ބޮލީވުޑް

ސަންޖޭދަތުގެ ފިލްމު ބްލޮކްބަސްޓާ ގޭންގުގެ ޝޫޓިން ޖުލައިގައި ފަށަނީ

ކޮމެޑީ އެކްޝަން ފިލްމު ބްލޮކްބަސްޓާ ގޭންގުގެ ޝޫޓިން ޖުލައިގައި ފަށާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ސަންދީޕް ސިންގް ބުނެފިއެވެ.

ސަންދީޕް އެކަން އިއުލާނުކުރީ އިންޑިއާ ފުރަބަންދުން އެހާތަނަށް ހުޅުވާލާނެ ކަމަށް އެގައުމުގެ ސަރުކާރުން އިއުލާނުކޮށްފައި ވުމުންނެވެ.

ސަންޖޭދަތު ލީޑުން ފެނިގެންދާ އެ ފިލްމަކީ ތިން ޑޮން އާއި އެމީހުންގެ ގޭންގު މެންބަރުންގެ މެދުގައި ހިނގާ ކަންތައްތަކުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމަށް އިތުރު ތަރިންވެސް ހޯދައި ނިމޭނީ ފުރަބަންދުން ހުޅުވުމުން ކަމުގައި ސަންދީޕު ވަނީ ބުނެފައެވެ.

މި ފިލްމުން ބަތަލު އަރްޝަދު ވާސީ ވެސް ފެނިގެންދާނެ ކަމުގެ އަޑުތައް ފެތުރިފައިވީނަމަވެސް އެކަން ރަސްމީކޮށް ޔަގީންކޮށްދީފައެއް ނުވެއެވެ.

ފިލްމުގެ ޝޫޓިން ކުރިން މޮރިޝަޝް އަދި ބުދަޕެސްޓުގައި ކުރަން ހަމަޖައްސާފައި އޮތް ނަމަވެސް ކޮވިޑުގެ ސަބަބުން މިހާރު ފިލްމު ޝޫޓްކުރުމަށް ނިންމާފައިވަނީ މުމްބާއީ އާއި ގޯވާގައި ކަމަށްވެސް ސަންދީޕު ވަނީ ބުނެފައެވެ.

މި ފިލްމު ރިލީސްކުރަން ނިންމާފައިވަނީ އަންނަ އަހަރުއެވެ.