ޖަރުމަނުވިލާތް

ޖަރުމަނުގެ ކެފޭއެއްގައި ގައިދުރުކަން ކަށަވަރުކުރުމަށް ބޭނުން ކުރީ ކަސްރަތު ކުރަން ގެންގުޅޭ ޕޫލް ނޫޑުލްސް

މިންހާ ފާއިޒް ރަޝާދު

ލޮކްޑައުނަށްފަހު ހުޅުވައިލަން ލިބުމުން ޖަރުމަނުގެ ކެފޭއަކުން ޕޫލް ނޫޑުލްސް ބޭނުންކޮށްގެން ގައިދުރުކަން ކަށަވަރުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެ ކެފޭ ހުޅުވައިލީ ޖަރުމަނުގެ ލޮކްޑައުނަށް ލުއިދިނުމުން ކެފޭ ރެސްޓޯރަންޓުތަކަށް ދެވޭ ގޮތް ވުމުންނެވެ. ނަމަވެސް މިކެފޭގެ ވެރިފަރާތުން ބޭނުންވީ ކެފޭގައި ކަސްޓަމަރުން ތިބޭއިރުވެސް ގައިދުރުކަން ކަށަވަރު ކުރުމަށެވެ.

އެހެންކަމުން ތަޅުންމަތީ މާކް ކުރުމާއި، ސްކްރީން ބަހައްޓައިގެން ކަސްޓަމަރުން ވަކި ކުރުމުގެ ބަދަލުގައި އެމީހުން އިހްތިޔާރު ކުރީ ތަފާތު ކަމެކެވެ. ކެފޭއަށް ވަތް ކޮންމެ މީހަކަށް ތޮއްޕެއްގައި ކަސްރަތު ކުރަން ބޭނުން ކުރާ ޕޫލް ނޫޑުލްސް ހަރުކޮށްފައި ބެހީއެވެ.

ޕޫލް ނޫޑުލްސް ދިގު ކަމުން އެތޮފި އަޅާފައި ހުންނައިރު ކޮންމެ ގޮތެއްވިއަސް ދެމީހުނަށް ކައިރިއެއް ނުވެވެއެވެ. އެކަން ފާހަގަކޮށް ކެފޭގެ ވެރިފަރާތުން އޭނާގެ ފޭސްބުކްގައި ފޮޓޯ ހިއްސާކޮށް ބުނީ މިއަދަކީ ޑިސްޓަންސްގެ ދުވަސްކަމަށެވެ.

ކެފޭގެ ވެރިފަރާތް، 52 އަހަރުގެ ރޫތު ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ބުނީ ކަސްޓަމަރުން ތިބީ ވަރަށް އުފަލުން ކަމަށެވެ.

"ގިނަ ދުވަސްތަކަކަށްފަހު ތާޒާ ވައިގައި ކޮފީއެއް ބޯލައި ކޭކެއް ކައިލުމަށް އެމީހުން އައީ، މިއީ އެންމެ ސަޅިކޮށް ގައިދުރުކަން ކަށަވަރު ކުރެވޭނެ ގޮތް، އަނެއްކާ ކިހާ މަޖާ. ކަސްޓަމަރުންވެސް ތިބީ ހިތްހަމަޖެހިފަ. 1.5 މީޓަރުގެ ދުރުމިން ބަހައްޓަންވެސް އުނދަގޫވަރު މީގެ ސަބަބުން ހާމަވި" ރޫތް ބުންޏެވެ.

މި ކެފޭގައި ކުރިން 36 މޭޒު އެތެރޭގައި ހުންނައިރު 20 މޭޒު ބޭރުގައި ޖަހާފައި ހުރެއެވެ. ނަމަވެސް ނިއުނޯމަލްގައި އެމީހުން ވަނީ އެތެރޭގައި ހުންނަ މޭޒުތައް 12 އަށް ބަދަލުކޮށް ބޭރު އަށް މޭޒަށް ބަދަލުކޮށްފައެވެ. އަދި ކޮންމެ ދެމޭޒެއް ދޭތެރޭ 80 ސެންޓަމީޓަރުގެ ދުރުމިނެއް ވަނީ ބަހައްޓައިފައެވެ.

"ދެން ބަލާނީ އިތުރަށް ޖަރުމަނު ހުޅުވާ ވަރަކަށް ގިނަ މީހުނަށް ދަތުރުކުރެވި ފަތުރުވެރިންވެސް އަންނާނެތާ. މީހުން އިތުރުވާ ވަރަކުން ބަލާނީ މޭޒާއި ގޮނޑި އިތުރުކުުރުމަށް" ރޫތު ބުންޏެވެ،

ޖަރުމަނުގައި ކޮވިޑް19އާ ގުޅިގެން އަޅާފައި އޮތް ފިޔަވަޅުތަކަށް ލުއި ދިނީ ޗާންސެލާ އަންގެލާ މާކަލް އެގައުމުން ކޮވިޑް19ގެ ފޭސް އެކެއް ނިމިފައިވާކަން އިއުލާނުކުރުމާއެކުއެވެ. ނަމަވެސް އިޖުތިމާއީ ގައިދުރުކަން ނުބަހައްޓާނަމަ ދެވަނަ ރާޅެއްގެ ބިރު އޮތްކަން އަންގެލާވެސް ވަނީ ފާހަގަކުރައްވައިފައެވެ.

ޖަރުމަނުގައި ކޮވިޑަށް 174،400 މީހުން ޕޮޒިޓިވް ވި އިރު 7884 މީހުން މަރުވިއެވެ.