އިންޑިއާ

އިންޑިއާގައި ޕޮޒިޓިވް ވި މީހުން 1.6 ލައްކައަށް، އެތެރޭގެ އުދުހުންތައް ފަށައި ރޭލު ދަތުރުތައް އިތުރުކުރަނީ

މިންހާ ފާއިޒް ރަޝާދު

އިންޑިއާގައި ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 1.6 ލައްކައަށް ވުރެ މައްޗަށް އަރައިފައިވާއިރު އެތެރޭގެ އުދުހުންތައް ފަށައި ރޭލު ދަތުރުތައްވެސް އިތުރު ކުރަން ނިންމައިފިއެވެ.

އިންޑިއާގައި ބަލީން ރަނގުވާ ރޭޓު 39.62 ޕަސެންޓުގައި އުޅޭއިރު މަރުވާ މީހުންގެ ރޭޓަކީ ލައްކައަކުން 0.2 މީހުން ކަމަށްވާތީ އެގައުމުގެ ސަރުކާރުން ބުނެފައިވަނީ އެހެން އެއްވެސް ގައުމަކަށްވުރެ ބޮޑަށް އެގައުމުގައި ކޮވިޑް19ގެ ކަންކަމަށް ދެވުނު ސަމާލުކަމާއި ކުރެވުނު މަސައްކަތް އިތުރުކަމަށެވެ.

ނޮން އެލައިންޑް މޫވްމަންޓް ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި އެގައުމުގެ ހެލްތު މިނިސްޓަރު ހަރްޝް ވަރްދަން ވިދާޅުވީ، މީހުން ހޯދައިގަތުމާއި، ގިނަ ބަޔަކު އައިސޮލޭޓް ކުރުމާއި، ވީހާވެސް އަވަހަށް ފަރުވާ ދިނުން އެއީ އެމީހުން ބައްޔާ ދެކޮޅަށް ކުރި ހަނގުރާމައިގެ ޕޮލިސީ ކަމަށާއި އޭގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދުކުރެވި ބަލި ފެތުރުން ހުއްޓުވުނުކަމަށެވެ.

މިމަހުގެ ނިޔަލަށް އެގައުމުގައި ލޮކްޑައުން 4.0 އިއުލާނުކޮށްފައިވާއިރު ގިނަ ހިސާބު ތަކުގައި ވިޔަފާރިތައް މިހާރުވެސް ވަނީ ހުޅުވާލަން ފަށައިފައެވެ. ދިއްލީގައި ފިހާރަތައް ހުޅުވަން ހުއްދަދިނީ ކޮންމެ ދެދުވަހުން އެއްދުވަހުއެވެ. ގުޖުރާތުގައި ބަސް ދަތުރުތައް ފަށާފައިވާއިރު ހަރްޔާނާގައި އެހެން ސްޓޭޓްތަކަށް ދަތުރުކުރުން ހުއްޓުވަފައި ސްޓޭޓް ތެރޭގައިވެސް ބަސްދަތުރުތައް ވަނީ މަދުކޮށްފައެވެ. ދިއްލީގެ ކައިރި ހިސާބެއްކަމަށްވާ ގޯތަމްބުދް ނަގަރުގައި މާރުކޭޓުތައް ވަކި އުސޫލުތަކެއްގެ ދަށުން ހުޅުވުމުގެ ހުއްދަ އިއްޔެވަނީ ދީފައެވެ.

އިންޑިއާގައި އިއްޔެ ހެނދުނު އެކަނިވެސް ފަސްހާހަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 24 ގަޑިއިރު ތެރޭ 140 މީހުން ވަނީ މަރުވެފައެވެ. 

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗުން ބުނި ގޮތުގައި އެގައުމުގައި 25 ލައްކަ މީހުން އިއްޔެ މެންދުރާ ހަމައަށް ޓެސްޓުކޮށްފައި ވެއެވެ. ފެންނަނީ ބަލިން ރަނގަޅުވާ މީހުން އިތުރުވެ، މަރުވާ މީހުން މަދުވާމުން އަންނަ ކަމަށްކަމަށް އެކައުންސިލުން ބުނެއެވެ.

"ދުނިޔޭގެ އާބާދީއަށް ބަލައިލާއިރު، ކޮންމެ ލައްކައަކުން 62 މީހުންނަށް މިވަނީ ބަލިޖެހިފައި. އިންޑިއާއި ލައްކައަކުން 7.9 މީހުނަށް ބަލި ޖެހިފައިމިވަނީ" ޔޫނިއަން ހެލްތު މިނިސްޓްރީގެ ޖޮއިންޓް ސެކެރެޓަރީ ލަވް އަގަރުވާލު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

މިހާރުވެސް މަދު ރޭލުތަކެއް ދަތުރު ކުރަން ހުއްދަދީފައިވާއިރު ޖޫން އެކަކުން ފެށިގެން އިތުރު 200 ރޭލުގެ ދަތުރުތައް ފެށުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި މިދަތުރުތަކުގެ ބުކިން ހެދުމަށް މިހާރުވެސް ވަނީ ހުޅުވާލާފައެވެ.

ހޯމަ ދުވަހުން ފެށިގެން އެތެރޭގެ އުދުހުންތައްވެސް ފަށާނެކަމަށް އެގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ހަރްދީޕް ސިންގް ޕޫރީ އިއްޔެ ވަނީ އިއުލާނުކުރައްވައިފައެވެ. މިގޮތަށް ފުރަތަމަ ފަށާނީ 30 ޕަސެންޓް ދަތުރުތައް ކަމަށާއި މަޑުމަޑުން އިތުރުކުރުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އިންޓަނޭޝަނަލް ފްލައިޓްތައް ފަށާނެ ވަކި ތާރީހެއް އިއުލާނުކުރައްވާފައެއް ނުވެއެވެ.