ޚަބަރު

ތިން ބާރުގެ ވެރިންނަށް ވުރެ މަޖިލީހުގެ ނައިބު ރައީސާއި މަޖިލިސް މެންބަރުންގެ މުސާރަ ބޮޑު

އަލީ ޔާމިން

ދައުލަތުގެ އިސް ވެރިންގެ މުސާރަ ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ގެނައި ބަދަލާއެކު، މުސާރައާއި އިނާޔަތުގެ ގޮތުގައި ތިން ބާރުގެ ވެރިންނަށް ލިބޭ އަދަދަށް ވުރެ ބޮޑު އަދަދެއް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲއާއި މަޖިލިސް މެންބަރުންނަށް ލިބިވަޑައިގަންނަވާ ގޮތެއް ވެއްޖެއެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ ރައީސާއި މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

މަޖިލީހުން ފާސްކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މުސާރައިން 35 ޕަސެންޓް އުނިކޮށް، އެމަނިކުފާނަށް ކުރިއަށް އޮތް ތިން މަހު 65،000ރ. ލިބިވަޑައިގަންނަވާ ގޮތަށް އަދި ނައިބު ރައީސް ފައިސަލް ނަސީމަށް 48،000ރ. ލިބިވަޑައިގަންނަވާ ގޮތަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ 100،000ރ އެވެ

މަޖިލީހުން ފާސްކުރި ބަދަލުތަކާއެކު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވެސް ލިބިވަޑައިގަންނަވާނީ 57،188ރ އެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް މުސާރަ އާއި އިނާޔަތްތައް 74،125ރ. އިން 58،188ރ. އަށް ވަނީ ކުޑަވެފަ އެވެ.

ނަމަވެސް އަލަށް ގެނައި ބަދަލާއެކު މި މަގާމުތަކަށް ވުރެ ބޮޑުކޮށް، މަހަކު 75،700ރ. މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަޖިލީހުގެ ނައިބު ރައީސް އީވާއަށް ލިބިވަޑައިގަންނަވާނެއެވެ. އަދި މަޖިލީހުގެ މެންބަރުންނަށްވެސް މުސާރައާއި އިނާޔަތުގެ ގޮތުގައި 69،750ރ. ލިބޭނެއެވެ. މަޖިލީހުގެ ރައީސާއި މެމްބަރުންގެ މުސާރަ ބޮޑުވަނީ އެ ބޭފުޅުންނަށް ކޮމިޓީ އެލަވެންސް ލިބޭތީއެވެ. އެގޮތުން މުސާރައިން 30 ޕަސަންޓު އުނިކުރިކަމުގައިވިޔަސް އީވާއަށް އެލަވެންސްގެ ގޮތުގައި 20،000ރ ލިބެއެވެ. މެމްބަރުންގެ އަސާސީ މުސާރައިން 30 ޕަސެންޓް އުނިކުރިޔަސް، ކޮމެޓީ އެލަވަންސާއި ލިވިން އެލަވަންސް އިން އެއްވެސް ބައެއް އުންޏެއް ނުކުރެއެވެ.

މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން މަޖިލިހުގެ ރައީސަކީ އެއްވެސް ކޮމެޓީއެއްގައި ބައިިވެރިވެވަޑައިގެންނެވޭ ބޭފުޅެއް ނޫނެވެ. އެހެންވެ ކުރިން ވެސް މަޖިލީހުގެ ރައީސަށް ވުރެ ބޮޑު އަދަދެއް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ހޯދުމުގެ ފުރުސަތު މަޖިިލީހުގެ ނައިބު ރައީސަށް އޮވެއެވެ. އެގޮތުން ކުރިން ކޮމެޓީ އެލަވަންސާއެކު 91،000ރ. ގެ އާމްދަނީއެއް ހޯއްދެވުމުގެ ފުރުސަތު އޮވެއެވެ.

މީގެ އިތުރުން، ސިޓީ ކައުންސިލް މެމްބަރުންނަށް ވުރެ ބޮޑު އަދަދެއް އަތޮޅު ކައުންސިލްތަކުގެ ރައީސުންނަށް ވެސް އެ ބަދަލުގެ ސަބަބުން ލިބޭނެއެވެ.

ސަރުކާރުން މަޖިިލީހަށް ހުށަހެޅީ އަސާސީ މުސާރަތައް 20،000ރ. އަށް ވުރެ ބޮޑު ނުވާ މަގާމުތަކުގެ މުސާރައިން އެއްވެސް އަދަދެއް އުނިނުކުރުމަށެވެ. އަދި 20،000ރ. އާއި 30،000ރ. އާ ދެމެދުގެ އަސާސީ މުސާރަތަކުން 20 ޕަސެންޓް އުނިކުރުމަށާއި 30،000ރ. އާއި 60،000ރ. އާ ދެމެދުގެ އަސާސީ މުސާރައިން 30 ޕަސެންޓް އުނިިކުރުމަށާއި 60،000ރ. ބޮޑު މުސާރަތަކުން 35 ޕަސެންޓް އުނިކުރުމަށެވެ.