ވާހަކަ

ދެކިލަން އެދޭތީ - 11

1

ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ދުއްވައިގަންނަން އީވާގެ ޒަމީރު އޭނައަށް އިރުޝާދު ދިނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެޚިޔާލު ދޫކޮށްލެވުނީ އެފަދައިން ކަންތައް ކުރުމުން އޭނަ ފަހަތުން އަންނަން މާކިންއަށް ހިތްވަރުލިބިދާނެތީއެވެ. ފިލާވަޅެއް ދަސްކޮށްދީގެން މެނުވީ މާކިންގެ ހަރު ސިކުނޑިއަށް އެއްޗެއް ނުވިސްނޭނެއެވެ. ނަފުސުގެ މައްޗަށް ސަވާރުވަމުން ދިޔަ ބިރުވެރިކަމާ ކުރިމަތިލާން އީވާ ގަސްދުކުރިއެވެ. ފިނޑިކަމާއި ޖެހިލުންވުން އިސްކޮށްފިނަމަ މާކިން ކަހަލަ އަހުލާޤެއް ނެތް ފިރިހެނުންނަށް ފިލާވަޅެއް ދަސްކޮށްނުދެވޭނެއެވެ. އެފިރިހެނާގެ ހިޔަނި ވެސް ފެންނަން ބޭނުން ނުވާތީ އީވާ ގަސްދުކުރީ މާކިންއާއި ކުރިމަތިލާށެވެ. މާކިން ކުރަމުންދާ ކަންތައް އޭނައަށް ފަޅާއަރައިފިކަމަށާއި، މާކިންގެ ވިޔާނުދާ އަމަލުތައް ވަގުތުންވަގުތަށް ހުއްޓާލުމަށް އިންޒާރުދޭން އޭނަ އަޒުމުކަނޑައެޅިއެވެ.

ހިތްވަރުގަދަކުރަމުން އީވާ ފަސްއެނބުރި ބަލައިލިއެވެ. އޭރު އީވާއަށް މަގުހުރަސްކުރަން އޮތް ކަފިހުރަހާ ތަންކޮޅެއް ދުރަށް އާދެވިއްޖެއެވެ. މާކިން ވެސް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލަމުން ކަފިހުރަސް ކުރިމައްޗަށް ހުއްޓިއްޖެއެވެ. ކަފިހުރަހުގެ ސިގްނަލް ރަތްކުލައިން ދިއްލިފައިވާތަން ފެނި ކަންފަތުގައި އޮތް ހެޑްސެޓް އޭނަ ނެގިއެވެ. ސޯޓުގެ ޖީބުގައި އޮތް ފޯނު ނަގައި ކުޅެން ފެށިއެވެ. އެމޫނުމަތިން ފެންނަނީ ސިއްރުވެރިކަމެވެ. މާކިންގެ އަމަލުތަކުން އީވާގެ ހިތުގައި ވަކިން ބޮޑަށް ޝައްކު އުފެދުނެވެ. ކަމެއް ސިއްރުކުރަން އުޅޭހެން ހީވާތީއެވެ. އެމަންޒަރު ބަލަން ހުރި އީވާއަށް ޗޮކެއް ކަނޑާލެވުނެވެ. މާކިން އެއުޅެނީ އޭނަ މޮޔަ ހައްދަން ހެއްޔެވެ؟

''ޔޫ ގޮޓް ޓު ބީ ކިޑިންގް މީ، މިހާރު ވަގު އަތުލައިގަނެވުނީމަ އެއުޅެނީ ނޭނގޭ ކަމަށް ހެދެން، ވަރެއްގެ ފިރިހެނެއް، ކާކަށް އޮޅުވާލާނަމޭ ހިތާތަ ތިއުޅެނީ، ހުއް...'' މާކިންގެ އަމަލުތައް ހުރިގޮތުން އޭނައަށް އީވާ ފެންނަ ކަމަކަށް ވެސް ނުވިއެވެ. އެއާއެކު އީވާގެ ހިތުގައި ރުޅިވެރިކަމުގެ ވިންދު ޖަހާލައިފިއެވެ. ބިރުވެރިކަން ފިލައިގޮސްފިއެވެ. ވަގުތުން މާކިން ކައިރިއަށް ހިނގައިގަނެވިއްޖެއެވެ. ފުސްމޫނަކާއެކުގައެވެ.

''ކީއްވެ އަހަރެންގެ ފަހަތުން ތިއަންނަނީ؟، ކޮބާތަ ބޭނުމަކީ؟، ތިހެން އަންހެންކުދިންގެ ފަހަތުން އަޅުވާލުމަކީ ކުށެއް، ޕޮލިހަށް ނާންގަނީސް ދުރަށް ދާން އުޅޭ، ފޫހި މީހާގަނޑު!...'' ރުންކުރު ރާގަކަށް އީވާ ހަޅޭއްލަވައިގަތެވެ. އީވާގެ އަޑަށް މާކިންއަށް ލިބުނީ ހައިރާންކަމެކެވެ. ފޯނު ތިރިކޮށްލަމުން އޭނަ ބަލައިލިއެވެ. އީވާގެ ފައިން ފެށިގެން ގޮސް ބޮލަށް ދިން ނަޒަރާއެކު އޭނަގެ ބުމަ ގޮށްޖެހިއްޖެއެވެ. ފޫހިކަން އެމޫނަށް ވެރިވެގެން ދިޔައެވެ.

މާކިންގެ ބެލުމުން އީވާއަށް އުނދަގޫވެ ލޯއަޅާލިއެވެ.

''ޕަވާރޓް!...'' ދެއަތް ގެނެސް މޭގައި ހުރަސްކޮށްލަމުން ރުޅިވެރިކަމާއެކު އީވާ ބުނެލިއެވެ. އެންމެ ތަންފުކެއް ވެސް ދޫދޭކަށް އޭނަ ބޭނުމެއް ނުވިއެވެ. ބިރުވެރިކަން ހިތުގައި ވަންހަނާ ކުރަމުން އޭނަ މާކިންއާ ކުރިމަތިލައިފިއެވެ.

''މޮޔައެއްތަ ތީ؟، އަހަރެން ތިއަންހެންކުއްޖާގެ ފަހަތުން އެބަ ދަންތަ؟، އަހަރެން މިދަނީ ގެއަށް ދާން، އެހެނޭ ކިޔާފައި އަހަރެން ފަހަތުއަޅުވާލިކަމަށް ވޭތަ؟، ތިކުއްޖާ ތިއުޅެނީ އަހަރެންގެ ނެއިބާހުޑަށް އައިސްގެން... އަހަރެން އަބަދު ދުވަން ނިކުންނަ ސަރަހައްދު މިއީ... މަތިންބައިންޖެހިގެން މިތަނަށް އައިސްގެން ތިއުޅެނީ ތިކުއްޖާ... އެހެންވީމާ ތުހުމަތުގެ އިނގިލި އަހަންނަށް ވެސް ދިއްކުރެވޭނެ ދޯ... އެހެންވިއްޔާ އަހަރެންގެ ފަހަތު އަޅުވާލައިގެންތަ ތިކުއްޖާ ތިއުޅެނީ!... ކިހިނެއްވީ ޖަވާބު ނުދެވިފަ ތިހުންނަނީ، އައިމް އާސްކިން އިފް ޔޫ އާރ ސްޓޯކިންގް މީ، ފިރިހެންނުން ފަހަތު އަޅުވާ އަންހެނުން ވެސް އުޅޭ!، އެމީހުން ވެސް ޕޮލިހަށް ރިޕޯޓް ކުރެވޭކަން އެނގޭތަ!...'' މާކިންއަށް ބުމަ ކައިރިކޮށްލެވުނެވެ. އީވާ އޭނަގެ ބޮލުގައި އެޅުވި ދޮގު ތުހުމަތުތަކުން ރުޅިވެރިކަން އެމޫނުމައްޗަށް ވެރިވެއްޖެއެވެ. އައި ރުޅީގައި މުށުތެރޭގައި އޮތް ފޯނަށް ބާރުކޮށްލެވުނެވެ. ރުންކުރުކަން އެދެލޮލުގައި ވިއެވެ. އީވާ ފެނި އޭނަގެ ތަބީއަތު ގޯސްވެއްޖެކަމުގެ އަސަރު މޫނުމަތިން ހާމަކޮށްދިނެވެ.

''އަހަންނަށް ކިޔަނީ ތިކުއްޖާއެއް ނޫން... އީވާ!، އެއީ އަހަރެންގެ ނަމަކީ...'' މާކިން އޭނައާއި މުހާބަތު ކުރި ގޮތާ މެދު ހިތްހަމަނުޖެހުމުން އީވާއަށް ބުނެވުނެވެ. މާކިންގެ ވާހަކަދެއްކުމުގެ ރާގުން ހީވަނީ އީވާ ދައްކޮށްލަން އުޅޭހެންނެވެ. އެކަމާ އެއްޗެއް ނުބުނެ ހުރުން ވެގެން ދިޔައީ އީވާއަށް އުނދަގޫކަމަކަށެވެ. ރައްދުދެވުނީ އެހެންވެއެވެ.

''މީ އަހަރެން އުޅޭ ސަރަހައްދު، އެހެރީ އަހަރެން އުޅޭ އެޕާރޓެމެންޓް، ތިހެން ބުނަންޏާ އަހަންނަށް ބުނެވިދާނެ ދޯ ތިއަންހެންކުއްޖާ ވެސް އަހަރެންގެ ފަހަތު އަޅުވާލީއޭ، މީހުންނަށް ތިހެން ތުހުމަތުގެ އިނގިލި ދިއްކުރާއިރު ތަންދޮރު ބަލަން ޖެހޭނެދޯ، ތިމާ މީހާ މިނަށްވުރެ މޮޔަ ވިޔަސް ތީ ބޮޑު ވަރު... ފިލްމު ބަލަމުން ގޮސް ސޭކަކަށް ވީތަ؟، ވާހާ ކަމެއް ތިމަންނާއާ ގުޅުވާލެވެނީ އެހެންވެދޯ؟...''

''މޮޔައެކޭ؟، ސޭކެކޭ؟... އަހަންނާ ދިމާއަށްތަ މޮޔައެކޭ ތިކިޔަނީ؟'' އީވާއަށް ދެލޯބޮޑުކޮށްލެވުނެވެ. ފިރިހެނަކު އަންހެންކުއްޖަކާ އެފަދަ މޭރުމަކުން ވާހަކަދައްކަފާނެކަން ޤަބޫލުކުރަން އީވާއަށް އުނދަގޫވިއެވެ. ޤަބުލުކުރަން ދަތިވެފައިވާ ހާލު ބަލަން ހުރެވުނެވެ.

''އާނ، ދެން އިތުރު މީހަކު މިތަނުގައި އެބަހުރިތަ، ބުނަންތަ ރަނގަޅު ވާހަކައެއް!، ތިމާއަށް ތިމާ ފެނިފަ ހުއްޓަސް ތީ ބޮޑުވަރު އެނގޭ...'' އީވާއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން މާކިން ބުންޏެވެ.

''ޔޫ އިޑިއަޓް...'' އީވާއަށް ކުޑަ ހަޅޭކެއްގެ އަޑާއެކު ބުނެވުނެވެ. ރުޅިގަދަވެގެން ގޮސް އެދޮން މޫނު ރަތްވެއްޖެއެވެ.

''އަހަރެންތަ މިހާރު މޮޔައަކަށް ވީ!، ފުރަތަމަ ތިކުއްޖާއެއްނު މޮޔަ ޚިޔާލުތައް ކުރަން ފެށީ؟، އަހަރެން ސްޓޯކް ކުރަނީއޯ!، ވަޓް އަ ޖޯކް!، އަހަރެން މިއުޅެނީ ކުރާނެ ކަންތައް މަދުވެގެނެއް ނޫން...'' އީވާއަށް ފުރަގަސްދެމުން މާކިން ބުނެލިއެވެ. އޭނަގެ އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ. ސިގްނަލްއަށް އަނެއްކާ ވެސް އޭނަ ބަލައިލިއެވެ. މަގުން ދުއްވާއެއްޗެހި ހުރަސް ކުރަމުން ދިޔަކަމުގައި ވިޔަސް ކުރިއަށް ހިނގައިގަންނަން އޭނަ އުޅުނެވެ. ހުއްޓެވުނީ އީވާ ބުނެލި ޖުމްލައިންނެވެ.

''ހެހެހެ، ތިހެން ބުނަން ކުރެނުކަމާ މެދު އަހަރެން ހައިރާންވެއްޖެ، އަމިއްލަ ސޫރައަށް އެންމެފަހުން ބަލައިލީ ކޮން ދުވަހަކުތަ، އަމިއްލަ ސޫރަ ލޯގަނޑުން ބަލާފަ ދެން އަހަންނާ ދިމާއަށް ތިހެން ބުނެބަލަ، ފޮނި ބޮޑު މީހެކޭ، ވަރަށް ފޫހިވޭ، ދެން އަހަންނާ މީގެ ފަހުން ވާހަކަނުދައްކާތި، އެއް ކްލާހެއްގައި އުޅުނަސް ފެންނަ ކަމަށް ހަދާކަށް ބޭނުމެއް ނޫން!...'' މާކިންއަށް ކަޅިއަޅާލަމުން އީވާ ބުނެލިއެވެ. ފުރަގަސްދީގެން ހުރި މާކިންގެ ބުރަކައްޓަށް ހަމަލާއެއް ދީފާނަމޭ ވެސް އީވާގެ ހިތަށް އެރިއެވެ. ރުޅިގަދަވެގެން ގޮސް އޭނަ ތުރުތުރުއަޅަން ފަށައިފިއެވެ.

''އަހަރެން ވެސް ނޫޅޭން ސޭކު މީހުންނާ ވާހަކަދައްކާކަށް...'' އީވާއަށް ބެލުމެއް ނެތި މާކިން ވާހަކަދެއްކިއެވެ. ''އެހެން ނޫނަސް އަހަންނެއް ނޫން ދޯ ފުރަތަމަ ވާހަކަދެއްކީ ވެސް...''

''ޔޫ އެރޮގެންޓް ޖާރކް، އަހަރެންގެ ގާތުން މަޢާފަށް އެދެން ވީމަ އަދިވެސް ތިމާއަށް ތިމާ ފެނިގެން ޒުވާބުކުރަނީތަ!...'' މާކިންގެ ޖުމްލައިން އީވާގެ އަނގަ ސަކަރާތް ވެއްޖެއެވެ. މާކިން ބުންޏެއްކަމަކު ފުރަތަމަ ވާހަކަދައްކަން ފެށީ އޭނައެވެ. މާކިންގެ ބޮލުގައި ތުހުމަތުތަކެއް އަޅުވަމުންނެވެ. ނަމަވެސް އެކަން ޤަބޫލުކުރަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. ތުންއަނބުރާލައިގެން ހުރެވުނެވެ.

''މަޢާފަށް އެދޭވަރުގެ ކަމެއް އަހަންނެއް ނުކުރަން!...'' މާކިން ބުންޏެވެ. އެވަގުތު ކަފިހުރަހުގެ ސިގްނަލް ފެހިވުމުން ހަލުވި ފިޔަވަޅުތަކެއްގައި އޭނަ ހިނގައިގަތީ ކުރިމަތިން ފެންނަން ހުރި އިމާރާތާ ދިމާއަށެވެ.

އީވާ ބަލަން ހުއްޓާ މާކިން ގޮސް އެއިމާރާތުގެ މައިދޮރުން އެތެރެއަށް ވަދެއްޖެއެވެ. ކުރިއަށް ހިނގައިގަންނަން އުޅެފައި ވެސް މާކިން ހަދަނީ ތެދުތޯ ޔަޤީންކުރަން އީވާ މަޑު ކުރިއެވެ. ދިހަ ވަރަކަށް މިނެޓް އެގޮތުގެ މަތިން ފާއިތުވެގެން ދިޔައެވެ.

''އަހަންނަށް ކުރެވުނު ކުށްހީއެއްތާ ދޯ، އެކަމަކު އޭނަ އުޅޭ ގޮތަކުން އެހެން ހީނުވިއްޔާ ދެރައެއްނު، އަދި އަހަންނާ ވާހަކަދެއްކި ގޮތް ވެސް ބަލާބަލަ، މީހުންނަށް ޤަދަރުކުރުމެއް ނެތް، ނުލަފާ މީހާގަނޑު...'' މާކިން ދޮގު ނުހަދާކަން ޔަޤީންވުމުން ވެސް ބަލި ޤަބުލުކުރާކަށް އީވާ ބޭނުމެއް ނުވިއެވެ. އޭނަގެ ނިޔަތް ދިފާއު ކުރަމުން ހިތަށް ވިސްނައިދިނެވެ. ތުންއަނބުރާލާފައި ހިނގައިގަތީ ދެން ދުވަހަކު އެމަގާއި އެހިސާބަށް ވެސް ނާރާނަން ކަމަށް އަމިއްލަ ނަފުސަށް ވަޢުދުވަމުންނެވެ.

*****

''މޯރނިންގް...'' ކާމޭޒުދޮށުގައި އިން ރައުހާއަށް އެތެރެއަށް ވަން އީވާ ފެންނައިރަށް ހިނިތުންވެލިއެވެ. އީވާގެ މޫނުން ފެންނަމުން ދިޔަ ޝުޢޫރުތަކުން އޭނައަށް ހައިރާންކަން ލިބުނެވެ. ކަމަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރިކަން ބަނަވެފައިވި މޫނުން ހާމަކޮށްދެއެވެ. ކާން އުޅުނު ޕާންފޮތި ތަށީގެ ތެރެއަށް ދޫކޮށްލަމުން ރައުހާއަށް ބަލަން އިނދެވުނީ އީވާގެ ހަރަކާތްތަކަށެވެ. އީވާގެ ނުރުހުންތެރިކަމާ އޭނައަށް ގުޅުވާލެވުނީ އެންމެ ކަމަކާއެވެ. ދުވަން ދާނަމޭ ބުނެފައި ވެސް ނިދުމުން އެކަމާ މެދު އީވާ ހިތްހަމަނުޖެހުނީބާވައޭ ރައުހާގެ ހިތަށް އެރިއެވެ.

އައިސްއަލަމާރި ހުޅުވާލަމުން ފެންފުޅިއަކާއި ތަށްޓެއް ހިފައިގެން ގޮސް އީވާ ކާމޭޒުދޮށުގައި އިށީނެވެ. މީހާގެ ތަބީއަތު ހަރާބުވެފައިވުމުން ވާހަކަދައްކަން އީވާ ބޭނުމެއް ނުވިއެވެ. ތަށްޓަށް ފެންއަޅަމުން އެއްނޭވާއިން ދަމާލައިފިއެވެ. އެގޮތުގެ މަތީން ދެތިން ފެންތަށި ހުސްކޮށްލެވުނެވެ. ފިނިފެނުގެ ސަބަބުން ވެސް މޭގައި އަނދަމުން ދިޔަ ހުޅުގަނޑުގެ ހޫނުކަން ފަސޭހަކޮށެއް ނުދެވުނެވެ. އެކަމާވެސް އީވާ ރުޅިގަދަވިއެވެ. ސިކުނޑީގައި ތަކުރާރުވާން ފެށީ މާކިންއާއި ކުރެވުނު ޒުވާބެވެ. މާކިން އޭނައާއި ވާހަކަދެއްކި ރާގެވެ. އެއާއެކު ތުނބުގައި ޖައްސާލަން އުޅުނު ފެންތަށި އީވާއަށް މޭޒު މަތީ ބެހެއްޓުނީ ތަންކޮޅެއް ބާރަށެވެ.

''އީވް...'' އީވާއަށް ބަލަން އިން ރައުހާއަށް ގޮވާލެވުނެވެ. އޭނައަށް ދެލޯ ބޮޑުކޮށްލެވުނެވެ. އީވާ އެހާ ރުޅިގަދަވެފައި ވަނީ އޭނައަށް ދުވަން ނުދެވުމުން ހެއްޔެވެ؟ ނޫނީ އެހެން ކަމެއް ކުރިމަތިވީ ހެއްޔެވެ؟ ރައުހާގެ ހިތުގައި ސުވާލު އުފެދުނެވެ.

''ކަމެއް ވީތަ؟...'' ރައުހާއަށް އަހާލެވުނެވެ. ނުރުހުންތެރިކަން އެކުލެވިގެންވި ބެލުމެއް ރައުހާއަށް ދެމުން އީވާއަށް ތުންފަތް ދަމާލެވުނެވެ.

''އަހަންނަށް އީވްއާއެކު ދުވަން ނުދެވުނީމަތަ ތިހާ ރުޅިގަދަވެފަ ތިއިނީ؟...'' ރައުހާއަށް އަހާލެވުނެވެ. އޭނައަށް ހީކުރެވުނީ އީވާ ރުޅިއައިސްފައި އިނީ އޭނަ ދެކެ ކަމަށެވެ.

''ނޫން!، ދުވަން ގޮސް ފާޑެއްގެ މީހާގަނޑަކާ ދިމާވީ...'' އީވާއަށް ބުނެވުނެވެ.

އިތުރު ހައިރާންކަމެއް ރައުހާއަށް ލިބުނެވެ. ސުވާލުނުކޮށް މަޑަކުން ނީދެވުނެވެ. ''ކާކުތަ؟... ހީވަނީ ކޮންމެވެސް ކަމެއް ވެއްޖެހެން!...'' ރައުހާ ދެލޯބޮޑުކޮށްލިއެވެ. ''އީވްއަކީ ތިހާ ރުޅިގަދަ މީހެއް ނޫން...''

''ދެން އިތުރު ކާކު!، އެފޮނި ފިރިހެނާ!... ރުޅިގަދަ ނުވިއްޔާ ވެސް ދެރައެއްނު!...'' ބޭއިހްތިޔާރުގައި އީވާއަށް ބުނެވުނެވެ. ދުލުން ބުނެވުނު އެއްޗެއް ރޭކާލި ހިނދު ހައިރާންވެފައި އިން ރައުހާ އޭނައަށް ފެނުނެވެ.

''ކާކުތަ؟، މާކިންތަ؟... ކޮންތަނަކުންތަ އީވްއާ އޭނަ ދިމާވީ؟، އޭނަ އުޅެނީ މިހިސާބުގަނޑުގަތަ؟، އެކަމަކު އަހަރެން އޭނައަށް ނުދެކެން...'' ރައުހާއަށް ލިބުނު ހައިރާންކަމާއެކު ސުވާލުތަކެއް އަމުނާލެވުނެވެ. އޭނަ އިން ގޮނޑިން ތެދުވެގެން އައިސް އީވާއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. އީވާގެ ވާހަކަތަކަށް އޭނަ ޝައުޤުވެރިވެއްޖެކަން ގައިމެވެ.

ރައުހާގެ ސުވާލުތަކަށް ނިމުމެއް ނާންނާނެކަން އެނގޭތީ އީވާއަށް އެންމެފަހުން މަޖުބޫރުވީ ކިޔައިދޭށެވެ. އެހާދިސާ ކިޔައިދެމުން ދިޔަ އިރު އީވާގެ މޫނަށް ގެންނަމުން ދިޔަ ހަރަކާތްތަކާއެކު ރައުހާއަށް ނުހީ އިނދެވޭ ގޮތެއް ނުވިއެވެ. އެއިން ކޮންމެ ފަހަރަކު އީވާ ލޯއަޅާލައެވެ. ވާހަކަ މެދުކަނޑާލައެވެ. އަނެއްކާ ވެސް ކުރިއަށް ގެންދަނީ ރައުހާ ކެނޑިނޭޅި އާދޭސްކުރަން ފެށުމުންނެވެ.

އީވާގެ ވާހަކަތައް ނިމުމުން ރައުހާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އީވާ ދެލޯހަނިކޮށްލި މަންޒަރު ފެނި އޭނައަށް އަނގަމަތީ އަތް އަޅާލެވުނެވެ.

''ސޮރީ...'' ހިނިގަނޑު ހިންދާލަން މަސައްކަތްކުރަމުން ރައުހާ ބުންޏެވެ.

''ހާދަ ރުޅިގަދަވިއޭ އެގަޑީގަ، އަދި އަހަންނާ ދިމާއަށް ބުނީ މޮޔައެކޯ، ސޭކު މީހެކޯ، ތިކުއްޖާއޭ ކިޔާފައި ވާހަކަދެއްކީ ވެސް، ފޮނިބޮޑު މީހާގަނޑެއް، ވަރަށް ފޫހިވޭ...'' ތުންގަނޑު ދަމާލަމުން އީވާ ކުދިކިޔަން ފެށިއެވެ. ހީވަނީ ކުޑަކުއްޖަކު ރުޅިއައިސްގެން އުޅޭހެންނެވެ.

''ކޮންކަހަލަ އިއްތިފާޤެއްތަ؟.... އަށް މިލިއަން މީހުން ދިރިއުޅޭ ތަނަކުން ވެސް ހަމަ އޭނައާއި އީވް ބައްދަލުވީ، ހުރިހާ ހިސާބުގަނޑެއްގެ ތެރޭން ވެސް އޭނަ އުޅޭ ހިސާބުގަނޑަށް ދުވަމުން ދެވުނީ...'' އީވާގެ ވާހަކަތައް ޤަބޫލުކުރަން ދަތިވެފައިވާ ރާގަކަށް ރައުހާ ބުނެލިއެވެ. އޭނަގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ.

''އާނއެކޭ، އަހަރެން ހީކުރީ އޭނަ އަހަރެން ފަހަތު އަޅުވާލީ ކަމަށޭ...'' އީވާއަށް ބުނެވުނެވެ.

''ހެހެހެ، އަދި އޭނައާއި ދިމާއަށް އެއްޗެހި ވެސް ކިޔާލާފަ ތިއައީ، ޓެކްސީ ވަގަށް ނެގުމާ، އީވްގެ ގައިގައި ޖެހިގަތުމަށްފަހު މަޢާފަށް ނޭދުމާ ހުރިހާ ކަމެއް އެއްކޮށްލާފަ ދޯ އޭނައާއި ކުރިމަތިލީ... އެކަމަކު ވެސް ވިސްނާލިނަމަ، އީވްއާއި އޭނަ ބައްދަލުވީ އިހަށްދުވަހު، ދެމީހުން އެހާ ބޮޑަށް ޒުވާބުކުރީކީ ވެސް ނޫން...... އެކަމަކު ވެސް ކޮންކަހަލަ ތުހުމަތެއްތަ އޭނަގެ ބޮލުގައި އަޅުވާލީ...'' ރައުހާ ބުނެލިއެވެ. އީވާގެ ވިސްނުން ހުރި ގޮތް އޭނައަށް މަޖާވިއެވެ. ''ފިލްމުތައް ބެލުމުގެ ނަތީޖާ ހެން އަހަންނަށް ހީވަނީ!...''

''ތީ އަހަރެންގެ އެކުވެރިޔެއްތަ ނޫނީ އޭނަގެ އެކުވެރިޔެއްތަ؟... ރައުއާ މެދު އޭނަ ކަންތައް ކުރި ގޮތް މިހާއަވަހަށް ހަނދާން ނެތުނީތަ؟...'' ހިތްހަމަނުޖެހުމާއެކު އީވާ ބުނެލިއެވެ. އަދި ގޮނޑިން ތެދުވުނެވެ. އެމަންޒަރު ފެނުނު ރައުހާ އަވަސްއަވަހަށް އުޅުނީ އީވާ މަސަލަސް ކުރާށެވެ.

''ސޮރީ!، ދެން އެވާހަކަ ނުދައްކާނަމޭ... އެކަމަކު ދެންވެސް އެކަހަލަ ތުހުމަތެއް ޔަޤީން ނުވާހާ ހިނދަކު މީހެއްގެ ބޮލުގައި ނާޅުވައްޗޭ، ލުކް އެޓް ދި އައުޓްކަމް، އޭނަ ދެން ހުންނާނީ އީވް ދެކެ ރުޅި އައިސްފައި...'' ރައުހާ މަޢާފަށް އެދުނެވެ.

''އޭނަ ހުންނަ ގޮތަކުން އެހެން ހީނުވިއްޔާ ދެރައެއްނު، ދެން ވަރިހަމަ، އަހަންނަށް ކީއްތަ އޭނަ ރުޅިގަދަ ވިޔަސް...'' ތުންއަނބުރާލަމުން އީވާ ބުނެލިއެވެ. އޭނަގެ ރުޅިގަނޑު އަދި ވެސް ފިންޏެއް ނުވެއެވެ.

*****

އެދުވަހު ކޮލެޖުން މާކިން ފެނުމުން ރައުހާއަށް ނުހެވުނީ ހަމަ ކިރިޔާއެވެ. އީވާ އޭނައަށް ދިން އިންޒާރުގެ ނަޒަރާއެކު ތުން ފިއްތާލެވުނެވެ. އީވާއާއި ރައުހާގެ ކައިރިން ލާފައި ގޮސް ކްލާހަށް ވަންއިރުގައި ވެސް މާކިން ބަލައެއް ނުލިއެވެ. އޭނަގެ މޫނުމަތިން އެއްވެސް އިހުސާސެއް ފާޅެއް ނުވެއެވެ. އެމަންޒަރު ބަލަން ހުރި ރައުހާއަށް ހިމޭނުން ނުހުރެވުނެވެ.

''ވާއު!، ހީ އިސް ސޯ ކޯލްޑް!...'' ސިއްރެއް ބުނެލާހެން އީވާގެ ކަންފަތް ދޮށުގައި ރައުހާ ބުންޏެވެ. އީވާގެ ޝައުޤުވެރިކަމެއް ނެތެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރު ވެސް މާކިންގެ ފަރާތުން ފެންނަނީ އާދައިގެ މަތިން ފެންނަ ރުޅިވެރިކަމާއި ރުންކުރުކަމެވެ. މޫނުމަތިން އޯގާތެރިކަމެއް ނުފެނެއެވެ. ފެންނަނީ ހިމޭންކަމެވެ. ކްލާހުގައި އުޅޭ އެއްވެސް މީހަކާއި އަނގަޔަކުން ނުބުނެއެވެ. ވާހަކަދެއްކިޔަސް ދަނީ ދުރަށެވެ. އެހީއަކަށް އެދުނަސް ދެނީ ފުރަގަހެވެ. އޭގެ ސަބަބުން މާކިންއަށް ކިބުރުވެރިކަމާއި ބޮޑާ ކަމުގެ ލަޤަބު ލިބިގެން ދިޔައެވެ. ހުރިހާ އެންމެން ވެސް މާކިން ބާކީކޮށް އެކަހެރި ކުރާތީ އެކަމާ އެންމެ އުފާވަނީ އީވާ އެވެ. އޭނަ ހުރީ މާކިންއަށް އަމާޒުވަމުން ދިޔަ ރުޅިވެރިކަމާއި ނަފުރަތާ މެދު ނިކަން ހިތްހަމަޖެހިފައެވެ. އުފާވެފައެވެ. ތުންފަތަށް ވެރިވާ ސިއްރުވެރި ހިނިތުންވުމުން އެކަން ސާބިތުކޮށްދެއެވެ.

''އެކަހަލަ މީހަކަށް ހަމަ ވާން ވީ ގޮތަށް އެވަނީ...'' އީވާއަށް އޭނަގެ ޒަމީރާ ވާހަކަދައްކާލެވުނެވެ. މުޖުތަމައުގެ ތެރެއިން މާކިން ބާކީވަމުންދާ މަންޒަރުން، ރުޅިވެރިކަމުން އަނދަމުން ދިޔަ އޭނަގެ ހިތަށް ފިނިކަމެއް ގެނެސްދިނެވެ.

މާކިންއާއެކު އެއްތަނެއްގައި އިންނަން އެއްވެސް މީހަކު ބޭނުން ނުވާތީ އެންމެ ކުރީ ގޮނޑިބަރީގައި މާކިން އިންނަނީ އެކަންޏެވެ. އެކަމާ މާކިން ހުންނަނީ ހިތްހަމަޖެހިފައެވެ. އެކުވެރިކަމަށް ވުރެން ބޮޑަށް އެކަނިވެރިކަމަށް ލޯބި ކުރާ ކަހަލައެވެ. ދުނިޔޭގެ އެއްވެސް ކަމަކަށް އޭނަގެ ސަމާލުކަމެއް ނެތެވެ. މީހުން އޭނައާ މެދު ދެކެނީ ކިހިނެއްކަމާ މެދު ފިކުރު ހިންގާހެނެއް ވެސް ހިޔެއް ނުވެއެވެ.

(ނުނިމޭ)