ކުޅިވަރު

ކުޅުންތެރިންގެ މުސާރައާ ގުޅޭގޮތުން ގޮތެއް ނިންމަނީ

އައިދާ އަބްދުލް ހަކީމް

ކުޅުންތެރިންގެ މުސާރައާއި ނިއު ނޯމަލްގައި ހުޅުވާލާއިރު ކުޅިވަރުތައް ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން އެސޯސިއޭޝަންތަކާއި އެކު ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު މަޝްވަރާކުރައްވައިފި އެވެ.

ޔޫތު މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން ކުޅިވަރުގެ ހުރިހާ ހަރަކާތެއް ހުއްޓާލާފައިވާ އިރު ކުޅުންތެރިންގެ މުސާރަތަށް ނުލިބި ކުޅުންތެރިންގެ ކަންބޮޑުވުންތަކެއް ހުރުމުން އެކަމުގައި އަމަލުކުރާނެ ގޮތަކާއި އަދި ނިއު ނޯމަލްގައި ހުޅުވާލާއިރު ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން އިއްޔެ ބޭއްވި މަޝްވަރާއަކީ ވަރަށް ބިނާކުރަނިވި ބައްދަލުވުމެއް ކަމަށެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވެފައިވަނީ ގައުމީ ޓީމްތަކަށް ދެނީ އެމީހުން ކުރާ ޕްރެކްޓިސްތަކަށް ބަލައި ދޭ އެލަވަންސެއް ކަމަށެވެ. އަދި އެ އެލަވަންސް މިހާރު ނުލިބެނީ ޕްރެކްޓިސްތައް ކުރިއަށް ނުދާތީ ކަމަށެވެ. މިނިސްޓަރު އެހެން ވިދާޅުވެފައިވީނަމަވެސް ކުޅިވަރުގެ ގާނޫނު ބުނަނީ އެއީ ކުޅުންތެރިންނާއި އޮފިޝަލުންނަށް ސަރުކާރުން ކަނޑައަޅާ މުސާރައެއް ކަމަށެވެ.

މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓް

ފަރިތަކުރުންތައް ކުރިޔަށް ނުދާތީ މުސާރަ ނުދެނީ ކަމަށް މިނިސްޓަރު ވިދާޅުވެފައިވީ ނަމަވެސް މީގެ ކުރިންވެސް ފަރިތަނުކުރާ މަސްތަކުގައިވެސް މުސާރަ ދީފައިވާ ކަމަށް ނެޝަނަލް ޓީމްތަކުގެ ކުޅުންތެރިން ވަނީ ވަން އަށް މައުލޫމާތު ދީފައެވެ. ބައެއްފަހަރު ދެ މަސް ތިން މަސް ވެސް ފަރިތަ ނުކޮށްދާ ކަމަށް ބައެއް ކުޅުންތެރިން ބުންޏެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔަކު ބުނީ ކޮވިޑާ ގުޅިގެން ފަރިތަކުރުންތައް ހުއްޓާލަން އެންގީ ސަރުކާރުން ކަމަށާއި އެހެންކަމުން ފަރިތަނުކުރަނީ ކުޅުންތެރިން ބޭނުން ވެގެން ނޫން ކަމަށެވެ. އަދި އެކުޅުންތެރިޔާ ބުނީ އެންމެ ފަހުން ލިބިފައިވަނީ ޖެނުއަރީ މަހުގެ މުސާރަ ކަމަށެވެ.

އިއްޔެ ބޭއްވި މި ކޮންފަރެންސާއެކު ކުޅުންތެރިންނަށް އުފާވެރި ހަބަރެއް ލިބިދާނެކަމުގެ ފެހި ސިގްނަލް މިނިސްޓަރު މިވަނީ ދެއްވައިފައެވެ.