ޗައިނާ

ކޮވިޑް 19 : ޗައިނާއާ ގުޅޭގޮތުން ކުރިން ނޭނގި ހުރި ވާހަކަތަކެއް

މިންހާ ފާއިޒް ރަޝާދު

ކޮވިޑް 19 ޗައިނާގައި ކޮންޓްރޯލު ކުރެވުނު ނަމަވެސް ދެވަނަ ރާޅެއްގެ ބިރުވެރިކަން އަދިވެސް އެގައުމަށް އެބައޮތެވެ. އެކި ގައުމުތަކުގެ މެދުގައި ވާދަވެރިކޮށް ވެކްސިނެއް އުފެއްދުމުގެ ރޭސް ކުރިއަށް ދާއިރު ޗައިނާގެ ރައްޔިތުން ބައްޔަށް އިމިއުން ނުވުމަކީ އެގައުމަށް އޮތް ބޮޑު ޗެލެންޖެކެވެ.

ޗައިނާ ސަރުކާރުގެ ސީނިއާ މެޑިކަލް އެޑްވައިޒަރު އަދި އެގައުމުން ކޮވިޑް19އާ ދެކޮޅަށް ކުރި ހަނގުރާމައިގެ ޕަބްލިކް މޫނު، ޑރ ޒިއޮން ނަންޝަން ސީއެންއެންއަށް މިވަނީ ކުރިން ނޭނގި ހުރި ކަންތައްތަކެއް ވިދާޅުވެފަ އެވެ.

އެގޮތުން ޑޮކްޓަރު ވަނީ ޑިސެމްބަރުގައި ކޮވިޑް އެގައުމުން ފެނުނު ނަމަވެސް އޭރު އެކަން ނެގީ އާދައިގެ ކަމެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ. ބަލި އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީން ފުރަތަމަ ބަލި ފެތުރެން ފެށިއިރު އޭގެ ހަގީގީ އަދަދުތަކާއި މައުލޫމާތުތައް ދޭން ބޭނުން ނުވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވޫހާންއަށް ޑރ ޒިއޮން ވަޑައިގަތީ ޖެނުއަރީ 18ގައި ބައްޔާގުޅޭ ކަންކަން ތަހުގީގު ކުރުމަށެވެ. އޭނާ އެ ސިޓީއަށް ވަޑައިގެންނެވުމުން އެތައް ޑޮކްޓަރުންނަކާއި ކިޔަވައިދެއްވި ދަރިވަރުން ގުޅައި ބަލީގެ ހާލަތު ހީކުރާ ވަރަށްވުރެ ގޯސްކަމަށް ބުނިކަމަށް ވެއެވެ.

"ލޯކަލް އޮތޯރިޓީ ތަކުން ތެދު ހާމަކުރަން ބޭނުން އެއިރަކު ބޭނުމެއް ނުވި. އެންމެ ފުރަތަމަ ދުވަސްކޮޅު އެމީހުން ތިބީ މަޑުން. އެންމެ ފަހުން އަހަރެން ބުނިން ވަރަށް ގިނަ ބަޔަކު ޕޮޒިޓިވް ވެފައިވާކަމަށޭ ހީވަނީ" ޑރ ޒިއޮން ސީއެންއެންއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގައި ވިދާޅުވިއެވެ.

"އެމީހުން ހާމަކުރަމުން ދިޔަ އަދަދުތައް އަހަންނަކަށް ގަބޫލެއް ނުކުރެވުނު. އެހެންވެ އަހަމުން ދިޔައީ. އޮޅުވައިނުލުމަށް އެދުނިން. އެމީހުން ތިބީ ތެދަށް ބުނަން ފަސްޖެހިފައި" ޑރ ޒިއޮން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޝައްކު އުފެދުނީ ރަސްމީކޮށް ކޮންމެ ދުވަހަކު އާންމުކުރާ ވޫހާންގެ އެދުވަހެއްގެ ތަފާސް ހިސާބުގައި ޕޮޒިޓިވް ވި މީހުން 10 ދުވަސްވިއިރުވެސް 41 އިން މައްޗަށް ނޭރުމުން ކަމަށެވެ. އޭރު އެހެން ގައުމުތަކަށްވެސް ބަލި ގޮސް ފެތުރެން ފަށައިފިއެވެ. 

އޭގެ ދެދުވަސް ފަހުން ޖެނުއަރީ 20ގައި ބައްޔަށް ޕޮޒިޓިވް 198 މީހަކު ތިބި ކަމަށާއި ތިން މީހަކު މަރުވެފައިވާ ކަމަށާއި 13 މެޑިކަލް އޮފިސަރަކުވެސް އިންފެކްޓް ވެފައިވާކަން ވޫހާންގެ އޮތޯރިޓީން ކިޔައިދިން ޑރ. ވިދާޅުވިއެވެ. 

އެދުވަހު ޑރ ޒިއޮން ވަނީ ސަރުކާރުގެ އޮފިޝަލުންނާއެކު ބައްދަލުވުމެއް ބާއްވައި ބަލި ކޮންޓްރޯލު ކުރުމަށް ވޫހާން ލޮކްޑައުންކުރުމަށް އެދިވަޑައިގެންފައެވެ. އަދި ހަމަ އެދުވަހު މީޑިއާ މެދުވެރިކުރައްވައި ނޫސްވެރިންނަށް މައުލޫމާތުދެއްވައި މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް އޭނާ އިއުލާނުކުރެއްވިއެވެ.

ޑރ ޒިއޮން ގެ އެދިވަޑައިގަތުމަށްވެސް ލޮކްޑައުން ނުކޮށް އެންމެ ފަހުން މައިސަރުކާރުން ވޫހާން ލޮކްޑައުން ކުރީ ޖެނުއަރީ 23ގައެވެ. އެދުވަހު ވަނީ ހުރިހާ ފްލައިޓުތަކާއި ރޭލުދަތުރުތައް އަދި ބަސްދަތުރުތައްވެސް ހުއްޓުވައި އެ ސިޓީއަށް ވަދެ ނިކުމެވޭ ހުރިހާ މަގެއް ބަންދުކޮށްފައެވެ. އެސިޓީ ހުޅުވާފައިވަނީ 76 ދުވަސް ފަހުންނެވެ.

ޖެނުއަރީ 27ގައި ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ޑރ ޒިއޮން ވަނީ ސަރުކާރުން ކޮވިޑް19ގެ މައުލޫމާތު އެންމެ އެދެވޭ ގޮތުގައި ހާމަ ނުކުރާ ކަމަށް އެއްބަސްވެވަޑައިގެންފައެވެ. "ލޯކަލް ގަވަމެންޓެއް ވީމަ، ހާމަ ކުރެވޭނީ ހުއްދަލިބޭ މައުލޫމާތު" ޑރ ޒިއޮން ވިދާޅުވިއެވެ. 

މިދިޔަ ފެބްރުއަރީ މަހު ޗައިނާއިން ވަނީ އެމީހުންގެ ލޯކަލް އޮތޯރިޓީތަކުން ކޮވިޑް ބަލީގެ ކަންކަން ކުރަމުންދާ ގޮތާމެދު ފާޑުކީ ސީނިއާ އޮފިޝަލުންތަކެއް ވަޒީފާއިންވެސް ވަކިކޮށްފައެވެ.

ޗައިނާގައި ކޮވިޑަށް 82000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު 4600 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ޗައިނާއިން މި ބަލި މިހާރު ކޮންޓްރޯލު ކޮށްފައިވީނަމަވެސް އެންމެ ބޮޑު ޗެލެންޖަކީ ދެވަނަ ރާޅެއް ނަގައިފާނެ ވަގުތެއް ނޭނގުން ކަމަށް ޑރ ޒިއޮން ވިދާޅުވިއެވެ. ޗައިނާ މިހާރު އޮތީ ނިއުނޯމަލްގަ އެވެ. ސްކޫލުތަކާއި ފެކްޓަރީތައްވެސް ވަނީ ހުޅުވާލައިފިއެވެ. މިގޮތަށް ހުޅުވައިލުމުން ބަލިމީހުން ފެންނަ މިންވަރު ވަނީ އިތުރުވެސް ވެފަ އެވެ.

"ގައުމުގެ ގިނަ ރައްޔިތުން އިމިއުނެއް ނޫން. އެހެންވީމާ އެންމެނަށްވެސް ބިރު އެބައޮތް. ބޮޑު ޗެލެންޖަކާ މިކުރިމަތި ލަނީ. އެހެން ގައުމުތަކާ އަޅައި ބަލާއިރު ހާލަތު ވަކި ރަނގަޅޭ ނުބުނެވޭނެ" ޑރ ޒިއޮން ވިދާޅުވިއެވެ.

ޑރ ޒިއޮން ވިދާޅުވީ ވޫހާން ސިޓީން ފުރަތަމަކޮޅު ތެދު ހާމަ ނުކުރިނަމަވެސް ކޮވިޑުގެ ކަންކަމާ މައިސަރުކާރުން ހަވާލުވުމަށްފަހު ގަވައިދުން ކަންކަން ހާމަކޮށްފައިވާ ކަމަށެވެ.

"17 އަހަރު ކުރިން ސާސް ބަލި ދެތިން މަސްވަންދެން ފޮރުވައިގެން އުޅުނީމަ ވީގޮތް ސަރުކާރަށް އެނގޭ. އެހެންވެ ހުރިހާ ޑިޕާޓްމަންޓްތަކަކަށްވެސް، ސިޓީ ތަކަކަށްވެސް، އަދަދުތައް ތެދަށް ރިޕޯޓްކުރުމަށް ސަރުކާރުން އެންގި. އަދި އެގޮތަށް އަމަލު ނުކުރާ މީހުނަށް ފިޔަވަޅު އަޅާނެކަންވެސް އިއުލާނުކުރި." ޑރ. ޒިއޮން ވިދާޅުވި އެވެ. އަދި ޖެނުއަރީ 23 އިން ފެށިގެން ހުރިހާ އަދަދުތަކެއް ރަނގަޅުވާނެ ކަމަށް ވެސް ޑރ ޒިއޮން ވިދާޅުވިއެވެ.

ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު އަދިވެސް ކޮވިޑަށް ޕޮޒިޓިވްވަމުން ދާއިރު މި ބައްޔަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގައި ގައުމުތަކުން އަންނަނީ އަވަދިނެތި ހަރަކާތްތެރިވަމުންނެވެ.

އެމެރިކާގެ ތިން ކުންފުންޏަކުން އިންސާނުންގެ ހަށިގަނޑުގައި ވެކްސިންގެ ޓެސްޓުތަކެއް ކުރަން ފަށާފައިވާއިރު އަދި އުޅެނީ އޭގެ ޓްރައިލްގެ ފޭސް 1 އަދި 2ގައެވެ.

ޑރ ޒިއޮން ވިދާޅުވީ ޗައިނާގައިވެސް ތިން ވެކްސިނެއް އަންނަނީ ތައްޔާރުކުރެވެމުން ކަމަށެވެ. ނަމަވެސް "ޕާފެކްޓް" ސޮލިއުޝަނެއް ލިބެން އަހަރުތަކެއް ނަގާނެކަމަށް ޑޮކްޓަރު އަންދާޒާ ކުރައްވައެވެ.

"ޖެހޭނީ ހަމަ ޓެސްޓުކޮށްކޮށް ތިބެން، އެކި ވެކްސިންތައް އީޖާދުކުރަން. އަދި މާއަވަސް ވަކި ގޮތެއް ނިންމަންވެސް. ކޮވިޑަށް ރަނގަޅީ ވަކި ކަހަލަ ވެކްސިނެއް ކަމަކަށްވެސް އަދިއެއް ނުބުނެވޭނެ. އެހެންވެ ވެކްސިނެއް ފައިނަލްވާން ވެސް ވަރަށް ދުވަސް ނަގާނެ." ނިއު ނޯމަލްގައި ކޮވިޑާއެކު އެންމެން އުޅެން ދަސްކޮށް އެގޮތުގައި އުޅުމަށް ބާރުއަޅުއްވަމުން ޑޮކްޓަރު ޒިއޮން ވިދާޅުވިއެވެ.