ވާހަކަ

ދެކިލަން އެދޭތީ - 09

1

''އާރ ޔޫ އޯލްރައިޓް؟ ކޮން ކަހަލަ މީހެއްތަ! ގައިގަ ޖެހިފަ ދިޔަ އިރު ވެސް މަޢާފަށް ނޭދުނު، ނުލަފާ ވިޔަސް ބޮޑު ވަރު ކަން ނޭނގެ، އަންހެންކުއްޖެއްގެ ގައިގަ އެހެން އައިސް ޖެހިގަނެފަ ދާން ކެރުނު ކަމާ މެދު ވެސް ހައިރާން ވެއްޖެ...'' ރައުހާ ހުއްޓި ހުރީ އީވާއާއި ތަންކޮޅެއް ދުރުގައި ކަމުން އޭނައަށް ފެނުނީ އެޒުވާނާގެ ފުރަގަހެވެ. އީވާ ކައިރިއަށް ޖެހިލަމުން މީހުންގަނޑުގެ ތެރެއަށް ގޮސް ގެއްލުނު ޒުވާނާއާ ދިމާއަށް ރައުހާ ކުދި ކިޔާލިއެވެ.

''އާނ، ވަރަށް ތަދުވެއްޖެޔޭ، ދެލޯ ކޮންތަނެއްގަ ބަހައްޓައިގެން ކަމެއް ވެސް ނޭނގެ އޭނަ ދުވެފަ އައީ...'' އަތުގެ ހިކަނދިމަސްގަނޑުގައި ފިރުމާލަމުން އީވާ ބުންޏެވެ. އޭނައަށް ތުންފަތް އަރިއަކަށް ދަމާލެވުނީ ހިތުގައި އުފެދުނު ފޫއްސެއްގެ ބޮޑުކަމުންނެވެ.

''ދެން ހިނގާ އަވަހަށް ދަމާ، މިހާރު ގަޑި ޖެހެން ކައިރިވަނީ...'' އަތްދަބަހުން ނެގި ފޯނަށް ބަލައިލަމުން ރައުހާ ވާހަކަދެއްކިއެވެ. އަދި ކުރިއަށް ހިނގައިގަތެވެ. އީވާ ވެސް ރައުހާގެ ފަހަތުން މިސްރާބު ޖެހިއެވެ.

އިވާއާއި ރައުހާއަށް ދެވުނު އިރު ލިފްޓް ކައިރި އޮތީ ތޮއްޖެހިފައެވެ. މީހުންގެ އަޑުފަށްގަނޑު މާހައުލުގައި ގުގުމާލާފައި އޮތުމުން ބޮލަށް އުނދަގޫ ވާ ގޮތް ވެސް ވިއެވެ. ލިފްޓަށް މަޑުކުރުމުގެ ޚިޔާލު ދޫކޮށްލަމުން އީވާ ހިނގައިގަތީ ސިޑިއާ ދިމާއަށެވެ. އެވަގުތު އީވާގެ އަތުގައި ރައުހާއަށް ހިފާލެވުނީ ހައިރާންކަމާއެކުގައެވެ.

''މިތާ މިތިބަ ހުރިހާ މީހުންގެ ތެރޭން ލިފްޓަށް އަރަން އުނދަގޫވާނެ، ސިޑިން އެރިޔަސް އަހަންނަށް ހީވަނީ މާ ފަސޭހަ ވާނެހެން، ތިން ވަނަ ފަންގިފިލާ އަކަށްނު ދާން ޖެހެނީ ވެސް... އެވެސް ކަސްރަތަކަށް ވާނެއެއްނު...'' ރައުހާގެ އަތުގައި ހިފާ ދަމާލަމުން ސިޑިއާ ދިމާއަށް އީވާ މިސްރާބު ޖެހިއެވެ. ވަށައިގެން ހޯދާލި ރައުހާ އެއްޗެއް ބުނަން އުޅެފައި ވެސް އީވާގެ ފަހަތުން ހިނގައިގަތީ ގަޑި ޖެހެން ބޭނުން ނުވާތީއެވެ. މީހާ ކިތަންމެ ކަންނެތް ވިޔަސް ސިޑިން އެރުން ނޫން ގޮތެއް އެވަގުތަކު ނުފެނުނެވެ. ތުން ދިގުކޮށްލެވުނީ އެހެން ވެއެވެ.

ބައެއް ހަރުފަތްތައް މަތިން ފުންމަމުން ތިން ވަނަ ފަންގިފިލާއަށް އެރުނު އިރު ދެމީހުން ވެސް ތިބީ މައިނޭވާލެވޭވަރު ވެފައެވެ. ގުދުވެލަމުން އޭނަގެ ނޭވާތައް ހަމައަކަށް އަޅުވަން ރައުހާ އުޅުނެވެ. އީވާ ވެސް ފުންނޭވާތަކެއް ދޫކޮށްލަމުން ހިނގައިގަތީ ކްލާސްރޫމަށް ދިއުމަށެވެ.

''މަޑުކޮށްބަލަ...'' ނޭވާ ހަމައަކަށް އަޅުވަން އުޅުނު ރައުހާއަށް ކުރިއަށް ހިނގައިގަތް އީވާ ފެނުމުން، ހަށިގަނޑު ސީދާކޮށްލަމުން ބުނެލިއެވެ.

''ސާބަސް، މީހާ ހަލާކުވާން ކައިރިވެފައެއްނު ތިހިރީ...'' ހިނިއައިސްފައި ހުރި އީވާ ބުނެލިއެވެ. ގަޑިޖެހެން ވަގުތުކޮޅެއް އޮތުމުން ރައުހާ އޭނައާއި އަރާ ހަމަކުރެވެން ދެން ފިޔަވަޅުތައް މަޑު ޖައްސާލިއެވެ.

''އީވް ގޮތަށް އަހަންނަކީ އެހާ ގިނައިން ކަސްރަތުކުރާ މީހެއް ނޫނޭ...'' ރައުހާ ބުންޏެވެ. ދެއެކުވެރިން އެކުއެކީ ގޮސް ކްލާސްރޫމް ކައިރިއަށް ހުއްޓުނު އިރު މީހުންތައް އެތެރެއަށް ވަންނަނީއެވެ. އެންމެންގެ ފަހަތުން ކަހަލަ ގޮތަކަށް ކްލާހަށް ވަންނަން އުޅުނު އީވާއަށް ތަންކޮޅެއް ކުރީގައި ހުރި ޒުވާނަކު ލޮލުގައި އަޅައިގަތެވެ. އެއާއެކު ފަރުވާތެރިކަމާއެކު އޭނަ ބަލައިލިއެވެ. އޭނަ ލައިގެން ހުރި ހޫޑީގެ ސަބަބުން އެއީ ކާކުކަން ދެނެގަންނަން އީވާއަށް އުނދަގުލެއް ނުވިއެވެ. އޭނައަށް ވަގުތުން ދެލޯ ބޮޑުކޮށްލެވުނެވެ. ގާތުގައި ހުރި ރައުހާގެ އަތުގައި ކޮއްޓާލަމުން އެޒުވާނާއަށް އިޝާރާތްކޮށްލިއެވެ. ފޯނާއި ނަޒަރު ވަކިކޮށްލުމަށްފަހު އީވާ އިޝާރާތްކުރި ދިމާއަށް ރައުހާ ބަލައިލިއެވެ. އީވާ ބުނަން އުޅުނީ ކީކޭކަން ނޭނގުމުން އޭނަ ބުމަ އަރުވާލިއެވެ.

''އެއީ އޭނަ، އޭރު އަހަރެންގެ ގައިގައި ޖެހުނު މީހާގަނޑު، އޭނަ މިތާނގަ ކީއްކުރަނީތަ؟'' ހިތުގައި އެފެދުނު ސުވާލުތައް އަމާޒު ކޮށްލަމުން، ރައުހާގެ މޫނަށް އީވާ ބަލައިލިއެވެ. ރައުހާ ވެސް އެޒުވާނާއަށް ފަރުވާތެރިވެ ބަލައިލިއެވެ. ހޫޑީގެ ސަބަބުން ވަކިކުރަން އުނދަގުލެއް ނުވިއެވެ.

''އޭނަ ވެސް އެއީ ޑޮކްޓަރެއްތަ؟ އެކަމަކު އެހެރަ ދިގު އިސްތަށިގަނޑާއި، ތުނބުޅިއާއި، ލާފައި ހުރި އެއްޗެހީގެ ސަބަބުން ހީވަނީ މަގުމަތިވެފައިވާ މީހެއް ހެން... މިހާރު އެކަހަލަ ތާކުންތާކު ނުޖެހޭ ލަދުކުޑަ މީހުންނަށް ވެސް ޑޮކްޓަރުންނަށް ވާން ފަސޭހައީ ކަން ނޭނގެ...'' އީވާގެ ހިތުގައި ފޫހިކަން އުފެދުނެވެ. ވާހަކަދައްކަމުން ދިޔަ އިރު މޫނަށް ގެންނަމުން ދިޔަ ހަރަކާތްތަކުން ހިތުގައި އުފެދިފައި އޮތް ނުރުހުންތެރިކަން ހާމަވެއެވެ.

''ތެދެއް ތިބުނީ! ހޫނ، ޖެހޭނެ އޭނައާ ވާހަކަދައްކަން!'' ރައުހާ ވެސް ތުން އަނބުރާލިއެވެ. އެޒުވާނާ ދެކެ އޭނަ ގަޔާ ނުވިއެވެ. ލޮލުގައި އަޅައިގަންނަ ސިފައެއް ނެތް ތަނުގައި މީހާ ހީވަނީ ސަލާންޖަހަން އުޅޭ މީހަކު ހެންނެވެ.

''އެކީއްކުރަން؟'' އީވާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ''އެކަހަލަ މީހަކާ ވާހަކަދައްކަނީ ކީއްކުރަން!''

''އީވްގެ ގާތުން އޭނަ ޖެހޭނެ ދޯ މަޢާފަށް އެދެން!'' ރައުހާ ބުނެލިއެވެ.

''ނޫން! ބަހައްޓާ! އޭނައާ ވައިއެޅޭކަށް ވެސް އަހަރެން ބޭނުމެއް ނޫން، ނޭނގޭ ކޮންތަނަކުން އައިސްފަ ހުރި ކާކުކަމެއް ވެސް، އަޅާ ނުލިއްޔާ ރަނގަޅު ވާނީ!...'' ތުންފަތަށް ގޮތެއް ހަދާލަމުން އީވާ ދެފަރާތަށް ބޯހޫރާލިއެވެ.

ކްލާހަށް ވަންނަމުން ވަށައިގެން ހޯދާލެވުނެވެ. ހުސްޖާގައެއް ލިބެން އޮތީ އެންމެ ފަހު ގޮނޑިބަރިތަކުންނެވެ. އީވާއާއި ރައުހާ އަވަސްއަވަހަށް އެދިމާއަށް ހިނގައިގެންފިއެވެ. ނަސީބު ދިމާކުރި ގޮތުން އެކުގައި އިށީނުމުގެ ފުރުސަތު ލިބުނެވެ. ގޮނޑީގައި ހަމަޖެހިލަމުން އީވާ ކުރިއަށް ބަލައިލި ހިނދު، ކުރިމަތީ ހުރި ގޮނޑިބަރީގެ އަރިމަތީ ގޮނޑީގައި އިށީނދެގެން އިން ޒުވާނާ އަނެއްކާ ވެސް ލޮލުގައި އަޅައިގެންފިއެވެ. މިފަހަރު ހޫޑީ ނަގައި އިސްއުފުލާލައިގެން އިނުމުން އެޒުވާނާގެ މޫނު ފެންނަ ވަރު ވިއެވެ. ދަންނަ ވައްތަރު ޖަހާހެން ހީވެގެން އީވާ ބަލަން އިނެވެ. އެހެން އިންދާ ގޮނޑީގެ ފައިބުޑު ކައިރީ ބަހައްޓާފައި ހުރި ދަބަހުން އެއްޗެއް ނަގަން އުޅުނު ވަގުތު އެޒުވާނާއަށް ފަސްއެނބުރި ބަލައިލެވިއްޖެއެވެ. ހިނދުކޮޅަކަށް ވިޔަސް ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ އެވެ. ފުރަތަމަ ވެސް ނަޒަރު ވަކިކޮށްލީ އީވާ އެވެ. އޭރު އޭނަގެ ޚިޔާލުތަކުގެ ލޯގަނޑަށް ސޫރައެއް އަރައިފިއެވެ. އަދި ހަނދާނެއް އަލާވެގެން ދިޔަ އެވެ.

''އޯ މައި ގޯޑް!!!...'' އީވާގެ ހަނދާންތަކުގެ މަޑިކިލަނބުގެ ތެރޭން އެސޫރައިގެ ވެރިޔާއާއި ފުރަތަމަ ބައްދަލުވި ދުވަސް އާލާވެގެން ދިޔަ އެވެ. އޭނައަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ދެލޯ ހަނިކޮށްލަމުން އިސްއުފުލައިލިއިރު އެޒުވާނާ އިނީ ކުރިއަށް ބަލަހައްޓައިގެންނެވެ.

''ކީކޭ؟...'' އީވާ އެއްޗެއް ބުނެލިހެން ހީވެގެން ރައުހާއަށް އަހާލެވުނެވެ. އީވާ ބަލަން އިން ދިމާއަށް އޭނަ ވެސް ބަލައިލިއެވެ. ސުވާލު އުފެދިފައެވެ.

''ކީއްވެތަ މާވަރަކަށް އޭނައަށް ތިބަލަނީ، ރުޅިން ގޮސް ހަޅޭއްލަވައިގަންނަން ބޭނުމީތަ؟ އެކަމަކު ދެންމެ ބުނީމެއްނު އެހާދިސާ މަތިން ހަނދާން ނައްތާލައިފީމޭ...'' އީވާ ބަލަމުން ދިޔަ ޒުވާނާ ފާހަގަ ކުރެވުމުން ހައިރާންކަމާއެކު ރައުހާ ބުނެލިއެވެ. ރައުހާގެ ޖުމްލައާއެކު އީވާއަށް ބަލައިލެވުނީ ރައުހާގެ މޫނަށެވެ. އީވާގެ މޫނުގައިވި ކުލަވަރުތައް ދޭހަކުރަން ރައުހާގެ ސިކުނޑި ނުކުޅެދުނެވެ. ބުމަ އަރުވާލެވުނީ ކިހިނެއްވީހޭ އަހާލާ ފަދައަކުންނެވެ.

''އެއީ އޭނަ، އެއާރޕޯޓުން އަހަރުމެންގެ ޓެކްސީ ވަގަށް ނެގި މީހާ، އޯ މައި ގޯޑް!'' އީވާ ކިޔައިދިނެވެ. ރައުހާއަށް ދެލޯބޮޑުކޮށްލެވުނެވެ. ފަރުވާތެރިވެ އެޒުވާނާއަށް ބަލައިލަމުން ދުރު ހަނދާނެއް އަލާވެގެން ދިޔަ އެވެ.

''ތިހެން ބުނީމަ ވައްތަރު ޖަހައިފި، އެދުވަހު ވެސް އެހާ ރޫޑް! މިއަދު ވެސް އީވްގެ ގައިގައި ޖެހިގަނެފަ ދިޔައީ، މަޢާފަށް ވެސް އެދުމެއް ނެތި ދިޔައީ ކުރެވުނު ކަންތަކާ މެދު ވިސްނާލުމެއް ނެތި... ބަލާބެލުމަށް ހީވަނީ އަރަބި ޤައުމެއްގެ މީހެއް ހެން! އެހެންވެ ކަން ނޭނގެ އެހާ ހިތް ފޮނީ... މިހާގެ އެހެރަ ސިފައަކުން ވެސް ފަރަންޖީން ބިރުން ތުރުތުރު އަޅާނެހެން ހީވަނީ! ހައްދުފަހަނައަޅާފައި ހުރި މީހެކޭ ތަފާތެއް ނެތް... ފޫހި މީހާ ގަނޑެއް... މަގުމަތީ ސަލާންޖަހަން އުޅޭ މީހާ ވެސް އޭނައަށް ވުރެން ބަލައިލަން ރީތިވާނެހެން ހީވަނީ... ޑޮކްޓަރެއްގެ ހުންނަން ޖެހޭ ސްމާޓްކަމެއް ނެތް! އީވް ބުނިހެން ތާކުންތާކު ނުޖެހޭ މީހުންނަށް ވެސް މިހާރު ޑޮކްޓަރުންނަށް އެބަވެވޭ، ގޯސް ދޯ އެހެންވާތީ؟'' ރައުހާ އޭނައަށް ހީވާ ގޮތަކަށް އެޒުވާނާއާ މެދު ވާހަކަދެއްކިއެވެ. ޤަދަރު ކުޑަކޮށްފައެވެ. ދެއެކުވެރިންނަށް ވެސް ވާހަކަދެއްކުނީ ތަންކޮޅެއް ބާރަށްކަން ރޭކާލީ އެޒުވާނާގެ ކަންފަތާ ހަމައަށް އަޑު ދަތުރުކުރުމުން ކުއްލިޔަކަށް އޭނަ ބަލައިލި ގޮތުންނެވެ. ލިބުނު ހައިރާންކަމާއި ސިހުމާއެކު ރައުހާއާއި އީވާއަށް އެކަކު އަނެކަކުގެ ދެލޮލަށް ބަލައިލެވުނެވެ. ބަސްހުއްޓިފައެވެ.

''އޭނައަށް އަހަރުމެން ބުނީ އެއްޗެއް އެނގުނީތަ؟...'' ދެލޯބޮޑުކޮށްލަމުން ރައުހާ އެހިއެވެ. އީވާއަށް ދޭނެ ޖަވާބެއް ނޭނގުމުން ކޮނޑުއަރުވާލެވުނެވެ. އޭގެ ފަހުން އެދެމެދުގައި ވާހަކަ ބަދަލުކުރެވުނީ ސިއްރުން ކަހަލަ ގޮތަކަށެވެ. ކޮންމެހެން ވިޔަސް ރައުހާގެ ޝައުޤުވެރިކަން އެޒުވާނާ ހޯދައިފިއެވެ. އޭނައަށް ދިން ނަޒަރުން ދެއްކި ވާހަކަތައް ފަހުމުވީބާއޭ ހިތުގައި ސުވާލު އުފެދިފައި ވަނިކޮށް، ޕުރޮފެސަރު އައިސްފިއެވެ. އެއާއެކު ކްލާސްތެރޭގެ އަޑު ކެނޑިއްޖެއެވެ.

ޕުރޮފެސަރު ގްރޭއި ތަޢާރަފްވެލަމުން އޭނަ ކިޔަވައިދޭން ހަމަޖެހިފައި އޮތް މާއްދާގެ ކުރު ހުލާސާއަކާއި، އޮޕަރޭޝަން ޕްރެކްޓިކަލްސް ތަކުގެ ވާހަކަ ވެސް ކިޔައިދިނެވެ. ޕުރޮފެސަރުގެ ވާހަކަ އަޑުއަހަން އިން އީވާގެ އަތުގައި ކޮއްޓާލަމުން ރައުހާ ދައްކަން ފެށީ ޕްރޮފެސަރުގެ ޒުވާންކަމާއި ރީތިކަމުގެ ވާހަކައެވެ. އެހާ ޒުވާން އުމުރުގައި ޕުރޮފެސަރަކަށް ވުމުން އެކަމާ ހައިރާންވާ ވާހަކަ ވެސް ބުންޏެވެ. އެވާހަކައެއްގައި ތިއްބާ ކްލާސްތައް ފެށުމުގެ ކުރިން ހުރީ އެންމެން ވެސް ތަޢާރަފްވުމަށް ޕުރޮފެސަރު އެންގިއެވެ. އެއާއެކު ފޫހި ރާގެއް ލައްވާލި އަޑު ކްލާހުގައި ގުގުމާލައިގެން ދިޔަ އެވެ.

''އައި ނޯ އިޓްސް އޯލްޑް ފެޝަން، ބަޓް އެވްރީވަން ނީޑްސް ޓު ނޯ އީޗްއަދާރ... އެވްރީވަން ވިލް ބީ ވޯރކިންގް އިން ޕެއާރސް އިން ސާރޖިކަލް ޕްރެކްޓިކަލްސް، ސޯ ދިސް އިޒް ދި އޮޕަރޗިއުނިޓީ ޓު ޓެލް ސަމްތިންގް އެބައުޓް ޔޫ... އައި ވޯންޓް އެވްރީވަން ޓު ގިވް އެ ބްރީފް އިންޓްރޮޑަކްޝަން އެބައުޓް ޔޯރސެލްފް އެންޑް ވަޓް ޔޫ ހޭވް އެޗީވްޑް ސޯ ފާރ އޭޒް އެ ޑޮކްޓާރ...'' ޕުރޮފެސަރު ކުރިއަށް ވުރެ ބޮޑަށް އަޑަށް ހަރުކަށިކަން ގެންނަމުން ބުނެލިއެވެ. އެއަޑަށް ކްލާސް ހިމޭންވެއްޖެއެވެ. ޖެހިލުންވުން ކޮންމެ މީހެއްގެ މޫނަށް ވެރިވެއްޖެއެވެ.

ތަޢާރަފްތައް ކުރިއަށް ދަމުން ދިޔަ އެވެ. ފޫހިވެގެން ގޮސް އާފުރެން ކައިރިވެފައި އިނީ ރައުހާ އެވެ. ބައެއްފަހަރު ނިދިބަރުކަން ވެސް އިހުސާސްވަމުން ދިޔަ އެވެ. އެއީ އޭނަ އެންމެ ކުރަން ބެނުންނުވާ ފޫހި ކަންތަކެވެ. ރައުހާއާއި ޚިލާފަށް އީވާ އިނީ ކޮންމެ މީހެއްގެ ތަޢާރަފަށް ސަމާލުވެގެންނެވެ. އެހެން އިންދާ ހިތަށް ޒާތެއްގެ ފޫހިކަމެއް ވެރިވެގެން ދިޔައީ ކުރިމަތިން ފެންނަމުން ދިޔަ ޒުވާނާ އޭނަގެ ތަޢާރަފް ދޭން ގޮނޑިން ތެދުވުމުންނެވެ. އަޑުއަހަން ބޭނުން ނުވެފައި އިން ފަދައިން އީވާ ދެއަތްތިލަ ގެނެސް މޭގައި ހުރަސްކޮށްލިއެވެ.

''މާކިން!'' ބަރު ފިރިހެންވަންތަ އަޑަކެވެ. ސަމާލުކަން ދޭން ބޭނުންނުވެފައި އިން އީވާގެ ދެލޯ ބޮޑުވެގެން ދިޔައީ އެޒުވާނާ ބުނެލި އެއްޗަކުންނެވެ. ތާއްޔާޖެހިފައި އިން ރައުހާއަށް ވެސް ހަމަހޭވެރިކަން ވެރިވެއްޖެއެވެ. ދެލޮލުން ނިދީގެ އަސަރު ގެއްލި މީހާ އެލާޓަށް އައިސްފިއެވެ.

''މޯލްޑިވްސްއޭ؟'' ރައުހާއަށް ބޭއިހްތިޔާރުގައި ބުނެވުނެވެ. އޭނައަށް އަނގަމަތީ އަތްއަޅާލެވުނެވެ. އެޒުވާނާ އޭނައަށް ބަލައިލި ސަބަބު ވިސްނައިގަނެވުނީ ދެނެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. ރައުހާގެ ހިތަށް ލަދުވެތިކަން ވެރިވެގެން ދިޔަ އެވެ. އެޒުވާނާ ދަށްކޮށްލާފައި ދެއްކި ވާހަކަތައް އެކަންފަތާ ހަމައަށް ގޮސްފިކަން އެނގުމުންނެވެ. އެޒުވާނާ އޭނައަށް ދިން ނަޒަރުގެ ފަހަތުގައި ފޮރުވިފައި އޮތް ސަބަބު ވެސް ފަހުމު ވެއްޖެއެވެ. އޭނަ ދިވެހިން ވާހަކަދެއްކީ އެޒުވާނާއަށް އޭނަ ދެރަކޮށްލާފައި ދެއްކި ވާހަކަތައް ނޭނގޭނެ ކަމަށް ވިސްނާފައެވެ. ނަމަވެސް ކަންތައް ވެގެން ދިޔަ ގޮތުން އޭނަ ރަކި ވެއްޖެއެވެ. އަނގަ ސަކަރާތް ވެއްޖެއެވެ. ރައުހާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.

''ކްރެޕް!...'' މަޑުމަޑުން ރައުހާއަށް ބުނެވުނެވެ. މާކިންއަށް ބަލަން ވެސް އޭނައަށް ނުކެރުނެވެ.

ގޮނޑީގައި އިށީނުމުގެ ކުރިން އީވާއާއި ރައުހާއަށް ވަކިވަކިން މާކިން ބަލައިލިއެވެ. ދެއްކި ވާހަކަތައް އޭނައަށް އަޑުއިވިއްޖެކަން އަންގާލަން ކުރިކަމެއް ކަހަލައެވެ. ލަދު ގަތީ ރައުހާ އެވެ. އީވާ އިނީ މޫނު ހަދައިގެންނެވެ. ބަހާއި އަމަލުން ދެރަވާކަށް އޭނަ ބޭނުމެއް ނުވިއެވެ. ލަދުގަންނަ ވަރުކަމެއް އެމީހުންނަށް ކުރެވުނު ކަމަކަށް ވެސް އީވާގެ ޒަމީރު ޤަބޫލެއް ނުކުރިއެވެ. ނަމަވެސް، މާކިން އޭނަގެ ގާތުން މަޢާފަށް އެދޭވަރުގެ ކަންތައް ދެފަހަރެއްގެ މަތިން ތަކުރާރުކޮށްފިއެވެ. މީހާގެ ބޮޑާކަމާއި ކިބުރުވެރިކަމާ ހުރެ އެހުންނަނީ އެއްވެސް ކަމެއް ނުވާކަމަށް ހެދިގެންނެވެ.

''އެރޮގެންޓް!، މީހާގެ ސިފަ ވެސް އެހާ ފީކަޅާ، އެކަމަކު ތިމާވަރުގެ މީހެއް ނެތްކަމުގައި ހެދިގެން އުޅެނީ... ޖާރކް!'' އެލަފުޒުތައް ވީ އީވާގެ ހިތުގައެވެ. އޭނަ މާކިންއާ ދިމާއަށް ކަޅިއަޅާލިއެވެ. ހިތުގައި އޮތް ފޫހިކަން އިތުރުވެގެން ދިޔަ ކަހަލައެވެ.

''ދެން ކިހިނެއް ހަދާނީ، އަހަރުމެން ދެއްކި ވާހަކަތައް އޭނައަށް އަޑު އިވިއްޖެ، ދިސް އިޒް އެމްބަރޭސިންގް! މަޢާފަށް އެދެން ވީތަ؟'' ރައުހާއަށް އީވާގެ އަތުގައި އުޅޮނބޮށިން ޖަހާލެވުނެވެ. ދެކެވުނު ވާހަކައިގެ ގޮތުން ރައުހާގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. އެއް ކްލާހެއްގައި އުޅޭ އިރު މާކިންއަށް ފިލައިގެން ވެސް އުޅެވޭނީކީ ނޫން ވިއްޔާއެވެ.

''އަޅާނުލާ، އަހަރުމެން ގޯސް ކަމެއް ނުކުރަން، މަޢާފަށް އެދޭވަރުގެ ކަމެއް ވިއްޔާ ކުރީ އޭނަ، ފުރަތަމަ އަހަރުމެންގެ ޓެކްސީ ވަގަށް ނެގީ، ދެން މިއަދު ލޮލުން ބެލުމެއް ނެތި އަހަރެންގެ ގައިގައި ޖެހިގަތީ، އޭނަ އެކަމާ ނުވިސްނާ އިރު ކީއްވެގެންތަ ރައު ތިހެން އުޅެނީ؟، ލަދުގަންނަ ވަރުގެ ކަމެއް ރައު ނުކުރޭ، އޭނަގެ އެހަރަ ސިފައަކުން ގޯސްކޮށް ހީކުރެވުން އެއީ ރައުގެ މައްސަލައެއް ނޫން!'' ބުމަކައިރިކޮށްލަމުން އީވާ ބުނެލިއެވެ. އީވާގެ ރާގުން ހީވަނީ ކޮންމެކަމެއްގައި ވިޔަސް މާކިންއަށް ތުހުމަތުގެ އިނގިލި ދިއްކުރަން ބޭނުންވާ ހެންނެވެ. އުމުރު ދުވަހު ވެސް މީހަކު ދެކެ އެހާ ފޫހިވި ހަނދާނެއް އޭނަގެ ނެތެވެ.

''އެކަމަކު...'' ރައުހާއަށް ބުނެވުނެވެ. އޭނައަށް އިނގިލީގެ ނިޔަފަތިތަކުގައި ދަތް އަޅާލެވުނެވެ.

''އަޅާނުލާ...'' އީވާ ބުނިކަމުގައި ވިޔަސް އެއީ ފަސޭހަ ކަމަކަށް ނުވާނެއޭ ރައުހާގެ ހިތަށް އެރިއެވެ. އޭނަގެ މިޒާޖު ހުންނަ ގޮތުން އެއްވެސް މީހަކު އޭނަދެކެ ނުރުހިފައި ހުންނާކަށް ބޭނުމެއް ނުވެއެވެ. އެކަމުން މީހާއަށް އުނދަގޫތަކެއް އިހުސާސް ކުރެވޭތީއެވެ. ހަމައެއާއެކު އޭނައަށް ހެދުނީ ގޯހެއްކަން ވެސް އޭނައަށް ޤަބޫލުކުރެވުނެވެ. މީހާގެ ސިފައަށް ފާޑު ކިޔަން ނުވާނެ ކަމާއި، އަނެކާ ދެރަކޮށްލަން ނުވާނެކަމާއި، އެއީ ކިހާ ދަށު ދަރަޖައިގެ އަމަލެއްކަން ވެސް ވިސްނުނީ ދެނެވެ. މާކިން ކިތަންމެ ނުލަފާ ޒުވާނަކަށް ވިޔަސް އެދަރަޖައަށް ވެއްޓިގަތުމަކީ ތިމާގެ ޝަހުސިއްޔަތަށް އުނިކަން ގެނުވި ކަމެއްކަން ރައުހާއަށް ރޭކާލައިފިއެވެ. ތަބީއަތު ގޯސްވެފައި ވަނީ އެހެން ވެއެވެ.

*****

ކްލާސް ނިމެން ކައިރިވެފައި އޮތް ދަނޑިވަޅުގައި އިތުރު ވާހަކައެއް ވެސް ޕުރޮފެސަރު ގްރޭއި ބުންޏެވެ.

''ބައި ނެކްސްޓް ވީކް އައިލް ލެޓް އެވްރީވަން ނޯ ވިޗް ގްރޫޕް ޔޫ ވިލް ވީ ސޯރޓެޑް ޓު، ސްޓަޑީ ވެލް!...'' ދިއުމުގެ ކުރިން ޕުރޮފެސަރު ގްރޭއި ބުންޏެވެ. ހަމައެއާއެކު ކްލާސް ބޮޑުވުމުން ދެބަޔަށް ބަހައިލާނެ ވާހަކަ ވެސް ބުނެލިއެވެ.

(ނުނިމޭ)