އެމެރިކާ

އެމެރިކާގައި މީހަކު ހޮސްޕިޓަލުގެ ޕާކިންގައި ވިހައިފި، ދަރިފުޅުގެ ފޫޅުދަނޑީގައި އެއްސީ ފޭސް މާސްކެއް

މިންހާ ފާއިޒް ރަޝާދު

އެމެރިކާގެ ކެންޓަކީއަށް ނިސްބަތްވާ އަންހެނެއް ކަމަށްވާ ސާރާ ރޯސް ޕެޓްރިކް، ހޮސްޕިޓަލެއްގެ ޕާކިންއަށް ވިހައިފިއެވެ.

ސާރާ ރޯސް ޕެޓްރިކް ބަނޑަށް ތަދުވާތީ މެއި އަށެއްގައި ގުޅުމުން، ވިހާދުވަސް ނުޖެހޭކަމަށް ޑޮކްޓަރު ބުނިކަމަށް ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

އޭގެ ޖެހިގެން އައިދުވަހު ފަތިހު ހޭލެވުނީ ވަރަށް ބޮޑަށް ވިހާ ތަދު އަރައިގެން ކަމަށާއި ކެންޓަކީގެ ލުއިސްވިލްގައި ހުންނަ ބަޕްޓިސްޓް ހެލްތު ހޮސްޕިޓަލަށް ދިޔައިރު ލޭބާ އެންޑް ޑެލިވަރީ ޑިޕާޓްމެންޓްގެ ދޮރު ހުރީ ތަޅުލާފައި ކަމުން އެމީހުނަށް ހޮސްޕިޓަލަށް ވަދެވޭނެ ގޮތެއް ނުވި އެވެ.

"ވިހަން ތިއުޅެނީ މިއޮތް ފިނީގައި މަގުމަތީގައި، ކޮވިޑް19 ތެރޭގައި." ހޮސްޕިޓަލުގެ ޕާކިންގައި ހުރެ ސާރާގެ ފިރިމީހާ ޑޭވިޑް ޕެޓްރިކް ސާރާއާ ދިމާއަށް އެވަގުތު ބުނިކަމަށް ވެއެވެ.

ސާރަގެ ބަނޑުގައި އޮތް ދަރިފުޅު މަޑެއް ނުކުރިއެވެ. ޕެޓްރިކަށް ޖެހުނީ ސާރާ ވިއްސާށެވެ. އޭނާ ގުޅީ 911 އަށެވެ. އަދި އެމީހުން ކިޔައިދެމުން ދިޔަގޮތަށް އަމަލުކޮށް އެދެމަފިރިންގެ ތިންވަނަ ދަރިފުޅު ޕެޓްރިކްގެ އަތްމައްޗަށް އުފަންކުރިއެވެ. އެންމެ ފަހު ސްޓެޕަކަށް އޮތީ ދަރިފުޅުގެ ފޫޅު ދަނޑި އެއްސުމެވެ. ނަމަވެސް ބޫޓުގެ ނާޑުވައެއްވެސް އަދި އައްސާނެ އިތުރު އެހެން އެއްޗެއްވެސް ނެތުމުން ޑޭވިޑް އެކަމަށް ބޭނުންކުރީ އޭނާގެ އަންހެނުންގެ އަތުން ފަހާފައި އޮތް މާސްކެކެވެ. ދަރިފުޅަށް ކީ ނަމަކީ ނާވީ ބޮންޑް ޕެޓްރިކްއެވެ.

ނާވީ ވިހޭ ފަހުން ހޮސްޕިޓަލުގެ މުވައްޒަފުން ވަނީ އެމީހުން ހޮސްޕިޓަލަށް ވައްދައިފައެވެ.

ހޮސްޕިޓަލުގެ ފަރާތުން ސީއެންއެންއަށް އެކަމާ ގުޅިގެން ދިން ބަޔާނުގައި ބުނީ އެއާއިލާއިން ހޮސްޕިޓަލަށް ވަންނަން އުޅުނު ދޮރަކީ އަބަދުވެސް ހުޅުވާފައި ހުންނަ ދޮރެއް ކަމަށެވެ.

"ހޮސްޕިޓަލަށް އަންނަ މާބަނޑުމީހުނަށް ކޮންމެ ވަގުތެއްގައި އައި ކަމުގައިވިޔަސް އިމެޖަންސީ ރޫމާއި ލޭބާ އެންޑް ޑެލިވަރީ ޑިޕާޓްމަންޓު ދޮރު ހުންނާނީ ހުޅުވާފަ. އެދެދޮރުގައި ބޯޑުވެސް ހުންނާނެ އެއީ 24 ގަޑިއިރު ކޮންމެ ދުވަހަކުވެސް ހުޅުވާފަ ހުންނަ ތަންތަންކަން ޖަހާފަ. ހޮސްޕިޓަލުގެ އެހެން ދޮރުތައް އިރުއޮއްސި ހަތަކުން ފަތިހު ހަތަކަށް ބަންދުވާނެ" ހޮސްޕިޓަލުގެ ބަޔާނުގައި ވެއެވެ. 

ކޮންމެ ހާލަތެއްގައި ނަމަވެސް ދުޅަހެޔޮ ދަރިއަކު ވެހުއުމުން އެއާއިލާއިން ތިބީ އެކަމާ ހިތްހަމަޖެހިފައެވެ.

"އެއީ ވަރަށް ބިރުވެރި ވަގުތުކޮޅެއް، ބޮޑު ރިސްކެއް ނެގީ. ނަމަވެސް ރަނގަޅަށް އެވަގުތު ކޮޅު ދިއުމުން އެކަމާ ހިތްހަމަޖެހޭ" ސާރާ ބުންޏެވެ.