ޚަބަރު

ކޮވިޑާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތަށް އުރީދޫގެ ފަރާތުން 2.5 މިލިއަން ރުފިޔާގެ އެހީއެއް

އަލީ ޔާމިން

ކޮވިޑް 19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ ގްރޫޕާއި އުރީދޫ މޯލްޑިވްސް އިން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ސަރުކާރަށް ފޯރުކޮށްދީފިއެވެ.

އުރީދޫން ބުނީ، ކޮވިޑުގެ އަސަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކާއި ވިޔަފާރިތަކަށް ކުރަމުންދާ ހިނދު، އުރީދޫ އިން އަންނަނީ އެކުންފުނީގެ ބައިނަލްއަގުވާމީ މާކެޓުތަކުގައި ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، އަދި އެހެނިހެން ގޮތްތަކުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އަދި ރާއްޖޭގައި އުރީދޫ އިން އެކި ގޮތްގޮތުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމުގެ އިތުރުން، މިއަދު -/2،500،000 (ދެ މިލިއަން ފަސް ލައްކަ) ރުފިޔާގެ އެހީތެރިކަމެއް ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ވާހަކަދައްކަވަމުން، އުރީދޫގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން ވިދާޅުވީ، އުރީދޫގެ އެހީއަކީ ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓު ކިޓް ހޯދުމުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން ފޯރުކޮށްދީފައިވާ އެހީތެރިކަމެއް ކަމަށެވެ.

ނަޖީބް ހާން ވިދާޅުވީ، އުރީދޫއަކީ އަބަދުވެސް ދިވެހިންނާއެކު ތިބި ބައެއް ކަމަށާއި ކޮވިޑުގެ ކަންކަމުގައި އުރީދޫއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"އުރީދޫ އަކީ އަބަދުވެސް ދިވެހިންނާއެކު ތިބި ބައެއް. ކޮވިޑް 19 ޕެންޑެމިކްއާ ގުޅިގެން މުޖުތަމައުގެ އެކި ފަރާތްތަކަށް ދިމާވެފައިވާ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގައި އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިޔަށްގެންދާނެކަމުގެ ޔަގީންކަން އަރުވަން. މި ހާލަތުގައި ރާއްޖެއަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތުގައި ދެއްވަމުން ގެންދަވާ އެއްބާރުލުމަށްޓަކައި، އުރީދޫ ގްރޫޕްގެ އިސްވެރިންނަށް ހާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެންގެ ދުއާއަކީ، އުރީދޫއިން ފޯރުކޮށްދޭ އެހީތެރިކަމާއެކު ސަރުކާރުން ކުރައްވާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބުން،" ނަޖީބް ހާން ވިދާޅުވިއެވެ.

މީގެ އިތުރުން އުރީދޫން ބުނީ ރައީސް އޮފީސް، ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން އަންނަނީ މި ޕެންޑެމިކްއާ ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުން އަންނަ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. މިގޮތުން ކުރެވިފައިވާ ކަންކަމުގެ ތެރޭގައި އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑާ ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވައިދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.