ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގެއިން ނުކުތުމަށް ލުއިދީ، މިސްކިތްތަކާއި ހޮޓާތައް ހުޅުވައި ސްކޫލްތަކުގެ ކިޔެވުންވެސް ފަށަނީ

މިހާރު މާލޭ ސަރަހައްދުގައި މި އޮތް ލޮކްޑައުން ރަނގަޅަށް ތަންފީޒުވަމުންދާ ނަމަ، މި މަހު 28 ގެ ފަހުން ލުއިތަކެއް ދޭން ނިންމަވާފައިވާ ކަމަށާއި އެ ގޮތުން ގެއިން ބޭރަށް ނުކުތުމަށް ލުއިތަކެއް ދީ، މިސްކިތްތަކާއި ހޮޓާ ވިޔަފާރިތައް ހުޅުވާލައި ސްކޫލުތަކުގެ ކިޔެވުންވެސް ވަކި އިންތިޒާމެއްގެ ދަށުން ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19އާ ގުޅޭގޮތުން ގައުމާ މުހާތަބުކުރައްވައި މިރޭ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް، ރައްޔިތުންގެ އެއްބާރުލުމާއެކު ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަހައްދުގައި އޮތް ލޮކްޑައުންގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"މާލެ ސަރަޙައްދުން ފުރަބަންދުގެ ހާލަތަށް ލުޔެއްދޭއިރު، އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން. މިގޮތުން ފުރަތަމަ ކަމަކީ ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށްވުރެ ފަސޭހަ އިންތިޒާމަކުން އާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުން. އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ. އެގޮތުން މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށްވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށްވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސޭނެ ކަމަށާއި މި ލުއިތައް ދޭނެ ގޮތުގެ ތަފްސީލުތައް ކަމާ ގުޅޭ ފަންނީ ބޭފުޅުން ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ ކަމަށެވެ. އަދި މާލެއިން ލޮކްޑައުންގެ ހާލަތު ދޫކޮށްލާއިރު، ކޮވިޑަށް ޓެސްޓް ކުރުމުގެ ގާބިލުކަން މިހާރަށްވުރެ އިތުރުކޮށް، ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައްވެސް ހަމަކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަލި ނެތް އެހެން ރަށްރަށުގައިވެސް ލުއިތަކެއް ދިނުމަށް މިހާރު ނިންމާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް މިހާރު ވިސްނާފައި އޮތީ، ކޮވިޑު ފެތުރިފައި ނެތް ރަށްރަށް، ވީ އެންމެ އަވަހަކަށް އާންމު ހާލަތަކަށް ގެންނަން ކަމަށާއި އެފަދަ ރަށްރަށުގައި އާންމު އުސޫލުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށެވެ. އަދި އޭގެ ފަހުން ސްކޫލްތަކާއި އޮފީސްތައް ހުޅުވަމުން ގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.