އެތެރޭގެ އުދުހުންތަކުގެ އަގުތައް ތިރިކުރުމަށް ކަނޑައަޅާފައިވާ އަގުތަކުގެ ލިސްޓެއް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިއުލާންކުރާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިއަދު ސިވިލް އޭވިއޭޝަން އޮތޯރިޓީގައި މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކުރުމަށް ސިވިލް އޭވިއޭޝަންއާ ގުޅިގެން ޕްލޭން އެއް ތައްޔާރުކޮށްފައިވާ ކަމަށާއި އަގުތައް ވަކި ތާވަލަކަށް ފައްތާފައިވާ ކަމަށެވެ.
އެހެންނަމަވެސް މިހާރު ކުރިއަށް ދަނީ އެ މަސައްކަތުގައި އިތުރު ފަރާތްތަކާ ގުޅިގެން ޕްރޮސެސް ކުރުމުގެ މަސައްކަތް ކަމަށް ނަހުލާ ވިދާޅުވިއެވެ.
"ސިވިލް އޭވިއޭޝަނުން ކުރަން ޖެހޭ މަސައްކަތްތައް ވަނީ ނިމިފައި. އެކަމުވެސް އަޅުގަނޑުމެން މިއަދު އެނަައުންސް ނުކުރި ސަބަބަކީ މިއީ ފައިނަލް ގޮތަކަށް ކަންތައްތައް ކަނޑަނޭޅޭތީ،" ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ އަގުތައް ތިރިކުރުމާ ގުޅޭގޮތުން މިހާރުވެސް އިތުރު މުއައްސަސާތަކާއި ކުންފުނިތަކާ މެދު މަޝްވަރާތައް ދަނީ ކުރެވެމުން ކަމަށެވެ.
މިނިސްޓްރީއިން އަގުތައް އިއުލާންކުރި ނަމަވެސް އެ އަގުތަކަށް އަމަލު ކުރާކަށް ނުފެށޭނެ ކަމަށް ނަހުލާ ފާހަގަކުރެއްވި އެވެ.
"މި ވަކި ތަނަކުން ހިންގާ ކަމެއް ވެއްޖެޔާ އެ ސިސްޓަމަށް ބަދަލު ގެނެސް އެކަމެއް ފަށްޓަންވެސް ދުވަސްކޮޅެއް އެބޭފުޅުން [އެތެރޭގެ އުދުހުންތައް ކުރާ ކުންފުނިތައް] ބޭނުންވާނެ. އަގެއް ކަނޑައެޅުނަސް އެކަމަށް އަމަލުކުރަން ދެ ހަފްތާއެއް ނުވަތަ ތިން ހަފްތާއެއް ވަރު ނަގާނެ،" ނަހުލާ ވިދާޅުވިއެވެ.