ރިޕޯޓް

ކުއްލިއަކަށް މުޅި މީސް މީޑިއާގައި ހުސް ބަނބުކެޔޮގަސް!

އަލީ ޔާމިން

ފަލަމަޑީގެ ބާވަތެއްކަމުގައިވާ ބަނބުކޭލަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ ފަލަމަޑީގެ ބާވަތެކެވެ. ދެވަނަ ބޮޑު ހަނގުރާމައި ދުވަސްވަރު މުޅި ދުނިޔެ ކާބޯތަކެއްޗަށް ޖެހި އެކަމުގެ ސަބަބުން ރާއްޖެއަށް އައި "ތަދު" ޒަމާނުގައިވެސް ބަނބުކެޔޮ ވެގެންގޮސްފައިވަނީ ދިވެހިންގެ ބަނޑުފުރައިމުއްތިކުރުމުގައި އެހީތެރިވެދިން ބައިވެރިޔަކަށެވެ. އެއިރު ބަނބުކޭލުގެ އިތުރުން އެގަހުގެ ފަތާއި، ތޮޅިވެސް ކެއުމަށް ބޭނުންކުރިކަމަށް ދުވަސްވީ މީހުން ބުނެއުޅެއެވެ. ބަނބުކޭލުން ލިއްބައިދޭ ފައިދާތަކުގެ ސަބަބުން ސައިންޓިސްޓުން ބަނބުކެޔޮ ސިފަކުރަނީ މުސްތަގުބަލުގެ ކާނާގެ ގޮތުގައެވެ.

އިންޑިއާ ކަނޑަށް އުކާލެވިފައިވާ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ މި ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެތައް ބަނބުކެޔޮ ގަހެއް އެބަހުއްޓެވެ. އާންމުގޮތެއްގައި ދިވެހިން ބަނބުކެޔޮ ބޭނުންކޮށް އުޅެނީ، އޭގެން ރިހައާއި ކިރުގަރުދިޔަ ކެއްކުމަށާއި ބަތްކެއްކުމަށާއި ތެލުލައިގެން ބޭނުން ކުރުމަށެވެ. މަދު ފަހަރެއްގައި ބަނބުކެޔޮ ފިހެގެން ވެސް ބޭނުންކުރެ އެވެ. ޒަމާނުއްސުރެ ދިވެހިންގެ މެދުގައި މަގުބޫލު ބަނބުކެޔޮ ބޮނޑިބަތަކީވެސް ބަނބުކޭލުގެ މަގުބޫލު ފޮނިކާނާއެކެވެ.

ކޮންމެޔަކަސް ބަނބުކޭލަކީ ދިވެހިންގެ ދިރިއުޅުމުގެ މައި ހިއްސާދާރެއްކަމަށްވާއިރު، ކޮންމެ 5 އާއިލާއަކަށް ބަނބުކެޔޮ ގަހެއްގެ ނިސްބަތުން ބަނބުކެޔޮ ހެއްދުމުގެ ޕްރޮގްރާމެއް، ކައުންސިލްތަކުން މި އަހަރުގެ ތެރޭގައި ފުރިހަމަ ކުރުމަށް ހަވާލު ކުރުމަށް މިމަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމުމާއި ގުޅިގެން މިވަނީ ބަނބުހެޔޮ ހެއްދުމުގެ ރޫހު އާވެފައެވެ. ބަނބުކެޔޮގަސް ހެއްދުމަށް ހުށަހެޅީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ކޮވިޑް 19 އިން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށާއި ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމުގައި، ތިމާވެއްޓަށާއި، އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރުމާއި އެކަންކަން ފުރިހަމަ ކުރުމަށް ޕްރޮގްރާމްތައް ހިންގާނެ އުސޫލު ތަކުގެ ދަށުންނެވެ.

ކޮންމެ ފަސް އާއިލާއަކަށް ބަނބުކެޔޮ ގަހެއް ހެއްދުމަށް ކޮމިޓީން ލަފާދިންތާ އިރުކޮޅެއްގެ ތެރޭގައި މުޅި މީސް މީޑިއާ ފުރައިލީ ބަނބުހެޔޮ ގަސްތަކުންނެވެ. އެކި މީހުން ފޮޓޯލީ އެކިގޮތަށެވެ. ބަނބުކެޔޮ ކަނޑާ ފޮޓޮއާއި ބަނބުކެޔޮ ތެލުލާ ފޮޓޮއާއި ބަނބުކެޔޮ ގަހުގެ ފޮޓޮއާއި ތެލުލި ބަނބުކެޔޮ ކާން ތިބޭ ފޮޓޮއާއި މިހެން ގޮސް ކިޔާނެކަމެއް ނެތެވެ. މުނިފޫހިފިލުމުގެ ވީޑިއޯތަކާއި ހެއްވާ މަޖާ ވީޑިއޯތައް ގެނެސްދޭ ބައެއް ފަރާތްތަކުންވެސް ބަނބުކޭލުގެ މުހިންމުކަން ދައްކުވައިދޭ ވީޑިއޯތައް ކުޅެ މީސް މީޑިއާއަށް ދޫކޮށްލައިފައިވެއެވެ. ބަނބުކެޔޮ ބޭނުންކޮށްގެން އިޝްތިހާރު ހެދި މީހުންނާއި ބަނބުކޭލުގެ ވަރުދައްކަން ލަވަ އަދި ޅެން ހަދައި ކިޔާމީހުންވެސް މިދުވަސްވަރު މަދެއް ނޫނެވެ. ދިރިއުޅޭ ގޯތީގައި ބަނބުކެޔޮ ކުރިޔެއް ފަޅާފައި ހުއްޓައި އޭގެ ފޮޓޯ ނަގައި މީސް މީޑިއާއަށް ލެވުނަސް އެމީހަކީ މިއަދު ގަދަ މީހެކެވެ.

ބަނބުކެޔޮ ހެއްދުމަށް ކޮމިޓީން ލަފާދިނުން ވެގެން ދިޔައީ ބައެއް ރައްޔިތުންނަށް ޖޯކަކަށެވެ. ނަމަވެސް މިއީ ޖޯކަކަށް ވުރެ މުހިންމު ކަމެކެވެ. ދުނިޔޭގެ މޮޅެތި ޖިއޮގްރަފިކަލް އިލްމުވެރިންނާއި، ހުދު، ރާއްޖޭގެ އެގްރިކަލްޗަރަލް މިނިސްޓަރު ޒަހާ ވަހީދުވެސް މިވަނީ ބަނބުކެޔޮ ފަދަ ފަލަމަޑީގެ ބާވަތްތައް ހެއްދުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވެފައެވެ. އަދި ބަނބުކެޔޮ ހެއްދުމަށް ދަނޑުވެރިންނަށް އެކަމަނާ އިލްތިމާސްވެސް ކުރެއްވިއެވެ. މިނިސްޓަރު ޒަހާ ވިދާޅުވީ، ރާއްޖޭގެ ފުޑް ސެކިއުރިޓީއަށް ބަލާއިރު ބަނބުކޭލަކީ މުހިންމު ކާނާއެއް ކަމަށާއި، ދުރު ރާސްތާއަށް ވިސްނާއިރު ބަނބުކޭލަށް ދަތިނުވާ ވަރަށް ބަނބުކެޔޮގަސް ހެއްދިފައި ހުރިނަމަ އެކަމުގެ މަންފާ ކުރާނެ ކަމަށެވެ.

މީރުކަމާ އެއްވަރަށް ބަނބުކޭލަކީ ސިއްހީ ދުޅަހެޔޮކަމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ކާނާއެކެވެ. އެގޮތުން ފައިބަރު، ވިޓަމިން ސީ، ޕޮޓޭސިއަމް، ފެޓީ އެސިޑް އޭގައި އެކުލެވިގެންވެއެވެ. މީގެ އިތުރުން ލޭގެ ޕްރެޝަރު ދަށްކޮށްދިނުމާއި، ނޭވާ ހިއްލުމުގެ އުނދަގޫތައް ލުއިކޮށްދިނުމާއި، ހާޓް އެޓޭކް ފަދަ ހިތުގެ ބަލިތަކުން ރައްކާތެރިކަން ލިބުމާއި، ހަކުރު މައްޗަށް ދިއުމުން ދުރުކޮށްދިނުމާއި، ގޮހޮރުގެ ކެންސަރު ޖެހުމުން ރައްކާތެރިކޮށްދިނުމުގެ އިތުރުން އަދިވެސް އެތައް ފައިދާއެއް ބަނބުކޭލުގައި އެކުލެވިގެންވެއެވެ.

އެހެންކަމުން ބަނބުކެޔޮ ގަހަކީ ނުހައްދައި ދޫކޮށްލާވަރުގެ ގަހެއް ނޫނެވެ. ތަދު ޒަމާނުގައި ދިވެހިންނަށް އެހީވެދިން ބަނބުކޭލަކީ ބޮޑު ބަލިމަޑުކަމެއްގެ ހާލަތުގައިވެސް ދިވެހިން ބަނޑަށް ޖެހުމުން ސަލާމަތްކޮށްދޭނެ ބާވަތެކެވެ. ބަނބުކެޔޮ ހައްދަމާ ބަހީއެވެ!ބަނބުކެޔޮގަހުން މުޅި ސޯޝިއަލް މީޑިއާ ފުރައިލިގޮތަށް ރަށްރަށަށް ވެސް މިގަހުން ފުރައިލެވިދާނެ އެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ.