ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފުރަބަންދުގެ ހާލަތު ދޫކޮށްލާއިރު ޓެސްޓުކުރުމުގެ ގާބިލުކަން އިތުރުކޮށް ވަސީލަތްތައްވެސް ހަމަކުރެވޭނެ: ރައީސް

އައިދާ އަބްދުލް ހަކީމް

މިމަހު 28 ގެ ފަހުން ލޮކްޑައުނަށް ލުއިތަކެއް ދެއްވަން ނިންމަވާފައިވާ އިރު، ފުރަބަންދުގެ ހާލަތު އެއްކޮށް ދޫކޮށްލާއިރު ރާއްޖޭގައި ކޮވިޑް 19 އަށް ޓެސްޓުކުރުމުގެ ގާބިލުކަން އިތުރުކޮށް ވަސީލަތްތައްވެސް ހަމަކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19އާ ގުޅޭގޮތުން ގައުމާ މުހާތަބުކުރައްވައި މިރޭ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މާލެ ސަރަހައްދުގެ ފުރަބަންދުގެ ހާލަތަށް ލުޔެއްދޭއިރު، އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށްވުރެ ފަސޭހަ އިންތިޒާމަކުން އާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމާއި އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދިނުން ކަމަށެވެ. އަދި އެ ލުއިތައް ދޭއިރު ކޮވިޑަށް ޓެސްޓުކުރުމުގެ ގާބިލުކަން މިހާރަށް ވުރެ އިތުރު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މާލެއިން ފުރަބަންދުގެ ހާލަތު ދޫކޮށްލާއިރު، ކޮވިޑަށް ޓެސްޓް ކުރުމުގެ ގާބިލުކަން މިހާރަށްވުރެ އިތުރުކޮށް، ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައްވެސް އިރާދަކުރެއްވިއްޔާ ހަމަކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ލުއިތައް ދޭނެ ގޮތުގެ ތަފްސީލުތައް، ކަމާ ގުޅޭ ފަންނީ ބޭފުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ ކަމަށެވެ. އަދި ބަލި ނެތް އެހެން ރަށްރަށުގައިވެސް ލުއިތަކެއް ދިނުމަށް މިހާރު ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލުއިތަކާއެކު ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، އަންނަ ޖުލައި މަހުގެ ތެރޭގައި ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.