ލައިފް ސްޓައިލް

ބަނބުކޭލުގެ އަޑު އެންމެ ގަދަވީ ވަގުތު ހުޅަނގުމޫސުމުގެ ގަދަ ވައި ތަޅާލައި ހުރިހާ ބަނބުކޭލެއް ގަސްދަށަށް!

މިދުވަސްވަރަކީ ބަނބުކޭލުގެ އަޑު މާގަދަވެފައިވާ ދުވަސްވަރެކެވެ. މިދިޔަ ދެތިން ދުވަހަކު މުޅި ސޯޝިއަލް މީޑިއާ ބަންޑުންވަންދެން އޮތީ ހުސް ބަނބުކޭލެވެ. އެކި ވައްތަރުގެ ބަނބުކޭލެވެ. ހަރުކޭލާއި ޅަ ކޭލާއި ވަނދުބަނބުކޭލެވެ. ބަނބުކޭލެއްގެ ފޮޓޯ ނުލިބުނު މީހުން އޭގެ ތޫރިޔާއި ބަނބުކެޔޮ ފަތާއި ތޮޅިވެސް މީސްމީޑިއާއަށް އެޅިއެވެ. މި ފޯރިގަނޑެއް އެރީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން ފާސްކުރި ރިޕޯޓެއްގެ ސަބަބުންނެވެ. އާންމުންނަށް އެ ރިޕޯޓުގެ ހަބަރު އެނގުނީ މީޑިއާތަކުން އެވާހަކަ ތިލަކޮށްދިނީމަ އެވެ. ރިޕޯޓުގައި ބާރު އަޅަނީ ކޮންމެ ފަސް އާއިލާއަކަށް ބަނބުކެޔޮގަހެއް ހެއްދުމަށެވެ.

ބަނބުކޭލާއި އެގަހުގެ ފޮޓޯތައް ލީ މީހުން އެއްބަޔަކަށް މާމޮޅުވީ އިރު، އަނެއް ބަޔަކަށް ކަމުދިޔައީ ބަނބުކޭލުގެ މޮޅުކެއުންތައް ލީ މީހުންނެވެ. އެގޮތުން ބަނބުކޭލު ބަތާއި، ބަނބުކޭލު ހިއްޗާއި، ބަނބުކެޔޮ ރިހަޔާއި ބަނބުކެޔޮ ބޮނޑިބަތާއި ބަނބުކޭލު ކިރުގަރުދިޔައާއި ބޯކުރި ބަނބުކޭލާއި ފިހުނު ބަނބުކޭލާއި ފެނުކެއްކި ބަނބުކޭލާއި ބަނބުކެޔޮ ފަންޏާއި ތެލުލި ބަނބުކެޔޮ ހިމެނެ އެވެ.

ބަނބުކޭލުގެ އަސްލު ފެންވަރު ދައްކައިދޭ މި ބާވަތްތަކުން މީސްމީޑިއާ ފުރިބަންޑުންވީ އިރު، މީގެން އެންމެ މޮޅު ކެއުންތައް ކަނޑައެޅުމަށް އިންސާފުގެ ވޯޓުތައްވެސް ނަގަމުން ދިޔަ އެވެ. އެންމެ ގިނަ ބަޔަކަށް ކަމުދިޔަ އެއްޗަކީ ތެލުލި ބަނބުކެޔޮ ކަމަށްވެ މި ވޯޓުގެ ކަންތައްގަނޑުވެސް ނިމިއްޖެ އެވެ. މިއީ ވޯޓެއް ނަގައިގެން ނެރުނު ނަތީޖާއަކާ މެދު ދެކޮޅު ހަދާނެ ބަޔަކު ނެތް ހަމަ އެކަނި ވޯޓަށް ވެސް ވެދާނެ އެވެ. ބަނބުކޭލުގެ އުފެއްދުންތަކުގެ ތެރޭން އެންމެ ގިނަ ބަޔަކަށް ކަމުދަނީ ތެލުލި ބަނބުކެޔޮ ކަމާމެދު ދެބަސްވާ މީހަކު ނެތޭ ބުންޏަސް ގޯހަކަށް ނުވެ އެވެ.

ބަނބުކޭލުގެ މިހުރިހާ ފޯރިގަނޑެއްގެ ތެރެއިން އެންމެން އިއްތިފާގުވި އެހެން ކަމެއްވެސް އޮތެވެ. އެއީ ބަނބުކޭލަކީ ހުރިހާ ގޮތަކުންވެސް ފައިދާ ބޮޑު، މޮޅު ކެއުމެއް ކަމެވެ. ސިއްހަތަށް ގިނަގުނަ ފައިދާ ލިއްބައިދޭ އެއްޗެއް ކަމެވެ. ބަނބުކޭލަކީ ސައިންސްވެރީން އެބުނާ މުސްތަގުބަލުގެ ކާނާކަމުގައި ކަނޑައެޅުމަށް ދެކޮޅުހެދި މާކަ ގިނަ ބަޔަކުވެސް ނުފެނެ އެވެ.

މިހުރިހާ މޮޅުކަންކަމުގެ ލިސްޓަށް ހުރިހާ އެންމެން އެކައްޗެއް ކިޔައި އެއްބަސްވާ ކަމުނުދާ އަދި ފޫހިވާ ތަންކޮޅެއްވެސް ހިމަނައިލަން ޖެހެ އެވެ. އެއީ ބަނބުކޭލުގެ ކޮންމެ ވައްތަރެއް ކެޔަސް، ހެޔޮވަރަކަށް ކައިފި ނަމަ، ފޮޑިޖެހޭ މައްސަލަ އެވެ. އެއީ ކާމިހާގެ ސިއްހަތުގެ މައްސަލައަކުން ވާ ކަމެއްތޯ ނޫނީ ބަނބުކޭލުގައި ހުންނަ މޮޅު ކަމަކުން ވާކަމެއްތޯ މީ ވެސް ސައިންސްވެރީން ޖަވާބުދޭން ޖެހޭ ސުވާލެއް ކަމަށް އެއްބަޔަކު ބުނެ އެވެ.

ބަނބުކޭލުގެ ހުރިހާ މޮޅުވާހަކައެއް މިތަނަށް ހުއްޓައިލާފައި މިވަގުތަށް ދައްކަން މި ޖެހެނީ އެހެން ވާހަކަ އެކެވެ. މީސްމީޑިއާ ބަނބުކޭލުން ފުރި ބަންޑުން ވިޔަސް، އޭގެން އަނގަޔަށް ރަހަ ނުލާތީ، އެންމެންވެސް އިންތިޒާރުކުރަމުން ދިޔައީ މިއީ ބަނބުކެޔޮ މޫސުން ކަމުން ބަނބުކެޔޮ ކެވޭނެ ވަގުތަކަށެވެ. ފޮޓޯތައް ފެނުނު މީހުން ރަށްރަށަށް ގުޅައި ބަނބުކެޔޮ ދޮންވީމަ އަވަހަށް ފޮނުވައިދޭން އެދުނެވެ. އެއްބަޔަކު ތެޔޮތާސްތައް ތައްޔާރުކޮށް، ޑަބިޔާތައްވެސް ސާފުކުރި އެވެ. އެކި ސައިޒުން ދަޅުތައް ހޯދި އެވެ. ބަނބުކެޔޮ ކަނޑާ ދަނޑީގެ ތިލަ ރަނގަޅުތޯ ބަލައި، ހުރިހާ ކަމެއް ރެޑީކުރި އެވެ. ސަބަބު ސާފެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ގަސްތަކުގައި މިދުވަސްވަރު ހުރީ ބަނބުކެޔޮ އަޅައިފަ އެވެ. ހުރިހައި ގަހެއްގައިހެން ޅަކެޔޮ ނުކުމެފައި ހުއްޓެވެ. ވާ ކާތީ، "ބިރުދަނޑި" ނަގައިގެން ޑަބިޔާ ނަގައިގެން ދަމުފޯރިޔަށް ހޭލައި ތިބެގެން ބަނބުކެޔޮކޮޅު ދޮންވޭތޯ މަސައްކަތްކުރަމުން ދިޔަ މީހުންވެސް މަދެއް ނޫނެވެ.

އެކަމަކު ކަންތައް މިވީ ވަރަށް ދެރަކޮށެވެ. ހުޅަނގު މޫސުމުގެ ގަދަ ވައި ތަޅާލައި ގަސްތަކުގައި ނުކުމެފައި ހުރި ބަނބުކޭލުގެ ބޮޑުބައެއް ބިންމައްޗަށް ވެރިއްޖެ އެވެ. ގަސްތަކުގެ އަފިތައް ހުރިގޮތަށް ބިމުގައި ޖަހައި ނަގާވަރަށް ވައި ގަދަވެއްޖެ އެވެ. ގަދަހިތްވަރުކޮށް ތަނޑީގައި ތިބި މަދު ކެޔޮކޮޅަށް ވެސް އިތުރަށް ހަރުވެވޭނެ ކަމުގެ އުއްމީދެއް މިހާރަކު ނެތެވެ. ބެލެވޭ ގޮތުގައި އެގޮތަށް ސަލާމަތްވި މަދު ކެޔޮކޮޅުގެ ބޮޑުބައެއްވެސް ފައިބާނީ ވަނދުބަނބުލޭކުގެ ގޮތުގައި ގަސްދޮށަށެވެ.

ރާއްޖޭގެ ރަށެއްގެ މީހަކު މީގެ ދެ ދުވަސް ކުރީން ބުނި ގޮތުގައި، އެ ރަށުގައިވެސް ހާހަކަށްވުރެ ގިނަ ކެޔޮ އެންމެ ރެޔަކުވެސް ގަސް ދަށަށް ފައިބައިފައި ހުއްޓެވެ. އެއީ އެންމެ ޅަ ސައިޒުގެ ކޭލެވެ. މި ހާލަތު ކުރިމަތިވި ރަށްރަށް ގިނަކަން މީސްމީޑިއާއިން ވެސް އެނގެ އެވެ. މިފަހަރު ނުކުތް ބަނބުކެޔޮކޮޅަށް ދިމާވި ހިތާމަވެރިގޮތް ވަރަށް ގިނަ ބަޔަކު މީސްމީޑިއާގައި ހިއްސާކޮށްފައިވެސް ހުއްޓެވެ.

ކޮންމެޔަކަސް، ރާއްޖޭގެ ބަނބުކޭލުގެ މައި މޫސުމާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރަޔާ ދިމާވުމަކީވެސް އާންމު ކަމެކެވެ. އެކަމަކު މި ފަހަރު މިކަން މާ ބޮޑަކަށް މި ފާހަގަވީ ކޮންމެ ފަސް އާއިލާއަކަށް ބަނބުކެޔޮ ގަހެއް ހައްދަން ޖެހިފައި އޮތީމަ އެވެ. އެކަމަކުވެސް އުއްމީދު ދޫކޮށްލައިގެން ވާކަށް ނެތެވެ. އެމީހަކަށް ވީ ވަރަކުން ބަނބުކެޔޮ ހެއްދުމަކީ ކުރާން ޖެހޭ، ކުރާން ވެއްޖެ ކަމެކެވެ. އަހަރެން އިންދިޔަސް އަހަރެންނަށް އެ ކާން ނުލިބިދާނެ ކަމަށް ހީކޮށް ނުވަތަ ދެތިން މަސްތެރޭ ގަހުން ބަނބުކެޔޮ ނާންނާނެތީ އެކަން ނުކުރުން ރަނގަޅެއް ނޫނެވެ. އަހަރެމެންގެ އެހެން ޒިންމާއެއްވެސް އެބައޮތެވެ. އެއީ އަހަރެމެންގެ އިތުރުން އަންނާން އޮތް ޖީލު ތަކެވެ. މިއަދު އަހަރެމެންނަށް ކާށި ލިބޭ ރުއްތަކާއި އަހަރެމެންނަށް އަނބު ލިބޭ ގަސްތަކާއި އަހަރެމެންނަށް ބަނބުކެޔޮ ލިބޭ ގަސްތައް ފަދަ އެތައް ގަހަކީ މީގެ އެތައް އަހަރެން ކުރީން އެހެން ބަޔަކު އިންދި ގަސްކަން ހަނދާންކޮށް އަހަރެމެންވެސް ވީ އެންމެ ގިނައެއްކޮށް އެކަން ކުރެވޭތޯ ބަލަންވީ އެވެ. އޭރުން ކޮންމެވެސް ބަޔަކަށް އޭގެން ފައިދާ ކުރާނެ އެވެ. އަންނާން އޮތް ޖީލުތަކުގެ ކާނާ ކަށަވަރުކޮށްދެވޭނެ އެވެ.