އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 64

އަބްދުﷲ ފާރޫގް ހަސަން

1

(14 މެއި ގެ އަދަދާ ގުޅޭ)

އާޒަރުމީދުޚުތު ވަރުބަލިފުޅުވެފައިވާ ފަދައިން ގޮނޑިކޮޅުމައްޗަށް ވެއްޓިވަޑައިގެންފިއެވެ. ޝާހުޕޫރު މަންސައިގެ ބިއްދޮށުގައިހުރި ދޮރުކޮޅަކުން މާލަމުން ބޭރަށް ނުކުމެވަޑައިގެންފިއެވެ.

ފުރޭބުރުޒު އޭނާގެ އޮފީހުގެ ތަނަވަސް ކޮޓަރިކޮޅެއްގައި އެއްޗެއް ލިޔުއްވާން އިންނެވިއެވެ. ޒަރުބަޚުތު އެކޮޓަރިކޮޅަށް ވެދެވަޑައިގެން ސަލާންކުރެއްވުމަށްފަހު އަދަބުވެރިކަމާއެކު ހުއްޓިވަޑައިގެން ހުންނެވިއެވެ. ފުރޭބުރުޒު އޭނާއާ ދިމާޔަށް ބައްލަވައިލެއްވުމަކާނުލައި އަތްޕުޅުގެ އިޝާރަތުން އިށީނދެވަޑައިގަންނަވާން އަންގަވައިފިއެވެ. ޒަރުބަޚުތު ކުރިޔަށްވަޑައިގެން ގޮނޑިކޮޅެއްގައި އިށީނދެވަޑައިގެންފިއެވެ. ފުރޭބުރުޒު އިރުކޮޅެއްގެފަހުން ޒަރުބަޚުތަށް ސަމާލުކަން ދެއްވައިފައި ވިދާޅުވިއެވެ.

"ޒަރުބަޚުތެވެ. އަޅުގަނޑު ކަލާއާ ވަރަށް މުހިންމު މަސްއޫލިއްޔަތެއް އެބަ ހަވާލުކުރަމެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ހަފްތާއެއްގެ ތެރޭގައި ފަރަޚުޒާދާއި ޝެހެޒާދީ އާޒަރުމީދުޚުތުގެ ކާވެނިފުޅު ޢަޤުދުކުރެވޭނެއެވެ. މަދާއިނުގެ އަމީރުންކުރެ ނުފޫޒުހުރި ޖަމާޢަތެއްގެ ބޭފުޅުން ތިއްބެވީ އެކަމާ ވަރަށްބޮޑަށް ހިތްޕުޅާ ނުވެފައެވެ."

"ސާހިބާއެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެކަމާބެހޭގޮތުން ސިފައިންގެ ތެރޭގައިވެސް ވަރަށްބޮޑަށް ހިތްހަމަނުޖެހުން އެބައޮތެވެ. ޝާހުޕޫރު ތަޚުތު ހާސިލުކުރެއްވުމަށްޓަކައި އާޒަރުމީދުޚުތުގެ ކާވެނިފުޅު ފަރަޚުޒާދަށް ހުށަހެޅުއްވީ ކަމުގައިވެސް ދޫދޫމަތީން އެބަވާހަކަ ދެކެވެއެވެ. އެކަމަކު އަޅުގަނޑަށް ހީވާގޮތުގައި ޝެހެޒާދީގެ އެދިވަޑައިގަތުމަކީވެސް އެއީއެވެ."

"ކަލާގެ ޚިޔާލުފުޅު ރަނގަޅެއް ނޫނެވެ. އާޒަރުމީދުޚުތު އެކާވެނިފުޅާ ކަނޑައެޅިގެން ދެކޮޅެވެ. ފަރަޚުޒާދަށް ވަޒީރުކަން ދެއްވުމަކީ އެބޭފުޅުންގެ ޙައްޤެއް ނިގުޅައިގަނެވުން ކަމުގައި ދެކެވަޑައިގަންނަވާ އަމީރުން ތިއްބެވީ އާޒަރުމީދުޚުތުގެ ރުހިވަޑައިނުގެންނެވުމުގެ ފައިދާ ފުރިހަމަޔަށް ނަންގަވާން ތައްޔާރަށެވެ. ފަރަޚުޒާދު ޝާހުޕޫރާ އެއްކޮޅަށް ނިޔާކަނޑައެޅުއްވުމުގައި ސާބިތުކުރެއްވި ބުއްދިވެރިކަމަށްވުރެ އޭނާ ވަޒީރުކަން ޤަބޫލުކުރެއްވުމުގެ މޮޔަފުޅުކަން މާބޮޑެވެ. އާޒަރުމީދުޚުތާ ކާވެނިބައްލަވަން އުޅުއްވާކަމީ އަދި އެއަށްވުރެވެސް މާބޮޑަށް ދެކޮޅުނުޖެހޭ ކަމެކެވެ. މާބޮޑަށްވެސް ސޭވާ ކަމަކެވެ. އެކަމަކީ ކިސްރާގެ ދަރިކަނބަލުންގެ ކާވެނިފުޅު ޝާހީ ޚާންދާނުގެ ބޭރުން ކުރެވޭތީ ހިތްހަމަނުޖެހިފައިތިބި މަދާއިނުގެ އާއްމުން ރުޅިއެރުވުމަށް އޭނާއާ ދެކޮޅުވެރި އަމީރުންނަށް ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމެކެވެ. އަޅުގަނޑު ބޭނުންވަނީ އޭނާ ޙިމާޔަތް ކުރެއްވުމުގެ ޒިންމާ ކަލާއާ ޙަވާލުކުރާށެވެ. އިއްޔެ އޭނާ ވަނީ ޚުރާސާނުން އޭނާގެ އަމިއްލަފުޅު ސިފައިންގެ ބައެއް ގެމަތައް މަދާއިނަށް ބަދަލުކުރައްވަން ޝަހެންޝާހުގެ ހުއްދަޔަށް އެދިވަޑައިގެންފައެވެ. ޝަހެންޝާހު އެކަމާބެހޭގޮތުން އަޅުގަނޑާ މަޝްވަރާ ކުރެއްވިއެވެ. އަޅުގަނޑު ދަންނަވައިފައިވަނީ ފަރަޚުޒާދު ޚުރާސާނުގެ ސިފައިން މަދާއިނަށް ގެންނަވައިފިނަމަ މަދާއިނުގައި އޭނާއާ ދެކޮޅުހެދުން މިހާރަށްވުރެވެސް އިތުރުވާނެކަމުގައެވެ. މިތާނގައި އޭނާޔަށް ނުރައްކަލެއް އޮތިއްޔާ އަޅުގަނޑު އޭނާ ޙިމާޔަތްކުރުމާ ހަވާލުވާން ތައްޔާރަށް ހުރިކަމުގައެވެ. ޝަހެންޝާހު ވަނީ އެކަން އަޅުގަނޑާ ހަވާލުކުރައްވައިފައެވެ. އަޅުގަނޑު އެޒިންމާ ކަލާއާ ހަވާލުކުރަމެވެ. މަދާއިނުގެ ބޮޑުންނާއި، ޝާހީ ޢާއިލާގެ މެމްބަރުން ފަރަޚުޒާދާ ދެކޮޅަށް ފާޅުގައި ނުކުމެވަޑައިގެންނެވުމުގެ ނުރައްކަލާ ކުރިމަތިލެއްވުމުގެ އެކަށޭނަކަން އަދި ވަރަށް ކުޑައެވެ. ނަމަވެސް އަޅުގަނޑުމެން ތިބޭންޖެހޭނީ އަބަދުވެސް ވަރަށް ހުސިޔާރުވެގެންނެވެ. ފަރަޚުޒާދު ހުންނަވަން އަލަށް ހަމަޖެހުނު ގަނޑުވަރަށް ދެދުވަހެއްގެ ތެރޭގައި އޭނާ ބަދަލުވެވަޑައިގަންނަވާނެއެވެ. މަދާއިނުގެ ޙާލަތާމެދު އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ނުލިބޭހައި ހިނދަކު ކަލާ ހުންނަވާންވާނީ އޭނާގެ އަރިހުގައެވެ."

އާޒަރުމީދުޚުތު ފަރަޚުޒާދާ ކާވެނިބައްލަވަން ޤަބޫލުފުޅުވީ ޝަހެންޝާހު ވަރަށްބޮޑަށް ޒުވާބު ކުރެއްވުމަށްފަހުގައެވެ. އެކަމަކު އެކަމަނާގެ ހިތްޕުޅުގައިވަނީ ކީކޭކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. ޝަހެންޝާހާ އަރައިރުންވެވަޑައިގަތުމަށްފަހު އެކަމަނާގެ ކުށް ޤަބޫލުކުރެއްވީ ކަމުގައިވެސް ވެދާނެއެވެ. އެކަމަނާގެ މުސްތަޤްބަލާމެދު ވިސްނައިވަޑައިގެންނެވުމަށްފަހު ޝަހެންޝާހުގެ ވަޒީރުގެ އަނބިކަނބަލުންގެ ޙައިޘިއްޔަތުން ޝާހީ ޢާއިލާގެ އެހެނިހެން މެމްބަރުންނަށްވުރެ ޚާއްޞަ އިމްތިޔާޒެއް ލިބިވަޑައިގަންނަވާނެކަން ޤަބޫލުކުރެއްވީ ކަމުގައިވެސް ވެދާނެއެވެ. ހަމައެފަދައިން ޙާލަތު ނިޔާކޮށްފައިވާގޮތުން އެކަމަނާގެ ހިތާމަފުޅާއި ހިތްޕުޅުގައިވާ ކޯފާ ހިނިތުންވެވަޑައިގަތުމުގެ ޒަރީޢާއިން ފޮރުއްވަން މަސައްކަތްޕުޅުކުރައްވަނީ ކަމުގައިވެސް ވެދާނެއެވެ. އެކަމަނާގެ ބަދަލު ހިއްޕެވުމުގެ ޖަޒުބާތަށް ފިނިކަން ހޯއްދަވަން މުނާސަބު ވަގުތަކަށް އިންތިޒާރު ކުރެއްވުމަކީވެސް ދުރުކަމެއް ނޫނެވެ. އެކަމަނާގެ ނާރުފުޅުތަކުގައިވަނީ ސާސާނީ ލެއެވެ. އަޅުގަނޑަށް ޔަޤީނެވެ. މަސްރަޙު އެކަމަނާއަށް ކިރިޔާވެސް ފަހިވެލައިފިނަމަ އެކަމަނާގެ ބޭނުންފުޅު ހާސިލުކުރެއްވުމަށްޓަކައި ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލައްވަންވެސް އެކަމަނާ ތައްޔާރަށް ހުންނަވަނިކޮށް ކަލާއަށް ފެނިވަޑައިގަންނަވާނެއެވެ. ފަރަޚުޒާދަކީ ވަރުގަދަ ޝަޚްޞިއްޔަތެކެވެ. އެކަމަކު ވަރުގަދަ ޝަޚްޞިއްޔަތެއް ޝަހެންޝާހުގެ ވަޒީރުގެ ޙައިޘިއްޔަތުން މަދާއިނުގެ އަމީރުންގެ އިސްތަށިފުޅަށް ސަވާރުވެވަޑައިގެންނެވުމަކީ މަދާއިނުގެ އަމީރުން ރުހިވަޑައިގަންނަވާނެ ކަމެއް ނޫނެވެ. އާޒަރުމީދުޚުތު އިދިކީލި ރޭއްވެވުމެއް ނުރޭއްވެވި ކަމުގައިވިޔަސް މަދާއިނުގެ ބޮޑުން މާގިނަދުވަހަކު އަރާމުގައެއް ނުތިއްބަވާނެއެވެ."

ފުރޭބުރުޒު އެހައިތަނުން ވާހަކަފުޅު ހުއްޓައިލެއްވިއެވެ. އޭނާ މޭޒުކޮޅުމަތީން ކަރުދާހެއް ނަންގަވައިފައި ޒަރުބަޚުތަށް ދިއްކޮށްލައްވަމުން ވިދާޅުވިއެވެ. "މިއީ ވޭތުވެދިޔަ އަހަރުތަކުގައި ކުރީގެ އެކިއެކި ރަސްރަސްކަލުންނާ ދެކޮޅަށް ރޭވުނު ރޭވުންތަކުގެ ތެރެއިން ގާތްގަނޑަކަށް ހުރިހައި ރޭވުންތަކެއްގައި ބައިވެރިވެވަޑައިގެންނެވި ބޮޑުންގެ ލިސްޓެކެވެ. މިނަންތައް ދަސްފުޅު ކުރައްވައިފައި މި ކަރުދާސް އަންދައިލައްވާށެވެ. މިބޭފުޅުންނަކީ މިހާރު ޝާހުޕޫރުގެ ޙިމާޔަތުގައިވެސް އެންމެ ބާރަށް ނަޢުރާ ކުރައްވާ ބޭފުޅުންނެވެ. ފަރަޚުޒާދު ޝާހުޕޫރުގެ ބަދަލުގައި އާޒަރުމީދުޚުތު ތަޚުތުގައި ބޭންދެވިނަމަ އެކަމަނާއަށް ތާއީދުކުރައްވާ ބޮޑުންގެ އެންމެކުރީ ސަފުން ޖާގަ ހޯއްދަވަން މަސައްކަތްކުރެއްވީހީވެސް މިބޭފުޅުންނެވެ. ފަރަޚުޒާދަށް އެއްވެސް ނުރައްކަލެއް އޮތްކަމަށް ކަލާ ދެކެވަޑައިގަންނަވާކަން މިއިން ބޭފުޅަކަށް ރޭކާލިޔަވެސް ނުދެއްވާށެވެ. އާޒަރުމީދުޚުތަށްވެސް އެއްވެސްކަހަލަ ޝައްކެއް ވެވަޑައިގެންނެވިޔަ ނުދެއްވާށެވެ. ކަލާ އަމިއްލަ ލޯފުޅުން ބައްލަވާށެވެ. އަމިއްލަ ކަންފަތްޕުޅުން އަޑުއައްސަވާށެވެ. އަމިއްލަ ސިކުނޑިފުޅުން ވިސްނައިވަޑައިގަންނަވާށެވެ. އެކަމަކު ކަލާގެ ދޫފުޅު ކަލާގެ އިޚްތިޔާރުގައި ބައްލަވާށެވެ. އޭރުން ކަލާއާމެދު މިބޭފުޅުންގެ ސަމާލުކަން ކުޑަވެ އަޅުއްވައިނުލައްވާތަން އަތުވެދާނެއެވެ. އެއަށްފަހު ކަލާއަށް މާގިނަ ކަންތައް ފެނިވަޑައިގަންނަވާނެއެވެ. މާގިނަ އަޑުތައް އިވިވަޑައިގަންނަވާނެއެވެ. މާރަނގަޅަށް ވިސްނައިވަޑައިގެންނެވޭނެއެވެ. ވަގުތު އައުމުން މާރަނގަޅަށް ކަންކަން ނިންމެވޭނެއެވެ. ކަލާގެ އަރިހުގައި ގެންދަވާނީ ފަންސަވީހަކަށް ތިރީހަކަށް މީހުންނެވެ. އެބައެއްގެ ވިސްނުންތެރިކަމާއި، ވަފާތެރިކަމާއި، ހިތްވަރުގަދަކަމާމެދު ފުރިހަމަޔަށް އިތުބާރުކުރެއްވޭ މީހުންނެވެ. ދެން ކަލާ ވަޑައިގެންނެވިޔަސް އެންމެ ރަނގަޅެވެ."

ޒަރުބަޚުތު ތެދުވެވަޑައިގެން ސަލާންކުރައްވައިފިއެވެ. އޭނާ ކޮޓަރީން ނުކުމެވަޑައިގަންނަވާން ހިންގަވައިގެންނެވުމުން ފުރޭބުރުޒު އޭނާއަށް ވިދާޅުވެ މަޑުކުރުއްވައިފައި ވިދާޅުވިއެވެ. "ރޭގައި ސަރޫޝުގެ ޤާސިދެއް އައެވެ. އޭނާ ލިޔުއްވައިފައިވާގޮތުން يـاسمـين ކަލާގެ ކޮއްކޮގެމަތީން ހަނދާންވާތީ ވަރަށްބޮޑަށް އުޅެއެވެ. އެއްކަލަ ޢަރަބި ކުއްޖާ އެތާނގައި ހުންނަނީ ވަރަށް އުފަލުންނެވެ."

ޒަރުބަޚުތު ސުވާލުކުރެއްވިއެވެ. "އޭނާ އެނބުރިވަޑައެއް ނުގަންނަވާނެތޯއެވެ؟"

ފުރޭބުރުޒު ޖަވާބު ދެއްވިއެވެ. "ސަރޫޝް ލިޔުއްވައިފައިވެއެވެ. އޭނާގެ ލަޝްކަރު ހަނގުރާމައިގައި ބައިވެރިވާއިރު އެ ތުއްތު ސިފައިންގެ މީހާ އޭނާގެ އަރިހުގައި ހުންނާނެއެވެ. އީރާނުގެ ތަޖުރިބާކާރު ސިފައިން އޭނާގެ މަސައްކަތާމެދު ފަޚުރުވެރިވާނެއެވެ."

+ + + + +

ޝެހެޒާދީ އާޒަރުމީދުޚުތު އެކަމަނާގެ ގަނޑުވަރުގެ ގޮނޑިކޮޅެއްގައި އިންނެވިއެވެ. ކަނީޒެއް އެކަމަނާގެ އިސްތަށިފުޅުގައި ފުނާކޮޅު ތުރުކުރާން ހުއްޓެވެ. އެހެންކުއްޖެއް މޫނުބަލާ ލޯކޮޅެއް ހިފައިގެން އެކަމަނާގެ ކުރިފުޅުމަތީގައި ހުއްޓެވެ. ޚާދިމާއެއް އެކޮޓަރިކޮޅަށް ވަދެއްޖެއެވެ. އޭނާ ދެންނެވިއެވެ. "ސާހިބު ކަމަނާފާނެވެ. ސިޔާދުޚަޝް އަރިހަށް ހާޒިރުވުމުގެ ހުއްދަ އެދެއެވެ."

އާޒަރުމީދުޚުތު އަތްޕުޅުން އިޝާރަތްކޮށްލެއްވުމުން އެ ޚާދިމާ ބޭރަށް ނުކުމެއްޖެއެވެ. ސިޔާދުޚަޝް އެކޮޓަރިކޮޅަށް ވަދެއްޖެއެވެ. ޝެހެޒާދީ ވަރަށް ފަރި ހިނިތުންވެވަޑައިގެންނެވުމަކާއެކު އޭނާއާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެކަމަކު ކުއްލިޔަކަށް ސީރިޔަސްވެވަޑައިގެންފައި ވިދާޅުވެއެވެ. "މިހާރު ކަލޭ އަހަރެންގެ ގާތަށް އަންނައިރު ވަރަށްބޮޑަށް ރައްކާތެރިވާން ޖެހޭނެއެވެ. ޝާހުޕޫރުގެ ޖާސޫސަކަށް ކިރިޔާ ޝައްކެއްވެލިޔަސް އަހަރެންގެ ހާލު ޤައިދީއަކާ ތަފާތެއް ނުވާނެއެވެ."

ސިޔާދުޚަޝް ކުރިޔަށްޖެހި އާޒަރުމީދުޚުތުގެ އަތްތިލަފުޅުގައި ބޮސްދީފިއެވެ. އޭނާ ފަހަތަށް ޖެހިލައިފައި ޝަހެޒާދީގެ ކުރިފުޅުމަތީގައިހުރި ގޮނޑިކޮޅެއްގައި އިށީނދެއްޖެއެވެ. އޭނާ ދެންނެވިއެވެ. "ގަނޑުވަރުގެ ފާރަވެރީންގެ ވެރިޔާއަކީ އަޅުގަނޑުގެ މާބެގެ ކުއްޖެއްކަމާއި އަޅުގަނޑު އޭނާއާ ބައްދަލުވާން އައިސް އުޅޭކަން ޝާހުޕޫރަށް އެނގިވަޑައިގަންނަވާނެއެވެ."

އާޒަރުމީދުޚުތު ވިދާޅުވިއެވެ. "ފަހަރެއްގައި ޝާހުޕޫރަށް ނުވަތަ ޕޫރާންދުޚްތަށް ކުއްލިޔަކަށް މިދިމާޔަށް ވަޑައިގެންނެވި އެބޭފުޅުންނަށް ކަލޭ ފެނިވަޑައިގެންފިނަމަ ކަލޭގެ މާބެގެ ދަރިފުޅުގެ ގޭގެ ބަދަލުގައި އޮޅިގެން މިގެޔަށް އާދެވުނިއްޔޭ ދަންނަވައިގެން އެބޭފުޅުންގެ ހިތްޕުޅު ހަމަޖައްސައިދެވޭނެހެއްޔެވެ؟"

ސިޔާދުޚަޝް ހީނލައިފައި ދެންނެވިއެވެ. "ސާހިބުކަމަނާފާނެވެ. ފިކުރުފުޅު ނުކުރައްވާށެވެ. އެބޭފުޅުން ވަޑައިގަންނަވާ މަގުތަކުގައި ފާރަވެރީން ތިބޭނެއެވެ. އެއިން ބޭފުޅަކު އެބޭފުޅުންގެ ގަނޑުވަރުން ނުކުމެވަޑައިގެން ކަމަނާފާނުގެ ގަނޑުވަރާ ދިމާޔަށް ވަޑައިގަންނަވާނަމަ އެމީހުން އަޅުގަނޑަށް ޚަބަރުދޭނެއެވެ. މިގަނޑުވަރުގެ ބަގީޗާގެ ތެރެއިންލައިފައި އަޅުގަނޑަށް މާގިނައިރެއްނުވެ އެގެޔަށް ދެވިދާނެއެވެ. އަނެއްކާ މިވަގުތު ޝާހުޕޫރާއި ފަރަޚުޒާދާ ދެބޭފުޅުންގެ ބައްދަލުކުރެއްވުމެއް ހިނގަމުންދަނީއެވެ. އެބައްދަލުކުރެއްވުން ނިންމައިނުލައްވަނީހެއް ޝާހުޕޫރުގެ ޚާދިމެއްވެސް ޖާސޫސެއްވެސް އެހެންފަރާތަކަށް ސަމާލުކަމެއް ނުދޭނެއެވެ. އަޅުގަނޑު ސާހިބުކަމަނާފާނަށް ދަންނަވަން މިއައީ އަމީރުންނާއި ސިފައިންގެ އޮފިސަރުންކުރެ ގިނަބޭފުޅުން އަޅުގަނޑުމެންނާއެކުގައި ތިއްބެވި ވާހަކައެވެ. ފަރަޚުޒާދު މަދާއިނުގައި ފައިތިލަފުޅު ސާބިތުކުރެއްވުމުގެ ފުރުސަތު އަރުއްވާކަށެއް އެބޭފުޅުން ބޭނުންފުޅެއް ނޫނެވެ. ފަރަޚުޒާދަށް ފުރުސަތެއް ލިބިވަޑައިގެންނެވިހައި އަވަހަކަށް އޭނާގެ ދަރިކަލުން ރުސްތުމަށް ކޮމާންޑަރ އިން ޗީފްކަން ދެއްވަން މަސައްކަތް ކުރައްވާނެކަން އެނގޭތީ ސިފައިންވެސް ތިބީ ހިތްހަމަނުޖެހިފައެވެ. އެއްވެސް މައްސަލައެއްގައި ފަރަޚުޒާދު ނުގަބޫލުފުޅު ގޮތެއް ހައްދަވާކަށެއް ޝާހުޕޫރަކަށް ކެރިވަޑައެއް ނުގަންނަވާނެއެވެ."

އާޒަރުމީދުޚުތު ވިދާޅުވިއެވެ. "ތިޔަވާހަކަ ދައްކަން ކަލޭ އަހަރެންގެ ގާތަށް އައުމުގެ ނުރައްކަލާ ކުރިމަތިލާކަށެއް ބޭނުމެއް ނޫނެވެ. ބޭރުގެ ޚަބަރުތައް އަހަންނާ ހަމަޔަށް ގެނެސްދޭނެ މީހުން ގަނޑުވަރުތެރޭގައިވެސް ތިބޭނެއެވެ. އަހަރެން ހަމައެކަނި އިންތިޒާރުކުރަނީ ދައުލަތުގެ ބޮޑުންނާއި ސިފައިންގެ އޮފިސަރުންގެ ތެރޭގައި ތިއްބެވި އަހަންނަށް ތާއީދުކުރައްވާ ބޭފުޅުން ބަޣާވަތުގެ ދިދަ އުފުއްލަވަން ހަމަޖައްސަވައިފައިއޮތީ ކޮންދުވަހެއްކަން އޮޅުންފިލުވުމަށެވެ."

ސިޔާދުޚަޝް ޖަވާބުދިނެވެ. ބަޣާވަތުގެ ދިދަ ނަގާކަށެއް އަޅުގަނޑުމެންނަކަށް ބޭނުމެއް ނުވާނެއެވެ. އޮތީ އެންމެ ކަމެކެވެ. އެއީ މަދާއިނުގެ އަހުލުވެރީން އެއްދުވަހަކު ހެނދުނު ނިދީން ހޭލާއިރު އިވޭނެ ޚަބަރަކީ ޝެހެޒާދީ އާޒަރުމީދުޚުތަށްޓަކައި ޤުރުބާންވާން ތައްޔާރަށްހުރި މީހަކު ޝާހުޕޫރާއި ފަރަޚުޒާދު އެކަމަނާގެ މަގުން އެއްކިބާކޮށްލައިފި ޚަބަރެވެ."

އާޒަރުމީދުޚުތު ހިނިފުޅުވަޑުވައިލެއްވިއެވެ. "އެފިދާއީގެ ނަމަކީ ސިޔާދުޚަޝްއެވެ."

"އާދޭހެވެ. އަޅުގަނޑު މިހިރީ އެކަންތައް ބޮލަރުވައިގެންނެވެ. އެކަމަކު އަޅުގަނޑުގެ ކުރިމަތީގައި ބައެއް އުނދަގޫތައް އެބަހުއްޓެވެ. އަޅުގަނޑު ކަމަނާފާނުގެ އަރިހަށް މިއައީ އެކަންކަމާ ހުރެއެވެ. ފަރަޚުޒާދުގެ ކިބައިން ސަލާމަތްވެގަތުމަކީ އަޅުގަނޑަށް ކުޑަކޮށްވެސް އުނދަގޫކަމެއް ނޫނެވެ. އެކަމަކު އެހައިތަނުން ޝާހުޕޫރުގެ ފާރަވެރީންގެ ލަޝްކަރު ކުއްލިޔަކަށް މައިދާނަށް ނުކުމެއްޖެނަމަ ކަމަނާފާނަށް ތާއީދުކުރާނެ މީހަކު ދާދި މަދުވާނެއެވެ. އަޅުގަނޑުމެންގެ ނަސީބު ދެރަކަމުން ޝާހީ ފާރަވެރީންގެ ލަޝްކަރުގެ ކޮމާންޑަރަކީ އެއިރަކު އޮންނަ ސަރުކާރަކަށް އިންތިހާދަރަޖައިގެ ވަފާތެރިޔެކެވެ."

އާޒަރުމީދުޚުތު ވިދާޅުވިއެވެ. "އަހަރެން ފުރޭބުރުޒު ރަނގަޅަށް ދަންނަމެވެ. ކަލެޔަށް ފަރަޚުޒާދާއި ޝާހުޕޫރު މަގުން އެއްކިބާކޮށްލެވިއްޖެނަމަ އޭނާ އަހަންނަކާ ދެކޮޅެއް ނަހައްދަވާނެއެވެ."

ސިޔާދުޚަޝް ދެންނެވިއެވެ. "އެކަމަކު އޭނާ ފަރަޚުޒާދުގެ ހަށިފާރަވެރިޔަކަށް ހައްދަވައިފައިވަނީ އަޅުގަނޑު ވަރަށް ނުރައްކާތެރިކަމުގައި ދެކޭ ޒުވާނެކެވެ."

"އެއީ ކާކުހެއްޔެވެ؟"

"އޭނާގެ ނަމަކީ ޒަރުބަޚުތެވެ."

"ކަލޭ އޭނާދެކެ ބިރުގަންނަނީހެއްޔެވެ؟"

ސިޔާދުޚަޝް ކަންބޮޑުވާގޮތްވުމާއެކު ޖަވާބުދިނެވެ." އީރާނުގެ މުސްތަޤްބަލުގެ މަލަކާ ފިޔަވައި އެހެން އެކަކުދެކެވެސް އަޅުގަނޑު ބިރެއްނުގަނެއެވެ. އަޅުގަނޑު މަޤްޞަދަކީ ފުރޭބުރުޒު ޝާހީ ހަށިފާރަވެރީންގެ ލަޝްކަރުގެ އެންމެ ޤާބިލު އޮފިސަރ ފަރަޚުޒާދުގެ އައު ގަނޑުވަރުގެ ފާރަވެރީންގެ ވެރިކަމަށް ޢައްޔަންކުރެއްވި ވާހަކަ ދަންނަވައިލުމެވެ. އޭނާއާއެކު ފޮނުއްވައިފައިވަނީވެސް ޝާހީ ހަށިފާރަވެރީންގެ ތެރެއިން ހޮއްވަވައިލެއްވި ޚާއްޞަ ސިފައިންނެވެ. ފަރަޚުޒާދުގެ ސަލާމަތާމެދު ފުރޭބުރުޒަށް ކޮންމެވެސް ޝައްކެއް ވެވަޑައިނުގަންނަވާނަމަ އޭނާގެ ފައުޖުގެ އިންތިހާދަރަޖައިގެ ވަފާތެރި ޤާބިލު އޮފިސަރަކު މުއަސްކަރުގެ މުހިންމު ޒިންމާތަކުން ވަކިކުރައްވައިފައި ފަރަޚުޒާދު ޙިމާޔަތްކުރެއްވުމަކަށް ޚާއްޞައެއް ނުކުރެއްވީހެވެ. އާއްމު ޙާލަތުގައި މިކަންތައް ހަވާލުކުރެވޭނީ ފައުޖުގެ އާއްމު އޮފިސަރަކާއެވެ."

(ނުނިމޭ)