ކުޅިވަރު

ސިޓީން ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުން އަންނަ މަހު ކުރީ ކޮޅު ބާއްވަން ނިންމައިފި

އައިދާ އަބްދުލް ހަކީމް

ކުރިއަށް އޮތް ދެ އަހަރު މެންޗެސްޓާ ސިޓީއަށް ޔޫރަޕްގެ އިންޓަނޭޝަނަލް ކުލަބު މުބާރާތެއްގައި ބައިވެރި ނުވެވޭނެ ގޮތަށް، އެ ކުލަބާ މެދު އެޅި ފިޔަވަޅާ ގުޅިގެން އެކުލަބުން ހުށަހެޅި އިސްތިއުނާފުގެ މައްސަލަ އަންނަ މަހު ކުރީ ކޮޅު ބާއްވަން ނިންމައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ޔޫއެފާއިން، ސިޓީއާ ދެކޮޅަށް ފިޔަވަޅު އެޅީ ޔޫއެފާގެ ފައިނޭންޝިއަލް ފެއާޕްލޭއާ ހިލާފަށް އެ ޓީމުން ހަރަދު ކޮށްފައިވާ ކަމަށް ބުނެ އެވެ.

އެހެން ނަމަވެސް ސިޓީން ބުނެފައި ވަނީ ގޯސްކޮށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، ކޯޓުގައި އެކަން ސާބިތުކޮށްދެވޭނެ ކަމަށެވެ. ސްވިޒަލޭންޑްގެ ލުޒާންގައި ހުންނަ ކުޅިވަރުގެ އާބިޓްރޭޝަން ކޯޓުން މައްސަލަ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ވީޑިއޯ މެދުވެރި ކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކުޅިވަރުގެ އާބިޓްރޭޝަން ކޯޓަށް، ސިޓީން ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލަ ތާވަލު ކޮށްފައި ވަނީ އަންނަ މަހު އަށަކަށެވެ. މައްސަލަ އާ ގުޅިގެން ކޯޓުން ހުކުމް ކުރާނެ ގޮތެއް އަދި ނޭނގެ އެވެ. ނަމަވެސް އަންނަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގްގެ ގުރުއަތު ނެގުމުގެ ކުރިން މައްސަަލައިގެ ހުކުމް ކޯޓުން އިއްވަން ޖެހޭނެ އެވެ. ޗެމްޕިއަންސް ލީގްގެ ގުރުއަތުލުން ތާވަލު ކޮށްފައި ވަނީ އޮގަސްޓް 27 ގަ އެވެ.

ކޮވިޑް 19 އާ ގުޅިގެން ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލާފައިވާ މިދަނޑިވަޅުގައި ލީގްގެ ގުރުއަތުލުން ވެސް ފަސްވެދާނެ ކަމަށް ބައެއްފަރާތް ތަކުން ދެކެއެވެ.