ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުރީން އަންދާޒާކުރިވަރަށް ބަލި ނުފެތުރުނީ ސިއްހީ ހިދުމަތްތެރީންގެ ލަފަޔަށް މާލެ ސަރަހައްދު ފުރަބަންދުކުރުމުން

އަލީ ޔާމިން

ކުރީން އަންދާޒާކުރިވަރަށް ބަލި ނުފެތުރުނީ ސިއްހީ ހިދުމަތްތެރީންގެ ލަފަޔާއި އެއްގޮތަށް މާލެ ސަރަހައްދު ފުރަބަންދުކުރުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގައުމާ މުހާތަބުކުރައްވައި ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކޮވިޑު ޖެހިފައިވާ މީހުންނާއި އެމީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަނެ، އެމީހުންނަށް ފަރުވާ ދިނުމާއި ކަރަންޓީނު ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ހަރުދަނާ ކުރެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ކުރިން އަންދާޒާކުރިވަރަށް ބަލި ނުފެތުރުނީ ސިއްހީ ހިދުމަތްތެރީންގެ ލަފަޔާ އެއްގޮތަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

"ރާއްޖޭގައި މި ބަލި ފެތުރޭ ގޮތުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މަހެއްހާ ދުވަހުގެ ތެރޭގައި ހާހެއްހާ މީހުންނަށް މި ބަލި ޖެހިއްޖެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ބަލި ފެތުރިގެންދާނެކަމަށް، ކުރިން އަންދާޒާކުރި މިންވަރަށް ބަލި ނުފެތުރުމަކީ މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން އެޅި ފިޔަވަޅުތަކުގެ ނަތީޖާ. އޭގެ ސަބަބަކީ ސިއްހީ ހިދުމަތްތެރީންގެ ލަފަޔާ އެއްގޮތަށް މާލެ ސަރަހައްދު ފުރަބަންދުކޮށް، އާންމު ހަރަކާތްތަކާއި ދަތުރުފަތުރުތައް ހުއްޓުމަކަށް ގެނައުމާއެކު ރައްޔިތުން އެކަންކަމަށް އިޖާބަދީ ކެތްތެރިކަމާއެކު އެއްބާރުލުން ދެއްވުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މާލެ ތެރޭގައި މި ބަލި ފެތުރެން ފެށި ދުވަސްވަރު، ބައްޔަށް ޕޮޒިޓިވްވާ ކޮންމެ މީހެއްގެ ކޮންޓެކްޓުންގެ ގޮތުގައި އެވްރެޖުކޮށް 36 މީހުން ފާހަގަކުރެވެނު ނަމަވެސް މިހާރު އެ އަދަދު އެވްރެޖުކޮށް ހަތް މީހުންނަށް މަދުކުރެވިފައިވާ ކަމަށެވެ.

ކޮވިޑް 19އާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ވީހާވެސް ކުޑަކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި މި ބައްޔާ ސީދާ ގުޅުން ނެތް ކިތަންމެ ކަމަކަށް ސަރުކާރުން ސަމާލުކަން ދޭން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.