ކޮވިޑާއި ގުޅިގެން ސަރުކާރުން ތައާރަފުކުރި، ލޯނު އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި ރާއްޖޭގައި ހިންގާ އަށް ބޭންކުން މިހާރު ވަނީ ބައިވެރިވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގައުމާ މުހާތަބު ކުރައްވާ މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ވިޔަފާރިތަކަށާއި އެކި ކަންކަމަށް، އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އަދި އެސްއެމްއީ ޑިވެލޮޕަމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި ރާއްޖޭގެ ހިންގާ އަށް ބޭންކެއް ބައިވެރިވެފައިވާ ކަމަށެވެ.
އެގޮތުން އެތަންތަނުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ފަސްކޮށްދީފައިވާ ކަމަށާއި އޭގެ ތެރެއިން 13199 ލޯނަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލޯނު ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ރިޒޯޓުތަކާއި އަމިއްލަ ވިޔަފާރިތަކުން ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން 157 ހުށަހެޅުމަކަށް ލޯނު ދޫކުރަން ނިންމައި، އޭގެ ތެރެއިން 98 ވިޔަފާރިއަކަށް މިހާރު ލޯނު ދޫކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް، އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ލިބުނު ހުށަހެޅުންތަކުގެ ތެރެއިން، 396 ވިޔަފާރިއަކަށާއި އަމިއްލަ މަސައްކަތްކުރާ 134 މީހަކަށް ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ކޮވިޑް 19 ރިކަވަރީ ސްކީމުގެ ދަށުން ލޯނު ދޫކުރަން ހުޅުވާލީ މިދިޔަ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުއެވެ. އެގޮތުން ރިސޯޓުތަކަށާއި މިދިޔަ އަހަރު ދިހަ މިލިއަން ރުފިޔާއިން މަތީގެ އާމްދަނީއެއް ހޯދައިފައިވާ ވިޔަފާރިތަކަށް ލޯނު ދޫކުރަމުން އަންނަނީ ބީއެމްއެލް މެދުވެރިކޮށެވެ. އަދި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ލޯނު ދޫކުރަމުން އަންނަނީ އެސްޑީއެފްސީ މެދުވެރިކޮށެވެ.
މި ލޯނުތަކަކީ އެއްވެސް ރަހުނަކާ ނުލައި އަހަރަކު ހަ އިންސައްތަ އިންޓަރެސްޓުގައި ދޫކުރާ ފައިނޭންސިންއެކެވެ. އަދި މި ފައިނޭންސިން އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން ޖުމްލަ ތިން އަހަރު ލިބޭނެއެވެ.