ކުޅިވަރު

ޕޯޗުގަލް ލީގު އަންނަ މަހު ފަށަނީ

އައިދާ އަބްދުލް ހަކީމް

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލާފައިވާ ޕޯޗުގަލް ޕްރިމިއާ ލީގް އަންނަ މަހު ހަތަރު ވަނަ ދުވަހު ފަށަން ނިންމާފައިވާ ކަމަށް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.

ކޮވިޑް 19 އާ ގުޅިގެން ޕޯޗުގަލްގެ ފުޓްބޯޅަ ސީޒަން މާޗް މަހުގެ 12 ވަނަ ދުވަހު ހުއްޓާލާފައިވާ އިރު، މިދިޔަ މަހުގެ ފަހު ކޮޅުގައި ޕޯޗުގަލްގެ ބޮޑު ވަޒީރު އެންޓޯނިއޯ ކޮސްޓާ ވަނީ މި މަހުގެ ފަހުކޮޅުގައި އަލުން ސީޒަން ފެށުމުގެ ހުއްދަ ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ޕޯޗުގަލްގެ ފުޓުބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ލީގުގެ މެޗުތައް ފެށުމަށް ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް ޓީމުތަކަށް ކަންތައްތައް ކުރިއަށްގެންދަންވީ ގޮތުގެ މައުލޫމާތުތައް ފޯރުކޮށްދޭނެ ކަމަށެވެ. އެ ފެޑަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުރިހާ ކުޅުންތެރިން ޓެސްޓްކުރަން ޖެހޭނެ ކަމަށާއި މެޗުތައް ކުރިއަށްގެންދަން މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ވީހާވެސް މަދު ދަނޑުތަކެއްގައި މެޗުތައް ކުޅުމަކީ އެންމެ ބޮޑަށް ގެންގުޅޭ ވިސްނުން ކަމަށެވެ.

ޕޯޗުގަލް ލީގުގެ ކޮންމެ ޓީމަކަށް އަދި ބާކީ 10 މެޗް އޮތް އިރު ކޮންމެ ޓީމަކުން ވަނީ މިހާތަނަށް 24 މެޗް ކުޅެފައެވެ. ލީގުގައި މި ވަގުތު އެއް ވަނައިގައި ޕޯޓޯ އޮތީ ދެ ވަނައިގައި އޮތް ބެންފީކާ އަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ލީގު މެދުކަނޑައިލީ ބެންފީކާގެ މިޑްފީލްޑަރު ޑޭވިޑް ޓަވަރޭސް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ. އޭގެ ފަހުން ލީގުގެ އިތުރު ހަތް ކުޅުންތެރިޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.