ކޮވިޑް 19 އަށް ފަރުވާ ދިނުމުގައި ސިއްހީ އެހީތެރިން ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް (ޕީޕީއީ) 23 ރަށެއްގައި ނެތްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކޮމިޝަނަށް ފާހަގަވި ކަންތައް ތަކުގެ ތެރޭގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ ޕީޕީއީ ނެތް 23 ކަމަށް ރަށެއްގެ ކައުންސިލްތަކުން ފާހަގަ ކޮށްފައިވާ ކަމަށެވެ. އަދި ގިނަ ރަށްރަށުގައި ރައްޔިތުންނަށް ވާވަރަށް ބޯފެން ރައްކާ ކުރެވިފައިވާ ކަމަށް ބުނެފައިވީ ނަމަވެސް ހަތަރު ރަށެއްގައި ބޯފެން ރައްކާކުރެވިފައި ނެތްކަމަށް ބުނެފައިވާ ކަމަށާއި ފިހާރަތަކުގައި ވިއްކަން ހުންނަ ފެނުގެ އަގު އުފުލިފައިވާ ކަމަށްވެސް އެއް ރަށުން ފާހަގަ ކޮށްފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.
މީގެ އިތުރުން މީގެ އިތުރުން އެކަށީގެންވާ މިންވަރަށް ރަށުން ކާބޯތަކެތި ނުލިބޭ ކަމަށް ދެ ރަށަކުން ފާހަގަ ކޮށްފައިވާއިރު، ރަށުގެ ރައްޔިތުންނަށް ވާވަރަށް ރަށުގައި އެއް މަސްދުވަހުގެ ކާބޯތަކެތި ރައްކާކުރެވިފައި ނެތްކަމަށް ނުވަ ރަށަކުން ފާހަގަކޮށްފައިވާ ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ. މިހާލަތުގައި ކާބޯތަކެތީގެ އަގު އުފުލިފައިވާ ކަމަށް ހަ ރަށަކުން ފާހަގަ ކޮށްފައިވާއިރު، މީގެ ތެރެއިން ދެ ރަށަކުން ފާހަގަ ކޮށްފައިވަނީ ކާބޯތަކެތީގެ އަގު އުފުލިފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ މައްޗަށް ކަމަށެވެ.
ނަމަވެސް ކޮވިޑާއި ގުޅިގެން ކަރަންޓީން ކުރަން ޖެހިއްޖެނަމަ ހަ ރަށެއް ފިޔަވައި ހުރިހާ ރަށެއްގައިވެސް ކަރަންޓީނު ކުރެވޭނެ އިންތިޒާމް ގާއިމުކޮށްފައިވާ ކަމަށް ކައުންސިލްތަކުން ބުނެފައިވާ ކަމަށާއި ސިއްހީ އެހެން ބައެއް ކަންތައްތަކަށް ބަލާއިރު ގިނަ ރަށްރަށުގައި ވެކްސިން ދެވޭނެ އިންތިޒާމު ހަމަޖެހިފައި ވީ ނަމަވެސް ފަސް ރަށަކުން ފާހަގަ ކޮށްފައިވަނީ ވެކްސިން ދިނުމުގެ ކަން ކަން ކުރިއަށް ނުދާ ކަމަށެވެ.