ދުނިޔެ

ބޭވަފާތެރިވެ ރޮއްވުމުން ބަދަލު ހިފުމުމުގެ ގޮތުން ކުރީގެ ލޯބިވެރިޔާގެ ގެޔަށް އެއްޓަނުގެ ފިޔާ ފޮނުވައިފި

މުހައްމަދު އައުޒަމް

ޗައިނާގެ އަންހެނަކު އޭނާގެ ކުރީގެ ލޯބިވެރިޔާއަށް އެއް ޓަނުގެ ފިޔާ ފޮނުވައިފިއެވެ.

ޗައިނާގެ ޝަންޑޮންގް ޕްރޮވިންސްގައި ދިރިއުޅޭ ޒާއޯ ނަމަކަށް ކިޔާ މިއަންހެން އޭނާގެ ކުރީގެ ލޯބިވެރިޔާގެ ގެޔަށް އެއް ޓަނުގެ ފިޔާ ފޮނުވީ، ފިރިހެން މީހާ ބޭވަފާތެރިވެ އެކަމުގެ ސަބަބުން ޒާއޯ ކުރި ހިތާމައާއި ރުއި ރުއިމުގެ ބަދަލު ހިފުމުގެ ގޮތުންކަމަށް އޭނާ ބުނެއެވެ.

ޗައިނާގެ މީޑިއާއަށް މައުލޫމާތު ދެމުން ޒާއޯ ބުނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އޭނާއަށް ބޭވަފާތެރިވެ އެހެން އަންހެނަކާ ވާހަކަ ދައްކާކަން ފަޅާއެރުމުން ރުޅިވީ ކަމަށެވެ. ޒާއޯ ބުނީ ރުޅިވުމަށްފަހު އެކަމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ރުއި ކަމަށާއި އެއީ ހިތްދަތި ދުވަސްތަކެއް ކަމަށެވެ.

"އަހަންނަށް އެނގޭ އޭނަ އަހަންނަށް ވަފާތެރި ނޫންކަން. ރުޅިވުމަށް ފަހުވެސް އޭނަގެ ރައްޓެހިން ބުނޭ އޭނަ އެކަމާ އެއްވެސް ވަރަކަށް ހިތާމަވެސް ނުކުރާކަމަށް. އެކަމަކު އަހަރެން ތިން ދުވަސް ކަރުނަ އަޅައި ރުއިން. މިއަދު އަހަރެން ބޭނުންވަނީ އަހަރެން މިކުރަމުންދާ ހިތާމައިގެ ރަހަ އޭނައަށްވެސް ލާވަރު ކުރަން." ޒާއޯ ކިޔައިދިނެވެ.

ކުރީގެ ލޯބިވެރިޔާގެ ގެޔަށް އެއްޓަނުގެ ފިޔާ ޒާއޯ ފޮނުވީ ރުއިމާއި ކަރުނަ އެޅުމަކީ ކިހާ ވޭން ގަދަ ކަމެއްކަން އޭނާގެ ކުރީގެ ލޯބިވެރިޔާއަށް އިހުސާސްކޮށްދިނުމަށެވެ. އެއީ ގިނަ އަދަދެއްގެ ފިޔާގެ ތެރޭގައި އުޅޭން ޖެހުމުން ހަމަގައިމުވެސް ލޮލުން ފެން އައިސް ކަރުނަ އަޅާން ޖެހޭނެތީ އެވެ. އަދި އެތަކެތި އުކައިލައި ސާފުކުރާން މަސައްކަތްކުރިޔަސް އޭގެ ދިލައިން ސަލާމަތް ނުވެވޭނެތީ އެވެ.

ޒާއޯގެ ކުރީގެ ލޯބިވެރިޔާވެސް ވަނީ މިހާދިސާގެ މައުލޫމާތު ޗައިނާގެ މީޑިއާއަށް ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވަނީ ޒާއޯ އަކީ ތަފާތު އަންހެނެއް ކަމަށެވެ.

"ރުޅިވީ ފަހުން އަހަރެން އެކަމާ ހިތާމަކޮށް ދެރަވެގެން ނޫޅޭ ވާހަކަ ޒާއޯ އަހަރެމެންގެ ރައްޓެހީން ކައިރީ ދެއްކި. ފިރިހެނުންނަކީ މީހުންނާ އެހެން ރުޅިވިޔަސް އެކަމާ ހިތާމަކޮށް ރޮއިހަދާ ބައެއް ނޫން. އެކަން އެހެން ކުރާކަށް ނުޖެހޭ." ޒާއޯގެ ކުރީގެ ލޯބިވެރިޔާ ބުންޏެވެ.