ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮވިޑާއި ގުޅިގެން 15000 އަށްވުރެ ގިނަ ލޯނު ފަސްކޮށްދީފި، އޭގެން 13000 އަކީ ބީއެމްއެލްގެ ލޯނުތައް: ރައީސް

ކޮވިޑާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން 15000 އަށްވުރެ ގިނަ ލޯނު ދެއްކުން މިހާތަނަށް ފަސްކޮށްދީފައިވާ ކަމަށާއި އޭގެން 13000 އަށްވުރެ ގިނަ ލޯނަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ލޯނުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19އާ ގުޅިގެން އާންމުންނާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް ނިންމައިފައެވެ.

މިރޭ ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ވިޔަފާރިތަކަށާއި އެކި ކަންކަމަށް، އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އަދި އެސްއެމްއީ ޑިވެލޮޕަމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި ރާއްޖޭގެ ހިންގާ އަށް ބޭންކެއް ބައިވެރިވެފައިވާ ކަމަށެވެ.

އެގޮތުން އެތަންތަނުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ފަސްކޮށްދީފައިވާ ކަމަށާއި އޭގެ ތެރެއިން 13199 ލޯނަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލޯނު ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ރައީސް ވިދާޅުވި ގޮތުގައި 83 ޕަސެންޓް ލޯނެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ރިޒޯޓުތަކާއި އަމިއްލަ ވިޔަފާރިތަކުން ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން 157 ހުށަހެޅުމަކަށް ލޯނު ދޫކުރަން ނިންމައި، އޭގެ ތެރެއިން 98 ވިޔަފާރިއަކަށް މިހާރު ލޯނު ދޫކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް، އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ލިބުނު ހުށަހެޅުންތަކުގެ ތެރެއިން، 396 ވިޔަފާރިއަކަށާއި އަމިއްލަ މަސައްކަތްކުރާ 134 މީހަކަށް ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.