އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 66

އަބްދުﷲ ފާރޫގް ހަސަން

4

(18 މެއި ގެ އަދަދާ ގުޅޭ)

ޒަރުބަޚުތު ޖެހިލުންވެވަޑައިގެން ހުންނަވައި އިސްއުފުލައިލެއްވިއެވެ. އާޒަރުމީދުޚުތުގެ ހިނިފުޅުވެޑުވުން އޭނާގެ ހިތްޕުޅުގެ އެންމެ އަޑީގައި ހަރުލިކަހަލައެވެ. "މާފުކުރައްވާށެވެ. އަޅުގަނޑަށް އޮވެވުނީ ނިދިފައެވެ. ކަމަނާ ވަޑައިގެންނެވުމަކީ މިގަނޑުވަރުގެ ފާރަވެރީންނަށް ލަފާކުރެވިފައިވެސް ނެތްކަމެކެވެ. އަޅުގަނޑަށްވެސް ކަމަނާ ވަޑައިގަންނަވާކަމެއް އެނގިފައެއް ނެތެވެ."

"ކަލާ ފާރަވެރީންތައް ދުރުކޮށްދެއްވައިފިނަމަ މިގަނޑުވަރު ބަލައިލަން ބޭނުމެވެ. ފަރަޚުޒާދު އެކަމާ ކުޑަކޮށްވެސް އިޢުތިރާޟެއް ނުކުރައްވާނެކަން ޔަޤީނެވެ."

ޒަރުބަޚުތު ކުރިޔަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. "މިއީ ކަމަނާގެ އަމިއްލަފުޅު ގަނޑުވަރެކެވެ. ފާރަވެރީންގެ ފަރާތުން އެއްވެސްކަހަލަ ބޭއަދަކީ ކަމެއް ހިނގައިފައި އޮތްކަމުގައިވާނަމަ އަޅުގަނޑުގެ މާފުއެދުން ޤަބޫލުކުރެއްވުން އެދެމެވެ."

ޝެހެޒާދީ ވިދާޅުވިއެވެ. "ފާރަވެރީންގެ ޙިއްސުތައް އަދިވެސް ހަމަޔަކަށެއް ނޭޅެއެވެ. ހީވާގޮތުން ޚުރާސާނުގެ މީހުންނަކަށް ރޯމާދުވާލުވެސް ފުރޭތައާއި އިންސާނުންނާ ވަކިކުރާކަށެއް ނޭނގެއެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "ފާރަވެރީންގެ އެންމެންނަކީވެސް މަދާއިނުގެ މީހުންނެވެ. މިތާނގައި ތިބޭނީ ޚުރާސާނީ ޚާދިމުންގެ ވަރަށް މަދުބައެކެވެ."

"ކަލާއަކީ؟" ޝެހެޒާދީ އެނގިވަޑައިނުގަންނަވާކަމަށް ހެދިވަޑައިގެން ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑަކީވެސް ޚުރާސާނީއެއް ނޫނީމެވެ." ޒަރުބަޚުތު އެހެން ވިދާޅުވެފައި އެކޮޓަރީގައި ހައިރާންވެފައިހުރި ސިފައިންގެ މީހާއާ ދިމާޔަށް ވިދާޅުވިއެވެ. "މިތާނގައި ތިޔަހުރީ ކީއްވެހެއްޔެވެ. ބޭރަށް ދާށެވެ. ކަލޭގެ އެކުވެރީން ބޭރުދޮރާށި ކައިރިޔަށް ގެންދާށެވެ."

ސިފައިންގެމީހާ ލަދުންހުރެ ކޮޓަރީގެ ދޮރާ ދިމާޔަށް ހިނގައިގަތެވެ. ނަމަވެސް އޭނާ ތަންކޮޅަކަށް ގޮސްފައި ހުއްޓިއްޖެއެވެ. އިރުކޮޅެއް ކޮށްލައިފައި ދުވެގޮސް އަނެއްދޮރުން ބޭރަށް ނުކުމެއްޖެއެވެ. އާޒަރުމީދުޚުތުއާއި އެކަމަނާގެ ޚާދިމާ ހިނިފުޅުވަޑުވާން ފައްޓަވައިފިއެވެ.

"މިހާރު ކަމަނާއަށް ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމާއެކު ގަނޑުވަރު ބައްލަވައިލެއްވިދާނެއެވެ." މިހެން ވިދާޅުވެފައި ޒަރުބަޚުތު އެއްފަރާތަކަށް ކެހިވަޑައިގަންނަވާން އުޅުއްވިއެވެ. ނަމަވެސް އާޒަރުމީދުޚުތު ވިދާޅުވިއެވެ. "މަޑުކުރައްވާށެވެ! ތިޔަ ވަޑައިގަންނަވަނީ ކޮންތަނަކަށްތޯއެވެ؟"

"އަޅުގަނޑު ބޭރުގައި މަޑުކޮށްލާނަމެވެ."

"ކަލާ އަޅުގަނޑަށް މިގަނޑުވަރު ދައްކަވައެއް ނުދެއްވާނުތޯއެވެ؟"

"އަޅުގަނޑު ތައްޔާރެވެ. އެކަމަކު އަޅުގަނޑު ހީކުރީ އަޅުގަނޑު ހުރުމުން ކަމަނާއަށް އުނދަގޫފުޅު ވެވަޑައިގަންނަވާނެ ކަމުގައެވެ."

"ނޫނެކެވެ. ކަލާ އަޅުގަނޑާއެކު ހުންނަވާށެވެ. އަޅުގަނޑު ފަށާނީ މިކޮޓަރީންނެވެ. ކަލާ ހުންނަވަނީ މިކޮޓަރީގައިތޯއެވެ؟"

"ނޫނެކެވެ. އަޅުގަނޑުގެ ކޮޓަރި ހުންނަނީ ބޭރުގައެވެ. މެހުމާނުސަރާއާ ޖެހިގެންނެވެ. އެކަމަކު ތިރީބައިގައި އަދިވެސް ހަތަރު ކޮޓަރިކޮޅެއް ޒީނަތްތެރި ނުކުރެވި ހުރުމާއެކު އެތަނުން އެއްކޮޓަރިކޮޅު ދުވާލުގެ ވަގުތުތަކުގައި އަޅުގަނޑު ބޭނުންކޮށްލަނީއެވެ. ވަޒީރުލްޢައުޡަމް ހުންނަވަނީ މަތީބުރީގައެވެ."

އާޒަރުމީދުޚުތު ކުރިއަށް ޖެހިވަޑައިގެން އެކޮޓަރިތެރެ ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "މިކޮޓަރިއަކީ އީރާނުގެ ވަޒީރުލްޢައުޡަމުގެ ގަނޑުވަރުގެ ބައެއްހެންނެއް ހީއެއް ނުވެއެވެ."

ސާހިބާއެވެ. ތިރީބައިގެ ގިނަ ކޮޓަރިކޮޅުތައް ޒީނަތްތެރި ނުކުރެވިހުރި ވާހަކަ ދަންނަވައިފީމެވެ. ބައްދަލުކުރައްވާ ކޮޓަރިކޮޅުގެ އިތުރަށް އަދި ނިމުނީ ތިން ކޮޓަރިކޮޅެވެ."

"އެންމެފުރަތަމަ އެކޮޓަރިތައް ދައްކަވާށެވެ."

"ވަޑައިގަންނަވާށެވެ." ޒަރުބަޚުތު މިހެން ވިދާޅުވެފައި، ކުރީގައި ހުންނަވައިގެން ވަޑައިގަންނަވާން ފައްޓަވައިފިއެވެ.

ކުޑަ ތިންކޮޓަރިކޮޅު ބައްލަވައިލެއްވުމަށްފަހު ދެން ވެދެވަޑައިގެންނެވީ ބޮޑު ހޯލަކަށެވެ. އެ ހޯލުގައިވަނީ ދޫލަ އަޅައިފައެވެ. ކަޅުވަކަރު ގޮނޑިކޮޅުތައް އަތުރައިފައެވެ. މަޚުމަލުގެ ފަރުދާކޮޅުތަކާއި ކުލަކުލައިގެ ތަސްވީރުތަކުން ޒީނަތްތެރިކޮށްފައެވެ. ވަރަށް ފުޅާ ކުޑަދޮރުކޮޅެއްގެ ކައިރީގައިހުރި ރަންކުލައިގެ މާޖަހާ އެއްޗެހީގައި ތާޒާ ފިނިފެންމާ ޖަހައިފައި ހުއްޓެވެ.

އާޒަރުމީދުޚުތު އެކޮޓަރިކޮޅުގެ މެދުގައި އޮތް ދޫލަޔަކަށް އިޝާރަތް ކުރައްވައިފައި ވިދާޅުވިއެވެ. "މިދޫލަ މިކޮޓަރިޔަކާ ނުގުޅެއެވެ. މިދޫލަ އެހެން ކޮޓަރިޔެއްގައި އަޅުއްވާށެވެ."

"އެކަމަކު މިއީ އިއްޔެ ގަނެގެން ގެނައި ދޫލައެކެވެ. މިދޫލަ ގަތް ފިހާރައިން ބުނިގޮތުގައި މިއަށްވުރެ މޮޅު ދޫލައެއް މިވަގުތު ބާޒާރުން ލިބޭކަށެއް ނުހުންނާނެއެވެ."

"އާޒަރުމީދުޚުތު ޚާދިމާޔާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ކަލޭ ގޮސް ބައްތިލީން ގެނައި ދޫލަ ބާލުވައިގެން މިތަނަށް ގެނުވާށެވެ."

"ޚާދިމާ ބޭރަށް ނުކުތުމުން އާޒަރުމީދުޚުތު ޒަރުބަޚުތާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "އަހަރެމެންނަށް ޖެހޭނީ މިހުރިހައި ދޫލަތަކެއްވެސް ބަދަލުކުރާށެވެ. ފަރުދާތައްވެސް އަހަންނަކަށް ރީއްޗެއް ނޫނެވެ. އެކަމަކު ކަލާ ފަރަޚުޒާދުގެ އަރިހުގައި އަހަރެން އޭނާގެ ޤަދަރު ކުޑަކުރާން މަސައްކަތްކުރިކަމުގެ ޝަކުވާ ނުކުރެއްވުން އެދެމެވެ.

"ކަމަނާ ހިތްޕުޅު ހަމަޖައްސަވާށެވެ. އަޅުގަނޑަށް ކަށަވަރެވެ. މިހުރިހާ އެއްޗެއްސެއް ކަނޑަށް އަޅައިލަން ކަމަނާ އަމުރުކުރެއްވިކަމުގައިވިޔަސް ފަރަޚުޒާދު ދެރަފުޅެއް ނުވާނެއެވެ. އަދި ކީއްތޯއެވެ؟ ފަރަޚުޒާދު ކުރައްވާނީ އުފާފުޅެވެ. މިގަނޑުވަރަކީ ސަމާލުކަން ދެއްވަން އެކަށީގެންވާ ތަނެއްކަމުގައި ކަމަނާ ބެއްލެވީތީއެވެ."

"ދެން މަތީބުރިޔަށް ހިންގަވާށެވެ. އަޅުގަނޑު އޭނާގެ ކޮޓަރިކޮޅު ބަލައިލާން ބޭނުމެވެ."

އާޒަރުމީދުޚުތުގެ ޚާދިމާއަށް އިންތިޒާރުކުރައްވާން ޒަރުބަޚުތު ބޭނުންފުޅުވިއެވެ. ނަމަވެސް އެކަމަނާ ދޮރުކޮޅާ ދިމާޔަށް ވަޑައިގަންނަވާން ފެއްޓެވުމުން ޒަރުބަޚުތު އަވަސްއަވަހަށް އެކަމަނާގެ އަރިހުގައި ވަޑައިގަންނަވާން ފައްޓަވައިފިއެވެ. އާޒަރުމީދުޚުތު މަތީބުރީގެ ސިޑީން އަރައިވަޑައިގަންނަވަމުން ކުއްލިޔަކަށް ފަހަތަށް އެނބުރިވަޑައިގެން ބައްލަވައިލެއްވިއެވެ. އެކަމަނާގެ ފަރި ހިނިފުޅުވަޑުވައިލެއްވުން ޒަރުބަޚުތުގެ ހިތްޕުޅުގެ އަޑީގައި ބިންވަޅު ނެގުނެވެ.

"ކަލާގެ ނަންފުޅަކީ ކޮބައިތޯއެވެ؟" ޝެހެޒާދީ ސުވާލު ކުރެއްވިއެވެ.

"ޒަރުބަޚުތު" އޭނާ އިސްޖައްސަވައިގެން ހުންނަވައި ޖަވާބު ދެއްވިއެވެ.

އިރުކޮޅެއްގެ ތެރޭގައި މަތީބުރީގެ ކޮޓަރިކޮޅަކަށް ވެދެވަޑައިގެންނެވިއްޖެއެވެ. އެކޮޓަރިކޮޅުގެ އެއްފަރާތުގެ ކުޑަދޮރުކޮޅު ހުޅުވެނީ ކޯރާ ދިމާޔަށެވެ. އަނެއްފަރާތުގެ ކުޑަދޮރުކޮޅު ހުޅުވެނީ އެގަނޑުވަރުގެ ބަގީޗާއާ ދިމާޔަށެވެ. ޝެހެޒާދީ ވަރުބަލިފުޅުވެވަޑައިގެންނެވި ވައްތަރުކޮޅު ދައްކަވަމުން ގޮނޑިކޮޅެއްގައި އިށީނދެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "އަހަރެން ވަރުބަލިވެއްޖެއެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "ކަމަނާ އިރުކޮޅަކު އަރާމުކުރައްވާށެވެ. އަޅުގަނޑު ތިރިޔަށްގޮސް ކަމަނާގެ ޚާދިމާ ފޮނުވާނަމެވެ."

"ޚާދިމާ ގެނައުމުގެ ބޭނުމެއް ނެތެވެ. އެއީ ވަރަށް ބަސްގިނަ އަންހެނެކެވެ. މިކޮޓަރިތަކުގެ ހާލު ފެނުމުން އޭނާ އަޅުގަނޑަށް މަލާމާތް ކުރާނެއެވެ."

"އަޅުގަނޑު ކަމަނާއަށް ސަރުބަތު ތަށިކޮޅެއް ފޮނުވާނަމެވެ."

"އަޅުގަނޑު ފެނެއް ނުބޮވައެވެ. ކަލާ އިށީނދެވަޑައިގަންނަވާށެވެ. އަޅުގަނޑު ކޮންމެހެން ދައްކަން ބޭނުންވާ ބައެއް ވާހަކަތައް އެބަހުއްޓެވެ."

ޒަރުބަޚުތު ފަސްޖެހިވަޑައިގެން ހުންނަވައި ތަންކޮޅެއް ދުރުގައިހުރި ގޮނޑިކޮޅެއްގައި އިށީނދެވަޑައިގެންފިއެވެ. އޭނާގެ ހިތްޕުޅު ތެޅެނީއެވެ. އެކަމަކު މިހާރު އެތެޅުންތަކުގައިދަނީ ބިރުފުޅާއެކު އުފާވެރިކަމުގެ އިޙްސާސެއްވެސް އެކުލެވެމުންނެވެ. ޒަރުބަޚުތު ތުއްޕުޅުއިރުވަނީ ޕަރީޒާދުންގެ ވާހަކަތައް އަޑުއައްސަވައިފައެވެ. މިހާރު އޭނާގެ ކުރިފުޅުމަތީގައި އެއިންނެވީ އެންމެރީތި ޕަރީޒާދެކެވެ. ދިރިއިންނެވީ ފުރާނަފުޅުހުރި ޕަރީޒާދެކެވެ. އަންހެންވަންތަ ރީތިކަމާ ބެހޭގޮތުން ޒަރުބަޚުތުގެ ހިތްޕުޅަށް ގެންނެވޭ ހުރިހައި ރީތި ސިފަތަކެއް ހުސްކޮށް ވަނީ އާޒަރުމީދުޚުތުގެ އިސްކޮޅުފުޅާއި ރޫފަފުޅާއި ބައްޓަންފުޅުތަކުގައި އެކުލެވިފައެވެ. އެކަމަނާގެ ޖެހިލުންވެވަޑައިގަތުމެއް ނެތް ބެއްލެވުންތަކުން ޒަރުބަޚުތުގެ ހިތްޕުޅު ދަނީ ނުފެންނަ ބިރަކާއި ބާވަތް ނޭނގޭ އުފާވެރިކަމަކާ ދެމެދު ފިތިބާރުވެ ފިސްފިސްވަމުންނެވެ.

ޝެހެޒާދީ އާޒަރުމީދުޚުތު ވިދާޅުވިއެވެ. "އަޅުގަނޑު މިއައީ ހުސްއެކަނި މިގަނޑުވަރު ބަލައިލާކަށެއް ނޫނެވެ. އަޅުގަނޑުގެ އަސްލު މަޤްޞަދަކީ އަޅުގަނޑުގެ ޙަޔާތުގެ ބައިވެރިޔަކަށް ވެވަޑައިގަންނަވާ ފަރާތުގެ ރައްކާތެރިކަން މިތާނގައި އޮތީ ކިހައިވަރަކަށްކަން ވެސް ދެނެގަތުމެވެ. އަޅުގަނޑު ކަލާ ލައްވައި ވަޢުދު ކުރުވާން ބޭނުމެވެ. ކަލާ އެންމެ ހިނދުކޮޅަކަށްވެސް ޣާފިލުވެވަޑައިނުގަންނަވާނެ ކަމުގައެވެ."

ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ކަމަނާގެ އަރިހުގައި ވަޢުދުވަމެވެ. އަޅުގަނޑުގެ ފަރާތުން ޒައްރެއްގެ މިންވަރުގެވެސް ފަރުވާކުޑަކަމެއް ފެނިވަޑައެއް ނުގަންނަވާނެއެވެ."

އާޒަރުމީދުޚުތު ވިދާޅުވިއެވެ. "އުމުރުފުޅުން ދުވަސްފުޅުވެފައި ހުންނެވި ބޭފުޅަކަށް އަޅުގަނޑު އުފާކޮށްދެއްވޭނީ ކިހައިވަރަކަށްކަމެއް އަޅުގަނޑަކަށެއް ނޭނގެއެވެ. އޭނާގެ ދަރިކަލުންވެސް އަޅުގަނޑަށްވުރެ ދޮށިފުޅެވެ. އަޅުގަނޑު އޭނާއާ ކާވެނިކުރާން އެއްބަސްވީ މިވަގުތު އީރާނީ ރަސްކަމުގެ ޙާލަތު އޮތްގޮތަށް ރިޢާޔަތްކޮށްފައެވެ. މިވަގުތު އީރާނަށް ވަނީ ހަރުދަނާ ވަޒީރުލްޢައުޡަމަކަށް ބޭނުންވެފައެވެ. ފަރަޚުޒާދަށްވުރެ އެމަގާމަށް ލާއިޤު އެހެން ބޭފުޅަކު ނެތެވެ. އެހެންކަމުން އޭނާގެ ޙަޔާތްޕުޅުގެ އަގު ވަރަށް ބޮޑެވެ. އޭނާއަށް އެއްވެސްކަހަލަ ޙާދިޘާއެއް ކުރިމަތިވެއްޖެނަމަ މިދައުލަތަށް އިންތިހާދަރަޖައިގެ ނާޒުކު ޙާލަތަކާ ކުރިމަތިލާން ޖެހޭނެއެވެ. އަޅުގަނޑުގެ މަޤްޞަދަކީ ޙަޤީޤަތުގައިވެސް ފަރަޚުޒާދަށް ނުރައްކަލެއް އޮތްވާހަކަ ބުނުމެއް ނޫނެވެ. އެކަމަކުވެސް ރައްކާތެރިވާން ޖެހެއެވެ. ކަލާގެ އަރިހުގައިތިބީ ކިތަކަށް މީހުންތޯއެވެ؟"

"އަޅުގަނޑުގެ ގާތުގައި ތިރީސް މީހުން އެބަތިއްބެވެ. އޭގެއިތުރަށް ފަރަޚުޒާދުގެ ޚުރާސާނީ ޚާދިމުންގެ ދިހަމީހުންވެސް އެބަތިއްބެވެ."

މިގަނޑުވަރަކީ މިތާނގެ ޙިމާޔަތުގައި ތިރީހަކަށް ސާޅީހަކަށް މީހުން ތިބެގެން ފުދޭވަރުގެ ރައްކާތެރި ކިއްލާއެއް ކަމަކަށެއް އަޅުގަނޑު ނުދެކެމެވެ."

ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "މިތާނގައި އަޅުގަނޑުމެންގެ އެންމެ އިސްކަމަކީ ބޭރުން އަންނަ އެއްވެސް މީހަކަށް ފާރަވެރިޔަކަށް ނުފެނި ގަނޑުވަރަށް ވަދެވުނަނުދިނުމެވެ. އެކަމަށްޓަކައި ސިފައިންގެ ދިހަމީހުން އަބަދުވެސް ގަނޑުވަރުގެ ވަށައިގެން ބަލަހައްޓަމުން ގެންދާނެއެވެ. ވަޒީރުލްއަޢުޡަމް ބޭރަށް ނުކުމެވަޑައިގަންނަވާނަމަ އަބަދުވެސް ސިފައިންގެ ދިހަމީހުން އަރިހުގައި ދާނެއެވެ. އޭގެއިތުރަށް ވަޒީރުލްއަޢުޡަމް ދެކޮޅަށް ވަޑައިގަންނަވާ މަގުމަތީގައި ސަރުކާރުގެ ޖާސޫސުންގެވެސް އެކަށީގެންވާ އަދަދެއްގެ މީހުން ތިބޭނެއެވެ."

"މިގަނޑުވަރުން ބޭރުގައި ފަރަޚުޒާދުގެ ރައްކާތެރިކަމާމެދު ފުރިހަމަ އިންތިޒާމުތަކެއް ރޭވިފައިވާކަން އަޅުގަނޑަށްވެސް ޔަޤީނެވެ. އެކަމަކު މިގަނޑުވަރުގެ ޙިމާޔަތަށް މިހައިމަދު މީހުންކޮޅަކުން ނުފުދޭނެއެވެ."

"ކަމަނާގެ މަޠްލަބަކީ ހަތިޔާރުއެޅި ޖަމާޢަތެއްގެ ޙަމަލައަކާ އަޅުގަނޑުމެންނަށް ކުއްލިގޮތަކަށް ކުރިމަތިލާން ޖެހުންތޯއެވެ؟ އެހެންކަމުގައިވިޔަސް އަޅުގަނޑު ކަމަނާއަށް ޔަޤީންކަން އަރުވަމެވެ. ޝާހީ ކޮއިލުތެރޭގެ ގަނޑުވަރުތަކަށްވުރެ މިގަނޑުވަރުގެ ރައްކާތެރިކަން ތަންކޮޅެއްވެސް ކުޑައެއް ނޫނެވެ. ނުރައްކަލެއް ދިމާވެއްޖެ ޙާލަތެއްގައި ޝާހީ ފާރަވެރީންގެ ލަޝްކަރު ބަސްބުނާހައި ކުޑަހިނދުކޮޅެއްގެ ތެރޭގައި މިތަނަށް އަންނާނެއެވެ. ރޭގަނޑުގެ ވަގުތެއްނަމަ އަޅުގަނޑުމެންނަށް ޖެހޭނީ ގަނޑުވަރުގެ މަތިން ދަންމަރެއް އުފުލައިލާށެވެ. ދުވާލުގެ ..........."

ޒަރުބަޚުތު ވާހަކަފުޅު ހުއްޓައިލައްވައިފައި ޢުޒުރުވެރިވެ ވަޑައިގެންނެވުމުގެ ބެއްލެވުމަކުން އާޒަރުމީދުޚުތާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. "ކަލާގެ ވާހަކަފުޅު ހުއްޓަވައިލެއްވީ ކީއްވެތޯއެވެ. ތިޔައީ އަޅުގަނޑަށް ވިސްނައިނުގެނެވޭވަރުގެ އަރަތެއް ނޫނެވެ. ދުވާލު ބޭނުންކުރެވޭނީ ކޮތަރެކެވެ."

ޒަރުބަޚުތު ދެރަފުޅުވެފައި ވިދާޅުވިއެވެ. "ކަމަނާއަށް ޔަޤީންކަން އެރުވުމަށްޓަކައި އަޅުގަނޑަށް މާ ތަފްސީލުކޮށް ވާހަކަ ދެކެވިއްޖެއެވެ. މިހައި ތަފްސީލުކޮށް އަޅުގަނޑު ވާހަކަ ދައްކައިގެން ނުވާނެއެވެ. އަޅުގަނޑު ބިރުގަންނަނީ ކަމަނާ އަޅުގަނޑަކީ ޒިންމާދާރުކަމެއްނެތް މީހެއްކަމުގައި ދެކެވަޑައިގެންފާނެތީއެވެ."

ޒަރުބަޚުތުގެ އިސްތަށިފުޅުން ފެށިގެން ފައިތިލަފުޅުގެ ނިޔަވާބޮނޑިއާ ހަމަޔަށް ކަޅިއަޅުއްވަމުން އާޒަރުމީދުޚުތު ވިދާޅުވިއެވެ. "ކަލާއަކީ ނުހަނު އިޚްލާޞްތެރި ބޭފުޅަކީމުއެވެ. އަޅުގަނޑު އިޚްލާޞްތެރިކަމަށް ޤަދަރު ކުރަމެވެ. އަޅުގަނޑު މިގަނޑުވަރަށް އައުމާއެކު އެނގުނީ ކަލާ އަވަހާރަފުޅު ލައްޕަވައިފައި އޮންނެވިކަމެވެ. އެހެންކަމުން ކަލާގެ ޒިންމާގެ އިޙްސާސްގެ ސަބަބުން ރޭގަނޑު އެއްގޮތަކަށް އަވަހާރަފުޅު ނުލެއްޕެވޭކަން ވިސްނައިގަންނާކަށެއް އަޅުގަނޑަކަށް އުނދަގުލެއް ނުވިއެވެ. އަޅުގަނޑު ފަރަޚުޒާދަށް ދަންނަވާނަމެވެ. މިގަނޑުވަރު ފެނުމަށްވުރެ ބޮޑަށް އަޅުގަނޑު އުފާވީ ގަނޑުވަރުގެ ފާރަވެރީންގެ ވެރިޔާ ފެނިފައެވެ. ފަރަޚުޒާދުގެ ސަލާމަތާމެދު އަޅުގަނޑު އެއްވެސްކަހަލަ ޝައްކެއް ފާޅުކުރި ވާހަކަ އޭނާގެ އަރިހުގައި ވިދާޅުވުމުގެ ބޭނުމެއްނެތެވެ. އަޅުގަނޑު އައީ މިގަނޑުވަރު ދެކެލާށާއި، އަޅުގަނޑުގެ ފަރާތުން ދޫލައެއް ވެދުމަށް އަރުވަން ކަމުގައި ވިދާޅުވެލެއްވުމުން ފުދޭނެއެވެ."

(ނުނިމޭ