ޚަބަރު

ފަތުރުވެރިކަން ހުޅުވާލުމަށް އެކުލަވާލި ގައިޑްލައިންގައި ގިނަބައެއްގެ ހިތްހަމަ ނުޖެހުންތަކެއް އެބަހުރި: މަޓާޓޯ

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން ބަންދުކޮށްފައިވާ ފަތުރުވެރިކަމުގެ ދާއިރާ އަލުން ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި އެސްއޯޕީ ނުވަތަ ގައިޑްލައިން އެކުލަވާލުމުގައި މަޝްވަރާ ކޮށްފައި ނުވާކަމަށާއި، އެޑްރާފްޓްގައި ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ފަތުރުވެރިކަމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރަމުން އަންނަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޓް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް 19 ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޓޫރިޒަމް ދާއިރާއަށް ކަމަށާއި މާލީ ގޮތުންވެސް އަދި އިންސާނީ ވަސީލަތްތަކުގެ ގޮތުން ބެލިނަމަވެސް، އެ ދާއިރާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުން ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ފަތުރުވެރިކަން ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި އެސްއޯޕީ ނުވަތަ ގައިޑްލައިނާއި ގުޅިގެން ވަރަށް ގިނަ ފަރާތްތަކެއްގެ ހިތްހަމަނުޖެހުމާއި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

ފަތުރުވެރިކަމަށް ހީނަރުކަން އައިސްފައިވާ ދަނޑިވަޅެއްގައި ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި މި ގައިޑްލައިން އެކުލަވާލުމަށް ހުރިހާ ސްޓޭކް ހޯލްޑަރުންގެ ބަސް ހޯދުން މުހިއްމު ކަމަށް އެޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ 40 އަހަރުވީ ފަތުރުވެރިކަމުގައި ރާއްޖެއިން ހިފަހައްޓަމުން އައި ރާއްޖޭގެ ބްރޭންޑު އަގު ބޭރުގައި ވެއްޓޭނެ ކަންތައްތަކެއް މި ގައިޑްލައިންގައި ހުރިކަން ވެސް އެޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ފަހުރުވެރި މާޒީގައި، ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ދިވެހިން ގެންގުޅުނު ގޮތް ދޫކޮށްނުލުމަށްވެސް މަޓާޓޯއިން ވަނީ ގޮވާލައިފަ އެވެ.

މަޓާޓޯ އިން ބުނީ އެ ޑްރާފްޓް އެކުލަވާލުމުގައި އެ ޖަމިއްޔާގެ ބަހެއް ހޯދާފައި ނުވާކަމަށާއި ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އެޑްރާފްޓް އެކުލަވާލުމަށްފަހު އެ ޖަމިއްޔާގެ ކޮމެންޓަށް އެދިފައިވާ ކަމަށެވެ. އެހެންކަމުން އެޖަމިއްޔާގެ ބައިވެރިން އެކަމުގައި ދެކޭގޮތް ބެލުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެސް މަޓާޓޯއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. ނަމަވެސް ގައިޑްލައިނަށް ސްޓޭކް ހޯލްޑަރުންގެ ހިޔާލު ހުށަހަޅަން ހުޅުވާލާފައިވާތީ އެކަން ބަލައިގަންނަ ކަމަށް އެބަޔާނުގައި ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުލަވައިލި ގައިޑްލައިންގައި ބުނެފައިވާގޮތުން ކޮވިޑް 19 އަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާއިރު ޓޫރިސްޓުން ބޭތިއްބުމުގެ ހާއްސަ ހުއްދަ، "ސޭފް ޓޫރިޒަމް ރިސޯޓު ލައިސަންސް" އެއް ދޫކުރާނެ ކަމަށާއި، މި ލައިސަންސަށް 50،000 ޑޮލަރު ޗާޖު ކުރާނެ ކަމަށެވެ. އަދި ޓޫރިސްޓުންގެ އަތުން ވިސާ ފީ އަށް 100 ޑޮލަރު އަދި ރާއްޖެ އަންނަ ޕްރައިވެޓް ޖެޓުތަކުންވެސް 50،000 ޑޮލަރުގެ ފީ އެއް ނަގާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖެ އަންނަތަނުން ހުރިހާ ޓޫރިސްޓުން ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް 100 ޑޮލަރުގެ ފީއެއް ނަގަންވެސް ގައިޑްލައިންގައި ވަނީ ހިމަނާފައިވެއެވެ.