ޚަބަރު

ޖަޕާނުން ރާއްޖެއަށް އިތުރު 68.8 މިލިއަން ރުފިޔާގެ އެހީ ދީފި

މަރިޔަމް ޝަހުދާ

ޖަޕާނުން ރާއްޖެއަށް އިތުރު 68.8 މިލިއަން ރުފިޔާގެ އެހީ ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ރާއްޖެއާއި ޖަޕާނާއި ދެމެދު މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދުއެވެ.

ފޮރިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށާއި، ޖަޕާނުގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޖަޕާނު ސަރުކާރުން ރާއްޖެއަށް ދީފައިވާ މި އެހީ ބޭނުން ކުރުމަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ އިތުރުން ރާއްޖޭގެ ކަސްޓަމްސް އަދި އިމިގްރޭޝަނުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލުކަން އިތުރު ކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެގޮތުން މި އެހީގެ ދަށުން ކަސްޓަމްސް އަދި އިމިގްރޭޝަނަށް ބޭނުންވާ ފޭޝަލް ރިކޮގްނިޝަން ސިސްޓަމް، މޮބައިލް އެކްސްރޭ، ސައްހަ ނޫން ފައިސާގެ ނޫޓު ދެނެގަންނަ މެޝިން، ސްޕެޝަލް ލުމިނެސެންޓް މައިކްރޯސްކޯޕް، ސްޕީޑް ބޯޓް އަދި ވެހިކަލް ފަދަ ތަކެތި ހޯދުމަށް ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މި އެހީއަކީ ޖަޕާނުން ރާއްޖެއަށް އަބަދުވެސް ވެދެމުން އަންނަ ދީލަތި އެހީތެރިކަމުގެ މިސާލެއް ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މިއީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ރައީސް ސޯލިހު ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކުގެ ނަތީޖާ ކަމަށްވެސް މިނިސްޓްރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދުގެ އިތުރުން ސަފީރު ޔަނާއީ ވެސް މި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އެގޮތުން ރާއްޖޭގެ ރަށްތައް ދުރުދުރުގައި އޮތުމާއި، ރަށްތައް އުފެދިފައިވާގޮތުން އެއްގަމާއި، ވަޔާއި ކަނޑުމަގުން ރާއްޖޭގެ ސަރަހައްދީ ރޮނގު ބެލެހެއްޓުމަކީ ގައުމީ ސަލާމަތަށް ވަރަށް މުހިއްމު ކަމެއްކަން އޭނާ ފާހަގަ ކުރެއްވި ކަމަށާއި މިކަމުގައި ކަމާ ބެހޭ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވާން ޖެހޭކަމަށް ޔަނާއީ ވިދާޅުވި ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.