ދުނިޔެ

އަންނަ އަހަރުގެ ހޫނު މޫސުމާ ހަމަޔަށް ކެބްރިޖް ޔުނިވަސިޓީގެ ހުރިހާ ލެކްޗަރެއް އޮންލައިންކޮށް

ކޮރޯނާވައިރަހާ ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުން އަންނަ އަހަރުގެ ތައުލީމީ އާ އަހަރު ފެށެންދެން ކެބްރިޖް ޔުނިވަސިޓީގެ ހުރިހާ ލެކްޗަރުތަކެއް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިއީ މިއަހަރުގެ ތައުލީމީ އަހަރު ނިމެންދެން އޮންލައިންކޮށް ކިޔަވައިދޭން ނިންމި ފުރަތަމަ ޔުނިވަސިޓީއެވެ. ކޮވިޑް 19 ފެތުރެމުންދާތީ ކެބްރިޖް ޔުނިވަސިޓީގެ ކެމްޕަސްތައް މިޓާމުގައި ވަނީ ބަންދުކޮށްފައެވެ.

އެ ޔުނިވަސިޓީން ބުނީ، މި ނިންމުމަކީ ކުރިޔަށް އޮތްތަނުގައި ވެސް އިޖުތިމާއީ ގައިދުރުކަން މުހިންމުވާނެތީ ނިންމި ނިންމުމެއް ކަމަށާއި އެހެންކަމުން އަންނަ އަހަރުގެ ސަމާ ނުވަތަ ހޫނު މޫސުމުގެ ނިޔަލަށް އޮންލައިންކޮށް ލެކްޗަރުތައް ކުރިޔަށް ގެންދާނެ ކަމަށެވެ.

އެގޮތުން ގައިދުރުކުރުމުގެ ޝަރުތުތައް ހަމަވާނަމަ ކުދި ގުރޫޕްތަކަށް ވެސް އޮންލައިންކޮށް ބައިވެރިވެވޭނެ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ގައިދުރުކުރުމާ ގުޅޭގޮތުން ދޭ އިރުޝާދުތަކަށް ބަލައި މި ނިންމުން ރިވިއު ކުރެވޭނެ ކަމަށްވެސް އެ ޔުނިވަސިޓީން ބުނެއެވެ.

ކެބްރިޖް ޔުނިވަސިޓީގެ ހުރިހާ ލެކްޗަރުތަކެއް އޮންލައިންކޮށް ކުރިޔަށް ގެންދަން ނިންމިއިރު، އެ ޔުނިވަސިޓީގެ ކިޔަވައިދިނުން މިދިޔަ މާޗް މަހުން ފެށިގެން ކުރިއަށްގެންދަނީ އޮންލައިންކޮށެވެ. އަދި އިމްތިހާނުތައް ކުރިއަށްގެންދަނީ ވާޗުއަލްކޮށެވެ.