ރިޕޯޓް

އެމްއެޗްއޭ ދެމަފިރިކަނބަލުން: ދަރިޔަކު ނުލިބި މުޅި އުމުރު ހޭދަކުރީ އެކީގައި، ވަކިވެ ދިޔައީވެސް އެކުއެކީގައި

އަލީ ޔާމިން

44

ކޮވިޑުގެ ގަދަފަދަ ތޫފާން ރާއްޖެއަަށް ޖެހި އެތައް ބައެއްގެ ދިރިއުޅުން މިވަނީ އެފުށްމިފުށަށް ޖެހިފަ އެވެ. ފުރަބަންދަކުން މުޅި މާލެއާއި ރާއްޖެ މިވަނީ ބަންދުކުރެވިއެވެ. ބަލި ޖެހޭ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުން، ގިނަވަމުންނެވެ. ބަލީގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި ބޮޑެތި ބަލިތަކުގެ ޝިކާރައަކަށްވެފައިވާ މީހުންނަށްކަމަށްވާއިރު، އެ ގިންތީގެ ގިނަ ބަޔަކަށް ވެސް ވަނީ ބަލި ޖެހިފައެވެ.

ޑޮކްޓަރުންނާއި، ކަމާބެހޭ އިދާރާތަކުން ހާމަކުރަމުން އަންނަ މައުލޫމާތުން އެނގެން އޮތް ގޮތުގައި ރާއްޖޭގައި ބަލި ޖެހުނު އުމުރުން ދުވަސްވީ ގިނަ މީހުންނަކީ ހާއްސަ ނަޒަރިއްޔާއަކުން އެބަޔަކާމެދު ބަލަމުން ގެންދާ މީހުންނެވެ. ބައެއް މީހުންނަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11ގައި ފަރުވާދެމުން އަންނައިރު، އުމުރުން ދުވަސްވީ ބައެއް މީހުން ވެންޓިލޭޓަރަށް ލައިގެން މިހާރުވެސް ފަރުވާ ދެމުން އެބަ ގެންދެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ގައި ފަރުވާދެމުން އައި ދެ މީހަކު މިހާތަނަށް ކޮވިޑު ބަލީގައި މަރުވެފައިވާއިރު، އުމުރުން ދުވަސްވީ އަންހެނަކާއި ބިދޭސީއަކުވެސް ވަނީ މިބަލީގެ ޝިކާރައަކަށްވެ މި ފަނާކުރަނިވި ދުނިޔެއާ އަލްވަދާއުކިޔައިފައެވެ.

ކޮވިޑު ބަލީގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ އާމިނަތު އާދަމްއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އާމިނަތު އާދަމް ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ނިޔާވި ފަހުން ކަމަށެވެ.

އާމިނަތު އާދަމް އަކީ ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތުގެވެރިޔާ (ނކޝޢ) ހުސެއިން އަބްދުﷲގެ އަނބިކަނބަލުންނެވެ. އާމިނަތު އާދަމް ނިޔާވިއިރުވެސް މަޝްހޫރު ވިޔަފާރި ކުންފުނި އެމްއެޗްއޭގެ ވެރިޔާ ހުސެއިން އަބްދުﷲ އަށް ދިޔައީ ކޮވިޑު ބަލީގައި ފަރުވާ ދެމުންނެވެ. އުމުރުން 88 އަހަރުގައި ހުސެއިން އަބްދުﷲ ނިޔާވީ، އަނބިކަނބަލުން ނިޔާވިތާ 15 ދުވަސް ފަހުން އިއްޔެރޭގެ ވަގުތެއްގައެވެ. ހުސެއިން އަބްދުﷲގެ އަނބިކަނބަލުން އާމިނަތު އާދަމް އަކީ ށ. ބިލެތްފަހީ ބޭފުޅެކެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން މަރޮށީގައި ހުންނެވި މަރުހޫމް ހުސެއިން އަބްދުﷲގެ އާއިލާގެ ބޭފުޅަކު ވިދާޅުވީ ހުސެއިން އަބްދުﷲ އާއި އާމިނަތު އާދަމްވެސް އިތުރު ކައިވެންޏެއްކޮށްފައި ނުވާކަމަށާއި، ނިޔާވުމާއި ހަމައަށްވެސް އެމެފިރިކަނބަލުން އުޅުއްވީ އެކީގައި ކަމަށެވެ. އަދި އެމެފިރިކަނބަލުންގެ ބޭފުޅަކު ވެސް ނުހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ހުސެއިން އަބްދުﷲގެ އާއިލާގެ އެހެން ބޭފުޅަކުވެސް ވަނީ މިކަން "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

އެދެމެފިރިކަނބަލުން ދަރިޔަކު ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް އާއިލާގެ ބޭފުޅުން ވިދާޅުވި އެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް އެކަމަށް ފަރުވާ ހޯއްދެވި އެވެ. އެހެން ނަމަވެސް އެ މަސައްކަތްތައް ކާމިޔާބުވެފައެއް ނުވެ އެވެ.

ށ. މަރޮށީ ކޯޓުން "ވަން" އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ، ހުސެއިން އަބްދުﷲގެ ދެމެފިރިކަނބަލުންގެ ކައިވެންޏަށް މިހާރު 55 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށެވެ. އެގޮތުން އޭނާ ހަނދާން ހުންނަން ފެށިއިރުވެސް އެދެމެފިރިކަނބަލުން އުޅުއްވަނީ ކައިވެނިބައްލަވައިގެން ކަމަށެވެ. މައުލޫމާތު ދެއްވި ކޯޓުގެ ބޭފުޅާގެ އުމުރު މިހާރު ހުރީ 60 އިން މަތީގަ އެވެ.

ހުސެއިން އަބްދުﷲގެ ތިމާގެ ބޭފުޅެއްގެ ކަމަށްވާ މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ "ވަން" އަށް ވިދާޅުވީ، އެބޭފުޅާގެ ހަނދާން ހުންނަން ފެށިއިރުވެސް އެދެމެފިރިކަނބަލުން އުޅުއްވަނީ ކައިވެނިބައްލަވައިގެން ކަމަށެވެ. މައުލޫމާތު ލިބިވަޑައިގެންފައިވާ ގޮތުގައި ހުސެއިން އަބްދުﷲ، އާމިނަތު އާދަމް އާ ކައިވެނިބައްލަވައިގަތީ އާމިނަތު އާދަމްގެ އުމުރުން 17 ނުވަތަ 18 އަހަރުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބެލެވޭ ގޮތުގައި އެބޭފުޅުން ކައިވެނިބައްލަވައިގަތީ މަރޮށީގައި ކަމަށްވެސް ވިދާޅުވިއެވެ. ހުސެއިން އަބްދުﷲގެ ތިމާގެ އެހެން ބޭފުކުވެސް ވަނީ އެބޭފުޅުންގެ ކައިވެންޏަށް 60 އަހަރަށް ވުރެ ގިނަ ދުވަސްވެދާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން އެހުރިހާ ބޭފުޅުންގެ މައުލޫމާތަށް ބަލާއިރު، ބެލެވޭ ގޮތުގައި، ހުސެއިން އަބްދުﷲ އާއި އާމިނަތު އާދަމް ކައިވެނިބައްލަވައިގަތްތާ މިހާރު 63 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ.

ހުސެއިން އަބްދުﷲ އާ އެއްބަނޑު އެއްބަފާ 11 ބޭފުޅުން ތިއްބެވިއެވެ. އެއީ 9 ފިރިހެނުންނާއި 2 އަންހެނުންނެވެ. އެއްބަފާ ބޭފުޅަކުވެސް ހުންނަވަ އެވެ. އެބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ އެއްބަނޑު އެއްބަފާ ދެ ބޭފުޅަކާއި އެއްބަފާ ބޭފުޅެކެވެ. މި ހުރިހާ ބޭފުޅުންނަކީވެސް ފިރިހެން ބޭފުޅުންނެވެ.

ހުސެއިން އަބްދުﷲ އާއި އޭނާގެ އަނބިކަނބަލުން ކޮވިޑް ބަލީގައި ނިޔާވުމުން އެ ދެބޭފުޅުންގެ އާއިލާގެ އިތުރުން މުޅި ގައުމަށްވެސް މިވަނީ ފުން ހިތާމައެއް ކުރިމަތިވެފައެވެ. ގައުމަށް އެތައް ހިދުމަތެއް ކޮށްދެއްވި ހުސެއިން އަބްދުﷲ އަކީ އޯގާތެރި އަތަކުން އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ، އެތައް ބައެއްގެ އިހްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ސަހުސިއްޔަތެކެވެ.

ށ. މަރޮށްޓަށް އުފަން ހުސެއިން އަބްދުﷲ އަކީ އެރަށަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ދިވެހި ދައުލަތުން 2011 ވަނަ އަހަރު ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް (ނ.ކ.ޝ.އ) އަރުވާފައިވާ ހުސައިން އަބްދުﷲ އަކީ މަރޮށީ ކަތީބު ކަމުގައި ހުންނަވައިގެން އެރަށާއި މުޅި އަތޮޅަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. މާލެ ބަދަލުވެވަޑައިގެން ވިޔަފާރީގެ ދާއިރާއަށް ވަދެވަޑައިގެންވެސް މަރޮށްޓަށް ކޮށްދެއްވަމުން ގެންދެވި ހިދުމަތްތަކަށް ފަނޑުކަމެއް ނުގެންނަވައެވެ. މަރޮށީގައި ހުރި މާލޫދު ހަރުގޭގައި، އެމަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކުދިންނަށް ކިޔަވައިދޭން ފެށްޓެވިއެވެ. އަދި 11 ނޮވެމްބަރު 1979 ގައި އެންމެ ތިން މުދައްރިސުންނާއެކު، އަލްމަދްރަސަތުލް މުނައްވަރާގެ ނަމުގައި އަމިއްލަ ގޭގައި ސްކޫލެއް އުފައްދަވައި ހިލޭ ސާބަހަށް ކިޔަވައިދޭން ފެށްޓެވިއެވެ.

ހުސެއިން އަބްދުﷲ އަކީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ވިޔަފާރިވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ދިވެހި ވިޔަފާރީގެ އެންމެ މައި އެއް ތަނބެވެ. މަޝްހޫރު އެމްއެޗްއޭ އަކީ ހުރިހާ ދިވެހީންވެސް ދަންނަ ނަމެކެވެ.

ހުސައިން އަބްދުﷲ ވަނީ މަރޮށި ސްކޫލު 27 އަހަރުވަންދެން ހިންގެވުމަށްފަހު، ސްކޫލްގެ އިމާރާތްތައް ޒަމާނީ ފެންވަރަށް އަމިއްލަ ހަރަދުގައި ބަދަލުކުރައްވާފައެވެ. މަރޮށީގައި ހުންނަ މަދްރަސަތުލް މުނައްވަރާގެ ހަގީގީ މޭސްތިރިއަކީ ހުސައިން އަބްދުﷲ އެވެ.

ހުސައިން އަބްދުﷲގެ ތައުލީމީ ހިދުމަތުގެ ދަންމަރަށް ނިމުމެއް ނެތެވެ. އެމަނިކުފާނު ވަނީ ރާއްޖޭއިން ބޭރުން ތައުލީމް ހާސިލް ކޮށްދިނުމަށްވެސް އަމިއްލަ ހަރަދުގައި އެތައް ކުދިންނެއް ފޮނުވައިފައެވެ. އެގޮތުން މަދީނާގެ ޔުނިވާސިޓީންނާއި، ރިޔާޒު ޔުނިވާސިޓީންނާއި، ޕާކިސްތާނުގެ ޔުނިވާސިޓީތަކުން އެމަނިކުފާނުގެ ދީލަތި އެހީފުޅާއެކު ވަނީ އެތައް ދަރިވަރުންނެއް މަތީ ތައުލީމް ހާސިލް ކުރައްވާފައެވެ.

މުޖުތަމައަށް ފައިދާހުރި ކަންކަން ކޮށްދިނުމުގައިވެސް ހުސެއިން އަބްދުﷲ އަކީ ނަމޫނާ ބޭފުޅެކެވެ. އެގޮތުން މިހާތަނަށް ތިން މިސްކިތެއް ބިނާކޮށްދެއްވުމުގެ އިތުރުންވެސް އެކިއެކި ކަންކަމަށް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ. ހުސެއިން އަބްދުﷲގެ އެ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން 1992 ވަނަ އަހަރު ޖަމާއަތަށް ފައިދާހުރި ހާއްސަ ހިދްމަތް ކުރެއްވުމުގެ ރޮނގުން ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ސަރުކާރުން އޭނާއަށް އަރުވައިފައެވެ. އަދި 2005 ވަނަ އަހަރު މިރޮނގުން ޝަރަފުވެރިކަމުގެ އިނާމުވެސް ވަނީ އަރުވާފައެވެ.

ކޮންމެއަކަސް ކޮވިޑު ބަލީގައި ދިވެހީންނާ ވަކިވެ އެ ދިޔައީ މުޅި އުމުރު އެކީގައި ހޭދަކުރެއްވި، ނަމޫނާ ދެމަފިރިކަނބަލުންނެވެ. އެއް ކައިވެނި މަތީގައި 60 އަށްވުރެ ގިނަ އަހަރު ހޭދަކުރައްވައި، ހަޔާތުގެ ދުވަސްތައް ލޯތްބާއި އޯގާތެރިކަމާ އެކު، އެކަކު އަނެކެއްގެ ހިދުމަތުގައި ހޭދަކުރެއްވި ދެމަފިރިކަނބަލުންނެވެ. މާތްﷲ ހުސެއިން އަބްދުﷲ އާއި އަނބިކަނބަލުންގެ ފާފަތައް ފުއްސަވައިދެއްވައި ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާށި!. އާމީން.