ޚަބަރު

ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

އައިދާ އަބްދުލް ހަކީމް

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތަައް ހިނގަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން ކަނޑުދަތުރު ކުރާ އުޅަނދުގެ އޮޑިވެރިންނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމަތު ސާފުކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ. އަދި އުނޅަދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި، ދިޔަ ހިއްކާ ޕަންޕު ފަދަ ނިޒާމުތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުނޅަދުގައި މީހުން އުފުލުމަށް ހުއްދަ އޮތް މިނަވަރަށް ވުރެ ގިނައިން މީހުން ނޫފުލުމާއި، އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ހާއްސަކޮށް ކުދި އަނގަމަތި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ދަތުރުކުރާ އިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންއެންޑީއެފުން އިލްތިމާސްކުރެއެވެ. އަދި ކަނޑު މަތީގައި އެއްވެސް ހާދިސާއެއް ހިނގައިފިނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ފުރަތަމަ ފަހަރަށް ރާއްޖޭގައި އޮރެންޖް އެލާޓެއް ނެރެފައެވެ. އޮރެންޖް އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެ ސަރަހައްދުތަކަށް އެލާޓު ނެރުނީ މިއަދު ހަވީރު 5:00 އިން ފެށިގެން މިރޭ 7:00 އަށެވެ.