ރައްޔިތުންގެ މަޖިލިސް

ކޮވިޑް ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުން ގެއްލުންވާ ފަރާތްތަކުގެ ލިސްޓެއް ޕެޓިޝަން ކޮމިޓީން އެކުލަވާލައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަމުންދާ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން އާމްދަނީ މަދުވެ ގެއްލުން ލިބިފައިވާ ދާއިރާތަކުގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން އެކުލަވާލައިފި އެވެ.

އެލިސްޓު ހިމަނައިގެން ރައްޔތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ކޮމިޓީީން އެކުލަވާލާފައިވާ ރިޕޯޓްގައި ބުނެފައިވަނީ އެއީ ކައުންސިލްތަކުން ލިބުނު މައުލޫމާތާ ގުޅިިގެން ތައްޔާރު ކޮށްފައިވާ ލިސްޓެއް ކަމުގައެވެ.

ރިޕޯޓްގައި ބުނެފައިވަނީ ކޮވިޑް 19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން އާމްދަނީ މަދުވެ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޓުއަރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކަމަށެވެ.

"ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާ އަދި ރެސްޓޯރަންޓްތައް ބަންދުކުރަން ޖެހުމުން ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކުރެވި ނުވަތަ މުސާރަ ނުލިބިވާކަން؛ ރިސޯޓްތަކާއި ގެސްޓްހައުސްތައް ބަންދުކުރުމުގެ ސަބަބުން އެ ދާއިރާތަކާއި ގުޅުން ހުރި މަސައްކަތްތައް ފަރުމަސްވެރިކަން، ލަނޑާގެ މަސްވެރިކަން، ފަންގި ވިނުން އަދި ލިޔެލާޖެހުން، ހުއްޓި، އެ މަސައްކަތްކުރާ ފަރާތްތަކަށް އާމްދަނީ ލިބޭނެ އިތުރު ގޮތެއް ނެތް،" ރިޕޯޓްގައި ވެއެވެ.

މީގެ އިތުރުން ދަތުރުފަތުރުގެ ނިޒާމަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، ދަނޑުވެރިކަންކުރުމަށް ބޭނުންވާ އާލާތްތަކާއި، ގަސްކާނާ ފަދަ ތަކެތި ލިބުމަށް ދަތިވެފައި ވުމާއި، ޕްރައިވެޓް ކުންފުނިތަކާއި އޮފީސްތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުގެ އިތުރުން މުސާރަ ނުލިބިވާކަން ވެސް ފާހަގަ ކޮށްފައި ވެއެވެ.

ރަށުގައި ދިރިއުޅޭ މީހުންގެ އާމްދަނީ ދަށްވުމުން ގިނަ ފިހާރަތަކެއްގެ ވިޔަފާރި ދަށްވުމުގެ ސަބަބުން ފިހާރަތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ދިނުމަށް ދަތިވެފައި ވުމާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތައް (ކޮންޓްރެކްޓް މަސައްކަތްކުރާ ފަރާތްތައް، ޓިއުޝަންދޭ ފަރާތްތައް އަދި ޓެކްސީކުރާ ފަރާތްތައް) އާމްދަނީ ހޯދާނެ އިތުރު ގޮތެއް ނެތި ތިބެން ޖެހިފައި ވާކަންވެސް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ވަޒީފާ ދޫކޮށް އެ އިންތިހާބުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ މާލީ ހާލަތު ލޯކަލް ކައުންސިލް އިންތިހާބު ފަސްވެފައިވުމުން، ދަށްވެފައި ވުމާއި، ރަށުގައި ދިރިއުޅޭ މީހުންގެ އާމްދަނީ ދަށްވުމުން ރަށުތެރެއިން މަސައްކަތް ހޯދައިގެން ދިރިއުޅޭ ފަރާތްތަކަށް މަސައްކަތެއް ނުލިބި، ދިރިއުޅުމުގެ ޒަރޫރީ ބޭނުން ފުއްދުމަށް ދަތި ވެފައިވާކަންވެސް ފާހަގަ ކޮށްފައި ވެއެވެ.

ކޮވިޑް 19 އާ ގުޅިގެން އިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި މެޝިނަރީޒް ލިބުމުގައި ހުރި ދަތިކަމުގެ ސަބަބުން ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތައް ހުއްޓިފައިވާކަންވެސް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.