ރިޕޯޓް

ބަޔަކު ކެތްތެރިކަން ކޮޅުންލިޔަސް ސަރުކާރުގެ ހުރިހާ ވިސްނުމެއް، ހުރިހާ ހޭދައެއް ރައްޔިތުންގެ ރައްކާތެރިކަމަށް!

މުހައްމަދު ސިމާއު

2

އެއީ ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކެވެ. ވަސީލަތުގެ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ކުރިއަރާފައިވާ ގައުމުތަކެވެ. މުޅި ދުނިޔެ އެއް ފަރާތަށް އެރިޔަސް އާރާއި ބާރު، ފައިސާއާއި ނުފޫޒަށް ބަލާއިރު އެގައުމުތައް ބައްޔެއް ނުކުރެވެ އެވެ. ނަމަވެސް ސިއްހީ ތަޖުރިބާކާރުންނާއި ކަމުގެ މާހިރުންގެ ލަފަޔާއި އިރުޝާދަށް ބީރުކަންފަތެއް އެގައުމުތަކުގެ ލީޑަރުން ދިނެވެ. ސީނުކަރައިން ކޮވިޑް 19 މުޅި ދުނިޔެއަށް ފެތުރެން ފަށައި، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބަޔަކު މަރުވެގެން ދިޔުމުން ވެސް އެގައުމުތަކުގެ ވެރިން ވިދާޅުވަމުން ގެންދެވީ އެއީ އާދައިގެ ރޯގާއެއް ކަމަށެވެ. ވެކްސިނެއް ހޯދިދާނެކަމުގެ ފޮނި ވާހަކަ ދެއްކެވިއެވެ. ނަމަވެސް އެގައުމުތަކަށް އާހިރުގައި ނަތީޖާ ވަރަށް ވެސް ހިއްޗެވެ. ކޮވިޑްގެ ބަލިމަޑުކަން އެގައުމުތަކަށް ފެތުރި، ކޮންމެ ދުވަހަކު އެތައް ސަތޭކަޔަކުން، އެތައް ހާހަކުން މީހުންތައް މަރުވާން ފެށީއެވެ. އާދައިގެ ރޯގާއެއް ކަމަށް ވިދާޅުވި ބަލި މިއަދު ވަބާއަކަށް ބަދަލުވެއްޖެއެވެ. ދެވަނައެއް ނެތް ކަމަށް ބުނަމުންދިޔަ ބާރުގަދަ، ފުދިފައި އޮތް ސިއްހީ ނިޒާމުތައް ފުނޑުފުނޑުވެ ބަލިމީހަކަށް ގުޅައިލާނެ ވެންޓިލޭޓަރުގަނޑެއް ބާވާނެ އައިސީޔޫ ބެޑެއްވެސް ނެތި، ހޮސްޕިޓާތަކުގެ ބޭރުގައި ކިޔު ހަދައިގެން ތިބޭން ޖެހޭ ހާލަތަށް ދިޔައީ އެވެ. އުމުރުން ދުވަސްވީ މީހުން މަރުވާން ދޫކޮށްލާން ޖެހޭ ހިސާބަށްވެސް ހާލަތު ދިޔައީއެވެ. އެ ގޮތް ބޭނުންވެގެނެއް ނޫނެވެ. އެކަމަކު ސިއްހީ މާހިރުންގެ ބަސް ނާހައި، ސިޔާސީންގެ އަމިއްލަ ގޮތް މޮޅުވާނެ ކަމަށް ބަލައި، އެގޮތަށް އަމަލުކުރުންމަތީ ގަދަފައި ވިއްދީމަ އެވެ.

މިއަދު އެ ގައުމުތަކުގެ އިގްތިސާދު ވެސް އެދަނީ އިނދަޖެހެމުންނެވެ. ފުލުފުލުގައި ކޮވިޑުގެ އެތައް ރާޅެއް ބައެއް ގައުމުތަކަށް ވަނީ ނަގައިފަ އެވެ. މިއަދު ދުނިޔޭގެ ދިރާސާވެރީން ގަބޫލުކުރާ ހަގީގަތަކީ އެގައުމުތަކުން އެތައް ހާސް ފުރާނައެއް ގެއްލިގެން ދިއުމުގެ މައިގަނޑު ސަބަބަކީ ސިއްހީ މާހިރުންގެ ބަސް ނޭހުން ކަމަށެވެ. އަމިއްލަ ގޮތް އިހުތިޔާރުކޮށް ވާނެ އެއްޗެއް ވާން ދޫކޮށްލުމުން ކަމަށެވެ.

ހަތަރު ލައްކަ ހަމަނުވާ މި ކުޑަ ރާއްޖެއަކީ ނިކަމެތި ގައުމެކެވެ. ގައުމުގެ ރީތިކަން ބޭރު ކަރަކަރައިގެ މެހެމާނުންނަށް ވިއްކައިގެން، ބާނާ މަސްކޮޅު ބޭރަށް ފޮނުވައިގެން އިގްތިސާދު ހަމަޔަކަށް އަޅުވައިގެން އުޅެމުން އަންނަ ޖަޒީރާ ގައުމެކެވެ. މި ގައުމުގެ ރައްޔިޔުންގެ އެންމެ އަސާސީ ކަންކަމަށްވެސް އެހެން ގައުމުތަކަށް ބަރޯސާ ވާން ޖެހިފައިވާ ގައުމެކެވެ. މި ގައުމުގެ ސިއްހީ ނިޒާމު އޮތީ ފިރުކުމުގައެވެ. އެތައް ވެރީންނެއް އަރައި ފޭބިއިރުވެސް، އެކަށީގެންވާ ކުރިއެރުމެއް އެނިޒާމަކަށް ނައެވެ. އިޖްތިމާއީ އިގްތިސާދީ ގޮތުން އެތައް މައްސަލައެއް އެބަ ހުއްޓެވެ.

ނަމަވެސް މި ހުރިހާ ކަމަކާ އެކުވެސް، ކޮވިޑްގެ ބަލިމަޑުކަން މާލެއިން ފެނި މަހަކަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު މި ބަލި އަދި ރާއްޖެއިން ޖެހުނީ ހާހެއްހާ މީހުންނަށެވެ. ބަލީގައި މަރުވީ ހަތަރު މީހެކެވެ. މީގެންވެސް އެންމެންނަކީ ސީދާ ކޮވިޑު ބަލީގައި މަރުވި މީހުނެއް ނޫނެވެ. ބަންގްލަދޭޝް މީހާ މަރުވީ ސްޓްރޯކެއް ޖެހިގެންނެވެ. އޭނާ ހޭނެތުނީ، ކަޅުތުއްކަލާ ކޮށީގައި ހުރި ޖަންކްޝަނެއްގެ މަތިނެގި ވަގުތު އެރި ވަރުގަދަ ވިހަ ގޭހުގެ ސަބަބުންނެވެ. ހޮސްޕިޓަލަށް ގެންދިޔައީވެސް ހޭ ނާރައިގެންނެވެ.

ނިޒާމުތަކުގައި ހުރި އެތައް ގޮންޖެހުން ތަކަކާ އެކުވެސް، ކޮވިޑްގެ ބަލިމަޑުކަން މިވަނީ ކުރިން އަންދާޒާ ކުރިވަރާ ގާތަށްވެސް ރާއްޖޭގެ ނުފެތުރިއެވެ. އެކަމަށް ހަމްދު ކުރަމެވެ. ހިތާމަޔަކީ ސަރުކާރުން އެޅި ފިޔަވަޅުތައް ބައެއް މީހުން މިއަދު ބަލައިނުގަތުމެވެ. ސަރުކާރުން ކުރި އެ ހަރަދަކީ ބޭކާރު އެއްޗެއް ކަމަށް ބުނެ އެ ގޮތަށް ރައްޔިތުންނަށްވެސް ވިސްނައިދޭން މަސައްކަތްކުރަމުންދިއުމެވެ. މުޅި ގައުމުގެ ރައްކާތެރިކަމަށްވުރެ ވަކި ރަށެއް ނުވަތަ އަތޮޅެއްގެ ރައްކާތެރިކަން މުހިންމުވެ ކެތްތެރިކަން ކޮޅުންލައިގެން އުޅުމެވެ.

ނަމަވެސް މިކަމުގައި ސަރުކާރުން ހުރިހާ ފިޔަވަޅެއް ވެސް އަޅަމުން ގެންދިޔައީ ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދާ އެކުގައެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުން ތަޖުރިބާކުރި ހިތި ނަތީޖާއިން އިބުރަތް ލިބިގެން ތިބެ އެވެ. ބަލަބަލައި ތިއްބައި ދިވެހި އެތައް ހާސް ރައްޔިތުންނެއްގެ ފުރާނަ ދާތަން ދެކޭން ބޭނުން ނުވާތީ އެވެ. ހުދު ގައުމުގެ ވަލިއްޔުލްއަމްރު ވެސް ވިދާޅުވީ، އެންމެ އިސް ބަސް އަދި އެންމެ ފަހު ބަސް ވެސް ބުނާނީ ސިއްހީ މާހިރުން ކަމަށެވެ. ކޮންމެ ފުރާނައަކީ ވެސް އެހާމެ އަގުބޮޑު އެއްޗެއް ކަމަށް ވިސްނައިގެން، ސަރުކާރުން މަސައްކަތް ކުރަމުން އައީ ރައްޔިތުންގެ ރައްކާތެރިކަމަށެވެ. އިގްތިސާދުވެސް އަދި ދެން ހުރި އެހެން ހުރިހައިކަމެއްވެސް އަންނާނީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްވުރެ ފަހުން ކަމަށް ބުނަމުންނެވެ.

އެގޮތުން މާލެއިން ކޮވިޑް ޖެހިފައި ހުރި މީހަކު ފެނުނު ފުރަތަމަ ދުވަހު ސިއްހީ އިދާރާތަކާއި ކަމުގެ މާހިރުން ލަފާކުރީ ރާއްޖޭގައި 96000 ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހޭނެ ކަމަށެވެ. މާލެ ސަރަހައްދުން އެކަނި ވެސް 46000 ކަމަށް ނަންބަރު ޖަހައިގެންނެވެ. އަދި ކޮވިޑަށް ތައްޔާރު ނުވެ އޮއްވައި މުޖުތަމައުގެ ތެރެއަށް އެބަލި ފެތުރިއްޖެނަމަ 10000 އަށްވުރެ ގިނަ މީހުން މަރުވެދާނެ ކަމުގެ އިންޒާރު ދިނެވެ.

މިއީ ބޮޑެތި ހިސާބު ނަންބަރުތަކެކެވެ. މުޅި ގައުމު ބިރުން ސިއްސައިގެން ދިޔަ ނުރައްކާތެރި އިންޒާރުގެ އަދަދު ތަކެކެވެ. އެކަމަކު އެއީ އޭރުގެ ހާލަތު އޮތް ގޮތެވެ. އެ އަދަދުތަކަކީ، ދުނިޔެ އޭރު ދައްކަމުން ދިޔަ ހަގީގަތުގެ މައްޗަށް ނެރުނު އަދަދުތަކެކެވެ. ހަރުދަނާ ފިޔަވަޅެއް ނޭޅި، ސިއްހީ މާހިރުންގެ ބަސް ބޮލާލައި ޖެހި ގައުމުތަކުން އޭރު ދިޔައީ ދުވާލަކު އެތައްހާސް ބަޔަކު ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. މަރު މީޓަރު ދިޔައީ ރާސްލާފައި މައްޗަށެވެ. ކޮންމެ ދުވަހަކު އެތައް ހާސް މަރެކެވެ. ބަލަބަލައި ތިއްބައި ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކުގެ ސިއްހީ ނިޒާމުތައްވެސް ފެއިލިވެ، ފަރުވާ ދެވޭނެ ވަސީލަތްތައް ހުސްވެ، އެއްވެސް ފަރުވާއެއް ނުދެވިގެންވެސް މަރުވީ ކިތައް ހާސް މީހުންކަމެއް އެނގޭ ބަޔަކުވެސް ނެތެވެ.

ދުނިޔޭގެ ބޮޑުބަޔަކަށް ވައިރަސް ފެތުރި ގައުމުތަކުން ދަތުރުފަތުރު ހުއްޓާލަން ފަށާފައިވާތީ، އޭރުވެސް ރާއްޖޭގެ އިގްތިސާދު އޮތީ ކަރުތާފެނުގައެވެ. ގެނބެމުން ދަނީ އެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކަށް ވަމުން އަންނަ ގޮތަށް ބަލައި، ރައްޔިތުންގެ ރައްކާތެރިކަމަށް ސިއްހީ މާހިރުންނާއި ޑޮކްޓަރުންގެ އިރުޝާދާއެކު ސަރުކާރުން ހަރުދަނާ ބޮޑެތި ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. މިފިޔަވަޅުތައް އެޅުމުގައި ވިސްނުމަކަށް އިސްކުރީ އެންމެ ފުރަތަމަ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމެވެ. ގައުމު އޮންނާނީ އެ ގައުމެއްގައި ރައްޔިތުން ތިބެގެންނެވެ.

މާލެއިން ކޮވިޑް ފެނުނު ދުވަހު، ކުއްލިއަކަށް މުޅި މާލެ ލޮކްޑައުން ކުރިއެވެ. އެއީ މާލޭގައި ބަލި ޖެހިފައި ތިބީ ކޮން ބައެއްކަން ނޭނގޭ ހާލުގައި އޮތުމުން ރަށްރަށަށް ބަލި ދިއުމުގެ މަގު ބަންދުކުރުމަށެވެ. އެޔަށްފަހު އެއްރަށުން އަނެއް ރަށަށް ނުދެވޭނެ ގޮތަށް މުޅި ރާއްޖެ ވެސް ބަންދުކުރިއެވެ. މި ފިޔަވަޅުގެ ނަތީޖާއަކަށް ވެގެން ދިޔައީ ލޮކްޑައުންއަށް 30 ދުވަސް ވެގެން ގޮސްފައިވާ އިރު، ރާއްޖޭގެ ރަށްތަކުގެ ރައްޔިތުން މި ބަލީން ރައްކާތެރިކުރެވުމެވެ. އެޔަގީންކަން ލިބިގެން ދިޔުމެވެ. އަތޮޅު ތެރޭގެ ހަތަރު ރަށަކަށް މި ބަލި ގޮސްފައިވާ އިރު، އެ ހަތަރު ރަށަށް ވެސް ބަލި ދިޔައީ މާލެ ލޮކްޑައުން ކުރި ދުވަހު މާލޭން ފުރި ބޯޓަކުން ދިޔަ މީހުންގެ ޒަރީއާއިންނެވެ. އެކަމުން އެނގިގެން ދިޔައީ އެ ރަށްރަށަށްވެސް ބަލި ދިޔައީ މާލެއިން ކަމެވެ. އަދި މާލެއިން އަތޮޅުތަކަށް ދަތުރުކުރުން ބަންދު ނުކޮށް ހުޅުވާލާފައި އޮތް ނަމަ މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި މިބަލި ފެތުރިފައި އޮންނާނެ ކަމެވެ. އުމުރުން ދުވަސްވީ ގިނަ މީހުން ތިބީ ރަށްރަށުގައި ކަމުން، އެގޮތަށް ރާއްޖޭގެ ހުރިހާ ރަށަކަށް ބަލި ފެތުރޭން ދިމާވި ނަމަ، އެތައް ސަތޭކަ ނުވަތަ އެތައް ހާސް ބައެއްގެ ފުރާނަ ދިއުމުގެ ފުރުސަތު އޮތް ކަމެވެ.

ތޮއްޖެހިފައި އޮތް މާލޭގައި ބަލިޖެހޭ މީހުން ހޯލްތަކުގައި ސަރާސަރަށް އެނދު ޖަހައި، އެކަހެރިކޮށް ކަރަންޓީން ކުރުމަށް އޮތް ފަސޭހަ ގޮތުގެ ބަދަލުގައި މާލޭގައި ބަލި ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރަށް ކައިރި ރިސޯޓްތައް ކަރަންޓީން ފެސިލިޓީތަކަށް ހަމަޖެއްސީ މާލޭގެ ހާލަތު އޮތްގޮތަށް ބަލައި އެނޫން ގޮތެއް ނެތިގެންނެވެ. އެ ރިސޯޓްތަކުން ލިބެމުން އަންނަ ބިމު ކުލި ވެސް ގުރުބާން ކުރުމަށްފަހުއެވެ. ރިސޯޓުތަކުގައި މީހުން ކަރަންޓީނުކުރުމާއި އައިސޮލޭޓް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަން ކުރާބަޔަކަށް ވެސް މާލޭގައި އެކަން ކުރުމަށް އަދި ކަންކަން އިންތިޒާމުކޮށްލަން ހުރިހާ ގޮތަކުންވެސް ފަސޭހަ ވާނެ އެވެ. އެކަމަކު އާބާދީ އާއި ދިރިއުޅުމުގެ ހާލަތަށް ބަލާއިރު، މާލެއަކީ ޖަންގައްޔަކެވެ. މިތަނުގައި ބަލި މީހުންނަށް ފަރުވާ ދީ ފުރަތަމަ ދުވަހުން ފެށިގެންވެސް ގޭގޭގައި އެންމެން ކަރަންޓީނަށް ބައިތިއްބައިގެން އުޅުނު ނަމަ، މިއަދު މިއޮތް އަމާން އަދި ކޮންޓްރޯލް މާހައުލު ރާއްޖޭގައި ނޯންނާނެ ކަމަށް ތަޖުރިބާކާރުން ދެކިވަޑައިގަންނަވަ އެވެ. ހަރަދު ބޮޑަސް، ރައްޔިތުންގެ ރައްކާތެރިކަމަށް ބަލާއިރު، އަދި ފެތުރުން ކޮންޓްރޯލުކުރުމަށް ބަލާއިރު، ސަރުކާރުން ތަންފީޒުކުރި ސިޔާސަތު އެއީ ރައްޔިތުންގެ ރައްކާތެރިކަން އެންމެ ބޮޑަށް ކަށަވަރުކޮށްދޭ މޮޑެލެވެ.

މި ފިޔަވަޅުތަކާއެކު ވެސް މާލޭގައި ބަލި ފެތުރުނެވެ. ހާއްސަކޮށް ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ބައްޔަށް ހުށަހެޅުނެވެ. އެއީ ސަރުކާރަށް ދިމާވި އިތުރު ގޮންޖެހުމެކެވެ. ނަމަވެސް އެމީހުން އެމާހައުލުތަކުން ނެރެ ބައިތިއްބަން މާލެއިން ބޭރުގައި ފެސިލިޓީތަކެއް ސަރުކާރުން ހެދިއެވެ. ސިއްހީ ނިޒާމުގެ ތެރެއިން އެމީހުންނަށް ބޭނުންވާ ކަންތައްތައް ވެސް ސަރުކާރުން ހަމަޖައްސައިދިނެވެ. ކެއުން ބުއިމާއި ނިދޭނެ ގޮތް ހަމަޖައްސައިދިނެވެ. އެކަން ވެގެންދިޔައީ އިގްތިސާދަށް އޮތް ބުރައަކަށެވެ. ނަމަވެސް އެކަން ވެސް ސަރުކާރުން ކުރީ އެންމެންގެ ރައްކާތެރިކަމަށެވެ. މިއަދު މާލޭގައި ބަލި ކޮންޓްރޯލް ވެފައި މިއޮތީ އެޅި ހަރުދަނާ ފިޔަވަޅުތަކުންނެވެ. ފިކުރު ތަފާތަސް، މިކަން ގަބޫލުކުރާން ޖެހެ އެވެ.

މާލެ ލޮކްޑައުން ކުރުމުން ދެން ފެންމަތި ވީ ކުރު ޗުއްޓީއަށް ނުވަތަ ބޭހަށް މާލެ އައިސް ތިބި މީހުން މަގުމަތިވި ވާހަކައެވެ. ކޮވިޑާ ގުޅިގެން ކުލި ނުދެއްކި ކުއްޔަށް އުޅެމުންދިޔަ މީހުން ގެއިން ނެރެމުންދާ ކަމުގެ ޝަކުވާއެވެ. ނިކަމެތިވެ މަގުމަތީގައި ދިރިއުޅެމުން އަންނަ މީހުންގެ ހާލަތު އިތުރަށް ގޯސްވެގެންދިޔަ ވާހަކައެވެ. މި ހުރިހާ އެންމެން މިއަދާ ހަމައަށް ވެސް ބަލަހައްޓަމުން އެދަނީ ދައުލަތުންނެވެ. ދައުލަތުގެ ހަރަދުގައެވެ. ފޮނުވައިލެވެން އޮތް އެތައް ބަޔަކު އެމީހުންގެ ގައުމަށްވެސް ފުރުވާލައިފި އެވެ. އަނެއްކޮޅުން ބިދޭސީންގެ މައްސަލައަކީވެސް އެއްވެސް ސަރުކާރަކުން އަޅައި ނުލި މައްސަލައެކެވެ. ކުރީގެ ސަރުކާރުތަކުން އެމައްސަލަ ހައްލުކޮށްފައި އޮތް ނަމަވެސް، ރާއްޖޭގައި ކޮވިޑުގެ ހާލަތު މިއަދު ފެންނާނީ މުޅީން އެހެން ގޮތަކަށް ކަމަށް ދިރާސާވެރީން ދެކެއެވެ.

މި ހުރިހާ ކަމަކަށް ފިޔަވަޅުތައް އަޅަމުން، ފިރުކެމުން ދިޔަ ސިއްހީ ނިޒާމުވެސް ކޮޅަށް ޖަހައި ހާލަތުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރިއެވެ. އެގޮތުން އަންދާޒާ ކުރެވުނު ނަންބަރުތަކަށް ރިއާޔަތްކޮށް ސިއްހީ މާހިރުން ހެއްދެވީ ނެޝަނަލް ރިކުއާމަންޓް ލިސްޓެކެވެ. ވެންޓިލޭޓަރާއި ރައްކާތެރިކަމަށް ބޭނުންކުރާނެ އާލާތްތަކުން ފެށިގެން ކޮވިޑަށް ޓެސްޓުކުރާނެ އާލާތްތަކެވެ. އެ ލިސްޓަކީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތުން ވަގުތަށް ހޯދާން ޖެހޭ ތަކެތީގެ ލިސްޓެވެ. ކޮވިޑުގެ ވަރުގަދަ ތޫފާން މުޅި ދުނިޔެއަށް ފެތުރެމުން ދިޔައީ، ބަޔަކު ހަމަ ނޭވާއެއް ލައި، ކަމަކަށް ތައްޔާރު ވެވޭ ވަރަށްވުރެ މާ ބާރަށެވެ. ފަރުވާޔަށް ބޭނުންވާ އެތަކެތި ހޯދުމަށް ބޮޑެތި ހަރަދުތަކެއް ސަރުކާރުން ކުރިއެވެ. ނަތީޖާއަކީ ރާއްޖޭގައި ވެންޓިލޭޓަރަށް ނުލެވި ނުވަތަ ބާއްވާނެ އައިސީޔޫ އެނދެން ނެތި އެކަކުވެސް ދޫކޮށްލަން ޑޮކްޓަރުންނަށް ނުޖެހުމެވެ. ކޮވިޑަށް ގިނަ ބަޔަކު ޓެސްޓު ކުރެވި އަލާމާތްތައް ނުފެންނަ މީހުން ވެސް ދެނެގަނެވުމެވެ. ޓެސްޓު ހެދި ނިސްބަތުން ރާއްޖެއަކީ ސާކުގެ އެއްވަނަ ގައުމަށްވުމެވެ. އަދި އޭޝިއާގެ ވެސް އެންމެ ގިނަ އަދަދަކަށް ޓެސްޓުކުރި ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުމެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން ސަރުކާރުން ހޯދި ސިއްހީ އާލާތްތަކާއި މެޝިނަރީތަކަކީ ބޭކާރު ތަކެއްޗަކަށް ނުވާނެއެވެ. ކޮވިޑުގެ ކަންކަން ވިލަރެސް ކުރުމަށް އުފައްދާފައިވާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވި ގޮތުގައި، ކޮވިޑަށް ގެނައި ވެންޓިލޭޓަރާއި އެނދާއި އެކިކަހަލަ އާލާތްތައް މި ހާލަތުން އަރައިގަތުމުން ފޮނުވާނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ފަސް ހޮސްޕިޓަލަށާއި އެތަކެތި އެންމެ ބޭނުންވާ ރަށްރަށަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއް ގާއިމްކުރުމަށް ވެސް ލިބިގެންދާނެ ވަސީލަތްތަކެވެ. އޭގެ އިތުރުން ރާއްޖެއަށް މޫސުމީ ގޮތުން ކުރިމަތިވާ ޑެންގީފަދަ ބަލިތަކަށް ވެސް ފަރުވާ ކުރުމަށް މި އާލާތްތައް ފަހުން ވެސް ބޭނުންކުރެވޭނެއެވެ. އެހެންކަމުން މި ތަކެއްޗަކީ ރާއްޖޭގެ މުޅި ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށް ކި\ުރެވުނު ކެޕިޓަލް އިންވެސްޓްމެންޓުތަކަކަށް ވެސް ވާނެ އެވެ.

ކޮވިޑާއި ގުޅިގެން ތަރައްގީ ކުރި ކޮވިޑު ވިލެޖަކީ އެއް ފަހަރާ ގިނަ ބަޔަކަށް ފަރުވާ ދެވޭނެ މަރުކަޒެކެވެ. ސަރުކާރުގެ ސިޔާސަތަކީ މިގޮތަށް ދާއިމީ ގޮތެއްގައި ފެތުރޭ މޫސުމީ ރޯގާއާއި ބަލިމަޑުކަމަށް ފަރުވާދޭ މަރުކަޒެއްގެ ގޮތުގައި އެތަން ބޭނުންކުރުން ކަމަށްވާ އިރު، އެއީ ވެސް މުސަތަގުބަލަށް ޓަކައި ކުރެވުނު މުހިންމު އިންވެސްޓްމެންޓެކެވެ. އެހެން ނޫން ނަމަ މާލޭގައި ގައިން ގަޔަށް އަރާ ކޮންމެ ފަދަ ރޯގާއެއް ފެތުރުނަސް ފަރުވާދޭނީ އާންމު ހޮސްޕިޓާތަކުގަ އެވެ. އޭގެ ސަބަބުން އެއިން ކޮންމެ ބައްޔެއް އިތުރު އެތައް ބަޔަކަށް ހަލުވިކަމާއެކު ޖެހެމުން ދިޔުމުގެ ފުރުސަތު އޮންނަނީ ހުޅުވިފަ އެވެ.

ސިއްހީ ނިޒާމާއި ވަސީލަތްތައް ފައްކާ ކުރުމުގެ އިތުރުން، މި ބަލިމަޑުކަމުން އަރައިގަނެވޭނެ ދުވަހެއް ނޭނގޭތީ، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތީގެ ރައްކާތެރިކަން ވެސް ސަރުކާރުން އަންނަނީ ކަށަވަރު ކުރަމުންނެވެ. ރައްޔިތުން ދައްކަންޖެހޭ ލޯނުތައް ފަސްކޮށްދީ، ބައެއް ލޯނުތަކަށް ލުއިތަކެއް ވެސް ވަނީ ދީފައެވެ. މިކަންކަމަށް ދައުލަތުން ބޮޑެތި އަދަދުން އިންވެސްޓްކޮށް، ބޭރު ގައުމުތަކުގެ އެހީއާއި ލޯނަށް ވެސް އެދުނެވެ.

މިއަދު ރާއްޖެ ނިއު ނޯމަލްއަކަށް ފައްކާ ކުރަމުން އަންނައިރު މާލޭގައި ތާށިވެފައި ތިބި ރައްޔިތުން ރަށްރަށަށް ފޮނުވަނީވެސް ރައްކާތެރިކަމުގެ ހާއްސަ އުސޫލެއްގެ ތެރެއިންނެވެ. ރަށްރަށަށް ބަލި ދިއުމަކީ އެ ރަށްރަށަށް އަދި މި ރާއްޖެއަށް އޮންނާނެ އިތުރު ގޮންޖެހުމެކެވެ. މިހާރުވެސް ރަށްރަށުން ޝައްކު ކުރެވޭ މީހުންގެ ސާމްޕަލް ނަގަން ދިއުމާއި ޓެސްޓުތައް ހަދަން ދިއުމަށް ކުރަމުންދާ ހަރަދުތައް ބޮޑެވެ. އެއީ އެކަންކަމަކީ ވަގުތު ބޭކާރު ނުކުރެވޭނެ ކަންކަންކަމަށް ވެފައި، ސްޕީޑް ބޯޓާއި ސީޕްލޭން އަދި ފްލައިޓްތަކުގައި ޗާޓަރު ދަތުރުތައް ވެސް ކުރާން ޖެހޭތީ އެވެ. ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި މިފަދަ ކޮންމެ ކަމަކީ އޭގެ ހަރަދު މިލިއަނުން އިތުރުވެގެން ދާނޭ ކަންކަމެވެ.

މި ހުރިހާ ފިޔަވަޅަކީ ވެސް ރައްޔިތުންގެ ރައްކާތެރިކަމަށް ސަރުކާރުން އެޅި ރަނގަޅު ފިޔަވަޅުތަކެއްކަން ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ. މިއީ ދުނިޔޭގެ އެކި ގައުމުތަކުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ވެސް ރާއްޖެއަށް ތައުރީފު ކުރަމުން އަންނަ ކަމެވެ. ކޮވިޑާ ދެކޮޅަށް ހަނގުރާމަކުރަމުން، އިގްތިސާދީ އަނދަވަޅަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުން މިއަދު ރާއްޖެ މިވަނީ ބަލީގެ އަމާން އައްސޭރިއަކަށް ދިއުމުގެ މަގުމަތީގަ އެވެ. އެއްވެސް ވަސީލަތެއް ނެތް ނަމަވެސް، ރާއްޖެއަށް މި ކާމިޔާބީ މި ހޯދުނީ ސިއްހީ މާހިރުންގެ ބަސް އެއީ މި ކަމުގައި އިސްބަސް އަދި ފަހުބަސް ކަމަށް ގަބޫލުކުރީމަ އެވެ. މުހިންމީ ރައްޔިތުންނެވެ. ފައިސާއާއި ގައުމުގެ އިގުތިސޯދު އަންނާނީ އޭގެ ފަހަތަށެވެ. ފައިސާއާއި އިގުތިސޯދު ބޭނުންވާނީ ދުޅަހެޔޮ ރައްޔިތަކު ތިބެގެންނެވެ.