ކުޅިވަރު

ބުންޑެސް ލީގާގައި ޔޫނިއަން ބާލިންގެ މައްޗަށް ބަޔާން މިޔުނިކުން ކުރި ހޯދައިފި

އައިދާ އަބްދުލް ހަކީމް

މިހާރު ކުރިޔަށްދާ ޖަރުމަނުގެ ބުންޑެސް ލީގާގައި ޔޫނިއަން ބާލިންގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ބަޔާން މިޔުނިކުން ލީޑް ފުޅާ ކޮށްފި އެވެ.

ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލި ބުންޑެސް ލީގާ މިހާރު ފަށައިގެން ކުރިއަށްދާއިރު އިއްޔެ ކުޅުނު މެޗުގައި ބަޔާންގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ، ބަޔާން ފޯވަޑް ރޮބަޓް ލެވަންޑޮސްކީ އެވެ. އެއީ މި ސީޒަންގައި އޭނާ ކާމިޔާބު ކުރީ 40 ވަނަ ލަނޑެވެ. އެޓީމުން ޖެހި ދެވަނަ ގޯލް ޖެހީ މެޗްގެ 80 ވަނަ މިނެޓުގައި ލިބުނު ކޯނަރެއް ބޮލުން ޖަހައި ގޯލަށް ފޮނުވާލައިގެން އެޓީމުގެ ބެންޖަމިން ޕަވާޑް އެވެ.

ކޮވިޑް 19 އާ ގުޅިގެން ސަޕޯޓަރުން ނުވައްދައި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު ރައްކާތެރި ކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ގޯލް ސެލެބްރޭޝަން ވެސް ވަނީ ވަކީ ހުދޫދެއްގެ ތެރޭގައި ބެހެއްޓުމަށް އަންގައިފަ އެވެ.

ފުރަތަމަ މެޗަށް ޔޫނިއަން ބާލިން ނުކުތީ އެ ޓީމުގެ ކޯޗް އުސް ފިޝާ އާ ނުލައެވެ. އާއިލީ ކަމެއްގައި ގެއިން ބޭރަށް ނުކުންނަށް ޖެހި ކަރަންޓީންގެ މަރުހަލާ މުގުރާލުމުން އޭނާ ވަނީ އެކަހެރި ކޮށްފަ އެވެ. އޭނާ އަކީ ބުންޑެސްލީގާގައި އެކަހެރި ކުރި ދެ ވަނަ ކޯޗެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮގްސްބާގް ވެސް މެޗު ކުޅުނީ އެ ޓީމުގެ ކޯޗް ނެތި އެވެ. އެއީ އޭނާވެސް ހޮޓަލުން ބޭރަށް ނުކުމެ، ކަރަންޓީންގެ މަރުހަލާ މުގުރާލާފައި ވުމުންނެވެ. ދެ ޓީމުގެ ކޯޗުންނަށް ވެސް އަލުން ޓީމާއެކު މަސައްކަތް ކުރެވޭނީ، ކޮވިޑް 19 އަށް ދެ ފަހަރު ޓެސްޓް ކުރުމަށް ފަހު، ނަތީޖާ ނެގެޓިވް ވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.