ކޮވިޑު 19ގެ ބަލިމަޑުކަމާއި ދެކޮޅަށް ރާއްޖެއިން ހަނގުރާމަކުރަމުން އަންނައިރު، ކުރިއަށް އޮތީ މި ހަނގުރާމައިގެ އެންމެ ނުރައްކާތެރި ދުވަސްތައް ކަމުގައި ޑޮކްޓަރުން ވަނީ ލަފާކޮށްފައެވެ. މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 1000 ފަހަނައަޅައި ގޮސްފައިވާއިރު ކުރިއަށް އޮތް ދެ ހަފްތާއަކީ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާނެ ދެ ހަފްތާކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން މިމަހުގެ 31 ވަނަ ދުވަހު ބަލީގެ ޕީކެއް އައިސް، އެދުވަހު އެކަނިވެސް 1600 މީހުންނަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ކޮވިޑް 19 ޖެހޭ 80 އިންސައްތަ މީހުންނަކީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާކުރަން ޖެހޭ ބައެއް ނޫންކަމަށް ސިއްހީ މާހިރުން ވިދާޅުވާއިރު، މި ބަލީގައި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދޭން ޖެހެނީވެސް މަދު ބަޔަކަށެވެ. ހާލު ސީރިއަސްވެ އައިސީޔޫއަށް ލާން ޖެހެނީ އޭގެ ތެރެއިން ވެސް މަދު ބަޔެކެވެ. މި ބަލީގައި މަރުވަނީ ބަލި ޖެހޭ މީހުންގެ ގާތްގަނޑަކަށް ދޭއް ނުވަތަ ތިން ޕަސަންޓް މީހުންނެވެ. ބަލި ޖެހޭ ގިނަ މީހުންގެ ކިބައިން ބަލީގެ މާބޮޑު އަލާމާތެއް ނުފެންނައިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރިން ވެސް ނިންމާފައި އޮތީ ގިނަ ބަޔަަކަށް ބަލި ޖެހިއްޖެ ނަމަ ކޮންޓެކްޓްވާ މީހުން ގޭގައި ކަރަންޓީން ކުރާށެވެ. އެއީ، ބައްޔަށް ހުށަހެޅޭ އެންމެން ފެސިލިޓީތަކުގައި 14 ދުވަހު ނުވަތަ އެއަށްވުރެވެސް ގިނަ ދުވަހު ބޭތިއްބުމަކީ މާލީ ގޮތުންވެސް އަދި ވަސީލަތުގެ ގޮތުންވެސް ފަސޭހަ ކަމަކަށް ނުވާތީއެވެ.
ގޭގައި އެކަހެރިކުރުން ނުވަތަ ހޯމް ކަރަންޓީން ކުރުމަކީ ހަލުވިކަމާއެކު ކޮވިޑު ފެތުރެމުންދާ ބައެއް ގައުމުތަކުގައި މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހޯމް ކަރަންޓީން ކުރާ ގައުމުތަކުގެ ތެރޭގައި، އިންޑިއާ، އިޓަލީ، އިނގިރޭސިވިލާތް، ސްޕެއިން، އެމެރިކާ، ޗައިނާ، ސައުތު ކޮރެއާ، ބެލްޖިއަމް، ޕެރޫ، އަދި ކެނެޑާ ފަދަ ގައުމުތައް ހިމެނެއެވެ.
އެޗްޕީއޭ އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން އިއްޔެރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައިވަނީ ގޭގައި އެކަހެރިކޮށްފައި ބައިތިއްބާއިރު، ސަމާލުކަން ދޭންވީ ކަންތައްތައް ކިޔާދެއްވައިފައެވެ. ކަރަންޓީން ނުވަތަ އައިސޮލޭޓްކުރަނީ އެ މީހަކީ ބައްޔަށް ހުށަހެޅި، ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހަކަށް ވާތީ އެ މީހެއްގެ ފަރާތުން އެހެން މީހަކަށް ވައިރަހުގެ ނުރައްކާ ކުރިމަތިވިޔަ ނުދޭށެވެ.
އެ ޕެނަލްގައި ބައިވެރިވެވަޑައިގަތް އައިޖީއެމްއެޗުގެ ޑޮކްޓަރު މުއާޒް މޫސާ ވިދާޅުވީ، ކަރަންޓީން ކުރަނީ ބަލި ޖެހިފައިވާ މީހަކާ ގާތުން ބައްދަލުވެ، ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުން ކަމަށެވެ. އެ މީހަކު އެކަހެރި ކުރަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން ނޫން ކަމަށާއި ނަމަވެސް ފަހުން ވެސް ބަލީގެ އަލާމާތްތައް ފެނި އެހެން މީހަކަށް ބަލި ފެތުރުން ހުއްޓުވުމަށް ކަމުގައެވެ.
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ހޯމް ކަރަންޓީން ކުރަން ޖެހިއްޖެ ހާލަތެއްގައި އެންމެ ރަނގަޅު ގޮތަކީ އެ މީހަކު ވަކި ކޮޓަރިއެއްގައި ހުރުމާއި އެ މީހެއްގެ ކެއުމާއި އެހެން ހުރިހާ އިންތިޒާމެއްވެސް ވަކިން ހަމަޖެއްސުމެވެ. އަދި އެމީހަކު ބަހައްޓަން ޖެހޭނީ ފަސޭހައިން ވައި ވަންނަ ގޮތަށް ހުންނަ ވަރަށް ވެންޓިލޭޝަން ރަނގަޅު ކޮޓަރިއެއްގައެވެ. ހޯމް ކަރަންޓީންގައި ހުންނަ މީހާއަށް ކާ އެއްޗެހި ގެންގޮސް ދޭއިރުވެސް މާސްކާއި އަންގި ބޭނުން ކުރުން ފަދަ ރައްކާތެރިވުމުގެ ފިޔަވަޅު އަޅަން ޖެހެ އެވެ.
ހޯމް ކަރަންޓީނުގައި ހުންނަ މީހާއަށް ކާންދޭން ބޭނުންކުރާ ތަށި ސަމުސާ ފަދަ ތަކެތި ވެސް ވަކީން ގެންގުޅުމާއި އޭނާ ލާ ދާ ހެދުން އެޅުމަށް ވެސް ވަކީން ދެ ވަށިގަނޑެއް ހަމަޖައްސައި އޭގެ ތެރެޔަށް އުރައެއް ފަދަ އެއްޗެއް ލައްވާފައި ބެހެއްޓުމަށް ޑޮކްޓަރުން އިރުޝާދު ދެއްވި އެވެ. އެއީ ދާ އެއްޗެހި ނަގާއިރު އެއްކޮށް ނަގަން ފަސޭހަވެ، އޭގެ ސަބަބުން ވައިރަސް ބުރައިގެން ދިއުމުގެ ފުރުސަތު ކުޑަވާނެތީ އެވެ. އެތަކެތި ވަކީން ދޮވުމަކީވެސް މުހިންމު ކަމެކެވެ. އޭނާގެ އެނދު ތަންމަތި އެޅުންފަދަ ކަންކަން ކުރާއިރު ވެސް މަޑުމަޑުން އެކަންކަން ކުރުމަށާއި ވައިރަސް ވައިގެ ތެރެޔަށް ބުރައިގެން ދާގޮތަށް ފޮޅާލުން ފަދަ ކަންކަން ނުކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވި އެވެ.
ގިނަ ބަޔަކު ދިރިއުޅެމުންދާ ގެއެއްގައި ހޯމް ކަރަންޓީން ކުރަން ޖެހިއްޖެނަމަ ހޯމް ކަރަންޓީނުގައި ހުންނަ މީހާއާއި އެއް ފާހާނާ ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމުގައި ޑޮކްޓަރުން ފާހަގަކުރައްވައެވެ. އެގޮތުން ފާހާނަ ބޭނުންކުރުމަށް ފަހު ފާހާނަ ރަނގަޅަށް ސާފުކުރުމަކީ މުހިންމު ކަމެކެވެ. ކޮންމެ ފަހަރަކު ވެސް ފާހާނާގެ ދޮރުގެ އަތްގަނޑާއި އިސްކުރާއި އެ ނޫން ވެސް، ގިނައިން އަތްލާ ތަންތަން ރަނގަޅަށް ދޮވެ ސާފުކުރުން މުހިއްމު ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. މިގޮތަށް ސާފުކުރާއިރު ބްލީޗު ސޮލިއުޝަން ބޭނުން ކުރެވިދާނެއެވެ. އެގޮތުން އެއް ޖޯޑު ބްލީޗްގެ ތެރެއަށް ނުވަ ޖޯޑު ފެން އަޅައިގެން ސޮލިއުޝަން ތައްޔާރުކުރެވިދާނެއެވެ.
ހޯމް ކަރަންޓީނުގައި ހުންނަ މީހާއާއި އަބަދުވެސް ހަ ފޫޓުގެ ދުރުމިނެއް ބަހައްޓަން ޖެހޭ ކަމުގައި ޑޮކްޓަރުން ފާހަގަކުރައްވައެވެ. އެއީ އެކެއްގެ ފުށުން އަނެކަކަށް މި ވައިރަސް އަރަނީ ކެއްސައި ކިނބިހި އަޅާއިރު ކަމަށްވާތީއެވެ.
"ހޯމް ކަރަންޓީން ކުރެވޭ މީހާއާއި އެކަށީގެންވާ ދުރުމިނެއް ބަހައްޓަން ޖެހޭ. ހަފޫޓުގެ ދުރުމިނޭ އަޅުގަނޑުމެން މި ދަންނަވަނީ. އެއީ މިވައިރަސް އެކަކު ފަރާތުން އަނަކަށް މި ޖެހެނީ ކެއްސައި ކިނބިހި އެޅުމާއި، އެމީހަކު އަތްލާފައި ހުރިތާކު އަތްލެވުމާއި، މިކަންތައްތަކުގެ ސަބަބުން" އެޗްޕީއޭގެ މެޑިކަލް އޮފިޝަލު ޑރ. ނަޒްލާ ރަފީގު ވިދާޅުވިއެވެ.
ގެއެއްގައި ތިބޭ އެންމެން ހޯމް ކަރަންޓީންގައި ތިބެން ޖެހިއްޖެނަމަވެސް އެންމެ ރަނގަޅު ގޮތަކީ އެކަށީގެންވާ ދުރުމިނެއް އެކަކު އަނެކަކާމެދު ބެހެއްޓުމެވެ. ޑެލިވަރީގެ ހިދުމަތް ބޭނުންކުރާ އިރު ވެސް ހަ ފޫޓުގެ ދުރުމިނެއް ޑެލިވަރީ ހިފައިގެން އަންނަ މީހާއާ ބަހައްޓަން ޖެހޭއިރު އޮންލައިން ޓްރާންސެކްޝަން ހެދުމަށް އިސްކަންދިނުމަށް ޑޮކްޓަރުންގެ ޓީމުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޕެނަލްގައި ބައިވެރިވެވަޑައިގެންނެވި ޑޮކްޓަރުން ވަނީ ހައި ރިސްކު ކެޓަގަރީތަކުގެ މީހުންނަށް ހާއްސަ އިސްކަމެއް ދިނުމަށް އިލްތިމާސްކުރައްވައިފަ އެވެ. ހައިރިސްކު ކެޓަގަރީގައި ހިމެނެނީ، އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި، މާބަނޑު އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނެވެ. ޕެނަލްގައި ހިމެނިވަޑައިގެންނެވި ޑރ. އަހްމަދު ޝަހީދު ވިދާޅުވީ، ހައި ރިސްކުގެ މީހުން އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނުގޮސް މަޑުކުރަން ޖެހޭ ކަމަށާއި، އެފަދަ މީހުންނަށް ގޭގައި ވަކި ކޮޓަރިއެއްގައި ތިބެވޭނެ އިންތިޒާމެއް ހުރި ނަމަ އެގޮތަށް އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ނުވެއްޖެ ނަމަ އެހެން މީހުންނާ ދުރުމިން ބަހައްޓަން ޖެހޭ ކަމުގައި ވިދާޅުވިއެވެ. އެމީހުންނަަށް އެހީތެރިކަން ފޯރުކޮށްދޭ "ކެއާ ޓޭކާސް"ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއްގައި ޑޮކްޓަރުން ވިދާޅުވިއެވެ.
ރާއްޖޭގައި އަދި ހޯމް ކަރަންޓީން ކުރަން ފަށާފައެއް ނުވެއެވެ. ނަމަވެސް އެކަމުގެ މަޝްވަރާތައް ކުރިއަށް ދާއިރު، ހޯމް ކަރަންޓީން ކުރާނީ، ހޯމް ކަރަންޓީންގެ ޝަރުތުތައް ފުރިހަމާ މީހުން ކަމަށާއި އެނޫން މީހުން ކަރަންޓީން ކުރާނީ މިހާރެކޭވެސް އެއްފަދައިން ކަރަންޓީން ފެސިލިޓީތަކުގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.