ކޮވިޑް 19ގެ މި ދަތި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓިފައިވާއިރު، ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ހަނދާންތައް ވާޗުއަލްކޮށް، ގެނެސްދިނުމަށްޓަކައި ފޭސްބުކް މެދުވެރިކޮށް، "Maldives، The sun will shine again" ގެ ނަމުގައި ތިން ގަޑިއިރުގެ ލައިވް އިވެންޓެއް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ނިންމައިފިއެވެ.
މި އިވެންޓް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ޓޫރިޒަމް މިނިސްޓްރީ، މޮންދު ޕްރޮޑަކްޝަން، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަދި އޯކާ މީޑިއާ ގްރޫޕް ގުޅިގެންނެވެ.
އެމްއެމްޕީއާރްސީން ބުނީ މި އިވެންޓް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ރޭ 8:00 އިން 10:00 އަށް ކަމަށެވެ.
މި ލައިވް އިވެންޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރާއްޖެއަށް ހެޔޮއެދޭ ފަރާތްތަކުން ރާއްޖެއަށް އޮތް ލޯބި ދައްކުވައިދިނުމުގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކުން ބައިވެރިވެ، ރާއްޖެއާ ގުޅޭ އުންމީދުން ފުރިގެންވާ މެސެޖުތައް ގެނެސްދިނުމުގެ އިތުރުން ރާއްޖެ އަލުން ފަތުރުވެރިކަމަށް މަރުހަބާކިޔުމަށް މުޅި ރާއްޖެ ވަމުން އަންނަ ތައްޔާރީތައްވެސް ހާމަކުރެވިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
މީގެ އިތުރުން އެމްއެމްޕީއާރްސީން ބުނީ މި އިވެންޓަކީ ކޮވިޑް 19އާ ގުޅިގެން ގިނަ ގައުމުތައް ލޮކްޑައުންގެ ހާލަތުގައި އޮތް އިރު ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތިދަނޑިވަޅުގައި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެން އެކަތިގަނޑަކަށް ހެދުމުގެ މަގުސަދުގައި ކުރިއަށްގެންދާ އިވެންޓެއް ކަމަށެވެ. އަދި މި އިވެންޓް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާއި، އާޓިސްޓުންނާއި، މިއުޒީޝަނުން ފަދަ މީހުން ރާއްޖެއާ ގުޅޭ އުންމީދުން ފުރިގެންވާ މެސެޖުތައް ގެނެސްދިނުމަށް ހަމަޖައްސާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ރަނގަޅުކުރުމުގެ ގޮތުން އެމްއެމްޕީއާރްސީން އަންނަނީ އެކިކަހަލަ ވާޗުއަލް އަދި އޮންލައިން މާކެޓިންގެ ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ. އެމްއެމްޕީއާރްސީން ދެކެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކިއެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކޮވިޑުގެ ސަބަބުން ދިމާވެފައިވާ ދަތިތަކުން އަރައިގަނެވޭނެ ކަމަށެވެ.