ކޮވިޑް 19

އިތުރު 13 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ ރާއްޖޭގެ ޖުމުލަ 1000 އާ ކައިރިޔަށް

މަރިޔަމް ޝަހުދާ

އިތުރު 13 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެ ރާއްޖޭގެ ޖުމުލަ އަދަދު 1000 އަށް އަރަން ކައިރިވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ބަންގްލަދޭޝް ފަސް މީހުން ކަމަށެވެ. މި 13 މީހުންނަކީ މިއަދު މެންދުރު 1:00 އާއި ހަމައަށް ފެނިފައިވާ އާ 13 ކޭސް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި 13 މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 968 އަށް އަރައިފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅު ވެފައިވަނީ 40 މީހެކެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ ހަތަރު މީހެކެވެ. އެއީ ތިން ދިވެހިންނާއި ބަންގުލަދޭޝް ފިރިހެނެކެވެ.

ކުރިޔަށް މި އޮތް ދެހަފުތާގެ ތެރޭގައި ރާއްޖޭގައި ކޮވިޑް ޕީކަށް އަރާނެ ކަމަށް ބެލެވޭތީ، މާލޭ ސަރަހައްދުގެ ލޮކްޑައުން ވަނީ ތިން ވަނަ ފަހަރަށް އިތުރުކޮށްފަ އެވެ. ދެވަނަ ފަހަރަށް އިއުލާނުކުރި ލޮކްޑައުންގެ މުއްދަތު މިރޭ 12:00 އަށް ހަމަވާއިރު، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އެ މުއްދަތު އަނެއްކާވެސް 14 ދުވަހަށް އިތުރުކޮށް، މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ލޮކްޑައުން އިއުލާނުކުރައްވައިފަ އެވެ.