ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 08

2

އަށްވަނަ ބައި

"ހާދަ ސިއްރުން. އަހަރެންން ވަރަށް ގިނައިރު ވެއްޖެ ޝާނީ އުޅުނުގޮތް ބަލަން ހުންނަތާ" އަދްޔަން ބުނެލިއެވެ.

"އާނ. އެއީ… މީހަކު ފަހަތުން އަޅުވާލީމަ ވަރަށް ބާރަށް މިއައީ. ވަކި ހިސާބަކުން އެމީހާ ގެއްލިއްޖެ. އެހެންވެ އެމީހާ މިތާ ތެރޭގައި އިންކަމަށް" ޝެނަލް ބުނެލިއެވެ. ފުރަތަމަ ފަހަރަށް އޭނާ އަދްޔަން ކައިރީގައި ދޮގެއް ހަދަން ޖެހިއްޖެއެވެ. އެކަމާއި އޭނާ އިންތިހާއަށް ދެރަވެއްޖެއެވެ. އެހެންވިޔަސް އަދްޔަންއާއި ބައްދަލުކުރުން މަންމަ މަނާކުރި ވާހަކަ އޭނާ ބުނާނީ ކިހިނެއް ހެއްޔެވެ؟

"ވަރަށް އުފާވެއްޖެ އަހަރެން އެންމެ ފަހަރަކު ބުނުމުން ޝާނީ މިތަނަށް އައިމަ" ކުރިމަތީގައި ހުރި ފެންތަށިން ކޯވަރެއް ބޯލަމުން އަދްޔަން ބުނެލިއެވެ.

"އަހަރެން އަދޫ ބުނި ކޮންމެ ތަނަކަށް ދާނަން. އަހަރެން ކިހިނެއް ނޫނެކޭ ބުނެ އިންކާރު ކުރާނީ…" ޝެނަލް ބުނެލިއެވެ. އަދްޔަންގެ ދެލޯ ވިދައިގަތެވެ. ޝެނަލް އެބުނި ވާހަކަތަކުގައި ޔަޤީނުންވެސް އެހެން މާނައެއް އެބައޮތެވެ.

"އެއީ ކީއްވެ…؟ އަހަރެން ހަމަ އެހާ ހާއްސަތަ…؟: އަދްޔަން އަހައިލިއެވެ. ޝެނަލް ވަކި ޖަވާބެއްނުދީ އިސްޖަހައިލިއެވެ. އަދްޔަންއަށް ހެވިއްޖެއެވެ.

"ދޫ ބަންދުވީތަ…؟ ކީއްވެ ނުބުނެވުނީ…؟" އަދްޔަން އަހައިލިއެވެ. ޝެނަލް އިސްއުފުލާލައިފައި އަދްޔަންއަށް ނަޒަރެއްދިނެވެ. އަދި ހިނިތުންވެލިއެވެ. ރެސްޓޯރަންޓްގެ މަޑު އޮރެންޖް ކުލައިގެ އަލީގެ ތެރޭގައި ޝެނަލްގެ މޫނުން ފާޅުވަމުންދަނީ އަޖައިބެއްކަހަލަ ވިދުމެކެވެ. އަދްޔަންއަށް ޝެނަލްގެ އަތުގައި ހިފައިނުލާ ކެތްވަނީއެއްނޫނެވެ.

"އަހަ…އަހަރެން ބުނީ… މާދަމާ އެބައާދޭ ޝާމް…." ޝެނަލް ބުނެލިއެވެ.

"ޝާމް…؟ އެކާކު…؟" ބޯއީފްރެންޑްތަ އަނެއްކާ. އަހަރެންނަށް މީހެއްގެ އަމާނާތެއް ގޮވައިގެންތަ މިއުޅެވެނީ" އަދްޔަން ވާހަކަދެއްކިއެވެ.

"ނޫން… ބުނީމެއްނު ފިރިހެން އެކުވެރިއެއް ހުންނަ ވާހަކަ. އަދޫ ވާނެ އިނގޭ ބައްދަލުކޮށްލަން" ޝެނަލް ބުނެލިއެވެ.

"އޯވް… ހަނދާންނެތުނީ.. އޭނަ ދޯ… ޝާނީ ގަޑިއެއް ހަމަޖައްސާފައި ބުނޭ އިނގޭ. އަހަރެން ބަލާނަން… އެކަމަކު ހަވީރު ގަޑިއަށް ހަމަނުޖައްސައިފިއްޔާ ރަނގަޅީ.. މެޗު އޮންނާނެ އެގަޑީގަ" އަދްޔަން ވާހަކަދެއްކިއެވެ.

"އަހަރެން ކަމަކު އެދެންތަ"؟ ދެކުދިން އޯޑަރ ދިން ކާއެއްޗެހި ވެއިޓަރ ގެނެސް ބަހައްޓާފައި ދިޔުމާއެކު ޝެނަލް ބުނެލިއެވެ.

"އަވަހަށް އެދެންވީ. ޝާނީ ބުނި ކޮންމެކަމެއް ކުރެވޭތޯ އަހަރެން ބަލާނަން" އަދްޔަން ބުނެލިއެވެ.

"އަހަރެން ގޭގަ ހުންނަ ގަޑިތަކުގަ އަދޫ ގުޅާއިރު ގިނަފަހަރު ފޯނަށް ޖަވާބުނުދެވޭތީ އަސްލު ވަރަށް ދެރަވޭ. މަންމަ އަބަދުވެސް ހުންނާނެ ކައިރީގަ ވިއްދާފަ" ޝެނަލް ވާހަކަދެއްކިއެވެ.

"ދެން…؟ ތިބުނީ އަހަރެން ނުގުޅާށޭތަ؟ އެހެންވިއްޔާ ވަރަށް ދެރަވާނެ" އަދްޔަން ބުނެލިއެވެ.

"ނޫން. ރަނގަޅީ ރޭގަނޑު އެގާރައިގެ ފަހުން ގުޅިއްޔާ" ޝެނަލް ބުނެލިއެވެ. އަދްޔަން ޝެނަލްގެ މޫނަށް ބަލައިލިއިރު އެމޫނުމަތީގައި ވަނީ ލަދުރަކި ހިނިތުންވުމެކެވެ.

"އެހެންވިއްޔާ އެގަޑީގަ ގުޅާނީ. އަހަރެންނަށް ހީވަނީ އަހަރެން ޝާނީއަށް އާދަވަނީހެން. އަހަރެން ވާހަކައެއް އަހާލަންތަ؟" އަދްޔަން ވާހަކަދެއްކިއެވެ. ޝެނަލް ބޯޖަހައިލުމާއެކު އަދްޔަން ހީލިއެވެ.

"ނިންމާފަ ނިކުމެފަ ދޯ…." އަދްޔަން ބުނެލިއެވެ. އަނެއްކާވެސް ޝެނަލް ބޯޖަހައިލިއެވެ.

އެކި ވާހަކައިގައި ތިބެ ދެކުދިން ކައި ނިމިގެން ރެސްޓޯރެންޓުން ބޭރަށް ނިކުތެވެ. އެއްފަރާތު ފާރު ކައިރިއަށް ޖެހިލާފައި އަދްޔަން މަޑުކޮށްލިއެވެ.

"އަހަރެން ބުނަން އުޅުނީ…"

"މަންމަ އެގުޅަނީ. އަދޫ އަހަރެން ދަނީ. ވަރަށް ލަސްވެއްޖެ" އަތުގައި އޮތް ފޯނަށް ބަލައިލަމުން ޝެނަލް ބުނެލިއެވެ.

"މަޑުކޮށްބަލަ. އަރަންވީނުން ސައިކަލަށް. ޝާނީ ބުނި ހިސާބަކަށް އަހަރެން ގެންގޮސްދޭނަން" އަދްޔަން ބުނެލިއެވެ.

"އޯކޭ… އަހަރެން ޒީކްމެންގެއަށް ގެންގޮސްދީ. އެގެ ހުންނާނީ ސްކޫލް ދޮރުމަތީގަ" ޝެނަލް ވާހަކަދެއްކިއެވެ. އަދްޔަން ސައިކަލަށް އެރުމާއެކު ކަންބޮޑުވެފައި ހުރި ޝެނަލް ފަހަތަށް އަރާ އިށީނެވެ.

"ވީހާވެސް މީހުން މަދު މަގުތަކުން ދާނީ އިނގޭ" ހާސްވެފައި އިން ޝެނަލް ބުނެލިއެވެ.

ކޮޓަރީގައި އޮވެއޮވެ ފޫހިވެގެން އިރާނިޔާ ނިކުތީ ބަދިގެއަށް ދިޔުމަށެވެ. ކަމްލާ ހުމާ އޮތުމުން ބަދިގޭގައި މަސައްކަތުގައި ގިނަވަގުތު ހޭދަކުރީ އޭނާއާއި ޙާއިޝާއެވެ. ދިޔަ މަގުމަތީގައި ކަމްލާގެ ކޮޓަރިއަށް އޭނާ ވަނީ ކަމްލާގެ ހާލު ބަލައިލުމަށެވެ. ކަމްލާގެ ހުން މަޑުކަން އިނގުމުން ހިތްހަމަޖެހިފައި ބޭރަށް ނިކުތެވެ. ވަގުތަކީ މެންދުރުފަހުގެ ވަގުތެކެވެ. ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ބަދިގޭ ދޮރަށް އެރުމާއެކު އޭނާ ހުއްޓުން އެރިއެވެ. ފެންތައްޓެއް ކުރިމަތީގައި ބަހައްޓައިގެން އިން އުނޭޝް އިނީ ގޮނޑިއަށް ވެއްޓިގަނެގެންނެވެ. އޭނާގެ ދެލޯ ވަނީ މެރިފައެވެ. އޮފީސް ހެދުމުގައި އިންއިރު އެއައީ އޮފީހުގައި ހުރެފައިކަން އިނގުނެވެ. އެއްއަތުގެ އިނގިލިތަކުގެ ކުރިން ނިތުގައި ފިރުމަމުން ދިޔައެވެ. އުނޭޝްގެ ބޮލުގައި ރިހުމެއް ހުރިކަން އިރާނިޔާއަށް އިނގިއްޖެއެވެ. އަލުން ކޮޓަރިއަށް ވަދެފައި ދެން އައިރު ބޮލުގެ ރިހުން ކަނޑުވާ ބާމްފުޅިއެއް އޭނާގެ އަތުގައި އޮތެވެ. މަސައްކަތްތައް ބުރަވެ އުނޭޝްގެ ބޮލުގައި ރިއްސާތީ އުޅޭއިރު އިރާނިޔާ އަބަދުވެސް ބޭނުންކުރަނީ އެ ބާމެވެ.

ލަސްލަހުން ކުރިއަށް ދިޔަ އިރާނިޔާ ހުއްޓުނީ އުނޭޝްގެ ފަހަތުގައެވެ. ބާމްކޮޅެއް އިނގިލި ކުރީޖައި ޖައްސައިލުމަށްފަހު އުނޭޝްގެ ނިތްކުރީގައި ޖައްސައިލިއެވެ. އަރައިގެންދިޔަ އާވިގަނޑާއެކު އުނޭޝްގެ ނިތަށް ރޫއަރައިގެން ދިޔައެވެ. ހިނދުކޮޅަކަށް ދެލޯ ހުޅުވައިލުމަށްފަހު އަނެއްކާވެސް ދެލޯ މަރައިލިއެވެ.

"ރާނީ…!!" އުނޭޝްގެ ދެތުންފަތް ދޭތެރެއިން އެ ނަން ބޭރުވުމާއެކު އިރާނިޔާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އޭނާގެ ހިތުގެ ހިނގުންވެސް ހިދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. އޭނާ ޖަވާބެއްދޭން ނުވިސްނިއެވެ. އުނޭޝްގެ ނިތްމަތި މަސާޖްކުރަމުން ދިޔައިރު އޭނާގެ ދެލޯ ވަނީ ކަރުނަތަކުން ބަރާވެފައެވެ. އޭނާގެ އެންމެ ފިރުމަމަކުންވެސް އުނޭޝް އޭނާ ފާހަގަކޮށްފިއެވެ. ވީއިރު ދުރުކުރަނީ ކީއްވެގެން ހެއްޔެވެ؟

"ރާނީ…!! އަހަރެންނަށް އިނގޭ އަހަރެންގެ ވަށައިގެން އުޅޭ ހުރިހާ ބަލިތަކެއްގެ ފަރުވާ ވަނީ ރާނީ އަތުގަކަން" އަނެއްކާވެސް އުނޭޝް ވާހަކަދެއްކިއެވެ. ދެލޯ މަރައިގެން އޮތްއިރު އިރާނިޔާގެ އަތުގެ ފިރުމުންތަކުން އޭނާއަށް އަރާމުވަމުން ދިޔައެވެ.

ކުއްލިއަކަށް އިރާނިޔާގެ އަތުގައި ހިފާ ކައިރިއަށް ދަމާލައިފިއެވެ. އިރާނިޔާ ދިޔައީ ސިހިގެންނެވެ. ދެމަފިރިންގެ ދެލޯ އެކަކު އަނެކަކާ އަމާޒުވުމާއެކު މުޅި ސަރަހައްދުވެސް ހިމޭންވެލި ކަހަލައެވެ. އިރާނިޔާގެ ދެލޮލުން އުނޭޝްއަށް ފެނުނީ އިންތިހާދަރަޖައިގެ ޝަކުވާއެވެ.

"މިހާރު ރަނގަޅުތަ؟" އުނޭޝްއާއި ނަޒަރު ބަދަލުކޮށްލަމުން އިރާނިޔާ އަހައިލިއެވެ. އަދި އުނޭޝް އެނާގެ އަތުގައި ހިފައިގެން ހުރި އަތް ނައްޓުވައިލިއެވެ.

"ހޫމް… ތެންކްސް…" އުނޭޝް ބުނެލިއެވެ.

"ބޭސްކާންވީނުން. އެހެންނޫނީ ތި ރިހުން އެއްކޮށް ފިލައިގެން ނުދާނެއްނުން" އިރާނިޔާ ބުނެލިއެވެ.

"ހޫމް…." އުނޭޝް ބުނެލިއެވެ.

"މިއަންނަނީ.." އިރާނިޔާ ދުރަށް ޖެހިލިއެވެ. އުނޭޝްއަށް ބަލައިނުލާ ހުރެގެން ލުނބޯހުތު ފަނިތައްޓެއް ތައްޔާރުކޮށްލިއެވެ. ޕެނަޑޯލް ގުޅައަކާއެކު އުނޭޝްއަތަށް ދިނެވެ.

"ވަރަށް ދެރަވޭ ރާނީއަށް އުނދަގުކުރެވޭތީ. ތަމަން ނިދާގަޑި މިގަޑިމީ. އެހެންވެ ނުގޮވާ މިތަނަށް އައީ" އުނޭޝް ވާހަކަދެއްކިއެވެ.

"އަހަރެން ކައިރީގައި ކީއްކުރަން ތިބުނަނީ.؟ތިކަހަލަ ވާހަކަދެއްކީމަ އަހަރެން ލަދުގަންނަނީ" އިރާނިޔާ ބުނެލިއެވެ.

"އެއީ؟ ކީއްވެ ލަދުގަންނަންވީ؟" އުނޭޝް ބުނެލިއެވެ.

"އެއީ ފިރިއެއްގެ ހައްގުތަކަކީ ކޮބާކަން އަހަރެންނަށް އިނގޭ. އަހަރެންގެ ބަނޑުގައި ދަރިއެއް އުފުލަމުން ދާއިރުވެސް މިވަގުތަކީ އަހަރެންނަށް އަރާމުކުރެވޭނެ ވަގުތެއް ނޫން. އެއީ އަހަރެންގެ ފިރިމީހާގެ ނިޔަފައްޗެއްގައި ރިއްސިޔަސް އަހަރެންނަށް ތަނެއްގައި ހިމޭނުން ނޯވެވޭނެ" އިރާނިޔާ ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަތައް ނުސީދާކޮށް އަމާޒުވަނީ ތަމަންނީއަށް ކަން އުނޭޝްއަށް އިނގުނެވެ. އިތުރަށް އެއްވެސް ވާހަކައެއް ދައްކަން އޭނާ ބޭނުމެއްނުވިއެވެ. އިންތަނުން ތެދުވެގެން ދާން ހިނގައިގަތް އިންއިރު އިރާނިޔާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.

ބޭރުން އައިސް ޙާއިޝާ ވަންއިރު ސޯފާގައި ތަމަންނީ އިނެވެ. ޙާއިޝާއަށް ތަމަންނީ ބަލައިލީ ހިނިތުންވުމަކާއި އެކުގައެވެ. ޙާއިޝާ ހީލަން މަސައްކަތްކުރި ނަމަވެސް އެކަން އޭނާއަށް ކާމިޔާބު ނުވިއެވެ. ވަދެގެން ދިޔައީ ކޮޓަރިއަށެވެ. މާގިނަ އިރެއް ނުވަނީސް ކޮޓަރިން ނިކުތީ އިރާނިޔާއަށް ގޮވަމުންނެވެ. ތަމަންނީ ބަލައިލާފައި ތުން އަނބުރައިލިއެވެ. އިރާނިޔާގެ ނަން އިވުނަސް އޭނާއަށް އިހުސާސްވަނީ ފޫހިކަމެވެ. އޭނާ އެތަނުގައި އިންނަންވެސް ބޭނުމެއްނުވިއެވެ.

"ދަރިފުޅާ!! އާދެބަލަ ތިބަހައްޓާފަ" އުނދުން ކައިރީގައި ކައްކަން ހުރި އިރާނިޔާއަށް ގޮވައިލަމުން ޙާއިޝާ ބުންޏެވެ. ވަގުތުން ދެއަތް ދޮވެލައިގެން އިރާނިޔާ އައިސް ޙާއިޝާ ކައިރީގައި އިށީނދެއްޖެއެވެ. އެވަގުތު އެއީ ކޮޓަރީގައި އޮވެފައި އުނޭޝް އެދިމާލަށް އައި ވަގުތެވެ.

"މަންމަ ބުނީމެއްނު އެކޮޅު ތަންގަނޑުގަ ހުރި ރަން ހަދާތަނަށް މީހަކު އައޭ. އެމީހާ ލައްވާ މަންމަ ހެއްދި ރަން ތަނޑިގަނޑެއް މިއީ. ހެޔޮވަރު ކޮށްލަބަލަ" ފޮށިން ތަނޑިގަނޑު ނަގަމުން ޙާއިޝާ ބުނެލިއެވެ.

"ވަރަށް ލޯބި. އެކަތިތަ މަންމަ ހެއްދީ" ހީލުމަކާއެކު އިރާނިޔާ އަހައިލިއެވެ.

"ނޫން. ދެ ތަނޑިގަނޑު. ޔަޝްފީއަށް ހެޔޮވަރުވާނެ ކަމެއްވެސް މިހާރު ނޭނގޭ. އެހެންނުވާނީ ނުފެންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ ވިއްޔާ" ޙާއިޝާ ވާހަކަދެއްކިއެވެ.

"މަންމާ މިވަގުތު ތި ތަނޑި އަޅުގަނޑަށް އެކަނި ހައްޤެއްނޫން. ކޮންމެގޮތެއް ވިޔަސް ތަމަންނީ އަކީވެސް މަންމަގެ ދަރިއެއްނު. އަޅުގަނޑު ތިބޭނުންކުރާނީ އަދި ތީގެ އެކަތި ލިބުނީމަ. އެހެންނޫނީ އުނޭ ވަރަށް ދެރަވާނެ. އުނޭ ތަމަންނީ ދެކެ ވަރަށް ލޯބިވޭ" އިރާނިޔާ ވާހަކަދެއްކިއެވެ. ޙާއިޝާ ދެއަތަކަށް ބޯހޫރާލާފައި ތަނޑިގަނޑު އަލުން ފޮށްޓަށް ލިއެވެ.

"މަންމަ ހިތަށްއަރާ ރާނީ ތިއީ ކޮންކަހަލަ ދަރިއެއް ބާއޭ. މީހަކު ކައިފަ ރާނީ ހޮޑަށް ވައްޓައިލިޔަސް އެމީހަކާމެދު ހަމްދަރުދީވާނެ" ޙާއިޝާ ބުނެލިއެވެ. އިރާނިޔާ ހީލިއެވެ. އޭނާ އިސްޖަހައިލިއިރު ހިތުގައި ޖެހިއްޖެއެވެ.

އުނޭޝްއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ތަމަންނީގެ ހިތުގައި އިރާނިޔާއަށްޓަކައި ވަނީ ހަސަދައާއި ނަފްރަތެވެ. އިރާނިޔާގެ ހިތުގައި އެފަދަ އެއްވެސް ކަމެއް ނެތެވެ. އޭނާއަށް ކަންތައްތައް ކުރެވޭ ގޮތާއިމެދު ފުރަތަމަ ފަހަރަށް ވިސްނާލަން މަޖްބޫރުވެއްޖެއެވެ. ދެވަނަ ސިކުންތުގައި އޭނާ ދެއަތަކަށް ބޯހޫރާލައިފިއެވެ. ތަމަންނީއަށް ވިސްނައިދޭން އޭނާ ނިންމިއެވެ.

އޮފީސް ތިރީގައި ހުންނަ ރެސްޓޯރެންޓަށް މެންދުރު ކެއުމަށް އުނޭޝް ދިޔައީ މާލިކުއާއި އެކުގައެވެ. އޮފީހުގެ ސީނިއަރ މުވައްޒަފުންނަށް ހަމަޖައްސާފައި އޮންނަ ބަޔަށް ވަދެގެން ގޮސް ދެމީހުން ޖައްސައިލިއެވެ. ކާއެއްޗިއްސަށް އޯޑަރުދީފައި މާލިކުގެ ނަޒަރު އުނޭޝްއަށް ހުއްޓައިލިއެވެ.

"އުނޭ ކޮންއިރަކު ސިގިރެޓް ބޯން ފެށީ" މޭޒުމަތީގައި ބޭއްވި ސިގިރެޓް ފޮށްޓާއި ލައިޓަރ ފެނިފައި މާލިކް އަހައިލިއެވެ.

"އަނެއްހެން ނުބޮން. އެކަމަކު މިހާރަކަށް އައިސް ބައެއްފަހަރު ބޯގޮވާތީ ބޮވެނީ" އުނޭޝް ބުނެލިއެވެ.

"މާލިކުބެއަށް ހީވަނީ ތިއީ ރަނގަޅު ކަމެއްނޫންހެން" މާލިކް ބުނެލިއެވެ. އުނޭޝް ބަހެއްނުކިޔާ ދެއަތުގެ އުޅަނބޮށިކޮޅު މޭޒުމަތީގައި ޖައްސާލައިގެން ދެއަތްތިލަ އިން އަނގަމަތި ފޮރުވާލައިގެން އިނެވެ.

"މިހާރުވެސް އުނޭގެ ދެލޮލުން މާލިކްބެއަށް ހާސްކަމާއި ނުތަނަވަސްކަން އެބަފެނޭ. މާލިކްބެ އެކަންޏެއްނޫން. އުނޭ ރަނގަޅަށް ދަންނަ ކޮންމެ މީހަކަށްވެސް ފާހަގަވާނެ. ކިހިނެއްވީ؟؟ އެއްވެސް މައްސަލައެއް އުޅެނީތަ؟" މާލިކް ވާހަކަދެއްކިއެވެ.

"ހިތަށް އަރަނީ ދެވަނަ ކައިވެންޏެއް މިކުރެވުނީ އެކަހަލަ ކަމެއްކުރަން އެންމެ ރަނގަޅު ދަނޑިވަޅެއްގަބާއޭ. ދެން ނޭނގެ. އަޅުގަނޑަށް ތަމަން ވަރަށް ކަމުދޭ" އުނޭޝް ވާހަކަދެއްކިއެވެ.

"ދެއަންބަށް ކައިވެންޏެއް ކުރުން މައްސަލައެއްނޫން. އެކަމަކު ދެއަނބިން ހަމަހަމަ ކުރެވެންޖެހޭނެ. އެހެންނޫނީ ﷲ ގެ ހަޟްރަތުގައި ތިމާ ޖަވާބުދާރީވާނީ ކިހިނެއް؟" މާލިކް ވާހަކަދެއްކިއެވެ.

"އުނޭގެ ދިރިއުޅުން. ތިއިން އެއްވެސް ކުއްޖަކަށް ދެރައެއްލިބޭކަށް، ހާލެއްގަ ޖެހޭކަށް މާލިކްބެ ނޭދެން. މާލިކްބެ ދެކެނީ ތިއީ އަމިއްލަ ދަރިންގެ ގޮތުގައި. އެހެންވީމަ ކޮންމެކަހަލަ ފިޔަވަޅެއް އެޅިޔަސް ވަރަށް ވިސްނާފައި އެ ފިޔަވަޅެއް އަޅާތި" މާލިކް ވާހަކަދެއްކިއެވެ.

އޯޑަރުކުރި ކާއެއްޗެހި އައުމުން އުނޭޝް ލައިގެން ހުރި ހުދުކުލައިގެ ގަމީހުގެ އަތުކުރި އުޅަނބޮށްޓާއި ހަމައަށް އޮޅައިލިއެވެ.

"އަސްލު އުނޭ ގޮވައިގެން މިއައީ ވާހަކައެއް ދައްކަންވެގެން" މާލިކް ބުނެލިއެވެ. އުނޭޝްގެ ނަޒަރު މާލިކަށް އަމާޒުވިއެވެ.

"އަލަށް ހުޅުވި ގެސްޓްހައުސްއަށް މެނޭޖަރަކު ހަމަޖައްސައިފިން. އޭނަ މިރޭ ކޮންމެސް ވަގުތެއްގައި މިރަށަށް އަންނާނެ. ހުރުން ހަމަޖައްސާނީ މާލިކްބެ ގޭގަ. އެކަމަކު އެއް ހަފްތާވަރު ވަންދެން ތިގޭގަ ބަހައްޓަން މިއުޅެނީ. އެއީ އޭނައަށް ހަމަޖެއްސި ކޮޓަރީގެ އޭސީ ހަރުކުރެވެނީ އަދި ހަފްތާއެއްހާ ފަހުން" މާލިކް ވާހަކަދެއްކިއެވެ.

"އަޅުގަނޑަށް އެންމެ ރަނގަޅު. އެކަމަކު މަންމަ ކައިރީގައި ތިވާހަކަ ދައްކަންޖެހޭނެ" އުނޭޝް ބުނެލިއެވެ.

"ތިކަންތައް މާލިކްބެ ހަމަޖައްސާނަން" މާލިކް ބުންޏެވެ.

"އެއީ ވަރަށް ރަނގަޅު ކުއްޖެއް. މަތީ ތަޢުލީމް ހާސިލްކޮށްގެން ވަރަށް ފަހުން އައީ. ވަރަށް ވިސްނުންތޫނުވާނެ. އާޝިދް ކިޔަނީ" މާލިކް އިތުރަށް އޮޅުންފިލުވައިދިނެވެ.

ގެއަށް ވަންނަން އައި ސަބްރީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ މަގުގެ އަނެއް ދިމާލުން ހަމަ އެގެއަށް ވަންނަން އައި ޒުވާން ފިރިހެންކުއްޖާ ފެނިފައެވެ. ސަބްރީން ދޮރާށި ކައިރީގައި މަޑުކޮށްލީ އެކުއްޖާ އެހިސާބާ އަރާ ހަމަވަންދެނެވެ.

"ރީންދައްތަ މިހުންނަނީ ހަމަ ޙައިރާންވެގެން ކިޔާނެ ބަހެއް ނޭނގިފަ. ހީވީ ހަމަ އަލިފުޅު ފެނުނުހެން. ތިދެބަފައިން ހާދަ ވައްތަރޭ" ހުޝާމް އަރާ ހަމަވުމާއެކު ސަބްރީން ވާހަކަދެއްކިއެވެ.

"އަހަރެން ފެންނައިރަށް ރީންދައްތަ އަބަދުވެސް ކިޔާނީ ތިހެން" ހީލުމަކާއެކު ސަބްރީނާ ސަލާމް ކޮށްލަމުން ހުޝާމް ބުނެލިއެވެ.

"ކޮން ދަތުރެއް؟ ހިނގާ ކޮފީބޯން. މިގޭގަ ދޯ މަޑުކުރާނީ މިރޭ" ސަބްރީން ބުނެލިއެވެ.

"މިނޫނީ އަހަރެން ދާނެ ތަނެއްނެތް. ރިސޯޓުން އައި ގޮތަށް ހަމަ މިގެއަށް މިއައީ. ކޮބާ ޝާނީ؟" ދޮރާށިން އެތެރެއަށް ވަންނަމުން ހުޝާމް ވާހަކަދެއްކިއެވެ.

"އެބައުޅޭ. ހިއެއްނުވޭ އެހާ މޫޑް ރަނގަޅުހެނެއް. ވަރަށް ރަނގަޅު ދުވަސްކޮޅަކު ތިއައީ. ގިނަވަގުތު ދެކުދިން އެކީގަ ހޭދަކުރެވޭނެއްނު" ސަބްރީން ވާހަކަދެއްކިއެވެ.

"ވެއްޖެ ކޮޓަރީގަ. ދޭބަލަ. ކޮފީ ތައްޔާރުކޮށްފައި ގޮވާލާނަން" ހުޝާމްގެ ބުރަކަށީގައި ފިރުމާލަމުން ސަބްރީން ބުނެލިއެވެ.

"މިގޭތެރޭގަ އަދިވެސް އެފަޅުކަން. ކޮބާތަ ބައްސާމްބެ؟" ހިނގައިގަންނަމުން ހުޝާމް އަހައިލިއެވެ.

"ހަމަ ދެންމެ އެދިޔައީ. އެދިޔައީ ފިހާރަ ބަންދުކުރާ ވަގުތުވީމަ" ސަބްރީން ވާހަކަދެއްކިއެވެ.

ކޮޓަރީގައި އެއްފަހަރު ޓަކި ޖަހައިލުމާއެކު ޝެނަލް ދޮރު ހުޅުވާލައިފިއެވެ. ކުރިމަތީގައި ހުރި ހުޝާމް ފެނުމާއެކު ސިހިފައި ދޮރު ލައްޕައިލިއެވެ. ހުޝާމްއަށް ހެވުނީ ޝެނަލްއަށް ވީގޮތުންނެވެ. އިރުކޮޅެއްނުވަނީސް ޝެނަލް ދޮރު ހުޅުވާލިއެވެ. އޭރު ހުރީ ލައިގެން ހުރި އަތްކުރު ޓީޝާޓް މަތިން ޖެކެޓެއް ލައިފައެވެ.

"ނޭނގޭނެއްނު ޝާމް ކަމެއް. ކޮންއިރަކު އައީ. ކީއްވެ ނުގުޅާ ތިއައީ؟" ޝެނަލް ވާހަކަދެއްކިއެވެ. އޭރު ހުޝާމް ވަދެ ޑްރެސިންޓޭބަލް ކައިރީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. އެނދުމަތީގައި އޮތް ރިމޯޓްނަގާ އޭސީ އޮފްކޮށްލުމަށްފަހު ކޮޓަރި ދޮރުހުޅުވާލާފައި އެނދުގައި އިށީނެވެ. ހުޝާމް އިނީ ޝެނަލްގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ.

"ޝާނީ ދުވަހަކުވެސް ޗޭންޖެއް ނުވާނެ" ހުޝާމް ހީލާފައި ބުނެލިއެވެ.

"ކިތައް ދުވަހަށް ތިއައީ؟ މަންމައަށް ފެނިއްޖެތަ؟" ޝެނަލް އަހައިލިއެވެ.

"އާނ. އެންމެފުރަތަމަވެސް ރީންދައްތަ ދިމާވީ. ޝާނީ ވަރަށް މޫޑު ގޯސްވެފައޭ ބުނި. އެކަމަކު ބަލާލައިފަ އެހެން ހިއެއްނުވޭ" ހުޝާމް ބުނެލިއެވެ.

"މަންމަ މިހާރު ވަރަށް ފާޑަކަށް އުޅެނީ. ނޭނގެ ދެން" އަނގައަށް ގޮތެއް ހަދައިލަމުން ޝެނަލް ބުނެލިއެވެ.

"އަޅާނުލާ. ދުވަސްވާވަރަކަށް އެކަހަލަ ބަދަލުތައް މަންމަމެނަށް އަންނާނެ" އެއްފައި މަތީގައި އަނެއް ފައިގެ ފައިތިލަ އަޅުވާލަމުން ހުޝާމް ބުނެލިއެވެ.

"ތިން ދުވަސްދޯ. ޝާމް އެބަޖެހޭ ކުއްޖަކާ ބައްދަލުކުރަން ފުރަންވާއިރަށް" ޝެނަލް ބުނެލިއެވެ.

"އަންހެން ކުއްޖެއްތަ؟ އެހެންވިއްޔާ ބުނާނީ ނޯ އޭ. އެހެންކުއްޖަކާ މީޓްކުރާހިތެއް ނެތް" ހުޝާމް ބުނެލިއެވެ.

"ނޫން. އެއީ އަހަރެންގެ ވަރަށް ހާއްސަ ފްރެންޑެއް. އަހަރެން ވަގުތެއް ހަމަޖައްސާފައި ބުނާނަން. މިކަން ކުރަންޖެހޭނީ ވަރަށް ސިއްރުން" ވައި އަޑުން ޝެނަލް ބުނެލިއެވެ.

ސަބްރީން ތަބަކެއްގައި ދެތަށި ކޮފީ ހިފައިގެން އައުމުން ދެކުދިންނަށް ޖެހުނީ ދައްކަމުންދިޔަ ވާހަކަތައް މެދުކަނޑާލާށެވެ.

"މަންމަ ޝާނީއާ އެއްކޮށް ކޮފީ މިގެނައީ" ޝާނީ އަތަށް ކޮފީމަގު ދެމުން ސަބްރީން ބުނެލިއެވެ.

"މިބޮއެފިއްޔާ މިރޭ އަޅުގަނޑު ނުނިދާ އޮންނަންޖެހޭނީ" ހީލާފައި ޝެނަލް ބުނެލިއެވެ.

ހުސް ތަބަށް ހިފައިގެން ސަބްރީން އިށީނީ ޝެނަލްއާއި ޖެހިގެންނެވެ. ހުޝާމްއަށް ބަލައިލި ގޮތުންވެސް ބޮޑު ވާހަކައެއް ހިފައިގެން އިންކަން ހުޝާމްއަށް އިނގުނެވެ.

"ޝިރޫއާއި އަލިފުޅުގެ ހާލު ރަނގަޅުތަ؟ އެއީ ދެން ރާއްޖެއިން ފެންނާނެ ބައެއް ނޫންވިއްޔާ. ގުޅާ އިރަކުން ރީންދައްތަގެ ސަލާމް ބުނެދޭތި އިނގޭ" ސަބްރީން އޭނާގެ ވާހަކަތައް ފެށިއެވެ.

"މަންމަމެން ރަނގަޅު. ނުގުޅަން މިހުންނަނީ. ގުޅައިފިއްޔާ އަބަދު ދައްކަނީ ކުޑަމީހާގެ ވާހަކަ. ބުނާނެ ކޯޓަށް މައްސަލަ ވައްދާށޭ" ހުޝާމް ވާހަކަދެއްކިއެވެ.

"ރަނގަޅަށް އެބުނީ. ދަރިއެއް ވިއްޔާ ބައްޕައަށްވެސް ބައްދަލުކުރެވެން ޖެހޭނެ" ސަބްރީން ބުނެލިއެވެ.

"އަސްލު މައްސަލައަކީ އޭނައެއްނޫން. ދަރިފުޅުގެ މާމަ. އަހަރެމެން ދެމީހުންގެ މެދުގައި ހުރަހަކަށްހުރީ އޭނަގެ މަންމަ" ހުޝާމް ވާހަކަދެއްކިއެވެ. ޝެނަލް ވާހަކަތައް އަޑުއަހަން އިނެވެ.

"އެކަމަކު އެމީހުން ކަންތައް އެކުރަނީ ރަނގަޅަކަށް ނޫނެއްނު. ހުޝާމަށް ހުރެވޭތަ އެކުއްޖާއާއި ބައްދަލުނުކޮށް" ސަބްރީން ބުނެލިއެވެ. ވަގުތުން ހުޝާމްގެ ދެލޮލުން ހިތާމައާއި ހިތްދަތިކަން ފާޅުވެއްޖެއެވެ. މޫނުމަތި މިލައިގެން ގޮސް މުޅި މީހާގެ ހަފަރާތުން މާޔޫސްކަން ވަށާލައިފިއެވެ.

"ވަރަށް ބޭނުން. އެކަމަކު އަހަރުނުވާ ކުޑަކުޑަ ދަރިއެއް ކިހިނެއް އެކުއްޖާގެ މަންމަ އާ ވަކިކޮށްލާނީ. ބައްދަލުކޮށްނުދޭތީ ދެރަވޭ. މިފަހަރު ރިސޯޓަށްދާނީ މާލެ ގޮސްލާފައި. ދާނަން އެގޭދޮށަށް" ހުޝާމް ބުނެލިއެވެ.

"އަދިވެސް ހުޝާމް ބޭނުންތަ ދަރީގެ މަންމައާއި އިންނަން. ލޯބިވޭތަ އޭނަދެކެ؟" ސަބްރީން އަހައިލިއެވެ. ޝެނަލް ދެލޯ ބޮޑުކޮށްފައި ސަބްރީންއަށް ބަލައިލިއެވެ. މީހުންގެ އަމިއްލަ ކަންތައްތަކާއި ބެހޭގޮތުން އެގޮތަށް ސުވާލުކުރަން ވެދާނެ ހެއްޔެވެ؟

"އަލުން ކައިވެނި ކުރުމާއި ގުޅިގެން އެއްޗެއް ބުނަންޏާ ބުނެވޭނީ ވަގުތު ޖެހުނީމައޭ ގޮތެއް ނިންމޭނީ. ދެން އޭނައަކީ ދަރީގެ މަންމަވީމަ ހުންނާނެތާ އިހުސާސްތަކެއް. ކައިވެނިކުރީ ލޯބިން. އެކުގަ އުޅެން" ހުޝާމް ވާހަކަދެއްކިއެވެ.

ވަގުތުން ސަބްރީންގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ހުޝާމްގެ ފަރާތުން ލިބުނީ އޭނާ އުންމީދުކުރި ޖަވާބު ނޫންކަހަލައެވެ.

(ނުނިމޭ)