ޚަބަރު

ޓެކްނޮލޮޖީއާއެކު ޝަރީއަތް އަވަސްވެ، އިންސާފު ހޯދަން ހިނގަންޖެހޭ ދިގު މަގު ކުރުވެގެންދާނެ: އޭޖީ

ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ޓެކްނޮލޮޖީ ބޭނުންކުރުމުން ޝަރީއަތް އަވަސްވެ، އިންސާފު ހޯދަން ހިނގަންޖެހޭ ދިގު މަގު ކުރުވެގެންދާނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށްގެންދަން ފެށުމުން އޭޖީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ ބޭނުންބޮޑު ތާރީހީ ބަދަލެއް ކަމަށެވެ. އަދި ޓެކްނޮލޮޖީ ބޭނުންކުރުމުން ހަރަދާއި ވަގުތު ސަލާމަތްވެ، ޝަރީއަތްތައް އަވަސްވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"(ޓެކްނޮލޮޖީ ބޭނުންކުރުމުން) ޝަރީއަތް އަވަސްވެ، އިންސާފު ހޯދަން ހިނގަންޖެހޭ ދިގު މަގު ކުރުވެގެންދާނެ. ކޯޓުތަކުގެ އަބުއިކަން މާޒީވެ، ޝަރީއަތުގެ އަޑާއި މަންޒަރު ދުރާއި ގާތުން ފެނިދެނިވުމުން އިންސާފު ލިބޭކަން އިހުސާސްކުރެވޭނެ،" އޭޖީގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ކޮވިޑާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާންގެ ދަށުން އޮފީސްތައް ބަންދުކޮށްފައިވާތީ އާންމު އުސޫލުން ޝަރީއަތްތައް އޮތީ މެދުކަނޑާލައިފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ، އެ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތައް ކޯޓަށް ހާޒިރުކޮށްގެން ޝަރީއަތް ކުރިއަށްގެންދިއުމަކީ ސިއްހީ ގޮތުން އެންމެ ރައްކާތެރިގޮތް ނޫން ކަމަށް ގަބޫލުކުރެވޭ ހާލަތްތަކުގައި ކޯޓުގެ ޝަރީއަތްތަކާއި ޝަރީއަތާ ގުޅުންހުރި އެންމެހައި ކަންކަން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކުރިއަށްގެންދިއުމަށްޓަކައި ގަވައިދެއް އެކުލަވާލައި މިއަދު އަމަލުކުރަން ފަށައިފައެވެ.

އެ ގަވައިދުގައި ބުނެފައިވާގޮތުން، ކޮންމެހެން ކޯޓަށް ހާޒިރުވެގެން ނޫނީ ކުރިއަށްގެންދެވެން ނެތް ޝަރީއަަތްތައް ފިޔަވައި އެނޫން ޝަރީއަަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ. އަދި ސިއްރު ކުރަން ޖެހޭ ޝަރީއަތްތައް ފިޔަވައި އެހެން ޝަރީއަތްތައް ޓުވީޓާ އާއި ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރެވޭނެ ކަމަށް ވެސް އެ ގަވައިދުގައިވެއެވެ.