ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ރިޒާވް ޖެހިޖެހިގެން ހަތަރު މަހު ދަށަށް ދިޔަ ނަމަވެސް، މިދިޔަ އޭޕްރިލް މަހު ރާއްޖޭގެ އިންޓަނޭޝަނަލް ރިޒާވް މައްޗަށް ގޮސްފިއެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ޔޫޒަބަލް ރިޒާވް ނުވަތަ ވަގުތުން ވެގުތަށް ބޭނުން ކުރަން ހުންނަ ރިޒާވް މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ވަނީ ދަށަށް ގޮސްފައެވެ.
އެގޮތުން މިދިޔަ ޑިސެމްބަރު މަސް ނިމުނުއިރު 315.9 މިލިއަން އެމެރިކާ ޑޮލަރު ރިޒާވްގައި ހުރި ނަމަވެސް، ޖަނަވަރީ މަހު ވަނީ 311.3 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. އަދި އެއަށްފަހު ފެބްރުއަރީ މަހު 277.7 މިލިއަން ޑޮލަރަށް ދަށްވެ، އަދި މާޗް މަހު 269.5 އެމެރިކާ ޑޮލަރަށް ވަނީ ދަށަށް ގޮސްފައެވެ.
މިދިޔަ މަސް ނިމުނުއިރު ރިޒާވްގައި ހުރީ 230.5 މިލިއަން އެމެރިކާ ޑޮލަރެވެ. އެއީ މާޗް މަހާ އަޅާބަލާއިރު 14 ޕަސެންޓް ދަށްވުމެކެވެ. އަދި 2019 ވަނަ އަހަރުގެ އޭޕްރިލް މަހާ އަޅައިބަލާއިރު އެއީ 7.8 ޕަސެންޓުގެ ދަށްވުމެކެވެ.
ވަގުތުން ބޭނުންކުރެވޭ ރިޒާވް މިދިޔަ މަހު ދަށްވި ނަމަވެސް، އިންޓަނޭޝަނަލް ރިޒާވް ވަނީ 20 ޕަސެންޓް އިތުރުވެފައެވެ. މިދިޔަ މާޗް މަހު ނިމުނުއިރު އިންޓަނޭޝަނަލް ރިޒާވްގައި ހުރީ 741.4 މިލިއަން ޑޮލަރެވެ. އަދި އޭޕްރިލް މަސް ނިމުނުއިރު އެ އަދަދު ވަނީ 889.4 މިލިއަން ޑޮލަރަށް މައްޗަށް ގޮސްފައެވެ.
އިންޓަނޭޝަނަލް އިޒާވް އިތުރުވީ އެމްއެމްއޭ އިން ބުނި ގޮތުގައި، މިވަގުތު ރާއްޖޭގެ އިގުތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި ވޯލްޑު ބޭންކުން ދިން ފައިސާއިން ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކޮށްފައިވާ 2020 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބުނެފައިވާ ގޮތުގައި، މިއަހަރުގެ ނިޔަލަށް ރަސްމީ ރިޒާވް ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 818.8 މިލިއަން އެމެރިކާ ޑޮލަރުގައެވެ.