ކުޅިވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ 4 ކުޅުންތެރިޔަކު ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެ

އައިދާ އަބްދުލް ހަކީމް

މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު މެދުކަނޑާލި އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ކުލަބުތަކުން ޕްރެކްޓިސްތައް ފެށުމުގެ ކުރިން ކުޅުންތެރިންނާއި އޮފިޝަލުން އަދި ސްޓާފުން ކޮވިޑް19 އަށް ޓެސްޓް ކުރި އިރު ހަތަރު ކުޅުންތެރިންނާއި ޓީމުތަކުގެ ދެ މުވައްޒަފަކު ޕޮޒިޓިވް ވެއްޖެ އެވެ.

ލީގުގައި ވާދަކުރާ ކުލަބުތަކުން ޕްރެކްޓިސްތައް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ޖުމުލަ 748 ކުޅުންތެރިޔަކާއި، އޮފިޝަލުންގެ ސާމްޕަލް ފާއިތުވި ދެދުވަހުތެރޭގައި ވަނީ ނަގައިފައެވެ.

އޭގެ ތެރެއިން ހަ ސާމްޕަލެއް ޕޮޒިޓިވް ވެފައިވާ އިރު އެއީ ކޮން ކުޅުންތެރިންނެއް ކަމެއް އާންމުކޮށްފައެއް ނުވެއެވެ. މިއާއެކު މުބާރާތް އިތުރަށް ލަސްވެގެން ހިނގައިދާނެ ކަމުގެ ފުރުސަތު ބޮޑުކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އިނގިރޭސި ލީގުގެ ކުލަބުތަކަށް ޕްރެކްޓިސް ކުރުމަށް ހުއްދަ ދީފައި ވަނީ އިންޑިވިޖުއަލް ފަރިތަކުރުންތަކަށެވެ.

ނަމަވެސް އިނގިރޭސި ސަރުކާރުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ދާދި ފަހުން ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވީ އަންނަ މަހުގެ 12ގައި ޕްރިމިއާ ލީގު ފެށޭ ވަރުވާނެ ކަމަށާއި މި މަހުގެ ތެރޭގައި ޓީމް ފަރިތަކުރުންތަކަށް ފުރުސަތު ދެއްވާނެ ކަމަށެވެ. އިނގިރޭސި ލީގު މެދުކަނޑާލި އިރު ބާކީ 92 މެޗު އެބައޮތެވެ.

ޕްރިމިއާ ލީގު އަންނަ މަހު ފެށި ނަމަވެސް އެ މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ސަޕޯޓަރުން ނުވައްދައެވެ.