Close
ރައްޔިތުންގެ މަޖިލިސް

އެޓާނީ ޖެނެރަލް އާއި ކައުންސިލް ޖެނެރަލްގެ ލަފާ އެއްގޮތް ވެއްޖެ! ހަސަން ލަތީފުގެ ބިލަށް ދެން ހަދާނީ ކިހިނެއް؟

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހަށް މިހާރު އޮތް އެންމެ މުހިއްމު މަސައްކަތަކީ، ވޯޓުލުން ފަސް ކޮށްފައިވާ، ކައުންސިލް އިންތިހާބު ބޭއްވެންދެން، މިހާރު މަގާމުތަކުގައި ތިބި ކައުންސެލަރުންގެ މަގާމުގެ މުއްދަތު އިތުރު ކުރުމުގެ މަސައްކަތެވެ.

އޭޕްރީލް ހަތަރެއްގައި ބާއްވަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކައުންސިލް އިންތިހާބު، ކޮވިޑް 19 އާ ގުޅިގެން ފަސްކުރަން ޖެހުމުން ދެކަމަކަށް ހައްލު ހޯދަން ޖެހެއެވެ. އެއީ އިންތިހާބު ބާއްވާނެ މުއްދަތެއް ގާނޫނާކުން ކަނޑައެޅުމާއި، އިންތިހާބު ފަސްކުރާއިރު މިހާރު ތިބި ކައުންސެލަރުންގެ މަގާމުގެ މުއްދަތު ހަމަވެގެން ދިމާވާ ގާނޫނީ ހުސްކަމަށް ފަރުވާއެއް ހޯދުމެވެ.

ސަރުކާރުން ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020" އިން އިންތިހާބު ބާއްވަން ޖެހޭ މުއްދަތެއް މިހާރު ވަނީ ކަނޑައަޅައިފައެވެ. އިންތިހާބު ފަސްކުރުމަކީ މުޅި އިންތިހާބާ ބެހޭ ހުރިހާކަމެއް އަލުން ބަލުން ފަށަން ޖެހޭ ކަމަކަށްވާތީ، އެ ގާނޫނުން ފަސް ކޮށްފައިވަނީ އިންތިހާބުގެ ވޯޓުލުން އެކަންޏެވެ. މި ގާނޫނުގައި ވާގޮތުން ކައުންސިލް އިންތިހާބުގެ ވޯޓުލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދެން ފަށަން ޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް، ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ. އެގޮތުުގެ މަތިން އަންނަ އަހަރުގެ ޖެނުއަރީ ހަޔަކާ ހަމައަށް ވޯޓުލުން ފަސްކުރެވިދާނެ ކަމަށް ގާނޫނުގައި ބުނެފައި ވެއެވެ. ނަމަވެސް އަންނަ ޖޫން މަހުގެ ތިނެއްގެ ނިޔަލަށް މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ މުއްދަތު ހަމަވެގެން ދިމާވާ، ގާނޫނީ ހުސްކަމަށް އަދި ހައްލެއް ހޯދިފައެއް ނުވެެވެ.

އިންތިހާބުގެ ވޯޓުލުން ފަސްކުރުމަށް ހުށަހެޅި ބިލާއެކު، ކައުންސިލަރުންގެ ދައުރު ހަމަވެގެން ކުރިމަތިވާ ގާނޫނީ ހުސްކަން ފޫބެއްދުމަށް ވެސް ސަރުކާރުން މަޖިލީހަށް ބިލެއް ފޮނުވިއެވެ. އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާ އިސްލާހުކުރުމަށް ހުށަހެޅި "ގާނޫނު ނަންބަރު 22/2019) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް ... ވަނަ އިސްލާހު ގެނައުމުގެ ބިލު" އެވެ.

އެ ގާނޫނީ ހުސްކަމަށް ފަރުވާއެއް ހޯދަން ދައުލަތުގެ ބަންޑާރަ ނާއިބު ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަން މަޖިލީހަށް ފޮނުއްވީ، ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނުން، ކައުންސިލްތަކުގެ އުމުރަކީ ފަސް އަހަރު ކަމަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅައި، އެ މާއްދާއަށް އަމަލު ކުރެވޭނެ އުސޫލު، އެ ގާނޫނުގެ ހަތަރު ވަނަ މާއްދާގައި ބަޔާންކޮށްފައި ވާތީއެވެ. އެއީ އެގާނޫނުގެ ހަތަރު ވަނަ މާއްދާ އިސްލާހު ނުކޮށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތުމުންނެވެ. މީގެ އިތުރުން ގާނޫނުއަސާސީގައި ކަމެއް ކަނޑައަޅަނީ މުޅި މަޖިލީހުގެ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއަތުން ކަމަށްވެފައި، މަޖިލިސް ޖަލްސާއެއްގެ އާއްމު މެޖޯރިޓީ ވޯޓަކުން ފާސް ކުރާ އާއްމު ގާނޫނަކުން، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަމެއް ނަފީ ކުރުމުގެ ބާރުވެސް ނޯންނާތީއެވެ.

ނަމަވެސް މަޖިލީހުގެ ރައީސް ސަރުކާރުން ފޮނުވި އެބިލަށް ބަހުސަށް ހުޅުވާލައްވާފައެއް ނުވެއެވެ.

އޭގެ ބަދަލުގައި މަޖިލީހަށް އެޖެންޑާކޮށްގެން ކުރިއަށް ގެންދިޔައީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބު ބާއްވައި ހޮވޭ ކައުންސިލަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި ކައުންސެލަރުން އެ މަގާމުތަކުގައި ތިބޭ ގޮތަށް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި "ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020" ގެ ބަހުސެވެ.

މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލް މަޖިލީހަށް ބަަލައިގަނެ މިހާރު އޮތީ، ބިލަށް އިތުރު އިސްލާހުތައް ގެނެސް ފުރިހަމަކުރުމަށް ކޮމިޓީ މަރުހަލާގައެވެ. އެބިލު އިތުރަށް ފުރިހަމަ ކުރަން، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފަށާފައިވާ މަސައްކަތުގައި، ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ ލަފާ ހޯދިއެވެ. ނަމަވެސް އެ ލަފަޔަކީ އެ ކޮމިޓީގައި ތިއްބެވި އެމްޑީޕީ މެންބަރުން ހިތްހަމަޖެހިވަޑައިގަންނަވާ އަދި ބަލައިގަންނަ ލަފަޔަކަށް ނުވިއެވެ.

އޭޖީގެ ލަފާގައި ވިދާޅުވެފައިވަނީ "ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ގެނެސްފައިވާ ބަދަލުތަކާ އެއްގޮތްވާގޮތުގެ މަތީން ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރަން ވާނީ، އެ ގާނޫނަށް އަމަލު ކުރަން ފެށި ތާރީހު ކަމަށްވާ 8 ޑިސެމްބަރު 2019 އަށްފަހު ދެން އެންމެ އަވަހަށް ބާއްވާ އިންތިހާބެއްގައި ކަމަށް ބަޔާންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތަރުވަނަ މާއްދާ އެފަދައިން އޮތްހާ ހިނދަކު، އެ މާއްދާ އިސްލާހު ކުރުމަކާ ނުލައި، މިހާރު ތިން އަހަރަށް އިންތިހާބުކޮށްފައިވާ ކައުންސިލްތަކުގެ ދައުރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާންމު ގާނޫނަކުން އެއަށްވުރެ އިތުރު މުއްދަތަކަށް އިތުރުކުރެވިދާނެ ކަމަކަށް ނުފެންނަ،" ކަމަށެވެ.

އޭޖީގެ އެ ލަފަޔަށް ބަލާއިރު، ކައުންސިލަރުންގެ ދައުރު ހަމަވެގެން ދިމާވާ ހުސްކަން މަޖިލީހުން ފާސްކުރާ ގާނޫނަކުންވެސް ފޫބެއްދޭނީ ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތަރުވަނަ މާއްދާ، އިސްލާހުކޮށްގެންނެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" އާއެކު ހުށަހެޅީ ވެސް އެކަންކަން އެހެން ހުރުމުން ކަމަށް އޭޖީގެ ލަަފާގައި ވިދާޅުވެފައި ވެއެވެ. ނަމަވެސް އޭޖީގެ ލަފާ ކަމުނުގޮސްގެން ކޮމެޓީގެ މެންްބަރުން ދެން ނިންމީ، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފައެއް ހޯދުމަށެވެ. ކޮމެޓީގެ ބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ އޭޖީގެ ލަފަޔާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ވާހަކަވެސް ދައްކަވައިފައެވެ. އަދި މަޖިލީހަށް ހޯދަން ޖެހެނީ އޭޖީގެ ލަފާ ނޫން ކަމަށާއި މަޖިލީހުން ކަންކަން ނިންމާނީ މަޖިލީހުގެ ކައުންސިލް ޖެނެރަލް ދެއްވާ ލަފާގެ މަތީން ކަމަށްވެސް އެމެންބަރުން ވަނީ ވިދާޅުވެފަ އެވެ.

އެހެން އޮއްވައި، ހަސަން ލަތީފުގެ މި ބިލާ ބެހޭގޮތުން، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ކޮމިޓީއަށް ދެއްވި ލަފާގައިވެސް ވަނީ އޭޖީގެ ލަފާގައި ފާހަގަ ކުރައްވާފައިވާ ކަންތައްތަކަށް ރިއާޔަތް ކުރައްވައިފައެވެ. ނަމަވެސް އިތުރު ދެކަމެއް ފިލްޒާ ފާހަގަ ކުރައްވާފައި ވެއެވެ.

އެއްކަމަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައި އާންމު އިންތިހާބެއް ބޭއްވުމަށް ދަތި ވެއްޖެނަމަ މަޖިލީހުގެ އުމުރު އެއް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރު ކުރުމުގެ ގަރާރެއް މަޖިލީހުން ފާސްކުރެވިދާނެކަމަށް ގާނޫނުއަސާސީގެ 80 ވަނަ މާއްދާގައި ބުނެފައިވާ ވާހަކައެވެ.

އެގޮތަށް ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ނުކުރެވިއްޖެނަމަ މެދުވެރިވާނެ ގާނޫނީ ހުސްކަން ފޫބެއްދުމަށްޓަކައި ހަސަން ލަތީފް ހުށަހަޅުއްވާ ހައްލަކީ އެފަދަ ހައްލެއްކަން ފާހަގަ ކުރެއްވިއެވެ.

ނަމަވެސް "ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންކުރެވުނު މުއްދަތަށް އިންތިހާބު ކޮށްފައިވާ ކައުންސިލްތަކެއްގެ އުމުރު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާންމު ގާނޫނަކުން ބަދަލު ކުރެވިދާނެ ކަމަކަށް ނުފެނޭ،" ކަމަށް ކައުންސެލް ޖެނެރަލް ވިދާޅުވެފައި ވެއެވެ. އަދި ގާނޫނުއަސާސީގެ 80 ވަނަ މާއްދާގައި ބުނާ ގަރާރު މަޖިލީހުން ފާސްކުރަންޖެހެނީވެސް އާއްމު ބިލްތައް ފާސްކުރަން އޮންނަ ގޮތާ ހިލާފަށް ހާއްސަ ގޮތަކަށް ކަމަށާއި، އެފަދަ ގަރާރެއް ފާސްކުރެވޭނީ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ކަމަށް ވެސް ކައުންސެލް ޖެނެރަލްގެ ލަފާގައި ވިދާޅުވެފައި ވެއެވެ.

އެޓާނީ ޖެނެރަލްއާއި މަޖިލީހުގެ ކައުންސިލް ޖެނެރަލާއި ދެބޭފުޅުން ދެއްވާފައިވާ ލަފަޔަށް ބަލާއިރު ހަސަން ލަތީފު ހުށަހެޅުއްވި ބިލް އެ އޮތް ގޮތަށް ކުރިޔަށް ގެންދެވެން ނެތްކަން ސާފު ވެއެވެ. ނަމަވެސް ކޮމެޓީއަށް އެ ބިލު އެހެން ގޮތަކަށް ބަދަލު ކުރެވޭކަށްވެސް ނެތެވެ. އެކަންވެސް ކައުންސެލް ޖެނެރަލްގެ ލަފާގައިވަނީ ސާފުކޮށްދެއްވައިފައެވެ.

މަޖިލީހުގެ ގަވާއިދުގެ 137 ވަނަ މާއްދާ އާއި، 81 ވަނަ މާއްދާއަށް ހަވާލާ ދެއްވައި، ކައުންސެލް ޖެނެރަލްގެ ލަފާގައި ވިދާޅުވެފައިވަނީ، ކޮމިޓީން ބިލަށް އިސްލާހު ގެނެވޭނީ، ބިލުގެ މައިގަނޑު މަގުސަދަށް ބަަލައި، އެމަގުސަދު ދެނެގަނެ އެމަގުސަދު ހާސިލު ކުރުމަށް ކަމަށެވެ.

މިމަހުގެ ފަސް ވަނަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، އެ ބިލުގެ މަސައްކަތް ނިންމުމަށް 14 ދުވަހުގެ މުއްދަތެއްދީ ސުންގަޑިވެސް ވަނީ ކަނޑައަޅައިފައެވެ. އެހެންކަމުން މިހާރު އޮތްގޮތުން ނަމަ، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކޮމެޓީން ބިލު ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖެހެއެވެ. އަނެއްކޮޅުން، އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށް މިހާރު ކުރިޔަށްދާ ކައުންސިލްތަކުގެ ދައުރު ހަަމަވުމުގެ ސުންގަޑިވެސް މިހާރު މިވަނީ ގުނަން ފަށައިފައެވެ. އެހެންކަމުން ވަގުތު މިދަނީ ފާއިތުވަމުންނެވެ.

މިދަނޑިވަޅުގައި މި މައްސަލައާ ގުޅިގެންވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

އޭޖީއާއި މަޖިލިސް ކައުންސިލް ޖެނެރަލް އެއްގޮތަކަށް ލަފާ ދެވާފައި ވަނިކޮށް ހަސަން ލަތީފުގެ ބިލްގެ މަަސައްކަތް ކުރިއަށްގެންދާނެތޯ، ނުވަތަ ނޫންތޯ ސުވާލު އުފެދެއެވެ. އެ ބިލްގެ ބަދަލުގައި ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ ބަހުސް ފަށައިފާނެތޯ ވެސް ސުވާލު އުފެދެއެވެ. މިކަންކަން އެނގޭނީ ކުރިޔަށް ހުރި މަޖިލިސް ޖަލްސާތަކުންނެވެ.