ރިޕޯޓް

ނިއު ނޯމަލް އަށް ދެވޭލެއް ލަސްވެ، ގައުމުގައި އިޖުތިމާއީ މައްސަލަތަކުގެ ކުރިތައް ފަޅަނީ

އައިދާ އަބްދުލް ހަކީމް

1

ކޮވިޑް 19 އަކީ އިންސާނީ، އިގްތިސާދީ އަދި އިޖްތިމާއީ މުސީބާތެކެވެ. ސިއްހީ ބަލި މަޑުކަމެކެވެ. އެހެން ގައުމުތަކެކޭ އެއްގޮތަށް ދިވެހިރާއްޖެއަށްވެސް ވަނީ ކޮވިޑް 19 ގެ ސަބަބުން އިޖުތިމާއީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައެވެ. މާލެ ފަދަ ބޮޑު އާބާދީ އެއް އޮންނަ ތަނެއްގައި ތޮއްޖެހި އުޅުމާއި، މަދު އާބާދީގެ ގިނަރަށްތަކެއް ވަކިން އޮންނަ އިރު އިޖުތިމާއީ ގުޅުން މިވަނީ ކޮވިޑް 19 ގެ ތެރެއިން ހީނަރު ވެފައެވެ.

އާބާދީގެ ގިނަ ބަޔަކަށް ވަނީ މިކަމުގެ އިޖުތިމާއީ ނުރަނގަޅު އަސަރުކޮށްފައެވެ. މިގޮތުން އެންމެ އުނދަގޫ ހާލަތަކަށް މިކަމުގެ އަސަރު ކުރަމުންދަނީ ދުވަހު މަސައްކަތުން ލިބޭ އާމްދަނީއަކުން އެދުވަހެއްގެ އާއިލީ ބޭނުންތައް ފުއްދަމުން އައި މީހުންނަށާއި އާމްދަނީ ގޮތުން އިގްތިސާދީ މެދު މިނަށް އަދި އެޔަށްވުރެ މަދުން އާމްދަނީ ލިބޭ އާއިލާތަކާއި މުސްކުޅިންނާއި ނުކުޅެދޭ މީހުންނާއި ޒުވާނުން އަދި ބިދޭސީ މަސައްކަތްތެރިންނަށެވެ.

ދިވެހިރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ދިރިއުޅުމުގެ ކަންކަން ހަމަޖައްސަނީ ވަޒީފާގެ އިތުރުންވެސް އަމިއްލަ ކޮންމެވެސް މަސައްކަތެއް ކޮށްގެން ހޯދާ ފައިސާއިންނެވެ. ވަޒީފާޔަކަށް ގޮސްގެން އާމްދަނީ ލިބުނު ކަމުގައި ވިޔަސް ހާއްސަކޮށް މާލޭގައި ދިރިއުޅޭ އާއިލާތަކުން ހަރަދު ބަރަދު ހަމަޖެއްސުމަށްޓަކައި އަމިއްލަ މަސައްކަތެއް ނުކޮށް ފަރުޖެހޭނެ ގޮތެއް ނޯވެ އެވެ.

ކޮވިޑްގެ މިހާލަތުގައި، ގޭތެރޭގައި ތަޅުލެވިގެން ތިބެން ޖެހިފައިވުމުން އާމްދަނީ ހޯދުމުގެ ހުރިހާ ދޮރެއް މިވަނީ އެއްކޮށް ބަންދުވެފައެވެ. މާލޭގައި ކުއްޔަށް އުޅޭ ގިނަ މީހުންނަކީ އަބަދުވެސް ކިރިޔަ ކިރިޔާ ފުދޭ ނުފުދޭ ވަރެއްގައި، ބައެއް ފަހަރު ދަރައި ވިކިގެން ކަންކަން ދިރިއުޅުމުގެ އަސާސީ ކަންކަން ހަމަޖައްސައިގެން އުޅެން ޖެހިފައި ތިބޭ ބައެއްކަމުން، ރައްކާކޮށްފައި ބައިރުފިޔާ ފޮއްޗެއްވެސް އޮންނާނީ މަދު މީހެއްގެ އަތުގަ އެވެ. އެހެންކަމުން ހުރިހާ ގޮތަކުން ބެއްޔަސް، ކަންކަން މިވަނީ ގޯހުން ގޯހަށް ގޮސް، މާލޭ ސަރަހައްދުގައި އުޅޭ އެތައް ހާސްބަޔަކު ހާސްކަމުގެ ތެރެޔަށް ވެއްޓިފައެވެ. އަނބިދަރީންގެ އެންމެ ޒަރުރީ ބޭނުންތައްވެސް ފުއްދައިނުދެވި، ތިން އިރު ބަނޑުފުރާނަ މުއްތިކުރެވޭނެ ފަދަވެސް ނެތް ހާލަތަށް ބައެއް އާއިލާތަކުގެ މާލީ ހާލަތު ވަނީ ދަށްވެފަ އެވެ.

އާމްދަނީ ހޯދުމުގެ ގޮތުން، ފައިސާގެ ބޭނުމުގައި ލޯނެއް ހޯދުމަކީ މުސްތަގުބަލަށް ބަލާއިރު، ހާލަތު އިތުރަށް ގޯސްވާނެ ކަމަކަށް ވާތީ، އެކަންވެސް ވަނީ ސިކުނޑިއަށް ދެވޭ ބޮޑު ބުރަޔަކަށެވެ. އަދި އަމުދުން ދިވެހީން އާމްދަނީ ހޯދަން ކުރާ ކަންކަމުގައި ލިޔެކިޔުމުގެ ކަންކަން ބެލެހެއްޓިފައި ހުންނަ ގޮތުން ލޯނުގަނޑެއް ހޯދުމުގެ ޝަރުތުތަކުން މަހުރޫމްވާން ޖެހޭ މީހުން މަދެއް ނުވާނެ އެވެ.

އެކަމަކު ކޮވިޑުގެ މި ހާލަތު ދިގުލައިގެން ގޮސްފިނަމަ ކޮވިޑް ސިއްހީ ވަބާއަށްވުރެ ނުރައްކާތެރި އިޖުތިމާއީ ބަލިމަޑުކަމެއް ބޯމަތި ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ރާއްޖޭގެ ޒުވާނުންގެ ދިރިއުޅުން ބިނާވެފައި އޮންނަ ގޮތުން އިޖްތިމާއީ ގުޅުމާއި ހޭލަމޭލަވެ އުޅޭ ދިރިއުޅުމަކީ ޒުވާނުންގެ ހިތްހަމަ ޖެހުމާއި އުފަލެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ގެ ތަކުގައި ޒުވާނުން ތާށިވެ ތަފާތު އެހެނިހެން ކުށްތަކަށް ދޮރު ހުޅުވެއެވެ. ބައިނަލް އަގުވާމީ ރިޕޯޓްތައް ބުނާގޮތުން ސައިބާ ކްރައިމް އަށާއި ސައިބާ ބުލީން އަށް ޒުވާނުންގެ ވިސްނުން ދިއުމަށް މިކަންކަމުގެ ސަބަބުން ފުރުސަތު ފަހި ވެއެވެ. ފައިސާ ނުލިބުމުގެ ސަބަބުން ފައިސާ ހޯދުމަށް "ސައިބާ ފްރައުޑް" އަދި ސްކީމްތަކަށް ދާތަން އާދެއެވެ. މިކަމުގެ ހައްލަކީ އަވަހަށް އިގްތިސާދު ހުޅުވާލުމާއި އާމްދަނީ ލިބޭނެ ގޮތެއް ވީހާވެސް އަވަހަށް ފަހިކޮށް ދިނުމެވެ. މާލެފަދަކުޑަ ޖާގައެއްގައި އެތައްބަޔަކު އުޅެމުންދާއިރު ރުޅިވެރިކަމާއި ނަފުސާނީ ބަލި މަޑުކަމަށް ކޮވިޑުގެ މިވަބާ އިތުރު ދޮރެއް ހުޅުވައެވެ.

އުމުރުން ދުވަސްވީ މީހުންނަކީ ބަލި އެނދާއި ފެޔަށް ޖެހި ހަރަކާތްތެރި ދިރިއުޅުމެއް އުޅުމަށް މަސައްކަތް ކުރަމުންދިޔަ ބައެކެވެ. އެއްތަނެއްގައި ބިއްޖެހި ބުރިކަށި ފާރުވުމަށް ނުތިބެ ހޭލަ މޭލަވެ އުޅުމަށް އުމުރުން ދުވަސްވީ ގިނަ މީހުން މަސައްކަތް ކުރެއެވެ. މިއަދު އެފުރުސަތު ނެތުމުން އެއް ތަނެއްގައި އޮށޯވެ އޮވެއޮވެ، މާމައިން އަދި ކާފައިން ވަނީ ނަފްސާނީ ބަލިމަޑުކަމަކަށް ހުށަހެޅިފައެވެ.

މީގެ އިތުރުން ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން އުޅޭ ގައުމެކެވެ. ގާނޫނާއި ހިލާފަށް ގިނަ ބަޔަކު ވަޒަންވެރިވެ މަސައްކަތް ކުރުމުން ދެއެވެ. މިފަދަ މީހުންގެ ތެރެއިން ވެސް ބަންގުލަދޭޝްގެ މަސައްކަތްތެރިން ވަކީން ބޮޑަށް ފާހަގަ ވެއެވެ. އެމީހުން ފާހަގަ ވަނީ ކުދި ކުދި ތަންތަންކޮޅުގައި އެތައް ސަތޭކަ ބަޔަކު ދިރި އުޅެމުންދާތީއެވެ. އިތުރު ގޮތެއްވެސް ނެތީމައެވެ. މި މީހުންގެ ފަރާތުން އަބަދުވެސް ބޮޑެތި އިޖުތިމާއީ މައްސަލަތައް ކުރިމަތިވެއެވެ. ކުރިއާއި ހިލާފަށް ކޮވިޑް 19 ގެ ސަބަބުން މިބައި މީހުން ވަނީ އިތުރަށް ބިކަވެފައެވެ. މީސް މީޑިއާއަށް ބަލައިލި ނަމަވެސް ފެންނަމުންދަނީ މި މީހުންގެ ރުއިމާއި އާދޭހުގެ އަޑެވެ. ކެނޑި ނޭޅި ފެންނަމުންދަނީ އެމީހުން އުޅޭ ދަތި ހާލެވެ. ކާނެ އެއްޗެއް ނެތިގެން އާދޭސްކުރާ ތަނެވެ.

މާލޭގައި އެއް ތަންކޮޅެއްގެ ތެރޭގައި ތަޅުލެވިގެން ތިބޭން ޖެހުމުގެ ސަބަބުން އިތުރުވެދާނެ އެހެން މައްސަލަތަކުގެ ތެރޭގައި ގެވެށި އަނިޔާ އާއި އެއްތަނެއްގައި ނިދައި ކައިބޮއި އުޅޭން ޖެހުމުން ފެންމަތިވެދާނެ އެހެނިހެން ނޭދެވޭ ކަންކަންވެސް ފާހަގަކޮށްލާން ޖެހެ އެވެ.

މިހުރިހާ ކަމެއްގެ ސަބަބުން މުޅި މުޖުތަމައު މިވަނީ ބިރުވެރި އަދި ހިތްދަތި ހާލަތަކަށް ވެއްޓިފައެވެ. ހައްލު އޮތީ ކިހާ ހިސާބެއްގައި ކަމެއްވެސް ނޭނގެއެވެ. ނަމަވެސް މިކަމާ މެދު ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނާން ޖެހެއެވެ. ސިއްހީ މާހިރުން އަބަދުވެސް ބުނަމުން އަންނަނީ ކޮވިޑާއި އެކު އުޅެން ދަސްކުރުން ނޫން ގޮތެއް ދެން ނެތް ކަމަށެވެ. އަދި މިގޮތަށް ގޭގައި ތަޅުލެވިގެން ތިބޭ ކޮންމެ ދުވަހަކުވެސް ހާލަތު ދާނީ އިތުރަށް ގޯސްވަމުންނެވެ.

އެނގޭ ކަމަކީ ވަގުތު ފާއިތުވުމުގެ ކުރިން މިނޫން ދިރިއުޅުމެއް ހޯދައިދޭން ޖެހޭކަމެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ރައްޔިތުންނަށް ނުހަނު ތަކުލީފާއި ހިތްދަތިކަމާއި ނިކަމެތިކަން ލިބިގެންދާނެ ދުވަހެކެވެ. ވެކްސިނެއްގެ އިންތިޒާރުގައި ތިބުމަށްވުރެ އެންމެ ފައިދާވާނެ އަވަސް ހައްލެއް މިކަމުގައި ބޭނުން ވެއެވެ.

ބައްޔާ އެކު އުޅެން ނިއުނޯމަލް އަކަށް ގޮސްގެން ނަމަވެސް މުޖުތަމައުގެ އެކުވެރިކަމާއި އިޖުތިމާއީ ގެއްލުންތައް ފޫބައްދައިދޭނެ އަވަސް ހައްލަކަށް ރައްޔިތުންތިބީ އެދި އެދި އެވެ. މިބަލި އެންމެ ބޮޑަށް ފެތުރުނު ގައުމުތައްވެސް އެގައުމުތައް ހުޅުވާލައި އަމަލުކުރާނެ ގަވާއިދުތަކަކާއި އުސޫލުތަކެއް އެކުލަވާލައި ކޮވިޑާއި އެކު އުޅެން ވަނީ ފަށައިފައެވެ. އެމަގަށް އަވަހަށް ދެވޭތޯ ރާއްޖެއިން ވެސް ބަލާން ޖެހެ އެވެ.