ރިޕޯޓް

އައްޑޫގައި ޒުވާނަކު ވެންޓިލޭޓަރެއް އުފައްދައިފި، މިހާރު އަމާޒަކީ ކޮވިޑަށް ޓެސްޓު ކުރާ ޕީސީއާރް މެޝިނެއް އުފެއްދުން

އަލީ ޔާމިން

5

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑު 19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، ހުރިހާ ގައުމަކަށްވެސް މިވަގުތު އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ސިއްހީ ވަސީލަތްތައް ހޯދުމެވެ. ރާއްޖެއަށްވެސް ވަނީ މި އުނދަގުލާ ކުރިމަތިލާން ޖެހިފައެވެ. ރާއްޖެއަކީ ހުރިހާ ތަކެއްޗެއް ބޭރުން އެތެރެކުރާ ގައުމަކަށް ވީއިރު، ކޮވިޑުގެ ސަބަބުން ދަތުރުފަތުރުކުރުމަށް ހުރި ދަތިތަކާއި އެނޫންވެސް ދަތިތަކާއެކު ބައެއް ކަހަލަގެ މެޝިނަރީސް ރާއްޖެ ގެނެވުމުގައި ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ. ގިނަ ބަޔަކަށް ބަލި ޖެހިއްޖެ ހިނދެއްގައި އެންމެ މުހިންމު އެކައްޗަކީ ވެންޓިލޭޓަރު ކަމަށް ވާއިރު، މިހާރު ރާއްޖޭގައި ހުރީ 100 ވަރަކަށް ވެންޓިލޭޓަރެވެ. މިއީ މުޖުތަމައުގެ ގިނަ ބަޔަކަށް ބަލި ޖެހިއްޖެނަމަ ފަރުވާ ދިނުމަށް ވަރަށްވެސް މަދު އަދަދެކެވެ.

ކޮވިޑުގެ ސަބަބުން ދުނިޔޭގައި ވެންޓިލޭޓަރު ލިބުމުގެ ދަތިކަން ކުރިމަތިވެފައި ވަނިކޮށް ދިވެހި ސިފައިން ދާދި ފަހުން ވަނީ ވެންޓިލޭޓަރެއް އުފައްދައިފަ އެވެ. ހަލާކުވެފައިވާ އިލެކްޓްރޯނިކް އާލާތްތައް ބޭނުންކޮށްގެން ސިފައިންނަށް ވެންޓިލޭޓަރުގެ މަސައްކަތް އެއްކޮށް ފުރިހަމަ ކުރެވުނީ ދެ ހަފްތާއިންނެވެ.

ސިފައިން ވެންޓިލޭޓަރެއް އީޖާދު ކުރުމާއެކު އެތައް ބަޔަކު ވަނީ ދިވެހިންނަކީ އެފަދަ ކަންކަން ކުރުމުގެ ގާބިލްކަން ހުރި ބައެއް ކަމުގައި ބުނެފައެވެ. ގެއްލިފައި އެފަދަ އެތައް ހުނަރުވެރިންނެއް ތިބޭނެ ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

ސ. ހުޅުމީދޫއަށް އުފަން އުމުރުން 25 އަހަރުގެ އަހުމަދު މުއީދަކީ ގެއްލިފައި ހުރި އެފަދަ ހުނަރުވެރިޔެއްކަން ޔަގީނެވެ. މުއީދު ވަނީ އަމިއްލަ މަސައްކަތުން ހަފްތާއެއްހާ ދުވަސްތެރޭގައި ވެންޓިލޭޓަރެއް އީޖާދުކޮށްފައެވެ.

ވެންޓިލޭޓަރާއި ބެހޭ ގޮތުން "ވަން" އަށް މައުލޫމާތު ދެމުން، މުއީދު ބުނީ، ވެންޓިލޭޓަރު އުފައްދާފައިވާނީ ވަރަށް ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ކަމަށެވެ. އަދި ވެންޓިލޭޓަރުގައި ބޭނުންކޮށްފައިވާ ސާމާނަކީ ބައެއް ކަހަލަގެ ތަކެތި ރޫޅާލައިގެން ހޯދާފައިވާ ތަކެތިކަމުގައި އޭނާ ބުނެއެވެ.

ވެންޓިލޭޓަރު އުފެއްދުމުގެ މަސައްކަތް މުއީދު ކޮށްފައި ވަނީވެސް ރަށުގައި ހުރެގެންނެވެ.

"ވަރަށް އާދައިގެ، އަދި ރަށްފުށުން ލިބޭ އެއްޗެހި ބޭނުންކޮށްގެން ވެންޓިލޭޓަރު އުފައްދާފައިވާނީ. އެގޮތުން ފްރޭމްގަނޑު އެއީ ފިލައާއި ލަކުނޑި ބޭނުންކޮށްގެން ހަދާފައި. ދެން ފަންކަލުގައި ބޭނުން ކުރާ ކަހަލަގެ ގޮބެއް އަޅުގަނޑު ބޭނުންކޮށްފައިވާނެ ސްޕީޑް އެޑްޖަސްޓް ކުރުމަށް. މީގެ އިތުރުން ޓްރާންސިސްޓާސް، ރެސިސްޓާސް، އަދި ސްރެޑް ރޮޑް ނަޓް ބޭނުންކޮށްފައިވާނެ." މުއީދު ބުންޏެވެ.

މުއީދު އީޖާދުކުރި ވެންޓިލޭޓަރުގައި، ބަލި މީހުންނަށް ނޭވާލުމަށް އެހީވެދޭ "އެމްބޫ ބޭގް" ޕަމްޕް ކުރާނީ އޮޓޮމޭޓެޑް ކޮށެވެ. އާންމު ގޮތެއްގައި "އެނބޫ ބޭގް" ބޭނުން ކޮށްގެން ޕަމްޕް ކުރުމަށް އިންސާނީ ވަސީލަތް ބޭނުން ވެއެވެ.

"އެނބޫ ބޭގަކީ އަސްލު އަތުން ފިއްތާލީމަ ރެސްޕިރޭޓްކުރުމަށް އެހީވެދޭ އެއްޗެއް. އަޅުގަނޑު މައިގަނޑު ގޮތެއްގައި މިކުރި މަސައްކަތަކީ މެކޭނިކަލް އަތެއް ބޭނުންކޮށްގެން، އިންސާނީ ވަސީލަތާއި ނުލައި މި އެނބޫ ބޭކް އަމިއްލައަކަށް ޕަމްޕް ކުރެވޭނެ ގޮތް ހެދުން. ދެން ޕަމްޕް ކުރާ ކޮންމެ ފަހަރަކު މެޝިންގައި ހުންނަ ފެހި ބޮކި ދިއްލޭނެ" މުއީދުގެ މި އުފެއްދުމާ ބެހޭ ގޮތުން "ވަން" އަށް މައުލޫމާތު ދެމުން އޭނާ ބުންޏެވެ.

ވެންޓިލޭޓަރު އުފެއްދުމަށް ބޭނުންވާ ތަކެތި އެއްކުރުމުގެ މަސައްކަތް މުއީދު ފެށީ މީގެ އަށެއްކަ ވަރަކަށް ދުވަސް ކުރިންނެވެ. އިންޓަނެޓުންނާއި، ޔޫޓިއުބުންނާއި އެނޫންވެސް ވަސީލަތްތަކުން މައުލޫމާތު ހޯދައިގެން މުއީދަށް ވެންޓިލޭޓަރުގެ މަސައްކަތް އެއްކޮށް ނިންމާލެވުނީ އިއްޔެއެވެ. އެ މެޝިން ޓެސްޓު ކުރުމުގެ މަސައްކަތް ވަނީ ހުޅުމީދޫ ހެލްތު ސެންޓަރުގައި ރޭގެ ވަގުތެއްގައި ކޮށްފައެވެ. މުއީދު ބުނީ އަދިވެސް ވެންޓިލޭޓަރަށް ކުދިކުދި ބަދަލުތައް ގެންނަން ޖެހޭ ކަމަށާއި، އެހެންކަމުން އިތުރަށް އެ މެޝިން ތަރައްގީ ކުރުމަށް ހަފްތާއެއް ވަރު ނަގާނެ ކަމަށެވެ. އޭގެ ފަހުގައި އެ މެޝިންގެ ޓެސްޓު ޓްރަޔަލްތައް ކުރިއަށް ގެންދިއުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް މުއީދު ބުނެއެވެ.

އެންމެ ކުޑައިރުއްސުރެވެސް ޓެކްނިކަލް ފީލްޑަށް ޝައުގުވެރިކަން ހުންނަ މުއީދަކީ ކޮމްޕިއުޓާ ޕްރޮގްރާމަރެއްވެސް މެއެވެ. މުއީދު ބުނިގޮތުގައި އެ މަސައްކަތްވެސް އޭނާ ދަސްކޮށްފައިވާނީ، ފޮތްތަކާއި، އިންޓަނެޓުގެ އެހީގައި އަމިއްލައަށެވެ. އަމިއްލަ ވިޔަފާރިކުރާ މުއީދަކީ ޓެކްސީ އަދި ޕިކަޕުވެސް ދުއްވާ މީހެކެވެ.

ވެންޓިލޭޓަރަށް ފަހު މުއީދު މިހާރު އަމާޒު ހިފާފައިވަނީ ކޮވިޑް 19ގެ ޓެސްޓުތައް ކުރާ ޕީސީއާރް މެޝިނެއް އުފެއްދުމަށެވެ. ރާއްޖޭގައި މިވަގުތު ހުރީ ޕީސީއާރް ތިން މެޝިނެވެ. އެއީ އައިޖީއެމްއެޗުގައި ހުރި މެޝިނާއި، ފުލުހުންގެ ލެބޯޓަރީގައި ހުރި މެޝިނުގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުގައި ހުރި މެޝިނެވެ. މުއީން ބުނީ ތަކެތި ލިބިއްޖެ ނަމަ ޕީސީއާރް މެޝިނެއް އުފެއްދިދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"ޕީސީއާރް މެޝިނެއް އުފެއްދުމަށް، އެކަމަށް ބޭނުންވާ ސްޓަޑީތައް ހަދަމުން އަޅުގަނޑު މިދަނީ މިހާރުވެސް. އެ މެޝިނަށް ބޭނުންވާ ގިނަ ތަކެއްޗަކީ އިމްޕޯޓް ކުރަން ޖެހޭ ތަކެތި. އެހެންކަމުން ރޯ މެޓީރިއަލްސް ލިބުމުގައި ދަތިކަމެއް އެބަހުރި. ނަމަވެސް ތަކެތި ލިބިއްޖެނަމަ އިރާދަކުރެއްވިއްޔާ ކާމިޔާބު ޕީސީއާރް މެޝިނެއް އީޖާދު ކުރެވިދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް" މުއީދު ބުންނެވެ.

މުއީދު އުފެއްދި ވެންޓިލޭޓަރުގެ ވީޑިއޯއާއި ފޮޓޯތައް މީސް މީޑިއާގައި ދައުރުކުރަމުން އަންނައިރު، މުއީދުގެ އެ އުފެއްދުމަށް އެތައް ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. މުއީދު ފަދަ އެތަކެއް ހުނަރުވެރިންނެއް މިގައުމުގައި އުޅޭނެއެވެ. މި ހާލަތުގައި އެ ހުނަރުވެރިންގެ ހުނަރަށް ގައުމު މިވަނީ އިންތިހާއަށް ބޭނުންވެފައެވެ.

މުއީދު އުފެއްދި ވެންޓިލޭޓަރު---