ރައްޔިތުންގެ މަޖިލިސް

މަރުތަކާއި ހިޔާނާތް ބަލާ ކޮމިޝަންގެ މަސައްކަތަށް ދަތިވާނަމަ މަޖިލީހަށް ހުށަހަޅަން ހަސަން ލަތީފް އެދިވަޑައިގެންފި

ގޮތް ނޭނގޭ މަރުތަކާއި، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޝަނާއި، ސަރުކާރުން ގެއްލިފައިވާ ހިޔާނާތުގެ ފައިސާ ހޯދުމަށް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން މައްސަލަތައް ބެލުމަށް ދަތިތަކެއް ހުރިނަމަ އެކަމެއް ރައްޔިތުންގެ މަޖިލީހަށް އެންގުމަށް އެމްޑީޕީގެ ޗެއާޕާސަން، އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއދުގެ ޖަލްސާގައި، ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ކޮވިޑް 19 ގެ ސަބަބުން ދާން ޖެހިފައިވާ ނިއު ނޯމަލް ގައި އަމަލު ކުރަން ޖެހޭ އިރުޝާދުތަކާއި އެއްގޮތަށް ކޮމިޝަންތަކުގެ މަސައްކަތްތައް ފަށައި ކުރިއަށް ގެންދަން ޖެހޭ ކަމަށާއި، އެ ގޮތުން ކޮރަޕްޝަން ބަލާ ކޮމިޝަނުން އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަންގެ މައްސަލަތައް އަވަސް ކުރަން ޖެހޭ ކަމަށެވެ.

އެކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮށްދެއްވަންވީ ކަމަކީ، އެމަނިކުފާނު އުފައްދަވާފައިވާ ކޮމިޝަންތަކަށް ދަތިތަކެއް ކުރިމަތިވާނަަމަ، އަދި އެކަންކަމަކީ މަޖިލީހަށް ކޮށްދެވެން ހުރި ކަމެއްކަމަށް ވާނަމަ އެކަން މަޖިލީހަށް އެންގެވުން ކަމަށްވެސް ވިދާޅުވިއެވެ.

އެކަންކަމަށް މަޖިލީހުން ރައީސަށް ކޮށްނުދޭނެ ކަމެއް ނޯންނާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.