ވާހަކަ

ދެކިލަން އެދޭތީ - 10

2

ކްލާސް ނިމުނު އިރު ވެސް ރައުހާއާއި އީވާއަށް އެއްބަސްވުމަކަށް ނާދެވުނެވެ. މާކިންގެ ގާތުން ރައުހާ މަޢާފަށް އެދެން އުޅުމުން އެކަމާ އީވާ ފާޅުގައި ދެކޮޅުހަދަމުން ދިޔައެވެ. ރައުހާއަށް ގޯސްކަމެއް ނުކުރެވޭކަން ބުނެދޭން ވެސް އެތައް ބަހަނާއެއް ދެއްކިއެވެ. ނަމަވެސް އީވާގެ އަޑެއް ރައުހާ ނޭހިއެވެ. މާކިންއަކީ ކޮންމެ ކަހަލަ މީހަކަށް ވިޔަސް މަޢާފަށް އެދެން އޭނަ ގަސްދުކުރިއެވެ. އަމިއްލަ ހިތުގެ ހަމަޖެހުމަށްޓަކައެވެ. މަޢާފަށް އެދުމުން އޭނަގެ ވާޖިބު އަދާކުރެވިދާނެއެވެ. މަޢާފްކުރުމާ ނުކުރުން އެއީ މާކިންގެ އަތްމަތީގައި އޮތް ކަމެކެވެ.

ފަހު ކްލާސް ނިމުމާއެކު ހުރިހާ އެންމެން އަވަސްވެގަތީ ކްލާހުން ނިކުތުމަށެވެ. އެހަލަބޮލިކަމުގެ ތެރޭން ހުޝިޔާރުވެ އިން ރައުހާ ކޮޅަށް ތެދުވުނެވެ. ރައުހާއަށް ބަލައިލި އީވާއަށް އެއްޗެކޭ ނުބުނެވެނީސް ރައުހާ ކުރިއަށް ހިނގައިގެންފިއެވެ. ދެފަރާތަށް ބޯހޫރާލެވުނު އީވާ އަވަސްއަވަހަށް ގޮނޑިން ތެދުވުނެވެ. އަދި ރައުހާ ހުއްޓުވަން އަވަސްވެގަތެވެ.

''ސޮރީ، އަހަންނަށް އެނގޭ މާކިން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އެގޮތަށް އަހަރެން ވާހަކަދައްކައިގެން ނުވާނެކަން، ދިވެއްސަކަށް ނުވިނަމަ އަހަރެން ދެއްކި ވާހަކަ ފަހުމެއް ނުވީސް، އެކަމަކު ވެސް އެއީ ގޯސްކަމެއް... މީހުންނަށް ޢީބަ ބުނުމަކީ އަހަރެންގެ މިޒާޖެއް ނޫން، އަހަރެންގެ އެކުވެރިޔާއަށް ދިމާވި ގޮތެއްގެ ސަބަބުން އެހެން ވާހަކަދެކެވުނީ، ކުރެވުނީ ރަނގަޅުކަމެއް ނޫންކަން އަހަރެން ޤަބޫލުކުރަން، މީހަކު ހުންނަ ސިފައަށް ބަސްބުނުމަކީ ކޮންކަހަލަ ކަމެއްކަން އަހަންނަށް އެނގޭ... އެހެންވެ މަޢާފަށް މިއެދުނީ... ރުޅިވެރިކަމެއް އޮތްނަން އަހަރެން ބޭނުމެއް ނޫން...'' ކޮނޑުގައި ދަބަސް އަޅުވާލަމުން ގޮނޑިން ތެދުވަން އުޅުނު މާކިންގެ ގާތަށް ރައުހާ ހުއްޓުނެވެ. އޭނަގެ ފަހަތުން އައިސް ހުއްޓުނު އީވާ، ރައުހާގެ އަތުގައި ހިފާ ދަމާލިއެވެ. އަދި ބުމަގޮށްޖަހާލީ ރައުހާގެ އަމަލާ މެދު ހިތްހަމަނުޖެހިއްޖެކަން އަންގަންވެގެންނެވެ. އެކަމަށް ރައުހާ ސަމާލުކަމެއް ނުދިނެވެ. އީވާއާއި ނަޒަރު ވަކިކޮށްލަމުން އޭނަ ބަލައިލީ މާކިން އަށެވެ.

މަޢާފަށް އެދެވުމުން ހިތަށް ލުއިވެގެން ދިޔަކަން ރައުހާއަށް އިހުސާސްވިއެވެ. ހައްޓަށް ލުޔެއް ލިބުނުހެން ވެސް ހީވިއެވެ.

މާކިންގެ ފަރާތުން ފެނުނީ ފަރުވާކުޑަ ކަމެވެ. އެއްވެސް އަސަރެއް އެމޫނުމަތިން ނުފެނުނެވެ. ގޮނޑިން ތެދުވަމުން ލޮލުގެ އިޝާރާތުން ރައުހާއަށް އަމުރުކޮށްލީ އޭނަގެ ކުރިމަތިން ދުރަށް ދިއުމަށެވެ. ރުންކުރުކަން އެމޫނުމަތިން ފެނުނެވެ. ހައިރާންކަން ލިބިގެން ދިޔަ ރައުހާއަށް އަވަސްއަވަހަށް ދުރަށް ޖެހިލެވުނެވެ. މާކިންއަށް އެއައި ބަދަލެއްގެ ފަހަތުގައި ފޮރުވިފައި އޮތް ސަބަބެއް ވިސްނައިގަންނަން އޭނަގެ ސިކުނޑި ނުކުޅެދުނެވެ. މަޢާފަށް އެދުމުން ވެސް ރުޅިވެރިކަން އެމޫނުމަތިން ފެނުނީ ކީއްވެގެން ހެއްޔެވެ؟ ބުނާނެއެއްޗެއް ނޭނގިފައި ރައުހާއަށް ހުރެވުނެވެ.

މާކިންގެ ފަރާތުން ފެނުނު ސިފަތަކުން އީވާ ވެސް ހުރީ ހައިރާންވެއަންތަރީސް ވެފައެވެ. ކޮންކަހަލަ ފިރިހެނެއް ހެއްޔޭ އީވާގެ ހިތަށް އެރިއެވެ. ހިތުގައި މާކިންއާ މެދު އޮތް ފޫހިކަން އިތުރުވެގެން ދިޔައެވެ. އައި ރުޅީގައި އޭނައަށް ދޫ ހިމޭނެއް ނުކުރެވުނެވެ. ކުރިއަށް ހިނގައިގަތް މާކިންއާ ދިމާއަށް އޭނައަށް ހަޅޭއްލަވައިގަނެވިއްޖެއެވެ. މާކިންގެ ފޮނިކަމާއި ކިބުރުވެރިކަން ދެކެ އޭނަ ހިތްހަމަނުޖެހުނެވެ. ހެޔޮހިތަކުން ރައުހާ މަޢާފަށް އެދެމުން ވެސް ތިމާގެ ކިބުރުވެރިކަން އިއުލާންކުރަން ވެއްޖެއެވެ. އީވާގެ މޫނު ބަނަވެގެން ދިޔައީނުން ހީވަނީ ކަޅުފޮއި އަނދިރި ރެޔެއް ހެންނެވެ.

''ނުލަފާ މީހާގަނޑު، މީހަކު މަޢާފަށް އެދެމުން ކަންތައް ކުރަންވީ ގޮތްތަ ތީ!، ހަޤީޤަތުގަ ތި ފޮނި ބޮޑު ފިރިހެނާ ޖެހެނީ އަހަރެންގެ ފަރާތުން މަޢާފަށް އެދެން، ފުރަތަމަ އަހަރުމެންގެ ޓެކްސީ ވަގަށް ނެގުން، ދެން މިއަދު އައިސް އަހަރެންގެ ގައިގައި ޖެހިގަތުން...'' ހިތްހަމަނުޖެހުމާއެކު އީވާއަށް ބުނެވުނެވެ. ރުޅިވެރިކަމުގެ އަސަރުތައް އެމޫނުމަތިން ފާޅުވެއެވެ. ދޮން މޫނުގެ ކުލަ ވަނީ ބަދަލުވެފައެވެ. ބުމަ ގޮށްޖެހި ދެލޯ ވަނީ ހަނިކޮށްލެވިފައެވެ.

ފަސްއެނބުރިބެލުމެއް ނެތި މާކިން ހިނގައިގަތީ ކުރިއަށެވެ. އެއާއެކު ހިތުގެ ތެރޭގައި އަލިފާނުގެ އާރެއް ކެކި އުތިރެގެން ދިޔަ ކަމުގެ އިހުސާސް އީވާއަށް ކުރެވުނެވެ. ރުޅިވެރިކަމުގެ އާވި އޭނަ ދޫކޮށްލި ނޭވާއާއެކު ފަޒާގެ ތެރެއަށް ދޫވެގެން ދިޔައެވެ. ދަތްޕިލަ ޖައްސާ ބާރުކޮށްލެވުނީ ރުޅި ކޮންޓްރޯލްކުރަން އުނދަގޫވާހެން ހީވުމުންނެވެ. މާކިންގެ ފަހަތުން ދާން އުޅުނު އީވާ ހުއްޓުވީ ރައުހާ އެވެ. އޭރު އީވާއަށް އައިސްފައިވި ބަދަލުތައް ފެނި ރައުހާ ހުރީ ކަންބޮޑުވެފައެވެ. ކްލާހުގައި ތިބި އެންމެންގެ ނަޒަރުތައް ހުއްޓިފައިވާކަން ފާހަގަ ކުރެވުމުން، އީވާގެ އަތުގައި ހިފަމުން އޭނަ އަވަސްވެގަތީ ކްލާހުން ނިކުތުމަށެވެ. ކްލާހުން ނިކުތް އިރު ލިފްޓާ ދިމާއަށް ދިޔަ މާކިން ފެނި އިތުރަށް އީވާ ރުޅިގަދަ ވެއްޖެއެވެ.

''ޖާރކް!... އިޑިއަޓް!...''

އީވާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. މާކިންއަށް އީވާގެ ޖުމްލަ އަޑުއިވުނީ ކަން ނޭނގެއެވެ. ފިޔަވަޅުތައް މަޑުޖައްސާލަމުން ފަސްއެނބުރި ބަލައިފިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ހިނދު މާކިންގެ ދެލޮލުން އީވާއަށް ފެނުނީ ޖެހިލުންވާ ކަހަލަ ސިއްރުވެރި ވިދުމެވެ. ވަގުތުން ދޫ ހިމޭންވެއްޖެއެވެ. މީހާ ފިނިވެއްޖެއެވެ. ފަސްދީފައި ދިޔަ މާކިން ގެއްލެން ދެން ބަލަން ހުރެވުނީ ބިރެއް ފެނުނު ފަދައަކުންނެވެ. ލޯމަތިން މާކިން ގެއްލެން ވާއިރަށް އަނެއްކާ ވެސް ރުޅިވެރިކަން ނަފުސަށް ވެރިވެއްޖެއެވެ.

*****

އީވާ ގޮވައިގެން ރައުހާ ދިޔައީ ފާޚަނާ ބަރިއާ ދިމާއަށެވެ. އޭރު ވެސް އީވާ ކުދިކިޔަމުން ދިޔައެވެ.

''އަހަރެން އޭރުވެސް ބުނީމެއްނު ނުދާށޭ، ދިޔައީމަ ވީ ގޮތް ފެނިއްޖެއެއްނު، ހުވާ މިބުނީ، ދުވަހަކު އެހާ ފޮނިބޮޑު މީހަކު ނުދެކެން، ރައު ގާތު ދުރަށް ދާށެ ބުނި ގޮތުން ވެސް ކިބުރުވެރިކަން ފެނުނު... އަދި އަހަރެން އެއްޗެހި ކީމަވެސް އަޅާ ނުލާ ދިޔައީ އެއްނު، އެއީ ކޮންކަހަލަ ފިރިހެނެއް، އަދި ދަމުން އަހަންނަށް ބަލައިލި ގޮތް، ބިރުން ގޮސް ހަލާކު ނުވީ ކިރިޔާ، ޑެވިލްއެއް ކަން ނޭނގޭ... އާރގް... ވަރަށް ރުޅި އެބައާދޭ...'' މޫނުދޮންނަ ތަށިގަނޑުގައި އަތް ވިއްދާލަމުން އީވާ ވާހަކަ ދެއްކިއެވެ.

''ދެން އަޅާ ނުލާ، މިހާރު އަހަރެން މަޢާފަށް އެދެފީމެއްނު، ދެން އެހިސާބުން އެނިމުނީ... ދިވެއްސަކަށް ވީމަ ބޭނުން ވިޔޭ ފަހުން އެކުވެރިކަން ބަދިހިކުރަން ވެސް، އެކަމަކު ދެން ނޫޅެން... އޭނައާއި ދުރުން ދެން އުޅެނީ...'' އަތްދަބަސް ތެރޭން ނެގި ކުޑަ މޭކަޕް ދަބަސްކޮޅު ހުޅުވާލަމުން ރައުހާ ބުނެލިއެވެ. ރަތްކުލައިގެ ލިޕްސްޓިކަކުން ތުންފަތް ފަވާލަމުން އީވާއަށް އޭނަ ބަލައިލިއެވެ.

''އީވް ތިހާ ރުޅިގަދަވެފައި ހުއްޓަ މިފެނުނީ ފުރަތަމަ ފަހަރަށް... ދެން ހަމަޖެހިބަލަ، އީވް ރުޅިން ގޮސް މޫނު ރަތް ޓޮމާޓޯއަކަށް ހެދިޔަސް އޭނަ އެބަހުރިތަ ބަލަން؟...'' ރައުހާ ގާތަށް ހިނިއަންނަ ގޮތް ވިއެވެ. ރައުހާގެ ހުނުމުގެ އަޑަށް އީވާ ކަޅި އަޅާލިއެވެ.

''އޯކޭ، އޯކޭ، ދެން ހިނގާ އެއްޗެއް ކާން ދަމާ... ވަރަށް ބަނޑުހައިވެފަ މިހިރީ...'' މޫނުމަތި ރީތިކޮށްލަމުން ރައުހާ ބުނެލިއެވެ. އެކަމާ އެއްބަސްވެލަމުން އީވާ ފާޚަނާއިން ނިކުންނަން ހިނގައިގަތެވެ.

''މަޑުކޮށްބަލަ...'' އަވަސްއަވަހަށް އެއްޗެހި އަތްދަބަސް ތެރެއަށް ލަމުން ރައުހާ ބުނެލިއެވެ.

*****

ރޭގަނޑެވެ. ވެހެމުން ދިޔަ ވާރެއަށް ބަދަލެއް އަންނާނެ ކަމުގެ ނިޝާނެއް ނުފެނެއެވެ. އިރުއިރުކޮޅާ ރޭގަނޑު ދުވާލަށް ހަދާލާ ފަދަ އަލިގަދަ ވިދުވަރުތަކާއެކު ލޯ ތަރަތަރަ ޖަހައިގެން ހިނގައިދާނެހެން ވެސް ހީވެއެވެ. އިވޭ ބާރު ގުގުރީގެ އަޑުން ކުޑަދޮރުތައް ވެސް ތެޅިލައެވެ. އީވާ އިނީ ބޮޑުކޮޓަރީގައެވެ. ޓީވީން ދައްކަމުން ދިޔަ ޑްރާމާއަށް ނަޒަރު ހުއްޓާލައިގެން އިންކަމުގައި ވިޔަސް މޫނަށް ގެންނަމުން ދިޔަ ހަރަކާތްތަކުން ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައި އިންހެން ހީވެއެވެ. އެހެން އިންދާ ސޯފާގައި އޮތް ފޯނު ރިންގްވާން ފެށުމުން ފޯނަށް ބަލައިލެވުނެވެ. ގުޅަނީ ޖާދިން އެވެ. ފޯނު ކެނޑެންދެން ބަލަން އިނދެވުނީ ފޫހިވެފައެވެ. ޖާދިންއާ ވާހަކަދެއްކުމުގެ ޝައުޤުވެރިކަމެއް އޭނަ ނެތެވެ.

ދެވަނަ ފަހަރަށް ވެސް ޖާދިން ގުޅުމުން އީވާ ފޯނު ނެގިއެވެ. ނުނަގައިފިނަމަ ޖާދިން ގުޅުން ހުއްޓާނުލާނެކަން އެނގޭތީއެވެ. ހަމައެއާއެކު ފޯނަށް ޖަވާބު ނުދީފިނަމަ ޖާދިން ހީކޮށްފާނެ އެއްޗަކާ މެދުގައި ވެސް ވިސްނާލެވުނެވެ.

''ހާލު ކިހިނެއްތަ؟... މިއަދު ކޮލެޖްގެ ފުރަތަމަ ދުވަހެއްނު، ކިހިނެއްތަ ދުވަސް ދިޔައީ؟...'' ޖާދިން ބޭނުންވީ އީވާގެ ދުވަސް ދިޔަ ގޮތް އޮޅުން ފިލުވާށެވެ. އޭނަގެ ރާގުން ގަޔާވެފައި ހުރި މިންވަރު ހާމަވެއެވެ. އަޑުގައި ވެސް ޖޯޝު ވިއެވެ.

''ގޯހެއް ނޫން، މިކޮޅަށް އަބަދު ވާރޭ ވެހިވެހި އޮތްނަނީ...'' މިއަދު ހިނގި ހާދިސާ ޖާދިންއާއި ހިއްސާކުރަން އީވާ ބޭނުމެއް ނުވިއެވެ. މުހިންމުކަމެއް ކަމުގައި ނުފެނުމުން ސިއްރުކުރެވުނެވެ. ''ޖާދު ކިހިނެއްތަ؟...''

''އީވް ނެތީމަ ހިތްދަތިވެގެން މިއުޅެނީ... ހެހެހެ...'' ހުނުމެއްގެ ތެރޭން އޭނަގެ ހިތުގެ ހާލު އީވާއަށް ޖާދިން އަންގާދިނެވެ. ''ދެން ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބިޒީވާނެ ދޯ، އަހަރެން ވެސް މިކޮޅުގަ ވަރަށް ގިނަ ކަންތައް ކުރަން އެބަ ޖެހޭ، ވަގުތެއް ވާއިރަށް އީވްއަށް ޚަބަރެއް ވެލާނަން، ދެން މިވަގުތަށް ބާއްވަނީ އެނގޭ... ލަވް ޔޫ!''

*****

މުޅިން އައު ދުވަހަކަށް ފެނުން ތޮޅެލި އިރުގެ ދޯދިތަކުން އުދަރެސް މަތި ދޮންކުރަމުން ދިޔައެވެ. ވިއްސާރަވިލާތަކުގެ ސަމާސާތައް އުޑުމަތިން ފޮހެވި ސާފު ރީތި ދުވަހެއްގެ މުބާރަކުބާދީ އަރިސްކުރަމުން އިރުގެ ދޯދިތައް ފަތިހުގެ ފިނިކަމުގެ މައްޗަށް ގަދަވެގެން ދިޔައެވެ. ދޫނިސޫފާސޫފިތައް ވެސް މިނިވަންކަމާއެކު ޖައްވުގެ ތެރޭގައި އުދުހެމުން ދިޔައެވެ. ސާފު، ރީތި އަދި ހިތްގައިމު ދުވަހެއްގެ މަލަމަތި ދުނިޔެއިން ފެންނަން ފަށައިފިއެވެ.

ފަތިސް ނަމާދަށް ހޭލާ އުޅުނު އީވާ، ރައުހާއަށް ގޮވައި ފަތިސް ނަމާދު ކުރުވިއެވެ. ދީނުގެ ކަންކަމަށް ރައުހާ ފަރުވާކުޑަކުރާތީ އެކަމަށް ވެސް އީވާ ފާޑުކިޔެވެ. އަދި ނަސޭހަތް ދިނެވެ. އީވާގެ ނަސޭހަތުގައި ހިފާނެ ކަމުގެ ޔަޤީންކަން ރައުހާ ދިނުމުން އީވާ ހުރީ ހިތްހަމަޖިފައެވެ.

ރީތި ދުވަހަކަށްވުމުން ސާފު ވައިގެ ހިތްގައިމުކަން ހޯދަން އީވާ ބޭނުން ވިއެވެ. ދުވާލު ވަގުތުކަމުން ކުޑަ ކަސްރަތެއް ވެސް ކޮށްލަން ބޭނުންވާތީ ދުވަން ދާން އޭނަ ނިންމިއެވެ. ރައުހާ ވެސް އީވާއާއެކު ދުވަން ދާނަމޭ ބުނެފައި، އީވާ ތައްޔާރުވެގެން ނިކުތް އިރު ޚަބަރެއް ނުވިއެވެ. އެންމެފަހުން ކޮޓަރި ހުޅުވާފައި ބެލިއިރު އޮތީ ތަންމަތީގެ އަރާމުކަމުގެ ތެރެއަށް ގެނބިފައެވެ. އެމަންޒަރު ފެނި އީވާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ރައުހާއަށް އުނދަގޫކުރަން ބޭނުންނުވާތީ މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު، އީވާ ހިނގައިގަތީ ބޭރަށް ނިކުތުމަށެވެ.

*****

އިރުގެ ހޫނު ދޯދިތަކުން ވާރޭގެ އަސަރު ދުނިޔެމަތިން ފަނޑުކޮށްލުމުގައި ކާމިޔާބު ހޯދިއެވެ. ގަސްތަކުގައިވި ޝަބްނަމްތަކާއި ފަޒާގެ ތެތްފިނިކަން ވެސް ފިލައިގެން ގޮސް ފިއެވެ. ދުވަން ހާއްސަކުރެވިފައިވާ ދުވާރުމަތިން އީވާ ދުވަމުން ދިޔައެވެ. ދުޅަހެޔޮ ސިއްހަތަކަށް އޭނަ އަބަދުމެ އިސްކަން ދެއެވެ. ދުވުމާއި ކަސްރަތުކުރުމަކީ ވަޒީފާގެ މާހައުލުން ލިބޭ ސްޓްރެސްތަކުން ދުރުވެލަން އެންމެ ރަނގަޅު ފަރުވާއެވެ. ނަފުސާނީ ދުޅަހެޔޮކަމަށް އެކަމުން ފައިދާ ކުރެއެވެ. ހަމައެއާއެކު ކުރީދުވަހު ސިކުނޑިއަށް ވެރިވި ނުރުހުންތެރިކަމާއި ރުޅިވެރިކަމުގެ އަސަރަށް ނިމުމެއް ގެންނަން ވެސް އީވާ ހުރީ ބޭނުން ވެފައެވެ.

ދުވަމުންދުވަމުން ގޮސް ގެއާއި ވަރަށް ދުރު ހިސާބަކަށް ދެވުނެވެ. އެއީ ރިވާރ ތޭމްސްއާއި ކައިރި ހިސާބަކެވެ. އެމާސިންގާ ކޯރު ހުރަސްކުރަން އަޅާފައި އޮތް ދިގު ބޮޑު ފާލަމާއި، ލަންޑަންގެ މަލަމަތި އެހިސާބުން ވަރަށް ރީތިކޮށް ފެނެއެވެ. އިރުގެ ކުލަތަކުން އެމަންޒަރަށް ދިރުން ގެނެސްދީފައި އޮތުމުން އީވާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ހެނދުނުހެނދުނާ ދުވަން ނިކުމެ އުޅޭ މީހުން އެތަނުގައި ހޭލަމޭލަވަމުން ދާ މަންޒަރު ވެސް ފެނެއެވެ.

ހަށިގަނޑަށް ލިބިފައިވި ވަރުބަލިކަމާއެކު އީވާއަށް ކައިރި ހިސާބެއްގައި ހުރި ހިލައިގެ ގޮނޑިބަރިއެއްގައި އިށީނދެވުނެވެ. އަދި ފުންނޭވާތަކެއް ދޫކޮށްލަމުން ހާމައަށް އޮތް އުޑަށް ނަޒަރު ހުއްޓާލިއެވެ. ލޮޑުކަން ފިލުމާއެކު އަތުކުރީ އޮތް ސްމާޓް ގަޑިއަށް އީވާ ބަލައިލިއެވެ. އޭގެން ރަމްޒުކޮށްދެނީ ހެނދުނުގެ ކަސްރަތު ފުރިހަމަކުރެވިއްޖެ ކަމެވެ. ހިތްހަމަޖެހުމާއެކު ގެއަށް ދިއުމަށް އޭނަ ގޮނޑިބަރިން ތެދުވެލިއެވެ. ކުރިއަށް އަޅަން އުޅުނު ފިޔަވަޅު މަޑު ޖައްސާލެވުނީ ކުއްލިޔަކަށެވެ. އަދި ދުވަން ނިކުމެ އުޅުނު މީހުންނަށް ފަރުވާތެރިކަމާއެކު ނަޒަރު ހިންގާލެވުނެވެ. ހީވީ ހަމަ ރަނގަޅަށެވެ.

ކޮނޑުކެނޑިއަކާއި ސޯޓުބުރިއެއް ލައިގެން ބޮލަށް ބޭންޑެއް އަރުވައިގެން އެއުޅެނީ މާކިން އެވެ. އެހާ ބޮޑަށް ލޮލުގައި އަޅައިގަތީ މީހުންނާ ދުރުދުރުން ދުވަން ކުރަމުން ދިޔަ މަސައްކަތުންނެވެ. ހީވަނީ މީހުން ދެކެ ފަކުރުން އުޅޭ މީހެއް ހެންނެވެ.

''އަޅޭ!... މި ބޮޑު ލަންޑަނުން މިތަނުން އޭނަ ފެންނަންވީ ކީއްވެތަ؟، މުޅި ދުވަސް ވެސް ޚަރާބު ވެއްޖެޔޭ، ފޮނި މީހާގަނޑު، ކޮނޑުކެނޑިއަކާއި ކުރުކުރު ސޯޓެއް ލައިގެން އެއުޅެނީ ތިމާގެ ހަށިގަނޑުގެ ރީތިކަން ދައްކަންތަ، ހުއް!، އެއްވެސް ރީއްޗެއް ނޫން، މޫނަށް ބަލައިލަން ވެސް ކެރެނީކީ ނޫން، އެހުރި ތުނބުޅިއެއް ވެސް ދޯ، ދިގުކުރުމަކުން މައްސަލައެއް ނެތް، އެކަމަކު ބޭސިކް ގްރޫމިންގް ހުންނަން ޖެހޭނެ ދޯ، ދެން ހާދަ ފޫއްސެއް ވެޔޭ، އޭނަ ނޫން މީހަކަށް މިތަނަށް އަންނަން ނޭނގުނީތަ؟، އަނެއްކާ އެފިރިހެނާ އަހަރެން ސްޓޯކް ކުރަނީތަ؟...''

އީވާގެ ހަނދާނަށް ކުއްލިޔަކަށް ވެރިވެގެން އައި ޚިޔާލަކުން އޭނަގެ މޭގަނޑަށް ލޮޅުން އަތުވެއްޖެއެވެ. ހިތް ނުހަނު ބާރަށް ތެޅެން ފެށުމުން އެކަން އިއުލާންކުރަން ފެށީ އަތުގައި އޮތް ސްމާޓްގަނޑިންނެވެ. ފުން ނޭވާތަކެއް ދޫކުރަމުން އޭނަ މާކިންއަށް ބަލަން ހުއްޓެވެ. މާކިން ވެސް އެއްލި ކަޅިއަކުން ދުރުގައި ހުރި އީވާ ފެނިއްޖެއެވެ. އޭނަގެ ލަސްދުވުމަށް ހުއްޓުމެއް އައިސްފިކަން ގައިމެވެ. މާކިންގެ ބެލުމުގެ ސަބަބުން އީވާގެ ހިތް ތެޅިލައިފިއެވެ. އޭނަގެ ނަފުސަށް ބިރުވެރިކަން ވެރިވެއްޖެއެވެ. މާކިންގެ ހިތުގެ ނިޔަތާ މެދު އޭނަގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ. ފިލްމުތަކުން ފެންނަ ކަހަލަ ނުލަފާ މީހަކަށް މާކިން ވެދާނެ ހެއްޔެވެ؟ ހަޤީޤަތުގައި ވެސް މާކިން އޭނަ ސްޓޯކް ކުރަނީ ހެއްޔެވެ؟ އޭނަ ބުނި ބަސްތަކުން ރުޅި އައިސް އޭނައަށް ގެއްލުމެއް ދޭން ފާރަލާން ފެށީ ހެއްޔެވެ؟ ނަމަވެސް މިހާ އަވަހަށް އޭނަގެ މައުލޫމާތު މާކިން ހޯދީ ވެސް ފަހެ ކިހިނެއް ހެއްޔެވެ؟ މާކިންއަކީ ކާކު ހެއްޔެވެ؟

ހިތަށް ވެރިވި ތަފާތު ސުވާލުތަކާ ހުރެ އީވާގެ ހިތް ބިރުގަންނަ ގޮތްވިއެވެ. މާކިން ހުންނަނީ ވެސް މީހަކު ޖެހިލުން ނުވާނެ ގޮތަކަށް ނޫން ވިއްޔާއެވެ. ކުރެވޭ ކަންތައް ރޭކާލާ ޒުވާނެއް ނޫނެވެ. ރުންކުރެވެ. އެހާމެ ނުލަފައެވެ. އަދި ކުރީ ދުވަހު ކޮލެޖްގައި އޭނައަށް ދިން ނަޒަރުން ވެސް ހީވީ އިންޒާރުތަކެއް ދިން ހެންނެވެ. ވިސްނެމުން ދިޔަ ވަރަކަށް މާކިންގެ ބޮލުގައި އެތައް ތުހުމަތެއް އެޅުވެމުން ދިޔައެވެ.

އަވަސްއަވަހަށް ފިޔަވަޅުތަކުގެ މިސްރާބު އީވާއަށް ބަދަލުކޮށްލެވުނެވެ. އައިކޮޅަށް އެނބުރި ދިއުމަށް އޭނަ އަވަސްވެގަތެވެ. މާކިން ކަހަލަ ސިއްރުތަކުން ފުރިފައިވި މީހެއްގެ ނިޔަތް ހޯދައި ގަތުމަކީ އުނދަގޫކަމެކެވެ. އެނުލަފާ ފިރިހެނާގެ ފަރާތުން ކުރިމަތިވެދާނެ އުޤޫބާތަކާ މެދު އީވާގެ ހިތް ނުތަނަވަސްވިއެވެ. އޭނަ ފިޔަވަޅުތައް ބާރުކޮށްލަމުން އިރުއިރުކޮޅާ ފަސްއެނބުރި ބަލައިލެވެއެވެ. ހިތް އިތުރަށް ހާސްވާން ފެށީ އިރުކޮޅެއް ފަހުން މާކިން އޭނަގެ ފަހަތުން އަންނަން ފެށުމުންނެވެ. ހިތުގެ ވަހުމުތައް ހަޤީޤަތަކަށް ވުމުގެ ކޮޅުމަތި ފެންނަން ފެށީ ބާވައޭ އީވާގެ ހިތަށް އެރިއެވެ. ނިތުން ފިނި ދަލެއް ހިއްލާލިއެވެ.

''ކީއްވެތަ އޭނަ އަހަރެންގެ ފަހަތުން އެއަންނަނީ؟... ސިއްރުން އަހަންނަށް ފާރަލަމުން ދިޔަކަން ފަޅާއެރީމަ ފާޅުގަ ފަހަތު އަޅުވާލީތަ، ކޮބާތަ އޭނަ މަޤުސަދަކީ؟، އޭނަ އެފަދައިން ކަންތައް ކުރަން ޖެހޭ ކަމެއް އަހަންނެއް ނުކުރަން!، އޭނަ އައިސް އަހަރެންގެ ގައިގަ ޖެހިގަތީ، އެކަމާ ހިތްހަމަނުޖެހުން ފާޅުކުރީމަ އަހަރެންތަ ގޯސްވީ، އެންމެން ތެރޭގަ އެއްޗެހި ކީމަ އެކަމުގެ ބަދަލު ހިފަންތަ އޭނަ އެއުޅެނީ.... އިސް ހީ އަ ސައިކޯ؟... ޑޮކްޓަރަކަށް ވިޔަސް ސައިކޯ މީހުން އުޅޭ، އެއީ އަނެއްކާ އޭގެ މީހެއްތަ؟...'' އީވާގެ މޭގަނޑު ނެގިނެގިފައި ޖެހެން ފެށިއެވެ. މާކިން އޭނަގެ ފަހަތުން އަންނަހެން ހީވޭ ބިރުވެރިކަމުގެ ޚިޔާލުތަކުން ހިތުގެ ހަމަޖެހުން ގެއްލިގެން ގޮސްފިއެވެ. ރުޅިވެރިކަމާއެކުވެ ބިރުވެރިކަން ވެސް ހިތުގައި ވިންދުޖަހަން ފަށައިފިއެވެ. ސިއްރުސިއްރުން ފަސްއެނބުރި ބަލައިލި ހިނދު މާކިން އޭނަގެ ފަހަތުން އާދެއެވެ. އީވާއަށް ހާސްކަން ލިބުނެވެ.

(ނުނިމޭ)