މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ފައިދާގެ ގޮތުގައި 62.34 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިއީ އެމްޓީސީސީގެ ތާރީހުގައި ފުރަތަމަ ކުއާޓަރެއްގައި ހޯދުނު އެންމެ ބޮޑު ފައިދާއެވެ. އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން އެނގޭ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ކުއާޓަރަކީ ފައިދާ ދަށް ކުއާޓަރެކެވެ.
އެމްޓީސީސީން އާންމުކޮށްފައިވާ ކުއާޓާލީ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ފައިދާއަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގެ ނަތީޖާއާ އަޅާބަލާއިރު 310 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ވަނީ 29.61 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާގެ މާލީ ނަތީޖާގެ ތަފްސީލަށް ބަލާއިރު އެމްޓީސީސީއަށް 353.54 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައި ވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 210.99 މިލިއަން ރުފިޔާއެވެ.
އެމްޓީސީސީން ބުނިގޮތުގައި، އެ ކުންފުންޏަށް މިހާ ބޮޑު ފައިދާއެއް ލިބިފައިވަނީ ކުންފުނީގެ ހިންގުމަށް ގެނެވުނު ހަރުދަނާ ބަދަލުތަކުގެ ސަބަބުން ހިންގުމުގެ ހަރަދުތައް ކުޑަކުރެވުމުންނެވެ. އޭގެ އިތުރުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެގޮތުން 53 މަޝްރޫއެއްގެ މަސައްކަތްކުރެވި ހަތަރު މަޝްރޫއެއްގެ މަސައްކަތް ނިންމާލެވިފައިވާއިރު ފުރަތަމަ ކުއާޓާގައި 11 ރަށެއްގެ ޕްރޮޖެކްޓުގެ މަސައްކަތުގެ އަމަލީ މަސައްކަތް ވަނީ ފަށައިފައެވެ.
އެމްޓީސީސީން ބުނީ، ކޮވިޑް 19ގެ ސަބަބުން އެކުންފުނީގެ ވިޔަފާރިތަކަށް ކުރަމުން އަންނަ އަސަރު ކުޑަކުރުމަށް އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް އަންނަނީ އެކުލަވާލައި ހާލަތު ބަދަލުވަމުން އަންނަ މިންވަރަށް ރިއާޔަތްކޮށް މުރާޖައާ ކުރަމުން ކަމަށެވެ.
އެހެންނަމަވެސް ކޮވިޑާ ގުޅިގެން ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި މާލީ ނަތީޖާ ހޯދުމަށް މިއަހަރުގެ ކުރިއަށް އޮތް ބައިގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި ފަރުވާތެރިކަމާއެކު ވިޔަފާރިތަކަށް މިހާލަތުގައި ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ވިޔަފާރި ކުރިއަރުވައި، ކުންފުނީގެ މަގްސަދުތައް ހާސިލްކުރުމަށް ހިކުމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމުގެ ޔަގީންކަން އެކުންފުނިން ދެއެވެ.