Close
ޚަބަރު

ކައުންސިލަރުންގެ ދައުރު ދިގު ކުރަން ގަނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހު އެޖެންޑާކޮށްފި

އިބްރާހިމް ޒަކީ

އަންނަ މަހުގެ ތިންވަނަ ދުވަހު މިހާރު ތިބި ކައުންސިލަރުންގެ އިންތިހާބީ، ދައުރު ހަމަވާއިރުވެސް ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭނެތީ، އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ބިލު އިސްލާހުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު އަންނަ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ފަހަކަށް އައިސް މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އާއްމު ނުކުރާހާ އަވަހަށް މާކުރިން މި ބިލު ހިމަނައި މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އާއްމު ކޮށްފައިވާ އިރު، މި ބިލު މަޖިލީހަށް ފޮނުވާފައިވަނިކޮށް، އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މަޖިލީހަށް ފޮނުއްވި ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންގޮސް އެބިލު މަޖިލީހަށް ބަަލައިގަނެ މިހާރު ވަނީ ކޮމިޓީ މަރުހަލާގައި ލާމަރުކަޒީ ކޮމިޓީގައެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލަކީ، ކޮވިޑް 19އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ފަސްކުރުމަށް، ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020" ގެ ބިލާއެކު، ސަރުކާރުން މަޖިލީހަށް ފޮނުވި ބިލެކެވެ. އެ ދެ ބިލް މިދިޔަ މަހުގެ ހަވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 24 ވަނަ ޖަލްސާއަށް އެޖެންޑާ ކުރީވެސް އެކު އެކީގައެވެ. އަދި އެދުވަހުގެ އެޖެންޑާގެ ކުރީގައިވެސް އޮތީ އެ ބިލެވެ.

ނަމަވެސް އިންތިހާބު ފަސްކުރި ބިލު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރައްވާފައިވާއިރުވެސް، ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު އެ ދުވަހަށްފަހު އެޖެންޑާގައި ހިމަނައިގެން ކުރިއަށްގެންގޮސްފައެއް ވެސް ނުވެއެވެ.

އޭގެ ބަދަލުގައި އެ ބިލް އެޖެންޑާ ކުރިތާ ތިންވަނައަށްވީ ދުވަހު، މިދިޔަ މަހުގެ އަށްވަނަ ދުވަހު އެޖެންޑާކޮށްގެން ކުރިއަށްގެންދިޔައީ ހަސަން ލަތީފު ހުށަހެޅުއްވި ބިލުގެ މަސައްކަތެވެ.

ސަރުކާރުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅި ބިލް ހޯމަ ދުވަހަށް އެޖެންޑާ ކޮށްފައިވާ އިރު، ގާނޫނުއަސާސީއަށް އިސްލާހު ނުގެނެސް ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގޮތަށް އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު އިތުރުނުކުރެވޭނެ ކަަމަށް ބަންޑާރަ ނާއިބު، އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ލާމަރުކަޒީ ގާނޫނަށް ލަފާދީފައެވެ.