް ވުރެ ބޮޑަށް އޭނަދެކެ ލޯބިވަނީ ދޯ" ތަމަންނީ ނުރުހިފައި ވާހަކަދެއްކިއެވެ. އުނޭޝް ދެފަރާތަށް ބޯހޫރާލިއެވެ.

"ކީއްވެތަ ތަމަންއަށް ނުވިސްނެނީ. ރާނީ އޭނީ އަހަރެންގެ ދަރިއަކަށް ބަލިވެއެއް ނޫންތަ؟" އުނޭޝް ބުނެލިއެވެ.

"ދޭ… ހަމަމިހާރު ދޭ. އަހަރެން ކައިރިއަށް ދެން ނާންނާތި. މިހާރު އިނގިއްޖެ އުނޭގެ ހިތުގައި އަހަރެންނަށްޓަކައި އޮތީ ކޯޗެއްކަން. ކީއްކުރަން އަހަރެންނާ އިނީ" އުނޭޝްގެ ބުރަކަށީގައި އަތްއަޅާ ދެފަހަރަކު ކޮށްޕާލުމަށްފަހު މޫނާއެކު ރަޖާ އަޅައިގެން ތަމަންނީ އެނދުގައި އޮށޯތެވެ. ތަމަންނީ ހިތުގައިޖެހި ދެލޮލުން ކަރުނަ ފޭދިފައިވާ މަންޒަރު ފެނި އުނޭޝް ހިތުގައި ރިއްސައިލިއެވެ. ހިމޭންކަމާއެކު އިރުކޮޅަކު އިނުމަށްފަހު ތަމަންނީގެ ގައިގައި ބައްދައިލަމުން ކައިރީގައި އޮށޯތެވެ.

"ސޮރީ… އަހަރެން ލޯބިވަނީ ތަމަންދެކެ. ހަމައެކަނި ތަމަންދެކެ. ކައިވެނިކުރީ ލޯބިވާތީ" ކުޑަކުއްޖަކު ރުއްސަން މަސައްކަތްކުރާ ފަދައިން އުނޭޝް ވާހަކަދައްކަމުން ދިޔައެވެ.

ޓިޝޫއަކުން ދެއަތް ފޮހެލުމަށްފަހު ހުޝާމް ކައިރީގައި އިން ބައްސާމަށް ހިނިތުންވުމެއް ދިނެވެ.

"ހާދަ ކުޑަގޮތެއް ތިހަދާލީ" ބައްސާމް ބުނެލިއެވެ.

"ބައްޕާ ޝާމްއަކީ އަބަދުވެސް ވަރަށް ފިޓްކޮށް ހުންނަން މަސައްކަތްކުރާ ކުއްޖެއް. އިނގެއެއްނު ބަލައިލާފަވެސް" ޝެނަލް ބުނެލިއެވެ. ބައްސާމާއި ހުޝާމް ހިނިތުންވެލިއެވެ. ސަބްރީންގެ ތުންފަތްމަތިން ފާޅުވަމުން ދަނީ މުޅިން ތަފާތު ހިނިތުންވުމެކެވެ. ޝެނަލްއަށާއި ހުޝާމްއަށް ނަޒަރެއްދިންއިރު އޭނާގެ ދެލޯ ދައްކަމުންދިޔައީ އެހެން ވާހަކައެކެވެ.

"ދަނީ. ވަރަށް ކުޑައިރުކޮޅެއް އިނީ. ލޯންޗު އައިއްސަ މަޑެއް ނުކުރާނެ. ދަރިފުޅާ ބައްދަލުވުމާއެކު އަންނާނަން. ޝާނީ ދަނީ އިނގޭ" ވަކިން ހުރި ގޮނޑީގައި ބަހައްޓާފައި ހުރި ދަބަސް ނަގާ ކޮނޑުގައި އަޅުވައިލަމުން ހުޝާމް ހިނގައިގަތެވެ.

ގޯތިތެރޭ ޖަނބުރޯލު ގަސްދޮށުގައި އެލުވާފައިހުރި ޖޯލީގައި އިން ބައްސާމުއަތަށް ބިލެއްގަނޑު ދެމުން ސަބްރީން ޖެހިގެން ހުރި ޖޯލީގައި އިށީނެވެ.

"ކޮބާ މިހާރު ޝާނީ" ބައްސާމް އަހައިލިއެވެ.

"އެބައިން ލެޕްޓޮޕް ކައިރީގަ" ސަބްރީން ބުނެލިއެވެ.

"ހާދަހާ ފިނިފިނި ވައެކޭ މިތަނަށް މިޖެހެނީ. ގަހުގަ ޖަނބުރޯލުތައްވެސް މިހާރު ދޮންވާތަށް އަޅާފައެއްނު އެހެރީ" ބޯދަށަށް އަތް ލައްވާލައި ޖޯލީގައި ބުރަކަށި ދަމައިލަމުން ބައްސާމް ވާހަކަދެއްކިއެވެ.

"އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފަ އެބައޮތް" ސަބްރީން ބުނެލިއެވެ.

"އަވަހަށް ބުނޭ" ބައްސާމް ބުނެލިއެވެ.

"ހުޝާމާ މެދު ބައްސާމް ކިހިނެއް ދެކެނީ؟" ސަބްރީން ބުނެލިއެވެ.

"އެއީ އަހަރެމެންގެ ދަރިއެއް ކަހަލަ ކުއްޖެއް. އަލިފުޅަކީ އަހަރެންގެ ވަރަށް ގާތް ރައްޓިއްސެއް. އަނެއްކާ އަހަރެންގެ ދަރިފުޅުގެ ނުލާހިކު ގާތް އެކުވެރިއެއް ހުޝާމަކީ" ބައްސާމް ވާހަކަދެއްކިއެވެ.

"ސާބަހޭ. ތިކަންތައްތައް އަހަރެންނަށްވެސް އިނގޭ. އަހަރެން މިބުނަނީ އަހަރެމެންގެ ޝާނީއާއި ހުޝާމްގެ ޖޯޑު ބައްސާމަށް ކަމުދޭހޭ" ސަބްރީން ބުނެލިއެވެ. އޭނާގެ އަޑުގައިވަނީ ޖޯޝެވެ. ވަގުތުން ބައްސާމަށް ތެދެވެވި ސަބްރީނަށް ނަޒަރެއްދެވިއްޖެއެވެ. އޭރުވެސް ސަބްރީން އިނީ ހިނިތުންވެލައިގެންނެވެ.

"އަހަރެން ވަރަށް ކުރިން ފެށިގެން ވަރަށް ބޮޑަށް ދެކެމުން އައި ހުވަފެނެއް އެއީ. އެދެކުދިން ކައިރީގައި ތިބޭއިރު ހާދަ ގުޅެއޭ" ސަބްރީން ވާހަކަދައްކަމުން ދިޔައިރު ބައްސާމް އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ.

"ރީން ހަމަތަ؟ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ ބަލަ ހުޝާމަކީ ޝާނީއަށް ވުރެ އުމުރުން ހަގު ކުއްޖެއް. އަނެއްކާ އެސޮރުގެ ކުޑަކުޑަ ދަރިއަކުވެސް ހުރޭ. ތިއުޅެނީ އަހަރެންގެ ދަރިފުޅު ދޮންމަންމައަކަށް ނެހެދިގެންތަ؟" ބައްސާމް ހިތްހަމަނުޖެހުނެވެ.

"އަހަރެންނަށް އޭރުވެސް އިނގޭ ބައްސާމަށް އަހަރެން ދައްކާ ވާހަކަ ކަމުނުދާނެކަން. ހުޝާމްގެ ކުޑަދަރިއަކު ހުރީމަ ކޮބާ މައްސަލައަކީ؟ އެކުއްޖާ އެހުންނަނީ އެކުއްޖާގެ މަންމަ ކައިރިއަކު ނޫންތަ؟" ސަބްރީން ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ.

"އަހަރެންނަށް ތިކަމަކާ އެއްބަހެއް ނުވެވޭނެ. އެހެންނޫނަސް ތީކީ ޝާނީވެސް ރުހޭނެކަމެއްނޫން" ބައްސާމަ ބުނެލިއެވެ.

"ޝާނީއަކީ އަހަރެންގެވެސް ދަރިއެއް. އެހެންނޫނަސް ހުޝާމަކީ ގޯސް ކުއްޖެއްނޫން. ކިޔަވައިގެން ހުރި ހަރުދަނާ ޒުވާނެއް. ބަލާލަންވެސް ނުލާހިކު ރީތި. ޝާނީވެސް ޤަބޫލުވާނެކަން އަހަރެންނަށް ޔަޤީން" ސަބްރީން ވާހަކަދެއްކިއެވެ.

"ރީން ތި ވިސްނުން ދޫކޮށްލާ. ހަޔާތުގެ ބައިވެރިއެއް ޚިޔާރުކުރުމުގެ އިޚްތިޔާރު އަހަރެންގެ ދަރިފުޅަށް ދީފައި އޮންނާނީ. އޭނަ ލޯބިވެގެން ކައިވެނިކުރަން ބޭނުންވެގެން އަހަރެން ކައިރިއަށް އައިއްޔާ އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް އަހަރެން ވަލީދޭނަން. އަހަރެންނަށް އިނގެނީ މަގުމަތީގައި ރާބޮމުން ދުވާ މީހަކު އަތުގައި ހިފައިގެން ޝާނީ އަހަރެންގެ ކުރިމައްޗަށް ނާންނާނެކަން. އެ އިތުބާރު އަހަރެން އަހަރެންގެ ދަރިފުޅަށް ކުރަން. އަހަރެންނަށް ރަނގަޅީ ރީން ތިވާހަކަ ދެން އަހަރެންނާ ނުދެއްކިއްޔާ" ބައްސާމް ތެދުވެގެން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

"ހޫން.. މި ހީވަނީ މީނަގެ އެކަނި ދަރިއެއްހެން. ބަލަ މަށެއްނޫންތަ ޝާނީ ވިހެއީ…" މޫނު ހަދައިލަމުން ސަބްރީން އަމިއްލަ ނަފްސަށް ބުނެލިއެވެ.

"ބައްސާމް އަދި މިކަމާ ރުހޭނެ. ދެން މިވާހަކަ ބައްސާމް ކައިރީގައި ދައްކާނީ އަހަރެންނެއްނޫން" ސަބްރީން ބުނެލިއެވެ.

ގޯތިތެރެއަށް ނިކުންނަން ދިޔަ ކަމްލާ އަތުގައި އަޅުވާލާފައި އޮތް ބާސްކެޓް ފެނުމުން ސޯފާގައި އިން އިރާނިޔާ ބަލައިލިއެވެ. އަތުގައި އޮތް މެގަޒިން ސޯފާމަތީގައި ބާއްވާފައި ކަމްލާ ފަހަތުން އިރާނިޔާ ނިކުތެވެ.

"ގެނޭ އަހަރެން އަތަށް. ކާކު ބުނީ މިކަން ކުރަން" ކަލްމާ ކައިރިއަށް ހުއްޓިފައި އިރާނިޔާ ބުނެލިއެވެ.

"އަހަރެން ބުނީ. މައްސަލައެއްތަ؟ އަހަރެންގެ ފިރިމީހާގެ ހެދުންތައް ދޮންނަން ޖެހޭނީ އަހަރެންނެއް ނޫންތަ؟ ކަމްލާ ކައިރީގައި ތި ހަރުގައި އަޅުވަން އަހަރެން ބުނީ އަހަރެން ބަލިވެ އުޅޭތީ" ދޮރުމަތީގައި ހުރި ތަމަންނީ ހުރީ އިރާނިޔާއަށް ދެލޯ އަޅާލައިގެންނެވެ.

"ކަމްލާ ދޭ އެތެރެއަށް. އަހަރެން މިކަން ކޮށްލާނަން" ތަމަންނީއަށް ރައްދު ދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި އިރާނިޔާ ނުދެކުނެވެ. އެހެންނޫނަސް މީހުންނާ ޒުވާބުކުރުމަކީ އޭނާ ދަންނަ ކަންތައްތަކެއް ނޫނެވެ.

"އުނޭގެ އެއްޗެއްގައި ކަލޭ އަތްލައިގެން ނުވާނެ" ތަމަންނީ ދުމެއްހެން އައިސް ޖެއްސީ އިރާނިޔާ ކައިރީގައެވެ.

"އުނޭ އެއީ އަހަރެންގެވެސް ފިރިމީހާއެއްނުން. ތަމަންނީ ތިއުޅެނީ ބަލިވެއެއްނު. ދޭބަލަ އަރާމުކުރަން. އަހަރެން މިކަން ކުރިޔަސް އެއީ އެވަރުކަމެއް ނޫނެއްނު" އިރާނިޔާގެ އަޑުގައި ވަނީ އޮމާންކަމެވެ. ނުރުހުމުގެ ޒައްރެއްގެ މިންވަރުވެސް ނެތެވެ.

"ކޮންމެހެން މާރަނގަޅު މީހަކަށްވެގެން ވާހަކަދައްކާނެ ކަމެއްނެތް. މޫނުމަތީގައި މައުސޫމުކަމުގެ ބޯޑު އަޅުވައިގެން ހުއްޓަސް ކަލޭ ތިއީ ނުބައި ޑައިނެއް" ތަމަންނީ ކޮށްލި ހަރަކާތެއްގެ ސަބަބުން އިރާނިޔާ ފަހަތަށް އަރި އަޅާއިލިއެވެ. އެކަމަށް އޭނާ ހުޝިޔާރުވެ ހުރީތީ އަމިއްލަ ހަށިގަނޑު ހަމައަކަށް އަޅުވައިލިއެވެ.

"މަގޭ ދަރި. ސާބަސް ތަމަންނީއަށް. ރާނީ އަކީ ތަމަންނީ ހާ އަނގަ ހަޑި ކުއްޖެއްނޫން. ކިތަންމެ ވަރަކަށް އެއްޗެހި ކިޔަސް ރާނީ އުފުވެސް ނުބުނާނެ. މިއީ މާބަނޑު އަންހެނެއް ކަމެއްވެސް ނޭނގޭތަ؟ ހިތެއްނެތަސް ގައިމުން ދެލޯ އެބަހުރި ދޯ ފެންނަން" އިރާނިޔާގެ ގައިގައި ހިފަހައްޓާލައިގެން ހުރި ޙާއިޝާ ތަމަންނީއަށް ހަޅޭއްލަވަމުން ދިޔައެވެ.

"މަންމާ!! މިއީ އެވަރުކަމެއް ނޫނޭ"

"ރާނީ އަނގަ މަޑުންލައިގެން ހުރޭ" މިފަހަރު ޙާއިޝާ އިރާނިޔާ ދެކެވެސް ހިތްހަމަނުޖެހުނެވެ. އިރާނިޔާ ގޮވައިގެން ޙާއިޝާ ގޭތެރެއަށް ވަނުމުން ތަމަންނީ ދަތްކުނޑި ވިކައިގަތެވެ.

"އަބަދު އުޅޭނީ މީހުންގެ ސަމާލުކަން ހޯދަން. އަހަރެން ކަލޭ އަތުން އުނޭ ޖަހައިގަންނާނަން" އަމިއްލަ ހިތުން ތަމަންނީ ބުނެލިއެވެ. އޭނާގެ ދެލޮލުން އިރާނިޔާއަށްޓަކައި ފާޅުވަމުން ދަނީ ނަފްރަތެވެ.

އިސްކޮޅުން ދިގު ޒުވާނާއާއެކު މާލިކް އޮފީހަށް ވަދެގެން ދިޔައިރު މުވައްޒަފުންގެ ނަޒަރު އެ ޒުވާނާއަށް އަމާޒުވަމުން ދިޔައެވެ. އެކަން އޭނާއަށް އިނގުނަސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ރީތި ހިނިތުންވުމަކާއެކު މާލިކާއެކު އެތެރެއަށް ވަދެގެން ދިޔައެވެ.

މާލިކް ކެބިން ދޮރު ހުޅުވާލިއިރު އުނޭޝްއަށް ހާއްސަކޮށްފައިވާ މޭޒު ކައިރީގައި އޭނާ އިންތަން ފެނި ހިނިތުންވެލިއެވެ.

"އުނޭޝް! މިއީ އާޝިދް. އަހަރެމެންގެ ގެސްޓްހައުސްއަށް ހަމަޖެއްސި ނިއު މެނޭޖަރ" މާލިކް އުނޭޝްއަށް އާޝިދު ތަޢާރަފްކޮށްދިނެވެ.

"އުނޭޝް! އަސްލު އަހަރެންނާއެކު އުނޭވެސް އާޝިދު ބަލައި ދާގޮތަށް އޮތީ. އެކަމަކު ހަމަ ކުއްލި ބައްދަލުވުމަކަށް ދާންޖެހުނީމަ ނުދެވުނީ. އުނޭޝްއަކީވެސް އަހަރެން ފަދައިން މި އޮފީހުގެ އޯނަރ" މާލިކް ވާހަކަދެއްކިއެވެ. އާޝިދު އުނޭޝްއާއި ސަލާމްކޮށްލިއެވެ. ހިނިތުންވުމަކާއެކު ހާލު އެހިއެވެ. އާޝިދަކީ މީހުންނާ ގުޅޭ ހިތްހެޔޮ ހިތެއްގެ ވެރިއެއްކަން ފުރަތަމަ ބައްދަލުވުމުންވެސް އުނޭޝްއަށް އިނގުނެވެ.

"ހިނގާ އާޝިދަށް ހަމަޖެހުނު ކެބިން ދައްކާނަން. މާލިކްބެ ރެސްޓްކޮށްލާ. ވަރަށް ހޫނުވެފަނު ތިހެރީ" އުނޭޝް އާޝިދާއެކު ނިކުތެވެ.

ކެބިންގައި ހަމަޖެހިލެވުމާއެކު އާޝިދު ފުން ނޭވައެއް ދޫކޮށްލިއެވެ. އާ ބައެއްގެ ތެރޭގައި މަސައްކަތް ކުރަން ކުޑަކޮށް ފަސްޖެހުނަސް އަދި އޭނާއަށް ފެނުނީ ހިތްހެޔޮ މޫނުތަކެކެވެ. އޭނާއަށް މަސައްކަތައިގެން ކުރިއަށްދެވޭނެކަމާމެދު ޝައްކެއް ނުކުރެއެވެ.

"މާދަމާ މަސައްކަތަށް ނުކުންނާނީ. ހިނގާ އިހަށް ގެއަށް ގޮސް އެއްޗެއް ކާލަން" އުނޭޝް ބުނެލިއެވެ.

"މަސައްކަތްތައް ބަލައިލާފަ ދާނީ" އާޝިދް ބުނެލިއެވެ. އުނޭޝް ނިކުތުމުން އޭނާ ދަބަހުން ލެޕްޓޮޕް ނަގާފައި މޭޒުމަތީގައި ބެހެއްޓިއެވެ. އޮން ބަޓަންއަށް ފިތާލުމަށްފަހު އެއަށް ބަލަހައްޓައިގެން އިނީ ހިނިތުންވުމަކާ އެކުގައެވެ.

ހުޅުވިގެންދިޔަ ލެޕްޓޮޕުން އެންމެ ފުރަތަމަ ފެނިގެންދިޔަ ތަސްވީރުގައި އިން އަންހެންކުއްޖާ ފެނި އާޝިދްގެ ތުންފަތްމަތީގައިވި ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ. އޭނާ ދުވަހުގެ މަސައްކަތްތައް ފަށަނީ އަބަދުވެސް އެތަސްވީރަށް ބަލައިލުމަށް ފަހުގައެވެ. އެތަސްވީރުގައި އޭނާއަށް ހިތްވަރުދޭ ބާރެއްވާ ކަހަލައެވެ.

"އީރަން…!!" އާޝިދްގެ ދެތުންފަތް ދޭތެރެއިން އޭނާގެ ހިތުގެ މަލިކާގެ ނަން ބޭރުވެގެން ދިޔައެވެ.

(ނުނިމޭ)