ޚަބަރު

ކޮވިޑުގެ މަސައްކަތްތަކަށް ކުރި ހަރަދު 873 މިލިއަން ރުފިޔާއަށް

ކޮވިޑް 19 އިން ރައްކާތެރިވުމަށާއި އެ ބައްޔާ ގުޅިގެން ކުރިމަތިވެފައިވާ އެކިއެކި ކަންކަމަށް މިދިޔަ ހަފުތާގެ ނިޔަލަށް 873 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފިއެވެ.

ކޮރަޕްޝަނަށް ފުރުސަތު ނުދިނުމުގެ ބޭނުމުގައި ފިނޭންސް މިނިސްޓްރީން ވަނީ ކޮވިޑާ ގުޅިގެން ކުރާ ހަރަދު ކޮންމެ ހޯމަ ދުވަހަކު އާންމުކުރަން ފަށައިފައެވެ.

އެގޮތުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލާއެކު ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން، މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ 59 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި މިހާތަނަށް ކުރި ހަރަދުގެ ޖުމްލަ ވަނީ 873 އަށް އަރައިފަ އެވެ.

މިއީ އޭގެ ކުރީ ހަފްތާއަށްވުރެ 7.3 ޕަސެންޓް އިތުރު އަދަދެކެވެ. މިމަހުގެ ތިނަކުން ހަތް ވަނަ ދުވަހަށް ކޮވިޑުގެ މަސައްކަތްތަކަށް ސަރުކާރުން ކުރި ހަރަދުގެ ޖުމްލަ ހުރީ 814.2 މިލިއަން ރުފިޔާގަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މިދިޔަ ހަފުތާގައި ހަރަދުކުރި 59 މިލިއަން ރުފިޔާ ޖުމުލަ ގޮތެއްގައި ހަރަދުކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މެޑިކަލް އިކުއިޕްމަންޓަށާއި ޒަރޫރީ ތަކެތި ގަތުމަށް ކަމަށެވެ.

ނަމަވެސް މިމަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އެންޑީއެމްއޭ އިން ކުރި ހަރަދަށްވުރެ މިދިޔަ ހަފްތާގެ ނިޔަލަށް އެ އޮތޯރިޓީން ކުރި ހަރަދު ވަނީ 55 މިލިއަން އިތުރުވެފަ އެވެ. އެގޮތުން މިމަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އެންޑީއެމްއޭ އިން ހަރަދުކޮށްފައިވަނީ 525.4 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ ހަފްތާގެ ނިޔަލަށް އެ އޮތޯރިޓީން ކުރި ހަރަދު ވަނީ 581.1 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، އެންޑީއެމްއޭ އިން މިދިޔަ ހަފްތާގައި ކުރި ހަރަދު އިތުރުވެފައިވަނީ މުވައްޒަފުންގެ ކެއުމަށާއި ތެލަށް ހަރަދު ކުރުމުން ކަމަށެވެ. އޭގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ޑޮކްޓަރުންނަށް ބޭނުންވާ ބައެއް ތަކެތި ވެސް ފޯރުކޮށްދީފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިދިޔަ ހަފުތާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީ އާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމް)ގެ މަސައްކަތްތަކަށެވެ. މިއީ ކޮވިޑް 19 އާ ގުޅިގެން އެންމެ ބޮޑެތި މަސައްކަތް ކުރާ މައިގަނޑު ދެ އެޖެންސީއެވެ.