ކޮވިޑް 19 ޖެހޭ ބިދޭސީ މަސައްކަތްތެރީން ކަރަންޓީން ކުރުމަށް ކ. ވިލިވަރުގައި ހެދި ކަރަންޓީން ފެސިލިޓީގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
މި މަސައްކަތް ކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑު ގުޅިގެން ސަރުކާރުގެ އެހެން މުއައްސަސާތަކުގެ އެހީތެރިކަމާއެކުގައެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ވިލިވަރުގައި ގާއިމުކުރި ކަރަންޓީން ފެސިލިޓީ ނިންމާލައިފައިވަނީ 14 ދުވަހުގެ މަސައްކަތުން ކަމަށެވެ.
200 އެނދުގެ އެ ފެސިލިޓީގައި ތިން ޓެންޓު ހިނެނޭއިރު ކޮންމެ ޓެންޓެއްވެސް ހަދާފައިވާނީ، އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތް ރައްކާތެރިކުރެވޭނެ ގޮތަށް ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެ ފެސިލިޓީއަކީ އިމަޖެންސީގައި ފަރުވާދޭން ޖެހިއްޖެ ނަމަ އެކަންވެސް ކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ފެސިލިޓީއެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ، އެ ފެސިލިޓީ ހުންނާނީ އެއާކަންޑިޝަން ކުރެވިފައި ކަމަށާއި ވައިފައި ވެސް ލިބޭނެ ގޮތަށް ކަމަށެވެ.
"ފެސިލިޓީގެ ސެކިއުރިޓީއަށް ސާވައިލަންސް ކެމެރާތަކެއް ހަރުކުރެވިފައި ހުންނާނީ. ދެން ފެސިލިޓީ އެއްކޮށް ވާނީ އޭސީ ކުރެވި ވައިފައިވެސް ކުރެވިފައި، ޓީވީ ވެސް ހުންނާނެ. އަދި ކޮންމެ އެނދެއް ކައިރީގައި ކަރަންޓަށް ގުޅޭނެ ބޯޑެއް ހުންނާނެ. އަދި އަމިއްލައަށް އެއްޗެހި ދޮވެވޭ ގޮތަށް ދިހަ ވޮޝިން މެޝިން ހުންނާނެ. 29 ޝަވަރާއި، 20 ފާހާނާވެސް މި ފެސިލިޓީގައި ހުންނާނެ،" ސައީދު ވިދާޅުވިއެވެ.
ވިލިވަރުގެ ކަރަންޓީން ފެސިލިޓީ ހެދުމަށް ފެނަކައިގެ 37 މުވައްޒަފުން ހަރަކާތްތެރިވެފައިވެއެވެ. އެމްޑީ ސައީދު ވަނީ އެ މަސައްކަތުގައި ބައިވެރިވި ހުރިހާ މުވައްޒަފުން ރެއާ ދުވާލު އާއިލާތަކާ ދުރުގައި ތިބެގެން އެކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެ މުވައްޒަފުން އެވަނީ ބޮޑު ގުރުބާނީއެއް ކަމަށް ވިދާޅުވިއެވެ.
ފެނަކައިގެ މުވައްޒަފުން އަންނަނީ ކޮވިޑުގެ ކަންކަމުގައި އެންމެ އިސް ސަފުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ވިލިވަރާއި، ވެލިދޫގައި ފެނަކައިގެ މުވައްޒަފުން އަންނަނީ ސްޓޭޝަން ވެގެން މަސައްކަތް ކުރަމުންނެވެ. އަދި ހުޅުމާލޭގައި ހަދާ ފެސިލިޓީގެ މަސައްކަތުގައިވެސް ފެނަކައިގެ މުވައްޒަފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.