އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 65

އަބްދުﷲ ފާރޫގް ހަސަން

(16 މެއިގެ އަދަދާ ގުޅޭ)

ސިޔާދުޚަޝް ކަންބޮޑުވާގޮތްވުމާއެކު ޖަވާބުދިނެވެ." އީރާނުގެ މުސްތަޤްބަލުގެ މަލަކާ ފިޔަވައި އެހެން އެކަކުދެކެވެސް އަޅުގަނޑު ބިރެއްނުގަނެއެވެ. އަޅުގަނޑު މަޤްޞަދަކީ ފުރޭބުރުޒު ޝާހީ ހަށިފާރަވެރީންގެ ލަޝްކަރުގެ އެންމެ ޤާބިލު އޮފިސަރ ފަރަޚުޒާދުގެ އައު ގަނޑުވަރުގެ ފާރަވެރީންގެ ވެރިކަމަށް ޢައްޔަންކުރެއްވި ވާހަކަ ދަންނަވައިލުމެވެ. އޭނާއާއެކު ފޮނުއްވައިފައިވަނީވެސް ޝާހީ ހަށިފާރަވެރީންގެ ތެރެއިން ހޮއްވަވައިލެއްވި ޚާއްޞަ ސިފައިންނެވެ. ފަރަޚުޒާދުގެ ސަލާމަތާމެދު ފުރޭބުރުޒަށް ކޮންމެވެސް ޝައްކެއް ވެވަޑައިނުގަންނަވާނަމަ އޭނާގެ ފައުޖުގެ އިންތިހާދަރަޖައިގެ ވަފާތެރި ޤާބިލު އޮފިސަރަކު މުއަސްކަރުގެ މުހިންމު ޒިންމާތަކުން ވަކިކުރައްވައިފައި ފަރަޚުޒާދު ޙިމާޔަތްކުރެއްވުމަކަށް ޚާއްޞައެއް ނުކުރެއްވީހެވެ. އާއްމު ޙާލަތުގައި މިކަންތައް ހަވާލުކުރެވޭނީ ފައުޖުގެ އާއްމު އޮފިސަރަކާއެވެ."

އާޒަރުމީދުޚުތު ވިދާޅުވިއެވެ. "ތިޔަ މައްސަލައިގައި ކަންބޮޑުވާންޖެހޭވަރުގެ ކަމެއް އޮތްކަމަކަށެއް އަހަރެންގެ ވިސްނުމަކަށް ނާދެއެވެ. ކިތަންމެ އާދައިގެ ވިސްނުމެއްގެ ވެރިޔަކަށްވެސް އެނގޭނެއެވެ. މަދާއިނުގެ އަހުލުވެރީން ތިބީ ފަރަޚުޒާދާ ބޮޑުވަޒީރުކަން ހަވާލުކުރެއްވުމުން އެކަމާ އުފަލަކުން ނޫނެވެ. ޝާހުޕޫރު ތަޚުތު ހާސިލުކުރެއްވީ އަހަރެންގެ ކާވެނީގެ ދަހިވެތިކަން ފަރަޚުޒާދުގެ ހިތްޕުޅަށް ވައްދައިދެއްވައިގެންކަން މަދާއިނުގެ އަހުލުވެރީންނަށް އެނގުމަކީ އެމީހުން ރުޅިގަދަވުމުގެ ދެވަނަ ސަބަބެވެ. އެހެންކަމުން މިފަދަ މަސްރަޙެއްގައި ފަރަޚުޒާދު ޙިމާޔަތްކުރުމަށްޓަކައި ކުރެވޭ އިންތިޒާމުތަކަކީ އަހަރެން އުންމީދު ނުކުރާފަދަ ކަންތައްތަކެއް ނޫނެވެ. ޝާހުޕޫރު އެކަންތައް ފުރޭބުރުޒާ ހަވާލުކުރައްވައިފިނަމަ އޭނާގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށްޓަކައި އިންތިޚާބުކުރައްވާނީ އެބަޔެއްގެ ވަފާތެރިކަމާއި ޒިންމާދާރުކަމާމެދު އޭނާ ފުރިހަމަޔަށް އިތުބާރުކުރައްވާ ބައެކެވެ."

ސިޔާދުޚަޝް ޖަވާބު އެރުވިއެވެ. "ޝެހެޒާދީއެވެ. އަޅުގަނޑު ފިކުރުބޮޑެއް ނުވެއެވެ. އެކަމަކު އަޅުގަނޑުމެންގެ ކުރިމަތީގައިހުރި މައްސަލަތަކަކީ ކޮބައިކަން ކަމަނާފާނަށް އެނގިވަޑައިގެންފައި އޮތުމަކީ ބޭނުންކަމެކެވެ. އެކަންކަމާ ކުރިމަތިލުމަށްޓަކައި އަޅުގަނޑުމެން ކުރާ ތަދުބީރުތަކާމެދުވެސް ކަމަނާފާނުގެ ލަފާފުޅު ހޯދަންޖެހެއެވެ. އަޅުގަނޑު އެންމެފުރަތަމަ ދުވަހުވެސް ވާނީ ދަންނަވައިފައެވެ. ޝާހީ ފާރަވެރީންގެ ލަޝްކަރަށް ވަގުތުން ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިއްޖެނަމަ އަޅުގަނޑުމެންގެ ކުޅިގަނޑު މުޅީން ރޫޅިދާނެއެވެ. ފުރޭބުރުޒު ފަރަޚުޒާދު ޙިމާޔަތްކުރެއްވުމުގެ މަސްއޫލިއްޔަތު ޒަރުބަޚުތާ ޙަވާލުކުރެއްވުމުންވެސް އެނގެނީ އަޅުގަނޑުގެ ޝައްކުތަކަކީ އަސްލެއްނެތް ޝައްކުތަކެއް ނޫންކަމެވެ. ޝަހެންޝާހުގެ ފާރަވެރީންގެ ލަޝްކަރުގެ ސިފައިންނާއި އޮފިސަރުންގެ ޚިޔާލު ހުރިގޮތްވެސް އަޅުގަނޑު ބަލައިލީމެވެ. އެމީހުން ފާޅުކުރި ޚިޔާލުތަކުން އަޅުގަނޑަށް ޔަޤީންވީ އެ ލަޝްކަރުގެ ސިފައިންނާއި އޮފިސަރުންގެ ވަރަށް ތަނަވަސް އަކްސަރިއްޔަތެއް ޒަރުބަޚުތުގެ ކޮންމެ އިޝާރަތަކަށްވެސް ފުރާނަޔާ ކުޅޭން ތައްޔާރަށް ތިބިކަމެވެ. ޒަރުބަޚުތު ފުރޭބުރުޒާމެދު ބައްލަވަނީ އޭނާގެ ބައްޕަ ކަމުގައެވެ. އެހެންކަމުން އޭނާ މަދާއިނުގައި ހުންނަވަނިކޮށް އަޅުގަނޑުމެން ފުރޭބުރުޒާ ދެކޮޅަށް ރާވާ އެއްވެސް ރޭވުމެއް ކާމިޔާބުވިޔަކަ ނުދެއްވާނެއެވެ. ފުރޭބުރުޒަށް ޝާހުޕޫރުގެ ނުވަތަ ފަރަޚުޒާދުގެ ސަލާމަތާމެދު ކުޑަކޮށްވެސް ޝައްކެއް ވެވަޑައިގެންފިނަމަ އޮންނާނީ ޒަރުބަޚުތަށް އިޝާރަތްކޮށްލެއްވުމެވެ. ޒަރުބަޚުތު އެއްގަޑިއިރުގެ ތެރޭގައި މުޅި ޝާހީ ފާރަވެރީންގެ ލަޝްކަރު މަދާއިނަށާއި ކޮއިލުތެރެޔަށް އެއްކޮށްލައްވާނެއެވެ."

ޝެހެޒާދީ ވިދާޅުވިއެވެ. "ޝާހުޕޫރާއި ފަރަޚުޒާދަށްވުރެ ކުރީން އަހަރެމެންނަށް ފުރޭބުރުޒު މަގުން އެއްކިބާކޮށެއް ނުލެވޭނެހެއްޔެވެ؟"

"ނޫނެކެވެ. ތިޔައީ އެއްގޮތަކަށްވެސް އުނދަގޫކަމެއް ނޫނެވެ. ދާދިފަސޭހަ ކަމެކެވެ. އަޅުގަނޑުމެންނަށް ކޮންމެ ވަގުތެއްގައިވެސް ފުރޭބުރުޒުގެ ކަންތައް ނިންމައިލެވިދާނެއެވެ. އޭނާގެ ގޭގައި އަމިއްލަފުޅު ނޯކަރުން ފިޔަވައި އެއްވެސް ފާރަވެރިޔަކު ނުގެންގުޅުއްވައެވެ. އަނެއްކާ އޭނާގެ އޮފީހުގެ މީހަކުލައްވައިވެސް އެކަންތައް ކޮށްލެވިދާނެއެވެ. އެކަމަކު އެއަށްފަހު އަޅުގަނޑުމެންނަށް ޖެހޭނީ ޒަރުބަޚުތާ ކުރިމަތިލާށެވެ. ޝާހީ ފާރަވެރީންގެ ލަޝްކަރުގެ އެންމެ އިތުބާރުހުރި އޮފިސަރުން ތިބޭނީ އޭނާގެ އަރިހުގައެވެ. އީރާނުގެ އެހެނިހެން ލަޝްކަރުތަކާމެދު އަޅުގަނޑުގެ އެއްވެސް ފަރުވާލެއްނެތެވެ. ކަމަނާފާނު ޝާހުޕޫރާއި ފަރަޚުޒާދާއި އެބޭފުޅުންނަށް ތާއީދުކުރާ މީހުންތަކެއް ޗިސްޗިސްކޮށްލައްވައިފައި އެބޭފުޅުންގެ ހަށިކޮޅުތަކުގެ މަތީން ތަޚުތާ ހަމަޔަށް ވަޑައިގެންނެވި ކަމުގައިވިޔަސް އެމީހުން އެކަމަކާ ކަންބޮޑެއް ނުވާނެއެވެ. އަދި ކީއްތޯއެވެ. ފަރަޚުޒާދުގެ ކިބައިން ސަލާމަތްވުމަށްޓަކައި އެ އިންޤިލާބަށް މަރުޙަބާ ކިޔާނެއެވެ. ނަމަވެސް މިއީ ދާޚިލީ ހަނގުރާމަޔަށް އީރާނުގެ މަސްރަޙު ތަންދޭ ވަގުތެއް ނޫނެވެ. މިވަގުތު ދާޚިލީ ހަނގުރާމައެއް ފެށިއްޖެނަމަ ކޮންމެވެސް ނުފޫޒުހުރި ޖަނަރަލެއް ތާޖާއި ތަޚުތުގެ ދަޢުވާވެރިޔަކަށްވެގެން ތެދުވެދާނެއެވެ. އަޅުގަނޑުމެންނަށް ޖެހޭނީ އެކަކު އަނެކަކުގެ މޫނު ބަލަބަލައި ތިބޭނެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ޙަރަކާތުގެ ހުރިހާ މަރުޙަލާތަކެއް ފުރިހަމަކޮށް ނިންމައިލަންޖެހޭނީ ވަރަށްކުރު މުއްދަތެއްގައެވެ. ވަރަށް ވިސްނުންތެރިކަމާ އެކުގައެވެ."

އާޒަރުމީދުޚުތު ވިދާޅުވިއެވެ. "ކަލޭ ތިޔަ ކަންބޮޑުވަނީ ފުރޭބުރުޒު ޝާހީ ފައުޖުގެ ޒުވާން އަދި ނުފޫޒު ހުރި އޮފިސަރަކު ފަރަޚުޒާދު ޙިމާޔަތްކުރައްވަން ޢައްޔަންކުރެއްވުމުން އެކަމާދޯއެވެ؟ އަހަންނަށްޓަކައި އީރާނުގެ ރަސްކަން ގަނެދޭ މީހާއަށް އެންމެ ޒުވާނެއްގެ އަގު އަދާނުކުރެވުނީހެއްޔެވެ؟"

"އަޅުގަނޑު ކަންބޮޑުވަނީ ތިޔަކަމާއެވެ. އެޒުވާނާ ވަނީ ފުރޭބުރުޒުގެ ރީތިރީތި ނަލަނަލަ މާފަ ދަރިކަނބަލުންނާހުރެ ފިދާވެފައެވެ. އަޅުގަނޑުވެސް އެކަމަނާ ދުށީމެވެ. އޭނާގެ ބައްޕާފުޅަކީ އަސްފަހާނުގެ ވަރަށްބޮޑު ރައީސެކެވެ. ޝާހީ ފައުޖުގެ އޮފިސަރެއްގެ ފަރާތުން އަޅުގަނޑަށް އެނގިފައިވާގޮތުގައި އެކަމަނާ ދާދިފަހުން މަދާއިނަށް ވަޑައިގެންނެވިއެވެ. އެކަމަނާ މަދާއިނުގައި އިންނެވި ދުވަސްވަރު ޒަރުބަޚުތު ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރު ފުރޭބުރުޒުގެ ގެކޮޅުގައި ޠަވާފު ކުރައްވައެވެ. މިދެންނެވި އޮފިސަރ ޔަޤީންކަމާއެކު ބުނާގޮތުގައި ޒަރުބަޚުތު ވަރަށް އަވަހަށް އެކަމަނާގެ ފިރިކަލަކަށް ވެވަޑައިގަންނަވާނެއެވެ. ފުރޭބުރުޒު ފަރަޚުޒާދާއި ޒަރުބަޚުތާ ގުޅުއްވުމުގެ މަޤްޞަދަކީވެސް ކުރިމަގުގައި ޒަރުބަޚުތުގެ ކުރިފުޅުމަތީގައި ކުރިޔަށް ވަޑައިގަތުމުގެ މަގު ހުޅުއްވައިދެއްވުމެވެ."

އާޒަރުމީދުޚުތު އިރުކޮޅަކު ވިސްނައިވަޑައިގެންނެވުމަށްފަހު ވިދާޅުވިއެވެ. "ފަރަޚުޒާދު މިވަގުތު ވަޑައިގެންވީ ޝާހުޕޫރުގެ އަރިހުގައިކަމަށް ކަލޭ ބުނީމުދޯއެވެ؟"

"އާދޭހެވެ. އޭނާ ރަސްކަމުގެ ކޮއިލުގެ ދޮރުކޮޅުން ވެދެވަޑައިގަންނަވަނިކޮށް އަޅުގަނޑު ދުށީމެވެ."

"ޒަރުބަޚުތުވެސް އޭނާގެ އަރިހުގައި ހުންނެވިހެއްޔެވެ؟"

"ނޫނެކެވެ. އާއްމުގޮތެއްގައި އޭނާގެ މަސައްކަތްޕުޅަކީ ފަރަޚުޒާދު ހުންނަވަން ތައްޔާރުކުރެވޭ ގަނޑުވަރު ރައްކާތެރި ކުރެއްވުމެވެ. ފަރަޚުޒާދު ދުވާލުގެ ވަގުތެއްގައި ޝަހެންޝާހުގެ އަރިހަށް ވަޑައިގަންނަވާނަމަ އޭނާ ފަރަޚުޒާދުގެ އަރިހުގައި ފޮނުއްވަނީ ހަތިޔާރުއެޅި ދިހަ ޒުވާނުންނެވެ. އެކަމަކު ފަރަޚުޒާދު ރޭގަނޑަކު ޝާހުޕޫރުގެ އަރިހަށް ވަޑައިގަންނަވާނަމަ ޒަރުބަޚުތު އަބަދުވެސް އަރިހުގައި ހުންނަވައެވެ. ހަތިޔާރުއެޅި ސިފައިންގެ އަދަދުވެސް އިތުރުކުރައްވައެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ހެނދުނާ އޭނާ ޝާހީ ފައުޖުގެ މުޢަސްކަރަށްވެސް އިރުކޮޅަކަށް ވަޑައިގަންނަވައެވެ. ޝާހީ ފައުޖާ އޭނާއާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓެވުމަށްޓަކައެވެ."

އާޒަރުމީދުޚުތު ވިދާޅުވިއެވެ. "އަހަރެން އޮޅުންފިލުވަން ބޭނުމީ މިހާރު އޭނާ ހުންނަވާނެ ތަނެކެވެ."

"އަޅުގަނޑަށް ޔަޤީންވާގޮތުގައި އޭނާ މިހާރު ހުންނަވާނީ ފަރަޚުޒާދުގެ އާ ގަނޑުވަރުގައެވެ."

އާޒަރުމީދުޚުތު އަތްތިލަބަޑި ޖައްސަވައިލައްވައިފިއެވެ. ކަނީޒެއް ދުވެފައި އައިސް އެކޮޓަރިކޮޅަށް ވަދެއްޖެއެވެ. އާޒަރުމީދުޚުތު ވިދާޅުވިއެވެ. "އަހަރެންގެ ޕާލިކީ ތައްޔާރުކުރާށެވެ. އަހަރެން ގަނޑުވަރުން ބޭރަށް ގޮސްލާން ބޭނުމެވެ."

"ތިޔައީ މޮޔަފުޅު ކަމެކެވެ. ފަރަޚުޒާދު ހީފުޅުކުރައްވާނީ ކީކޭތޯއެވެ؟"

"ފަރަޚުޒާދުގެ ހިތާމަފުޅަކަށްވާނީ އަހަރެން އޭނާގެ ގަނޑުވަރު ބަލައިލަން ދިޔައިރު އޭނާޔަށް އަހަރެންގެ އިސްތިޤްބާލުގައި ނުހުންނެވުނުކަމެވެ."

"ނަމަވެސް ކާވެނިފުޅުގެ ކުރީގައި ސާހިބާ ކަމަނާފާނު ތިޔަގޮތަށް އެގަނޑުވަރަށް ވަޑއިގެންނެވުމުން ޝާހުޕޫރު އެކަމާ ރުހިވަޑައިގަންނަވާނެތޯއެވެ؟"

އާޒަރުމީދުޚުތު ސިޔާދުޚަޝްގެ ވާހަކަ މެދުކަނޑުއްވައިލައްވައިފައި ވިދާޅުވިއެވެ. "ފަރަޚުޒާދާ އަހަރެންގެ މުސްތަޤްބަލު ގުޅުވަން އަހަރެން ކަނޑައެޅި ޚަބަރަށްވުރެ ޝާހުޕޫރު އުފާފުޅުވާނެ ޚަބަރަކީ ކޮން ޚަބަރެއް ހެއްޔެވެ؟"

ސިޔާދުޚަޝް އަނެއްކާވެސް ދެންނެވިއެވެ. ޝެހެޒާދީއެވެ! ކަމަނާފާނު އެގަނޑުވަރަށް ތިޔަ ވަޑައިގަންނަވަނީ ޒަރުބަޚުތު ކަމަނާފާނާ އެއްބައިކުރެއްވުމުގެ ބޭނުންފުޅުގައި ކަމަށްވާނަމަ ވެވަޑައިގަންނަވާނީ މާޔޫސެވެ."

އާޒަރުމީދުޚުތު ނުރުހުންވެވަޑައިގެން އިންނަވައި ވިދާޅުވިއެވެ. "އޭނާގެ ލޯފުޅަށް ފެނިވަޑައިގަންނަވާކަމުގައިވާނަމަ އަހަރެން އޭނާއާ މެދަކު މާޔޫސެއް ނުވާނަމެވެ."

"އެކަމަކު އެތަނަށް ވަޑައިގެންނެވުމުގެ ސަބަބަކަށް ދައްކަވާނީ ކޮންކަމެއްތޯއެވެ؟"

"ދައްކާނެ ބަހަނާއެއް ހޯދުމަކީ އަހަރެންގެ ކަމެކެވެ. ކޮންމެހެންވެސް އަހަރެން އެތަނަށް ދާނަމެވެ. ކަލޭ ދެކޭން ހުންނާށެވެ. ފަރުބަދައެއް ކަމުގައި ކަލޭ ތިޔަ ދެކޭމީހާއަކީ ކުނިކޮޅަކަށްވުރެ ބޮޑު ޙައިޘިއްޔަތެއް ނެތް މީހެއްކަން ކަލެޔަށް ސާބިތުކޮށްދޭނަމެވެ."

"ނަމަވެސް މިކަމުގައި އެއްވެސް ރޭވުމެއް އޮތްކަމަށް އޭނާއަށް ޝައްކުވެވަޑައިގެންފިނަމަ ފުރޭބުރުޒަށް ވަގުތުން ޚަބަރު ދެއްވާނެއެވެ. އޭރުން ސަރުކާރުގެ ހުރިހައި ޖާސޫސުން ވަގުތުން އަޅުގަނޑުމެންނާ ދެކޮޅަށް ޙަރަކާތްތެރިވާން ފަށާނެއެވެ."

"އޭނާއަށް އެއްވެސްކަހަލަ ޝައްކެއް ވެވަޑައެއް ނުގަންނަވާނެއެވެ."

"އެކަމަކު ކަމަނާފާނު އޭނާއާ ދައްކަވާނީ ކޮންވާހަކަފުޅެއްތޯއެވެ؟"

"އަހަރެން ގިނަ ވާހަކަތަކެއް ދައްކާކަށެއް ނުޖެހޭނެއެވެ. އަހަރެން ބަލަން މިދަނީ އޭނާ އަހަރެމެންނާ އެއްބައިކުރުވުމުގެ ނުވަތަ އޭނާގެ ކިބައިން އަހަރެމެންނަށް ސަލާމަތްވެވުމުގެ އެކަށޭނަކަން އޮތީ ކިހައިވަރަކަށްކަމެވެ. އޭނާގެ ބެއްލެވުންތަކުން އަހަރެން އެސުވާލުގެ ޖަވާބު ހޯދާނަމެވެ. ދެން ކަލޭގެ ދާށެވެ. އިންތިހާދަރަޖައިގެ މުހިންމު ބޮޑުކަމެއް ޖެހިގެން މެނުވީ މިތަނަށް އަންނާން މަސައްކަތް ނުކުރާށެވެ. މިގަނޑުވަރުގެ ފާރަވެރީން ކަލޭގެ ޙަރަކާތްތަކުގެ ޚަބަރު އަހަންނަށް ގެނެސްދެމުން ގެންދާނެއެވެ."

ސިޔާދުޚަޝް ހިތާދެކޮޅަށް ތެދުވެގެން ދޮރުކޮޅާ ދިމާޔަށް ހިނގައިގަތެވެ. އޭނާ ތަންކޮޅަކަށް ގޮސްފައި ފަސްއެނބުރި ޝެހެޒާދީއާ ދިމާޔަށް ބަލައިލުމަށްފަހު ބޭރަށް ނުކުމެއްޖެއެވެ.

+ + + + +

ޒަރުބަޚުތު އޮންނެވީ ކޯރުގެ އަނެއްފަރާތުގައި ފަރަޚުޒާދު ހުންނަވާން ތައްޔާރުކުރެވެމުންދާ ގަނޑުވަރުގެ ކޮޓަރިކޮޅެއްގައެވެ. އޭނާ އޮންނެވީ އަވަހާރަފުޅު ލައްޕަވައިފައެވެ. ސިފައިންގެ މީހެއް ދުވެފައި އައިސް އެކޮޓަރިކޮޅަށް ވަދެއްޖެއެވެ. އޭނާ ޒަރުބަޚުތުގެ މުލައްދަނޑިފުޅުގައި ހިފައި ތަޅުވައިގެންފިއެވެ. ޒަރުބަޚުތު އެފަރާތަށް އެނބުރިވަޑައިގެންފައި ލޯފުޅު ހުޅުއްވައިލައްވައިފިއެވެ. އޭނާ އަވަސްއަވަހަށް ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. ސިފައިންގެމީހާ ދެންނެވިއެވެ. "މާފުކުރައްވާށެވެ. ސާހިބާއެވެ. އަޅުގަނޑު އޭނާޔަށް ވިސްނައިދިނީމެވެ. ކަލާ އަވަހާރަފުޅުލެއްޕެވީ ދާދިދެންމެއަކުއޭވެސް ބުނީމެވެ. ކަލާއަށް އެއްގޮތަކަށްވެސް ރޭގަނޑު އަވަހާރަލައްޕަވާނެ ވަގުތެއް ލިބިވަޑައެއް ނުގަންނަވައޭވެސް ބުނީމެވެ. ނަމަވެސް ...."

"ވަޒީރުލްއަޢުޡަމު އެނބުރި ވަޑައިގެންނެވިހެއްޔެވެ؟" ޒަރުބަޚުތު ސިފައިންގެ މީހާގެ ވާހަކަ މެދުކަނޑުއްވައިލައްވައިފައި ސުވާލުކުރެއްވިއެވެ. "ނޫނެކޭ ސާހިބާއެވެ! ވަޒީރުލްއަޢުޡަމް ވަޑައެއް ނުގަންނަވައެވެ. ނަމަވެސް ޝެހެޒާދީ އާޒަރުމީދުޚުތު ވަޑައިގެންފިއެވެ."

"ތިޔަ ދަމަނީ ކޮން ހާސަރެއް ހެއްޔެވެ؟ މިކޮޅަށް އައިސްބަލާށެވެ!"

ސިފައިންގެމީހާ ކަންބޮޑުވެފައިހުރެ ޒަރުބަޚުތުގެ އަރިހަށް ޖެހިލައިފިއެވެ. ޒަރުބަޚުތު އޭނާގެ ކޮނޑަށް އަތްޕުޅުލައްވައިފައި އޭނާގެ އަނގައިން ރާވަސް ދުވާތޯ ބެއްލެވިއެވެ.

ސިފައިންގެމީހާ އިޙްތިޖާޖު ކުރަމުން ބުންޏެވެ. "ސާހިބާއެވެ! އަޅުގަނޑު ރާއެއް ނުބޮމެވެ. ބަނގެއްވެސް ނުކަމެވެ. ކޮންމެވެސް ޖެހިލުންކުޑަ ލާނެއް އަންހެންކުއްޖަކު އަޅުގަނޑުމެންނާ ސަމާސާކުރަނީ ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް އެމީހުން އައީ ރަސްކަމުގެ ކޮއިލާވީ ދިމާއިންނެވެ. ވަރަށް ރީތި ބައްތެލިކޮޅެއްގައެވެ. އެފަދަ ބައްތެލިކޮޅުތަކުގައި ދަތުރުކުރައްވަނީ ހައްތާވެސް ޝާހީ ޢާއިލާގެ ޝެހެޒާދާއިންނާއި ޝެހެޒާދީންނެވެ. އެބައްތެލިކޮޅުގެ ފަޅުވެރީންވެސް ހީވަނީ އަމީރުންގެ ބޭފުޅުންހެންނެވެ. ހެދުމާއި ގަހަނާވެސް އެފަދައެވެ. އެކަމަނާގެ ޚާދިމާގެ ކަރުގައިވެސް އޮތީ މުތީގެ ހާރެކެވެ. އޭނާ ބައްތެލިކޮޅުން ފޭބުމާއެކު އަމުރުކޮށްލިއެވެ. ޝެހެޒާދީ އާޒަރުމީދުޚުތު މިވަޑައިގެންނެވީ މިގަނޑުވަރު ބައްލަވައިލައްވާށެވެ. އެހެންކަމުން ހުރިހާ ޚާދިމުން އެއްފަރާތަކަށް ގެންދާށެވެ. އެއަށްފަހު އޭނާ ފާރަވެރީންނަށް އަމުރުކުރިއެވެ. ބަކަމޫނުތަކެއްހެން ބަލަން ތިޔަތިބީ ކީއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުންގެ އޮފިސަރަކު މިތާނގައި ހުރިކަމުގައިވާނަމަ ޝެހެޒާދީގެ ކުރިފުޅުމައްޗަށް އޭނާ ހަމަ މިހާރު ހާޒިރުކުރާށެވެ. އަޅުގަނޑަށް ބުނެލެވުނީ އެންމެ ޖުމުލައެކެވެ." ކަލާ އޮންނެވީ އަވަހާރަފުޅުލައްޕަވައިފައޭ އަޅުގަނޑަށް ބުނެވުމާއެކު ހީވީ އަޅުގަނޑުގެ މޫނު ނޮޅައިލައިފާނެހެންނެވެ."

"ނަމަވެސް ޝެހެޒާދީ އާޒަރުމީދުޚުތު މިތަނަށް ވަޑައިގެންނެވި ގޮތެއް އަހަންނަކަށް ނުވިސްނެއެވެ."

"ސާހިބާއެވެ! ތިޔަގޮތެއް އަޅުގަނޑަކަށެއްވެސް ވިސްނައެއް ނުގަނެވުނެވެ. ކޮންމެއަކަސް ކަލާ އަވަސްކުރައްވާށެވެ."

ޒަރުބަޚުތު އަވަސްއަވަހަށް އޭނާގެ އިސްޓާކީނު ލައްވައިގެން ތެދުވެވަޑައިގެންފިއެވެ.

އެވަގުތު އާޒަރުމީދުޚުތާއި އެކަމަނާގެ ޚާދިމާވެސް ދޮރުމަތީން ފެނިވަޑައިގެންފިއެވެ. ޒަރުބަޚުތު އަންތަރީސްވެވަޑައިގެން އެބޭފުޅުންނާ ދިމާޔަށް ބައްލަވައިލެއްވުމާއެކު އިސްދަށަށް ޖައްސަވައިލެއްވިއެވެ.

ޝެހެޒާދީ ޝަކުވާކުރައްވާ ރާގުގައި ވިދާޅުވިއެވެ. "އަޅުގަނޑުގެ ނަމަކީ އާޒަރުމީދުޚުތެވެ. އެކަމަކު މި ގަނޑުވަރުގެ ފާރަވެރީންނަށް އަޅުގަނޑަކީ ފުރޭތައެކޭ ހީވާކަހަލައެވެ."

ޒަރުބަޚުތު ޖެހިލުންވެވަޑައިގެން ހުންނަވައި އިސްއުފުލައިލެއްވިއެވެ. އާޒަރުމީދުޚުތުގެ ހިނިފުޅުވެޑުވުން އޭނާގެ ހިތްޕުޅުގެ އެންމެ އަޑީގައި ހަރުލިކަހަލައެވެ. "މާފުކުރައްވާށެވެ. އަޅުގަނޑަށް އޮވެވުނީ ނިދިފައެވެ. ކަމަނާ ވަޑައިގެންނެވުމަކީ މިގަނޑުވަރުގެ ފާރަވެރީންނަށް ލަފާކުރެވިފައިވެސް ނެތްކަމެކެވެ. އަޅުގަނޑަށްވެސް ކަމަނާ ވަޑައިގަންނަވާކަމެއް އެނގިފައެއް ނެތެވެ."

(ނުނިމޭ)